
އެހެން ދުވަސް ދުވަހެކޭ އެއްފަދައިން މިއަދު ވެސް މޮޔަ އަދުރޭ އެ އޮތީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. ދިމާ ކުރިމަތީ ހުރި ހޮޓަލުން ސައިބުއިމަށް ފަހު ރަނގަޅަށް ދުފާލައިގެން ދިމާ މައްޗަށް ބަލަހައްޓައިގެންނެވެ. ކަޅި ޖަހާ ވެސް ނުލައި ބޯމަތީގައިވާ ކާނިގަހަށް ނަޒަރު ހުއްޓާލައިގެން އޮތް މޮޔަ އަދުރޭއަށް އެ ޖޯލިފަތީގައި އެހެން ބަޔަކު ތިބިކަން ނޭނގޭ ފަދައެވެ. އެނގުނަސް އޭނާގެ ފަރުވާލެއް ނޯންނާނެއެވެ. އޭނާއާ މެދު ކިތަންމެ ވާހަކައެއް ދެއްކިޔަސް ކަހައިތަން ހިރުވައި ވެސް ނުލާނެއެވެ. އެންމެ ބޮޑުވަރު ވެގެން ވެސް ކުރާ ކަމަކީ ގޮވާލާ މީހާއަށް ބޯޖަހައިލުމެވެ. އެކަން ވެސް އޭނާއަށް ވަނީ ބޮޑުކަމަކަށެވެ.
ޖޯލިފަތީގައި ތިބި މީހުން އަދުރޭއާ ވާހަކަދައްކަން ފެށީ އެ މީހުންގެ ވާތް ފަރާތަށް އޮތް، ބޮޑު މަގުން އޭނާގެ ދޮށީ ދަރިފުޅު ހުރަސްކުރާތަން ފެނިގެންނެވެ.
"އޭތް! އަދުރޭ. ކަލޭ އެބަ ހޯދާ. އަވަހަށް ގެއަށް ދާށޯ" ޖޯލީގައި އިން ދެވަންފުރައިގެ އަހަންމަދުބެ އަދުރޭއާ މުޚާތަބު ކުރިއެވެ. އަދުރޭއަކަށް އެ އަޑެއް ނުއިވެއެވެ. ފަރާތަކަށް ބަލައި ވެސް ނުލިއެވެ. މައްޗަށް ދޫކޮށްލާފައިވާ ނަޒަރު އެހެން ފަރާތަކަށް ކަތި ވެސް ނުކުރިއެވެ.
"އޭތް ބަލަ އަދުރޭ! އެބަ ހޯދަޔޯ. ގެއަށް ދާށޯ!" އަދުރޭއާ ޖެހިގެން އިން މީހާ އަދުރޭގެ ގައި ކޮއްޓާލުމަށް ފަހު އޭނާގެ އެ ދުނިޔެއިން ބެރަށް ނެރުނެވެ. އެއްވެސް ކަހަލަ ސިހުމެއް ނެތި އަދުރޭ މަޑުމަޑުން ތެދުވެ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އަދި ދެ ފަހަރަކު ބޯ ޖަހާލުމަށް ފަހު އޭނާގެ މަޑު ހިނގުމުގައި ދިމާ ކުރިމަތީ އޮތް މަގުން ހިނގައިގަތެވެ.
"މި ސޮރަށް މީހުން ދައްކާ ވާހަކަ ވެސް މިހާރު ނުއިވެނީ ދޯ؟" އަދުރޭ އިން ޖޯއްޔާ ޖެހިގެން ވާތް ފަރާތުގައި އިން ބޮޑު މޫސަ ބުނެލިއެވެ. މޫސައަކީ ރަށުގެ ކުރީގެ ބޮޑު ކަތީބެވެ. އެތައް އަހަރެއް ވަންދެން ރަށުގެ ކުޑަކަތީބުކަން ވެސް ކުރި ފަރާތެކެވެ.
"އެހެން ކަންނޭނގެ. މިހާރަކަށް އައިސް އެއްވެސް ވަރަކަށް މީހުންނަކާ ވާހަކައެއް ނުދައްކާ. ކުރިން ކޮންމެވެސް ވަރަކަށް ގޮވާލީމާ ބޯޖަހާލައި ހަދާ. މިހާރު އަޅާ ވެސް ނުލާ" ބޮޑު މޫސަގެ ސުވާލަށް ޖަވާބު ދިނީ އަހަންމަދުބެއެވެ.
"ބަލަ އަހަންމަދަކަށްނު އޭނާގެ ގޮތް އެނގޭނީ. ކިރިޔާ ވެސް އަނގައިން ބުނާކަމަށް ވަނީ އަހަންމަދަކާނު. ބައެއް ފަހަރު މީހުން ބުނޭ އަހަންމަދާ އޭނާ ވާހަކަދައްކައޭ ވެސް" ބޮޑު މޫސަ ބޭނުންވީ އަހަންމަދުބެ ދޭނެ ރައްދެއް އަޑުއަހައިލާށެވެ.
"ތިއެއް ނޭނގެ. މަށަށް އެނގެނީ އަދުރޭ އުޅެނީ ވަރަށް ހާލުގައިކަން. އެކަން މެދުވެރީ ބައެއްގެ ސަބަބުންކަން. ކޮންމެވެސް ބައެއްގެ އިހުމާލުންކަން" ވަކި ވަރަކަށް ވާހަކަދެއްކުމަށް ފަހު އަހަންމަދުބެގެ ވާހަކަ ހުއްޓައިލީ ގަސްތުގައެވެ. އިތުރަށް ވާހަކަދައްކަން ބޭނުން ނުވެގެންނެވެ. އެކަން ދެން ތިބި މީހުންނަކަށް ނޭނގެއެވެ.
"މިއީ ވެސް ފިލާވަޅު. އެކަމަކު އޭނާއަކީ ހާދަހާ ކަމެއް މި ރަށަށް ކޮށްދިން މީހެކޭ. ހާދަ ޚިދުމަތެއް ކޮށްދިން މީހެކޭ. ކުރި އެންމެ ކަމަކުން މުޅި ދިރިއުޅުން އޮޔާ އެ ދިޔައީ" ބޮޑު މޫސަގެ ވާހަކައިން ޖޯލިފަތީގައި ތިބި މީހުންގެ މައުޟޫޢު ބަދަލުވިއެވެ.
"އަހަރެން ހިތަށް އަރާ އޭނާއަށް ކޮންފަދަ އަނިޔާއެއް ދިނީބާއޭ އެވަރުވާން. ގައިމު އެއީ ހަމަޔަށް ހިއްސުތައް ސަލާމަތުން ހުރި މީހެއް. ތަންދޮރު ދަންނަ ހެޔޮ ވިސްނޭ މީހެއް. އެ ބަދަލު އަންނަންވީ ސަބަބެއް މަށަކަށް ނުވިސްނުނު" ހިތުގެ ހުވާސް އަވަސްވެފައިވާ އަހަންމަދުބެ އޭނާގެ ވިސްނުން ހިއްސާކުރިއެވެ.
"އެންމެ ދެރައީ އެ ސޮރުގެ ދިރިއުޅުން ހަލާކުވެގެން ދިޔައީމާ. އަންހެނުން ވަރިވެ ދިރިއުޅުން ގެއްލުނީމާ. ވާނީ ވެސް އެހެން. ހުރިހައި ގޮތަކުން ގޮތް ހުސްވީމާ ކޮންމެ މީހަކަށް ވެސް ވާނީ އެހެން. ނަސީބެއް ދޮށީ ސޮރަށް ވިސްނި އަޅައިލާކަން. އެހެން ނޫން ނަމަ އަދުރޭ އުޅޭނީ ވަރަށް ހާލުގައި" މޮޔަ އަދުރޭގެ ހާލަތާ މެދު ބޮޑު މޫސަ ހަމްދަރުދީވިއެވެ. އެ ވާހަކަތައް އިވިފައި އަހަންމަދުބެއަކަށް ނުއިނދެވުނެވެ. ކަންތައް ހިނގި ގޮތް އެނގޭ މީހެއްގެ ހައިސިއްޔަތުން މަޑުން އިންނާކަށް ބޭނުމެއް ނުވިއެވެ. ޒުވާބު ކުރަން ޖެހުނަސް ވަރިހަމަކޮށް އަހަންމަދުބެ ފެއްޓިއެވެ.
"ބަލަ ކަތީބުމެން މިއަދު ތިޔަ ހަމްދަރުދީ ފާޅުކުރަން ލަދުގަންނަން ޖެހޭނެ. އަހަރެން މި އިންނަނީ މި ވާހަކަ ނުފަށަން. ތި މައުޟޫގައި މަގޭ ދުލުން ރަނގަޅު ބަހެއް ނުއިވޭނެ. މިތާކު މަށެއް ނުއިންނާނަން" ހިތްހަމަނުޖެހޭ ޖުމުލަތަކެއް ފާޅުކުރަމުން އަހަންމަދުބެ އޭނާގެ ހޮޓަލާ ދިމާއަށް ހިނގައިގަތެވެ. އަހަންމަދުބެގެ ޢަމަލުތައް ހުރިގޮތުން ޖޯލިފަތީގައި ތިބި ބައެއް މީހުން ތިބީ ހައިރާންވެފައެވެ. އެހައި ބޮޑަށް އަހަންމަދުބެ ރުޅިއައީ ކީއްވެކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެނގޭކަމަކީ އެއީ އެހެންޏާ ވީ ގޮތެއް ނޫނެވެ. އަހަންމަދުބެއަކީ މާ ރުޅި ގަދަ މީހެއް ވެސް ނޫނެވެ.
"ބަލަ އަހަރެން ވަކި ކީއްކުރާނީ؟ އެއީ އޭނާ އަމިއްލައަށް ކުރިކަމެއް. އެ ނޫސް ލިޔުނީ އޭނާ. މުޅި ރަށަށް އެ ނޫސް ބެހީ ވެސް އޭނާ. އެކަން ކުރިކަމަށް އޭނާ އެއްބަސްވި. އެކަމުގެ އަދަބު ލިބުމުން އަހަރެން ކުރާނެ ކަމެއް ވަކި އޮންނާނެތަ؟ އަހަރެން ކަތީބަކަށް ހުރި ނަމަވެސް ކުށްވެރިވީމާ ކޮށްދެވޭނެ ކަމެއް އޮންނާނެތަ؟ އެ ސޮރަށް ދިމާވި ގޮތުން އަހަރެން ވެސް ދެރަވަން. ހަމްދަރުދީވަން" ބޮޑު މޫސަ ބޭނުންވީ އެ ތަނުގައި ތިބި މީހުންނަށް ހަގީގަތް ހާމަކޮށްދޭށެވެ. ޖޯލިފަތީގައި ތިބި ހައެއްކަ މީހުންނަށް އޭނާގެ ވާހަކަ ގަބޫލުކުރެވުނެވެ. ކުށްވެރިވުމުން އަދަބު ލިބޭނެކަމާއި އަދި އިހުގައި ލިބޭ އަދަބު ބޮޑުވާނެކަން ވެސް ގަބޫލުކުރިއެވެ.
"އެކަމަކު މީހަކު މޮޔަވާވަރު ވީމާ އެއީ ބޮޑުވަރު. އަހަރެންނަށް ވެސް އެނގޭ އެ ސޮރުކުރީ ކުށެއްކަން. އެކަމަކު އެ ކުށަކަށް ދޭންވާނީ އެ ކުށަކަށް އެކަށީގެންވާ އަދަބެއްނު" ޖޯލިފަތީގައި އިން ހަރު މީހަކު މޮޔަ އަދުރޭއަށް ދިމާވި ކަންތައްތަކާ މެދު އޭނާގެ ޝުޢޫރު ފާޅުކުރިއެވެ.
"އަހަރެންނަށްތާ އެނގޭނީ އަހަރެން ލިޔުނު ސިޓީގެ ޢަދަދު. އޭނާ މިނިވަންކޮށްދޭތޯ މަޢާފުކޮށްދޭތޯ އާދޭސްކުރި ވަރު" މޮޑު މޫސަ ބޭނުންވީ އޭނާގެ ކުރި މަސައްކަތް ހާމަކުރާށެވެ. އަހަންމަދުބެ ރުޅި އައިސްގެން ދިޔައީ ސަބަބެއް އޮވެގެން ނޫންކަން ޔަގީންކޮށްދޭށެވެ.
ޖޯލިފަތީގައި ތިބި މީހުންގެ ވާހަތައް ހުއްޓުނީ މޮޔަ އަދުރޭގެ ދަރިފުޅު އެ ދިމާއަށް އަންނަތަން ފެނުމުނެވެ. އެ ވާހަކަތައް ދެއްކުން ހުއްޓާލީ ގަސްތުގައެވެ. އެއްވެސް މީހަކު އެ ވާހަކަދައްކަން ބޭނުން ނުވެގެންނެވެ.
"ބައްޕަ އައިތަ މި ދިމާއަށް؟" ޖޯލިފައްޗާ ދިހަ ވަރަކަށް ފޫޓު ދުރުގައި ހުރެ އަދުރޭގެ ދޮށީ ދަރިފުޅު ރަފީގު ސުވާލުކުރީ ޖޯލިފަތީގައި ތިބި މީހުންނަށެވެ.
"އިރުކޮޅެއް ކުރިން މި ޖޯލިފަތީގައި އޮތް. އަހަރެންނަށް ހީވަނީ ގެއަށްހެން ދިޔައީ" ޖޯލިފަތީގައި އޮތް ބޮޑު މޫސަ އިސްވެ ޖަވާބުދިނެވެ. އެ ޖަވާބާއެކު ރަފީގުގެ މިސްރާބު އައިކޮޅަށް އަނބުރާލިއެވެ. ނަމަވެސް ދެ ފިކުރެއްގައި ހުރެ އަނެއްކާ ވެސް އިހުގެ މިސްރާބަށް އެނބުރުނެވެ. އެއަށް ފަހު އަހަންމަދުބެގެ ހޮޓަލާދިމާއަށް ހިނގައިގަތެވެ. ބޭނުމަކީ އެ ތަނުގައި އޭނާގެ ބައްޕަ އިންތޯ ޔަގީން ކޮށްލުމެވެ. އެއީ އެ މޮޔަ ބައްޕަ އެންމެ ގިނައިން ދާ ތަނެވެ. އެންމެ ގަޔާވާ މީހާ ހިންގާ ތަނެވެ.
ރަފީގު ގޮސް ހޮޓަލަށް ވަނުމާ އެކު ފެނުނީ އަހަންމަދުބެއެވެ.
"ކޮބާ ވަދޭ. ވަދޭ. އާދޭ! އާދޭ! ސައިތަށްޓެއް ބޮއެގެން ދާންވާނީ" ރަފީގަށް އިޝާރާތް ކޮށް އަހަންމަދުބެ ދަޢުވަތު ދިނީ ސަޔަށެވެ.
"ނޫން މި ވަގުތަކު ނޫން. މި އައީ ބައްޕަ ހޯދަން" އެ ތަނަށް އައި މަގުޞަދު ރަފީގު ހިއްސާކުރިއެވެ.
"ދެންމެ މިތާ ޖޯލީގައި އިން. ތިޔަ ވާނީ އެ ފަރާތު އަތިރި މައްޗަށް ދިޔައީކަމަށް. ގަސް ދޮށުގައި ހުރި ޖޯލީގައި އިނުމުން އަހަރެން އޭނާ ފޮނުވާލީ. ބޮޑު މޫސަ އިނީމާ މަހިތަށް އެރީ ބައިންދާނެކަމެއް ނެތޭ. ފޮނުވާލާނީއޭ. ކޮންމެ ވެސް އެއްޗެކޭ ކިޔާފައި ފޮނުވާލިން" އަހަންމަދުބެ ދިޔައީ އިރުކޮޅެއް ކުރިން އޭނާގެ ބައްޕައާ މެދު ކަންތައްކުރި ގޮތް ރަފީގަށް ކިޔައިދެމުންނެނެވެ.
"ދެން އާދެ ބަލަ ވާހަކަދައްކާލަން. އަދި އިރު އޮއްސުނީކީ ވެސް ނޫނެއްނު" އަހަންމަދުބެ ބޭނުންވީ ރަފީގާ ވާހަކަދައްކާލާށެވެ. އިރުކޮޅެއް ކުރީން ދިމާވި ހާދިސާ އޭނާއާ ހިއްސާކުރާށެވެ.
އަހަންމަދުބެގެ އެދުމުގެ މަތީން ރަފީގު މަޑުކުރިއެވެ. އޭނާގެ ބައްޕައާ މެދު ދެއްކި ވާހަކަތައް އަޑުއެހިއެވެ.
"ތި ވާހަކަތައް ދައްކާކަށް އަހަރެންނެއް ބޭނުމެއް ނޫން. ބައްޕަ މިހާރު އެ ހުރީ މުސްކުޅިވެފައި. ދުނިޔެއިން މޮޔަވެފައި. މިހާރު އެއްވެސް ވަރަކަށް މީހުންނަކާ ވާހަކައެއް ނުދައްކާ. ކިރިޔާ ވެސް ގުޅުމެއް އެ ބާއްވަނީ އަހަންމަދުބެއާ. އަހަރެންނަކަށް ނޭނގޭ ދެން ހަދާނެ ގޮތެއް" ރަފީގުގެ ކަންބޮޑުވުން އަހަންމަދުބެއަށް ހިއްސާކުރިއެވެ.
"އަސްލު ބައްޕައަށް ވާގޮތް އަހަރެންނަށް އެނގޭ. އެހެން މީހުން ބައްޕަ މޮޔައެކޭ ހިތައި ފާޑުފާޑުގެ ވާހަކަދައްކާތީ ބައްޕައަށް އެވަރު އެވީ. ބައްޕަ މި ރަށުން ގެންދިޔަ ދުވަހު ކަންތައް ހިނގިގޮތާއި އެނބުރި ރަށަށް އައި ދުވަހު ކަންތައް ވީގޮތް އަހަންމަދުބެއަށް އެނގޭ. އޭގެ ފަހުން ބައްޕައޭ ކިޔައިގެން ކިހައި ވާހާކައެއް މި ރަށު މީހުން ދެއްކީ؟ ބައްޕައޭ ކިޔައިގެން ކިހައި ދޮގެއް އެ ހެދީ؟ އަހަންމަދުބެއަށް މި ހުރިހާ ކަމެއް ވެސް އެނގޭ. ކަމެއް ނުކުރާ މީހަކަށް މި ވަރުގެ އަނިޔާއެއް ދިނުން ހުރިހާ ވެސް މައްސަލައަކީ. އަހަރެން ހިތަށް އަރާ ބޮޑު މޫސަ އެއީ ކޮން ކަހަލަ މީހެއް ބާއޭ؟ އޭނާގެ ލަދު ކޮބާ ބާއޭ؟" އަހަންމަދުބެގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެ އަޑު ގަދަވަމުން ދާތީ ރަފީގު އިނީ ކަންބޮޑުވެފައެވެ.
"ބޭރުގައި ތިބި މީހުންނަށް އަޑު އިވިދާނެ. ދެން ތި ވާހަކަތައް ހުއްޓާލާ. މިހާރު ކުރެވޭނެ ކަމެއް ނޯންނާނެ. ބައްޕައަކީ މޮޔައެއް. ތިޔަ ވާހަކަތަކުން ބައްޕައަށް ކުރާނެ ފައިދާއެއް ނޯންނާނެ" ރަފީގު ވިސްނީ އަހަންމަދުބެ އެ ވާހަކަތައް ހުއްޓުވާށެވެ.
"ނޫން ކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެ. ރަފީގަކަށް ނުވިސްނޭނެ. ބައްޕަ ތަހައްމަލުކުރަމުންދާ ހިތާމަތަކެއް ރަފީގަކަށް ނޭނގޭނެ. ދުނިޔޭގެ ލަދަށް ކަލޭމެން ތިޔަހެން ބައްޕައަށް އަޅައިލިޔަސް ބައްޕައަށް ވާނެ ފައިދާއެއް ނޯންނާނެ. ނިކަން އަހަރެން ދައްކާ ވާހަކަ ވެސް އަޑު އަހާބަލަ؟" އަހަންމަދުބެ ބޭނުންވީ ރަފީގަށް ނޭނގޭ އެތައް ކަމެއް ރަފީގާ ހިއްސާ ކުރާށެވެ.
"ބައްޕަ މޮޔަވީ ކީއްވެގެންކަން ރަފީގަށް އެނގޭތަ؟ އަޅެ އެނގެންޏާ ޖަވާބު ދީބަލަ؟" އަހަންމަދުބެ ސުވާލުކުރިއެވެ.
"މަށަށް އެނގިފައި އޮތީ ބައްޕަ ފާޑެއްގެ ނޫހެއް ނެރުނީކަން. އަދި ކުއްޖަކާ ބެހުނުކަން. އެ އަނިޔާގައި ބައްޕަ މޮޔަވީކަން" ރަފީގު ޖަވާބު ދިނީ އެންމެ ތިން ޖުމުލައިންނެވެ.
"ރަފީގަށް ވެސް އިވޭނީ އެހެން މީހުން ދައްކާ ވާހަކަތައް. އޭރު ރަފީގަކީ ކުޑަކުއްޖެއް. ހަނދާން ހުންނާނެކަމެއް ވެސް ނޭނގެ. ބަލަ ތި ބުނާ ނޫހެއް ނެރުނީ ކާކު؟ އެ ނޫހުގައި ހުރީ ކޮން ވާހަކަތަކެއް؟ އެ ނޫސް ނެރެން ޖެހުނީ ކީއްވެ؟ އެ ހުރިހާ ކަމެއް ކުރީ ބައްޕަ އެކަނިތަ؟ އެއީ ކާކު ބުނެގެން ނެރުނު ނޫހެއް؟" އަހަންމަދުބެ އާއްމުކޮށް ވާހަކަދައްކާ ވަރަށް ވުރެ މަޑުން ވައިއަޑުން ކުރީ ސުވާލުތަކެކެވެ. ރަފީގަށް ހުއްޓުން އެރީ އެހިސާބުންނެވެ. ކުރިން ވިސްނާލެވިފައި ނުވާ މިންވަރަށް ވިސްނަން މަޖުބޫރިވީދެނެވެ. އެ މަޖުބޫރުކަމާ އެކު ހިތަށް ވެރިވި ސުވާލުތައް ދުލަށް ވެސް އަންނަފެށިއެވެ.
"މާނައަކީ އެއީ ބައްޕަ އެކަނި ކުރި ކަމެއް ނޫނޭތަ؟ އެކަމުގައި އެހެން ބަޔަކު ވެސް ބައިވެރިވީތަ؟" ރަފީގަށް ބޭއިޚްތިޔާރުގައި އަހައިލެވުނެވެ.
"ޔަގީންތާ.. އެއީ ބައްޕަ އެކަނި ކުރި ކަމެއް ނޫން. އެކަން ކުރި ބައެއް މީހުން އެ އުޅެނީ އުފަލުގައި. އަރާމާއި ހިތްހަމަޖެހުމުގައި. އަނެއް ބަޔަކަށް ވީގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް. އަހަރެންނަށް އެނގޭ ކަމަކީ ދުނިޔޭގައި އުފަލުގައި އުޅެވިދާނެކަން. އެމަކު މާދަމާ އެމީހުންނަށް އުޅެވިދާނެތަ؟" އަހަންމަދުބެ ޖަވާބުދިނުމަށް ފަހު ނިންމާލީ ސުވާލަކުންނެވެ.
"އަހަރެން ކޮށްލަން ބޭނުން ސުވާލެއް އެބައޮތް. މި ސުވާލުކުރަން ލަދު ވެސް ގަނޭ. އެކަމަކު އެއީ މާޒީ. ގިނަ މީހުން ދައްކަނީ ބައްޕަ ނޫހެއް ނެރުނު ވާހަކަ. ބައެއް މީހުން ބުނޭ މި ރަށު ކުއްޖަކާ ބައްޕަ ބެހުނު ވާހަކަ ވެސް. އެކަމުގެ ސަބަބުންނޭ މޮޔަވީ. މިއީ ކިހައި ވަރެއްގެ ވާހަކައެއް" އަހަންމަދުބެއާ ހަތަރުކަޅި ހަމަނުކޮށް އިނދެ ރަފީގު ސުވާލުކުރިއެވެ.
"އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. ބައްޕަގެ ބޮލުގައި އެ ދޮގު ތުހުމަތު އެޅުވީ ގަސްތުގައި ރާވައިގެން. އެ ހުތުރު ނަން، ބައްޕަގެ ބޮލަށް ކަނޑާލުމަށް މަގުފަހިކޮށްދިން މީހުންވެސް އެބަ ތިބި. ހަމައެކަނި ނޫހެއް ނެރެލައިގެން އެވަރު އަނިޔާއެއް ނުދެވިދާނެކަމަށް ބަލައި ރަށުގެ ރައްޔިތުންގެ ނަފުރަތު ބައްޕައާ މެދު އުފެއްދުމަށް އާއިލާއަކަށް ފައިސާ ދީގެން ތިޔަ ކަމެއް ކުރީ. އެ އާއިލާއަށް ފައިސާދިންކަމާއި އެ ފައިސާއިން އެ އާއިލާގެ ގެ ހަދައި ވިޔަފާރިއެއް ފެށިކަން ނޭނގޭ ހަރު މީހަކު މި ރަށަކު ނޫޅޭނެ. މި ހުރިހާ ކަމެއް ވެސް އެނގުނީ އެތައް އަހަރެއް ފަހުން. އެ އާއިލާއިން މި ވާހަކަތައް އަހަންމަދުބެއަށް ކިޔައިދިން. ބަލާ ކަންވީ ގޮތް. ކަލޯގެ ބައްޕަ ބެހުނުކަމަށް ބުނާ ކުއްޖާ މިއަދަކު ދުނިޔެއަކު ނެތް. އެ މަންޖެއަށް ފާޑެއްގެ ބައްޔެއްޖެހިގެން މަރުވީ. މުޅި ޢާއިލާގެ ހުރިހާ ޚަރަދެއް ހުސްވީ އެ ކުއްޖާއަށް ޓަކައި. ވިޔަފާރި ބަނގުރޫޓްވީ އެ ކަމަށް ޚަރަދުކޮށްކޮށް. އެއީ ކަންކަން ނިމިގެންދާ ގޮތް" އަހަންމަދުބެ ދައްކަމުން ދިޔަ ވާހަކަތަކުން ރަފީގުގެ ވިންދު އަވަސްވިއެވެ. އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވިއެވެ.
"އަހަރެން ހަނދާންވޭ. އެއް ފަހަރަކު ބައްޕައާ އެ ސުވާލުކުރި ހަނދާން. އެ ސުވާލުކުރުން ބައްޕަ ފެށީ ރޯން. އެއްވެސް ވާހަކައެއް ނުދައްކާ. އިންތަނުން ދެތުވެގެން ކޮޓަރިއަށްވަނީ. އަހަރެންނަށް އެ ދުވަހު އެ ސުވާލު ކުރެވުނު މޮޔަ ހިތަށް އެރި" ރަފީގުގެ ތަޖުރިބާ އޭނާ ހިއްސާކުރިއެވެ.
"ހަގީގަތަށް ބުނާނަމަ ބައްޕައަކީ ވަރަށް ޒިންމާދާރު ހެޔޮލަފާ، ރަށް ދެކެ ވަރަށް ލޯބިވި މީހެއް. ކިޔަވައިދިނުމަށް ލޯބިކުރި އަޚުލާޤު ރަނގަޅު މުދައްރިސެއް. އެކަހަލަ ބަދުނާމެއް ބައްޕަގެ ބޮލުގައި އެޅުވުމުން ދެންވާނެ ގޮތް ވިސްނާލާ. ސިފައިން އައިސް އެ މައްސަލަ ތަހުގީގުކުރި އިރު ވެސް ޝައްކުތައް އުފެދުނު. އެ އާއިލާއިން ދައްކަމުންދިޔަ ވާހަކަތައް ދެކޮޅު ނުޖެހޭކަން އެނގޭ. އެކަމަކު ކީއް ކުރާނީ. މަތިން އެންގީމާ އެ ނޫންގޮތެއް ނޯންނާނެއްނު" ކަން ހިނގި ގޮތުގެ ކޮންމެ ވެސް މިންވަރެއް އަހަންމަދުބެ އޮޅުން ފިލުވައިދިނެވެ.
"އެ ބުނާ ނޫހުގެ ކަންތައް ވީ ކިހިނެއް؟" ރަފީގު ބޭނުންވީ ބައްޕަގެ ހަގީގަތް އިތުރަށް ހޯދާށެވެ.
"ރަފީގު ބުނަން. ރަފީގު ބައްޕަގެ ހަގީގަތް ރަފީގަކަށް ނޭނގޭނެ. މި އޮތް ހުރިހާ ދުވަހަކު އެކަން ކުރާކަށް ނޫޅެމެއްނު. މިއަދު ތި ސުވާލު ތިޔަ ކުރަނިއްޔޯ؟ އަހަންމަދުބެއަށް މި ހުރިހާ ކަމެއް ވެސް އެނގޭ. ނަމަވެސް މި ކުރެވެނީ ކިހައިވަރެއްގެ ކަމެއްބާއޭ މި ހިތަށް އަރަނީ؟" އަހަންމަދުބެ ވިސްނާލިއެވެ.
"ކީއްވެ ތި ސުވާލު ތިކުރީ؟" ރަފީގަށް އަހައިލެވުނެވެ.
" މި ވާހަކަތައް އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށް ރަފީގު ބައްޕަ އޮތީ އެދިފައި. ނަމަވެސް ދުނިޔެއަށް ހަގީގަތް ސިއްރުކޮށްފައި ބޭއްވުމުގެ މާނައެއް ނެތް. އަހަރެންގެ ޢުމުރު މި ދަނީ. ކަލޯގެ ބައްޕަގެ އުމުރު އެހަރަ ހުސްވަނީ. ބައްޕަގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް އެ ދަނީ ގޯސްވަމުން. އެހެންވީމާ މި ވާހަކަތައް ސިއްރުކޮށްގެން ހުންނަން އަހަރެންނަށް އުނދަގޫ. މި ވާހަކަތައް ކަލޯޔާ ހިއްސާކުރަން އުޅޭތާ ކިތަންމެ ދުވަހެއް. އެކަމަކު ކަލޯގެ ބައްޕަގެ އެދުމަކަށް ވާތީ ބައްޕަގެ ދުނިޔޭގައި އެކަން ކުރަން ނުކުރެނީ. ނަމަވެސް މިއަދު އަހަރެންގެ ހިތް ބުނީ މި ވާހަކަތައް ކިޔައިދޭށޭ. ކިޔައިދިނުމަކީ މައްސަލައެއް ނޫނޭ." އަހަންމަދުބެއަށް ހިތްވަރު ލިބުނު ގޮތް އޭނާ ހިއްސާކުރަން ފެށިއެވެ.
"އިއްޔެ ކަލޯގެ ބައްޕަ ސައިބޯން ވަން ގަޑީގައި ބޮޑު މޫސަ އެކަނި މިތާ އިނުމުން ކަލޯގެ ބައްޕަ މިތަނަށް ނުވަދެ ދިޔަތަން މަށަށް ފެނުނު. އެ މަންޒަރު ފެނުމުން އަހަރެން ހިތަށް އެރި ބައްޕަގެ ހިތުގައި އަދިވެސް އެކަން އޮވެޔޭ. އޭގެ ގަޑިއިރެއް ފަހުން ކަލޯގެ ބައްޕަ މި ތަނަށް އައުމުން އަހަރެން ވާހަކަދެއްކިން. އަހަރެން ކުރި ހުރިހާ ސުވާލަކަށް ކަލޯގެ ބައްޕަގެ ބޮލުން ޖަވާބުދިން. ބައްޕަގެ ލޮލުން ފޭބި ކަރުތަކުން އެއީ ތެދުކަން ޔަގީންކުރެވުނު"
އަހަންމަދުބެގެ ވާހަކަތަކުގެ ތެރެއަށް ރަފީގު ދިޔައީ ގެނބެމުންނެވެ. މާޒީގެ ސަފުހާތައް ނިއުޅައިދެމުން ދިޔަ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އެ ހާސްކަމުގެ ތެރޭގައި އިންދާ އިވެން ފެށީ ބަޔަކު ހަޅޭއްލަވާ އަޑެވެ. ބޭރުގައި އަޑުފަށްގަނޑު ގަދަވާން ފެށުމުން އަހަންމަދުބެއާއި ރަފީގަކަށް ނުއިނދެވުނެވެ. ކަމެއް ގޯސްވެއްޖެކަން ޔަގީންކުރެވުމާއެކު ބޭރަށް ބޯދިއްކޮށްލުވުނެވެ. ކަމަކު ދާކަށްނެތެވެ. އަތްދަނޑި މައްޗަށް ލައިގެން ސިއްހީ މަރުކަޒަށް ވައްދަނީ މޮޔަ އަދުރޭއެވެ. ރަފީގުގެ ބައްޕައެވެ.
ރަފީގަށް ދުއްވައިގެނެވުނެވެ. އޭރު މީހުންތައް އެ ތަނަށް ޖަމާވެފައި އޮތެވެ. އެއްބަޔަކު ބުނަމުން ދިޔައީ އަދުރޭގެ ހެޔަށް ގޮތްވެފައި ވާކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ހޭނެތިފައި ވާކަމަށެވެ.
ޑޮކްޓަރުންގެ ބެލުމުގެ ދަށަށް އަދުރޭ ގެންދެވުނު އިރު އަދުރޭގެ ޙަރަކާތެއް ނެތެވެ. ނޭވާލާކަމެއް ނޭނގެއެވެ. ރަފީގު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ދެން ކުރަންވީ ކޮން ކަމެއްކަން ހަނދާން ނެތިފައެވެ. ބައްޕައާ ވަކިވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ބައްޕަ ބާއްވާފައި އޮތް ރޫމަށް ވަންނާށެވެ. ފަރުވާދޭ ކޮޓަރީގައި ހުންނާށެވެ.
އެތައް މަސައްކަތަކުން ރަފީގުގެ ބައްޕަ ހޭއެރިއެވެ. ނަމަވެސް އެ ބައްޕަގެ ހަށިގަނޑުގައި އަޅައިވޭނުން ކެތްކުރެވޭ ވަރެއް ނުވިއެވެ. ދެ ލޯ ހުޅުވާލުމަށް ފަހު މަރާލަނީއެވެ. އެ އަޒާބުގައި އޮވެމެ ފަރާތް ފަރާތަށް ބަލަން ވެސް ބަލަނީއެވެ. އޭނާ އަތުގެ އިޝާރާތުން ކޮބާހޭ ކިޔައި އަތްތިލަ ދެ ފަރާތަށް ގުޑުވާލިއެވެ. އެ ހިނދު އެ ބައްޕައަށް ފެންނަ ހިސާބަށް ރަފީގު ޖެހިލިއެވެ. އެ ބައްޕަ ބޯ ތަޅުވާލިއެވެ. އެ ތަޅުވާލުމާ އެކު ވެސް ލެވުނީ މާނޭވާއެކެވެ.
"ދަރިފުޅާ ބައްޕަ މި ވަކިވަނީ. ބައްޕައަށް މަޢާފުކުރޭ. ބައްޕަ އެއްވެސް ކުށެއް ނުކުރަން. ކުށްވެރިއެއްގެ ލަގަބު ބައްޕައަށް ލިބުނަސް ބައްޕައަކީ ކުށްވެރިއެއް ނޫން" މާނޭވާ ލަމުން އަދުރޭ ދެއްކި ވާހަކަތަކުން އެންމެނަށް ލިބުނީ ޝޮކެކެވެ. އެތައް އަހަރުތަކެއް ވަންދެން ވާހަކަ ނުދައްކާ ހުރި މޮޔަޔަކު މަރުމަތީ ވާހަކަދައްކަން ފެށުމުން ލިބުނީ ހައިރާންކަމެވެ. ބަސްހުއްޓިފައި އެންމެނަށް ތިބެވުނީއެވެ. ދެ ލޯ ބޮޑުކޮށްގެން ތިބި މީހުންނަށް ހަރަކާތްތެރިވާން އެނގުނީ އަދުރޭގެ ހުޅުވިފައިވާ އަނގައިން ނޭވޭ ނުލެވިގެން އޭނާގެ ބަނޑުމަތީ ދެ އަތް އުނގުޅަން ފެށުމުންނެވެ. އަދުރޭގެ ޚަބަރު ހުސްވާކަން ޔަގީން ކުރެވުމުން ކައިރީގައި ތިބި އެހެން މީހުން އަދުރޭއަށް ޝަހާދަތް ލައިދޭން ފެށިއެވެ. އަދުރޭއަށް އެ އަޑު އިވޭ ކަހަލައެވެ. އޭނާގެ ދޫ އެއަޑާ އެއްވަރަށް ޙަރަކާތް ކުރި ކަހަލައެވެ. އެކަމަށް ލިބުނީ ހިނދުކޮޅެކެވެ. ކުޑަ ހިނދުކޮޅެކެވެ. އޭނާގެ ހަރަކާތްތައް ހުއްޓިގެން ދިޔައީ އެންމެންގެ ކުރިމަތީގައެވެ. އެ ފުރާނަ ނުކުމެގެން ދިޔައީ ރަފީގުގެ ފުން ނަޒަރު އޭނާގެ ބައްޕައަށް އަމާޒުވެފައި ވަނިކޮށެވެ. ރަފީގަށް ރޮއި ގަނެވުނެވެ. ބައްޕާއޭ ކިޔައި ހަޅޭއްލަވައި ގަނެވުނެވެ.
މޮޔަ އަދުރޭގެ ވާހަކަތައް އެ ކޮޓަރިން ނުކުންނާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. އޭނާގެ ފަހުބަސް އެދުލުން އިއްވިކަން ވައިރޯޅިއެއްހެން މުޅި ރަށަށް ފެތުރިގެން ދިޔައެވެ. އެ ޚަބަރުން މުޅި ރަށް ކެކިގަތް ކަހަލައެވެ. އެންމެންގެ ހަމްދަރުދީ އެ މޮޔަކަމަށް ލިބިގެން ދިޔައީ އެހިސާބުންނެވެ. އެ ޚަބަރާއެކު އިއްޔެ އެއްވެސް ރަޙުމަތް އަޅާލުމެއް ނުބެހެއްޓުނު މޮޔަ އަދުރޭއަކީ އެފަދަ ދެވަނައެއް ނެތް ފަދަ ޚިދުމަތްތެރިއަކަމަށް ބުނަން ފެށިއެވެ. ރަށުގެ ތަރައްގީއަށް އެންމެ ބޮޑު ޚިދުމަތެއް އިއްޔެ ކޮށްދިން ފަރާތަކީ އަދުރޭކަމަށް ގޮވަން ފެށިއެވެ. ރަށުގެ ތައުލީމަށް އެންމެ އަގުހުރި ޚިދުމަތެއް ކޮށްދިން ބަޠަލަކީ އެއީކަމަށް ބުނަން ފެށިއެވެ. ނަމަވެސް ރަށުގެ ދުލުން އަދުރޭއަށް ނުގޮވާ އެއްޗެއް ނެތެވެ. އޭނާގެ ކަންފަތަށް ނުއިވޭ ހުތުރު ބަހެއް ނުވެއެވެ. ރަށުގެ އަންހެންކުދިންނާ ބެހި އުޅެނިކޮށް ފަޅާއެރި މީހާއޭ ކިޔައި އިއްޔެ ގޮވީ ހަމަ އެ ރައްޔިތުންނެވެ. ރަށުގެ އަގުވައްޓާލަން ނޫސް ނެރެނު މޮޔަ ނޫސްވެރިޔާއޭ ކިޔައި ގޮވީ ވެސް ހަމަ އެ މީހުންނެވެ. ރަށަށް ލިބުނު ރީތި ނަން ކިލަނބު ކޮށްލި ނޫސްވެރިޔާއޭ ވެސް ގޮވި ބަޔަކީ އެއީއެވެ. މި ހުރިހާ ވާހަކަތަކެއް އަދުރޭ ބައިންދައިގެން އަދުރޭގެ ކުރިމަތީ ރަށު މީހުން ދެއްކިއެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެއެވެ. އެތައް އަހަރަކު އެތައް ފަހަރަކުއެވެ. އެ އަޑުތައް އަދުރޭއަށް ނުއިވޭ ކަމަށް ބަލާފައެވެ. އެ އަޑު ނާހާނެކަމަށް ބަލާފައެވެ. އިވުނަސް ކުރެވޭނެ ކަމެއް ނޯންނާނެކަން އެނގޭތީއެވެ.
މިއަދު އެ ހަށިގަނޑު އެ ދަނީ ވެއްޔާ ހަވާލުކުރާށެވެ. މުޅި ރަށް ކަހަލަ ގޮތަކަށް ނުކުމެ އެ ތިބީ އެ ޖަނާޒާގައި ބައިވެރި ވުމަށެވެ. ކޮންމެ މީހަކު ވެސް ސުވާލުކުރަނީ އަމިއްލަ ނަފުސަށެވެ. ހަނދާން ކުރަނީ މަރުވެފައިވާ މައްޔިތާއަށް ކަންތައް ކުރެވުނު ގޮތެވެ. ކިޔުނު އެއްޗިއްސާއި ދެއްކުނު ވާހަކަތަކެވެ. ހިތަށް އަރަމުން ދަނީ މޮޔަ އަދުރޭގެ ކެތްތެރިކަމެވެ. އެ ހުރިހާ ވާހަކަތަކަށް ކެތްކުރި ގޮތެވެ. މޮޔައަކަށް ހެދިގެން އުޅުނުގޮތެވެ. މީހަކާ ވާހަކަ ނުދައްކާ ޢުމުރުގެ ބާކީ ހޭދަކުރި ގޮތެވެ. ހައްގު ނޫން އަދަބެއް ބަލައިގަނެ ރަށުގެ ވެރީން ހިމާޔަތް ކޮށްދިންގޮތެވެ. ކިހައި ކެތްތެރި ހެއްޔެވެ؟ ކިހައި މާތް ހެއްޔެވެ؟ ކިހައި ރަނގަޅު ހެއްޔެވެ؟ އަމިއްލަ އަތުން ތިންމުށް ވެލި އެ ސަންދޯން މައްޗަށް އަޅަމުންދިޔަ އިރު ކޮންމެ މީހެއްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ހިތުން ހެޔޮ ދުޢާކޮށް މަޢާފަށް އެދެމުންދިޔައެވެ.
ކަށުކަމާކެމީގެ ކަންތައް ނިމުމާއެކު ކޮންމެ މީހަކު ވެސް ބަލަނީ ރަފީގާ ސަލާންކުރެވޭތޯއެވެ. އޭނާއަށް ހިތްވަރު ދެވޭތޯއެވެ. ކޮންމެ މީހަކު ވެސް ދައްކަނީ އޭނާގެ ބައްޕަގެ ކެތްތެރި ވާހަކައެވެ. އެ ބައްޕަގެ ރަނގަޅު ވާހަކައެވެ. ރަފީގަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް އޭނާގެ ބައްޕަ ނޭނގުނީތީއެވެ. އެ ބައްޕަގެ އުޅުމުން އެ ބައްޕަ ދެނެ ނުގަނެވުނީތީއެވެ. ރަފީގަށް ވުރެ ބޮޑަށް ދެރަވީ އަދުރޭގެ ހަގު ސޮރު ނަދީމެވެ. އޭނާ ހުރީ ލަދުގެންފައެވެ. ބައްޕަ ކުށްވެރިއަކަށް ހެދުނީތީއެވެ. މަންމަގެ ވާހަކަތައް ގަބޫލުކޮށް ބައްޕައާ އަޅައި ނުލެވުނީތީއެވެ. ބައްޕަގެ މޮޔަކަމުން ލަދުގަތީތީއެވެ.
ހިތާމައާއި ހިތްދަތިކަމުގެ ފަތިހަކަށް ރަފީގު ތެދުވިއެވެ. ބައްޕަގެ ހަނދާންތަކުގެ މޯޅިއަކަށް ދެމިލިއެވެ. އެނދުގައި އޮންނާކަށް ބޭނުމެއް ނުވިއެވެ. ކިތަންމެ ވަރުބަލި ވިޔަސް ހިތްވަރުކޮށްފައި ތެދުވުމަށް ހިތް ގޮވަން ފެށިއެވެ.
އަވަސް އަވަހަށް ނަމާދު ކޮށްލައިގެން ގެއަށް ވަދެ ފުރަތަމަ ވެސް ހިނގައިގަތީ ބައްޕަގެ ކޮޓަރި ގަނޑަށެވެ. އެއީ ބައްޕަގެ މާޒީ އެ ތަނަކާ ގުޅިފައިވާ ތަނެވެ. އަމިއްލަ އޮފީހެއްގެ ގޮތުގައި ބައްޕަ ބެލިތަނެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ވަގުތުތައް ބައްޕަ ހޭދަކުރި ތަނެވެ. އެތަނަށް އެއްވެސް މީހަކު ވަނުން ބައްޕަ އޮންނަނީ މަނާކޮށްފައެވެ. އެ ތަނަށް މީހަކު ވަދެއްޖެކަން އެނގުނަމަ ބައްޕަގެ ރުޅިގަނޑު މުޅި ގެއަށް ބާލައެވެ. މުޅި މީހާގެ ހަށިގަނޑަށް ވެސް ކުރެއެވެ. އެހެންވެ އެތަނަކަށް އެކަކު ވެސް ނުވަދައެވެ. ނުވެސް ވައްދައެވެ. އެތަނަށް މީހަކު ވަދެދާނެތީ ހުންނަނީ ވެސް ތަޅު ލާފައެވެ. މިއަދު އެ ކޮޓަރީގެ ތަޅުދަނޑި އެ ވަނީ ރަފީގު އަތުގައެވެ.
ތުރު ތުރު އަޅަމުންދާ އަތުން ދޮރުގެ ތަޅު ހުޅުވާލި އިރު ވެސް ރަފީގުގެ ހުވާސް ވަނީ އަވަސްވެފައެވެ. ރަފީގުގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ކޮޓަރީގެ ތަރުތީބުކަން ފެނިފައެވެ. ކޮޓަރީގައި ހުރީ ފޮތްތައް ފެނިފައެވެ. ރަފީގުގެ ކަޅި މުޅި ކޮޓަރިއަށް ހިންގާލިއެވެ. ފާރުގައި ހަރުކުރެވިފައިވާ ހަރުގަނޑުގައި ހުރީ ދުވަސްވީ ނޫސްތަކެވެ. ބާވެ ރީނދޫކުލަ އަރާފައިވާ ފޮތްތަކާއި މަޖައްލާތަކެވެ. އެ ނަޒަރު ގޮސް ހުއްޓުނީ ދިމާ ކުރިމަތީގައި ހުރި މޭޒަށެވެ. އެ މޭޒުމަތީ ހުރި މޮނިޓަރު ފޮތް ބަރިއަށެވެ. އެންމެ ފޮތެއް ދެ ފޮތެއް ނޫނެވެ. ދިހަ ބާރަފޮތެވެ. ކޮންމެ ފޮތެއްގެ ބޭރުގަނޑުގައި އަހަރު ޖަހާފައި އޮވެއެވެ.
އެންމެ މަތީގައި އޮތް ފޮތް ރަފީގު ހުޅުވާލިއެވެ. އޭނާގެ ލޯ މަރާލެވުނެވެ. އެއަށްވުރެ އަވަހަށް ހުޅުވާލެވުނެވެ. ހިތުގެ ތެޅުން އިތުރަށް އަވަސްވިއެވެ. ގަބޫލުކުރެވުނެވެ. ބައްޕައަކީ މޮޔައެއް ނޫނެވެ. ހަމަ މީހަކެވެ. މޮޔައަކަށް ވެގެން އުޅުނީއެވެ. މުޅި ޢުމުރު އެގޮތަށް ހޭދަކުރީއެވެ. މަޖުބޫރުވެގެންނެވެ. އެހެން ނޫންނަމަ މިހާ ރީތިކޮށް ކޮންމެ ދުވަހަކު ހިނގި ހުރިހާ ކަމެއް އަކުރުން އަކުރަށް ލިޔެވުނީސް ހެއްޔެވެ؟ އެއްވެސް ވާހަކައެއް ވައްޓާނުލައި ދުވަހާއި ވަގުތު ޖަހައިގެން ނޯޓުކުރެވުނީސް ހެއްޔެވެ؟ ރަފީގަށް ގެނބެވުނީއެވެ. މީސްމީހުން ދެއްކި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް އެ ފޮތްތަކުގެ ތެރެއަށް ފީނައި ގަނެވުނީއެވެ. ބައްޕަ ވާނެ ދެރަ ހިތަށް އަރައި ރޮވުނީއެވެ. އަމިއްލަ އަތުން އެ ހުރިހާ ވާހަކައެއް ލިޔެވުނީ ކިހައި ހިތްވަރު ގަދަވީމާ ހެއްޔެވެ؟ ކިހައި ކެތްތެރި ވީމާ ހެއްޔެވެ؟ ރަފީގު އަމިއްލަ ނަފުސު ފަޅައިގެން ދިޔައެވެ. ބާރު އަޑުން ރޮއި ގަނެވުނެވެ. މަޢާފުކުރާށޭ ބުނެ ހަޅޭއްލަވައި ގަނެވުނެވެ. އެ ރުއިމާއެކު ރަފީގަށް އެތާ ހުރި ގޮނޑީގައި އިށީނދެވުނެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
އެހިނދު ރަފީގުގެ ނަފުސާ އޭނާގެ ބައްޕަ ވާހަކަދައްކަން ފެށިއެވެ. ދަރިފުޅާއެވެ. މިއީ ދުނިޔެއެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. މިތަން ދޫކޮށް ބައްޕަ ދިޔައީ އުފަލުންނެވެ. ހިނިތުންވަމުންނެވެ. އެހެން މީހުން އުފާކޮށްދީފައެވެ. ބައްޕަ ގަބޫލުކުރި ގޮތުގައި ބައްޕައަށް އޮތް އެންމެ އުފާވެރި ގޮތަކީ އެހެން މީހުން އުފާކޮށް ދިނުމެވެ. އެ ޞަދަގާތް އެހެން މީހުންނަށް މިލްކުކޮށް ދިނުމެވެ.
އެނގޭ ހެއްޔެވެ؟ ދަރިފުޅު މަންމަ ބައްޕަ ބޭނުމެއް ނުވިއެވެ. ބައްޕަ މޮޔަވުމުން ބައްޕައާއެކު އުޅޭކަށް ބޭނުމެއް ނުވިއެވެ. ބައްޕައޭ ކިޔައި މީހުން ދެއްކި ވާހަކަތައް މަންމަ ގަބޫލުކުރިއެވެ. ދަރިފުޅުގެ ކޮއްކޮ ވެސް ބައްޕަދެކެ އައީ ރުޅިއެވެ. ކުރީ ނަފުރަތެވެ. ބައްޕައަށް އެންމެ ބޮޑަށް އަޅާލަންވީ ދުވަހު ބައްޕައަށް އަޅާލާނެ މީހަކު މި ރަށަކު ނެތެވެ. މަންމައާއި މުޅި އާއިލާ ވެސް ޖެހުނީ ބައްޕައާ ދުރަށެވެ. އެ ރަޙުމަތް ނެތް ދުރުވުމުން ބައްޕައަށް ވިސްނުނީ މިއީ ބައްޕައަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތަށް އުޅުމުން އެހެން މީހުންގެ އުނދަގުލުން ބައްޕަ ސަލާމަތްވާނެ ކަމަށެވެ. ކުރާ މަލާމަތުން ރެކި ގަނެވޭނެ ކަމަށެވެ. ކުރާ ސުވާލުތަކަށް ޖަވާބުދޭން ނުޖެހޭނެ ކަމަށެވެ. ދައްކާ ވާހަކަތަކަށް ވިސްނަން ނުޖެހޭނެކަމަށެވެ. އިރާދަފުޅުން ކަންތައް ވީ އެހެނެވެ. ދެއްކި ވާހަކަތަކެއް ދެއްކި ބަޔަކު ދެއްކީ އަމިއްލަ އަށެވެ. ބައްޕައަށް އިވުނަސް ޖަވާބެއް ނުދެމެވެ. މިހިތުން އެ ޖަވާބު ދޭން ކިތަންމެ ފަހަރަކު ގޮވިޔަސް އަޅައެއް ނުލަމެވެ. ހިންދިރުވާލަދިރުވަލަ އިނީއެވެ. ހިތުން ރޮއެރޮއެ އިނީއެވެ. ރަށުގެ ހޮޅުއައްޓާއި ޖޯލިފަތިތަކުގައި އެންމެ ކަރުނަތިއްކެއް ވެސް ވައްޓާނުލައި ކެތްތެރިވީއެވެ. އެ ހިތާމައާއި ހިތްދަތިކަން ބައްޕަ ވަޅުލީ ބައްޕަގެ ހަށިގަނޑުގައެވެ. މި ބައްޕަގެ ފުރާނާގައެވެ.
ދަރިފުޅާއެވެ. ނޫސް ނެރުނީ ރަށުގެ ބޮޑު ކަތީބުގެ އެދުމަށެވެ. ނިޔާވެފައިވާ ކުޑަކަތީބާ ބައިވެރިގެންނެވެ. އެކަން ކުރީ ރަށުގެ ފައިދާއަކަށެވެ. ރަށުގެ އަންހެންކުދިންގެ ކުރިމަގު އަނދިރިވާން ބޭނުން ނުވާތީއެވެ. ސަރުކާރުގެ ވެރީން ރަށަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ކުކުޅު ކަތިލައި "މާމެލާމެލި" ހަދިޔާކުރާންޖެހޭކަމަށް ބައްޕަމެންނަށް ގަބޫލުނުކުރެވުނީމައެވެ. ނޫހުގައި ލިޔުނީ އެ ވާހަކަތަކެވެ. ބޭނުންވީ ރައްޔިތުންނަށް އެކަން އެނގޭކަން ހާމަކުރުމެވެ. ރައްޔިތުން އެކަމާ ނުރުހޭކަން އެންގުމެވެ. ނަމަވެސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ. ހުރިހާކަމެއްގައި ކަތީބާއި ކުޑަ ކަތީބު ބެދޭކަން ޔަގީންވުމުން ދެން ވާނެގޮތް ބައްޕައަށް އެނގޭތީ އެ މަޅި ބައްޕަގެ ކަރަށް މަހާލީއެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންމަދުބެއެވެ. ބައްޕަގެ އެއްބަސްވީ ރަށަށް ޓަކައެވެ. ބައްޕަގެ ސަލާމަތް އެ މީހުން ހޯދައިދޭނެކަމަށް ބަލާފައެވެ.
ނަމަވެސް އެވަރަކުން ނުނިމުނެވެ. ބައްޕައަށް ދެވޭ އަދަބު ބޮޑުކުރަން ބޭނުންވިއެވެ. ވެރީންގެ ހީލަތްތެރި ރޭވުމުގެ ދަށުން ބައްޕަގެ ބޮލުގައި ދުނިޔޭގެ ލަތުވެތިކަން އެޅުވިއެވެ. ނޫހުގައި ހުރި ކަންކަމުގެ ތާކިހާ ބައްޕަގެ ބޮލުގައި އެޅުވިއެވެ. ބައްޕައަށް ގޮތް ހުސްވީ އެ ހިސާބުންނެވެ. ކުށްވެރިއެއްގެ ގޮތުގައި ރަށަށް ގެނެސް ރަށުގެ މީހުންގެ މަލާމާތް ބައްޕައަށް ރައްދުކުރުވީ ބައްޕަ މޮޔަކޮށްލުމަށެވެ. ބައްޕައަށް ލިބިފައިވާ ގަދަރާއި އިހުތިރާމް ވެއްޔާ މޮޑެލުމަށެވެ. އެކަން އެ މީހުން ކުރިއެވެ. އެއަށްފަހު ޖަލަށް ވެސް ލިޔެވެ. އަނިޔާ ވެސް ކުރިއެވެ. ތަޅައި ރޯނާ ގަންނުވާލިއެވެ. އެކަމަކު މި ބައްޕަ ތެދުވީމެވެ. މިންވަރުފުޅަށް އީމާންވީމެވެ. ހެއްދެވި ފަރާތަށް ޝުކުރުކުރީމެވެ. މޮޔައަކަށް ވެގެން ޖަލުގައި އުޅުނީމެވެ.
ދަރިފުޅާއެވެ. ބައްޕަ ރަށަށް އާދެވުނީ ބައްޕަ މޮޔައަކަށް ވުމުންނެވެ. ބުއްދިގޯސްކަން ޔަގީންވުމުންނެވެ. އެ ގޮތުގައި އުޅެން ބައްޕަ ނިންމި ހިސާބުންނެވެ. ނަމަވެސް އެކަން ބަލައި ނުގަނެވުނީ ދަރިފުޅުގެ މަންމައަށެވެ. އާއިލާއަށެވެ. ތިޔަ ދަރިފުޅަށް ބައްޕަ ހިތުގައި ހިތްބަރު ކަމެއް ނެތެވެ. މި ރަށު މީހުންދެކެ ފޫއްސެއް ވެސް ނުވެއެވެ. ކަތީބުން ދެކެ ރުޅިއެއް ވެސް ނާދެއެވެ. ކޮންމެ މީހަކަށް އޮތީ ލޯތްބެވެ. ކުލުނެވެ. ކޮންމެ މީހަކަށް ވެސް ބައްޕަ މަޢާފު ކުރާނަމެވެ. އެކަމަކު ބައްޕައަށް އަޅައިލި މީހުންގެ މަތިން ބައްޕަ ހަނދާން ކުރާނަމެވެ. އޭގެ ތެރޭގައި ދަރިފުޅު ހިމެނެއެވެ. ދަރިފުޅު ދެކެ ބައްޕަ ވަރަށް ލޯބިވީމެވެ. ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވިއެވެ. އެކަމަކު އެ ވާހަކަތަކުން ދަރިފުޅު ހިތަށް ތަދުކުރަން ބައްޕަ ބޭނުން ނުވީއެވެ. ދަރިފުޅު ރޮއްވަން ބައްޕަ ނޭދުނީއެވެ.
ދަރިފުޅާއެވެ. ބައްޕަގެ މި ހަގީގަތް ދަރިފުޅަށް ސިއްރުކުރެވުނީތީ މަޢާފަށް އެދެމެވެ. މޮޔައެއްގެ ގޮތުގައި ދަރިފުޅުމެންގެ ކުރިމަތީ އުޅެން ޖެހުނީތީވެ މަޢާފަށް އެދެމެވެ. ރޮމުން ކަހަލަ ގޮތަކަށް އެ ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކުގެ އަސަރުން ރަފީގުގެ ހަށިގަނޑުގެ ކޮންޓްރޯލް އޭނާގެ އަތުން ގެއްލުނެވެ. އޭނާގެ ހަރަކާތް މަޑުމަޑުން ހުއްޓެމުން ދިޔައެވެ.
ރަފީގަށް ހޭވެރިކަންވީ އިރުތަކެއް ފަހުންނެވެ. އޭރު އޭނާ އިނީ މައިގޭގައި ހުރި ގޮނޑިއެއްގައެވެ. ރަފީގު ވިސްނާލިއެވެ. މަޑުމަޑުން ބޯ އަނބުރާލަމުން ވަށައިގެން ތިބި މީހުންނަށް ބަލައިލިއެވެ. މޫނުގައި ފެން ފޮދެއް އުނގުޅާލުމާއެކު ރަފީގު ހަމައަކަށް އެޅުނެވެ. އޭރު ގޭތެރެއަށް ވަދެގެން އަހަންމަދުބެ އާދެއެވެ.
"މި ހުރީ ބައްޕަގެ ޚަބަރު ލިބިގެން މި ރަށަށް އައި ނޫސްވެރިއެއް" ރަފީގު ގާތުގައި ހުރި ގޮނޑިއެއްގައި އިށީންނަމުން އަހަންމަދުބެ ބުންޏެވެ. އަދި އޭނާއާ އެކު އައި ނޫސްވެރިޔާ ގޮނޑިއެއްގައި ބޭންދިއެވެ. އަދުރޭގެ ހަޔާތުގެ ޞަފުހާތައް ނޫސްވެރިޔާއަށް ހުޅުވައިލަ ދިނީ އަހަންމަދުބެއެވެ. އެ ވާހަކަތަކުގެ ތެރެއަށް ރަފީގަށް ވަދެވުނީ ނޫސްވެރިޔާ ކުރި ސުވާލުތަކުންނެވެ. އެންމެ ފަހުން ބައްޕަގެ ކޮޓަރިއަށް ވެސް އެ ނޫސްވެރިޔާ ވެއްދިއެވެ. ހުރިހާ ކަމެއްގެ ހަގީގަތް އޮޅުން ފިލުވައިދިނެވެ.
ޖެހިގެން އައި ދުވަހުގެ ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދީ " މޮޔަ ނޫސްވެރިޔާ މޮޔައެއް ނޫން" ކަމަށް ބުނެ ލިޔެފައިވާ ލިޔުމެވެ. އެއީ ދޮންފަނު މޮޔަ އަދުރޭގެ ވާހަކައެވެ. އޭނާގެ ހަގީގަތް މުޅި ރާއްޖެއަށް ހާމަވެގެން ދިޔަ ލިޔުމެވެ. އޭގައި ވަނީ ރަށަށް ޓަކައި އަދުރޭ ވީ ގުރުބާނީގެ ވާހަކައެވެ. މޮޔައަކަށް ވެގެން 11 އަހަރު އުޅުނު ވާހަކައެވެ. ކެތްތެރިކަމާއި ހިތްދަތިކަމުގައި ތަޙައްމަލު ކުރި ރަޙުމަތް ނެތް ކެކުޅުންތަކުގެ ވާހަކަވެ. އެ އިހުސާސްތައް އޮއްސާލާފައިވާ ލިޔުން ކީ ކޮންމެ ދުލަކުން ތަޢުރީފުގެ ބަސްތައް އަދުރޭއަށް އޮއްސިއެވެ. އެ ވާހަކަ ރޭޑިއޯއިން އަޑުއެހި ކޮންމެ ކަންފަތަކުން އިތުރު މަޢުލޫމާތު އޮޅުން ފިލުވިއެވެ. ނަމަވެސް އެ ނޫސްވެރިޔާއަށް ވެސް ނުކުރެވުނު ކަމަކީ އެ ރޭވުން ރޭވި ފަރާތް ހޯދުމެވެ. އެކަން ފަޅާއަރުވާ ނުލެވުމެވެ.