
އަހަރެންނަކަށް ނުއިނދެވުނެވެ. ގޮނޑިން ތެދުވެ ހަރުގަނޑުގައި ހުރި ފޮޓޯ އަލްބަމު ނެގީމެވެ. އެއަށް ފަހު ފޮޓޯތައް ހާވާން ފެށީމެވެ. ފަހަރަކު ފޮޓޯއެކެވެ. ކޮންމެ ފޮޓޯއަކުން އެތައް ވާހަކައެއް ބުނެދެމުން ދިޔައެވެ. ލޮލުގައި އަޅައިގަތީ މާޒީގެ މި ދުވަހެވެ. ސްކޫލު ދައުރުގައި ބޭއްވުނު އަދަބީ ކާނިވާގެ ޅެން މުބާރާތުން ލިބުނު ތަށްޓާ އެކު އަހަރެން ނަގާފައިވާ ފޮޓޯއެވެ. ފޮޓޯގަނޑު ފެނުމާ އެކު އަހަރެންގެ ހަނދާންތައް ބޭއިޚްތިޔާރުގައި އުދުއްސައިގަތީ އެ އުފާވެރި ޢީދަށެވެ.
އެއީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. މުޅި ރަށް ތައްޔާރުވެފައި އޮތީ ދިވެހިރާއްޖޭގެ އަޑުން ބޭއްވި އަދަބީ ކާނިވާއަށެވެ. ރަށުގެ ކުދި ބޮޑު އެންމެން ތިބީ އެ ކާނިވާގެ އުފަލުގައި ބައިވެރިވާށެވެ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރެއިން ދެވެނީ 1960ގެ އަހަރުތަކަށެވެ. އެ ދުވަސްވަރުގެ ދިވެހީންގެ ސަގާފަތާއި އާދަކާދައިގެ ތެރެއަށެވެ. އެ ކަންކަން އަހަރެންނަށް ވީ ވަރަށް ޚާއްޞަ ކަމަށެވެ. ޚާއްޞަވީ އަހަރެން ވެސް އެ އުފާވެރި ޢީދުގެ ބައިވެރިއަކަށް ވީތީއެވެ.
އަހަރެން ބައިވެރިވީ އެ ކާނިވާގައި އޮތް ޅެން ހެދުމުގެ މުބާރާތުގައެވެ. އެ ކަމަށް ޝައުގުވެރިކަން ހުންނާތީއެވެ. އެ ކަން ކުރެވިދާނެ ކަމަށް ހިތް ބުނާތީއެވެ. އެއަށް ވުރެ ބޮޑަށް ޅެމަކީ، ލޯބިވެރިންގެ ހިތްތަކާ ކުޅެލާ ހަތިޔާރެއްކަން އަހަރެންނަށް އެނގިފައި ވާތީއެވެ. އެންމެ ބޮޑު ބޭނުމަކީ އަހަރެންގެ ހިތުގައި ހިނގަމުން ދިޔަ ލޯބީގެ ޝުޢޫރުތައް ޅެންބަހުން ބަންޑުން ކޮށްލުމެވެ. އަހަރެންނާ އަޅުވާކިޔާ އަންހެން ކުއްޖާއަށް އަހަރެންގެ ހިތުގެ ޝުޢޫރުތައް ހާމަކޮށްދިނުމެވެ. ޅެންބަހުން ލޯބި ހުށަހެޅުމެވެ. އެއީ މި ފަގީރު ހިތުގައި ހިތުގައި އޮތް މާ ވަރުގަދަ ޢަޒުމެކެވެ. ހަގީގަތަކަށް ހަދަން ބޭނުންވި ކަމެކެވެ.
ޅެން މުބާރާތް އޮތް ދުވަހު ޅެން ހަދަން އޮތް ހޯލަށް އަހަރެން ވަނީމެވެ. އަހަރެންނާ އެކު މުބާރާތުގެ އެހެން ބައިވެރީން ވެސް ވަދެ ތިއްބެވެ. މާ ގިނައިރެއް ނުވެ ޅެން ހަދަންވީ ދާއިރާ ގުރުއަތު ލިއެވެ. އެ ދާއިރާއިން ބޭނުން މައުޟޫއަކަށް ޅެން ހެދުމުގެ ފުރުޞަތު ލިބޭތީ އަހަރެން އިނީ ހިތްހަމަ ޖެހިފައެވެ. ނަޞީބު ލައްވާލައިފި ނަމަ ހަދާނެ ގޮތް އަހަރެން އޮތީ މާ ކުރިންވެސް ނިންމާފައެވެ.
ނަމަވެސް ނަޞީބެއް އަތަކު ނުހިފިއެވެ. ބޭނުންވި ދާއިރާއެއް ނުލިބުނެވެ. އެހިސާބުން ކޮންމެ ވެސް ވަރެއްގެ މާޔޫސްކަމެއް ވެރިވިއެވެ. ހިތަށް އެރިއެވެ. ލޯބީގެ ޅެމެއް ހަދާފައި ނިންމާލަންވީއެވެ. އެއްޗަކަށް އެއްޗެއް ލިޔެލަންވީއެވެ. އެއަށް އިންސާފުކުރާނީ މި ރަށުގެ ޓީޗަރުންނެއް ނޫނެވެ. އެކަމަށް ރަށުން ބޭރުން ފަނޑިޔާރުންތަކެއް އައިސް އެބަ ތިއްބެވެ. އެ މީހުންނަށް އަހަރެންނަކީ ކާކުކެމެއް ނޭނގޭނެއެވެ. އެނގުނަސް ވާނީ ކީއް ހެއްޔެވެ؟
ވަރަށް ވިސްނުމަށް ފަހު އަހަރެން ނިންމީ ލޯބީގެ ޚިޔާލު ދޫކޮށްލާށެވެ. ފަހުން ވެދާނެ ގޮތެއް ހިތަށް އަރާފައެވެ. އެންމެ ފަހުން ޓެކްނޮލޮޖީގެ ދާއިރާއިން ފޯނާ ގުޅޭ ޅެމެއް ހަދަން ފެށީމެވެ. ނަމަވެސް މާގިނައިރުތަކެއް ނުވަނީސް އެކި ޚިޔާލުތައް އެކި ދިމާލުން އައިސް އަހަރެން ވަށާލިއެވެ. ވަޒަނަށް ފައްތައިގެން ލަފުޒުތަކެއް އެތުރުމަކީ ބައެއް ފަހަރު ވަރަށް ފަސޭހަކަމެކޭ އެދުވަހު އަހަރެންގެ ހިތަށް އެރިއެވެ.
ގަޑި ޖެހުމާއެކު އަހަރެން އަތުގައި އޮތް ގަނޑު އަތުލައިފިއެވެ. ކަޅު ދެލިން ލިޔެފައިވާ އަހަރެން އަވަސް ލިޔުން ކިތަންމެ ހުތުރު ނަމަވެސް ޅެމުގައި ދެއްކުނު ވާހަކަތަކާ މެދު އަހަރެން ހިތްހަމަޖެހުނެވެ. އެ ހިތްހަމަޖެހުމާއެކު ޅެން މުބާރާތް ބޭއްވުނު މާލަމުން ނުކުމެ އެހެން ދަރިވަރުންގެ ޅެންތަކާ މެދު އަހަރެން މަޝްވަރާކުރީމެވެ. ނަމަވެސް ބައެއް ކުދިން ހެދި ޅެންބައިތުތައް ކިޔައި ދިނުމުން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އަހަރެންގެ ހިތަށް ވެރިވިއެވެ. އެ ކުދީންގެ ޅެންތަކުގެ މޮޅުކަން ހިތަށް ވެދެ ވަނައެއް ނުލިބިދާނެކަމަށް ހިތް ބުންޏެވެ.
ހުކުރު ދުވަހުގެ ރެއެވެ. އަދަބީ މުބާރާތްތަކާއި ދައްކާލުންތައް ކުރިއަށް ދިޔައިރު، ބައެއް މުބާރާތްތަކުން އެންމެ މޮޅު 5ވަނަ އިޢުލާން ކުރުން އޮތެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އަހަރެން ވެސް ހޯލަށް ވަނީމެވެ. އަހަރެން ފެނުމާ އެކު އަހަރެންގެ އަތަށް ވެސް ގަނޑެއް ދިނެވެ. ރަނގަޅަށް ބަލައި އިރު އެއީ އަހަރެން ހެދި ޅެމެވެ. ޅެން ހެދުމުގައި އިތުރު ހިތްވަރެއް ލިބިގެން ދިޔައީ އެ ހިސާބުންނެވެ.
ފަހަރަކު ކުއްޖަކު އެ ކުއްޖެއްގެ ޅެން ހުށަހަޅަމުން ދިޔައެވެ. އަހަރެންގެ ނަން އިޢުލާންކުރުމުގެ ކުރިން އަމިއްލަ ނަފުސާ ސުވާލުކުރީމެވެ. މިއީ އެހައި މޮޅު ޅެމެއް ހެއްޔެވެ؟ މީ ބަޔަކަށް ކިޔައިދޭ ވަރުގެ ޅެމެއް ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު އަހަރެންގެ ހިތްދިޔައީ ދެމުންނެވެ. އާއެކެވެ. އެހެން ނޫން ނަމަ އެންމެ މޮޅު 5 ޅެމުގެ ތެރެއަކު މި ޅެމެއް ނުހިމެނުނީހެވެ. މި އޮތްހައި މީހުންގެ ތެރޭގައި މި ޅެން އިއްވާކަށް ނުޖެއްސީހެވެ.
ޅެން ހުށަހެޅަން ޖެހޭ ކުދިންގެ ކިއުގައި ހުރެގެން އަހަރެންގެ ތެޔޮ މޫނު ފުހެލީމެވެ. ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ވެސް ރީތިކޮށްލީމެވެ. ލައިގެން ހުރި ހުދު ގަމީހުގެ ތިރީ ކައިރީގައި ހިފައި ރަނގަޅަށް ހެޔޮވަރު ކޮށްލީމެވެ. އަދި އަނދެގެން ހުރި ގޮޅިޖެހި ހުދު މުންޑުގެ ރޫތައް ވެސް ފިލުވައިލީމެވެ. ހޯލުތެރެއަށް ނަޒަރު ހިންގާލީ އަހަރެންނާ އަޅުވާކިޔާ ކުއްޖާ އިނީ ކިހައި ހިސާބެއްގައިތޯ ބަލައިލުމަށެވެ. ހިތަށް އެރިއެވެ. މުބާރާތުގައި ލޯބީގެ ޅެމެއް ނުހެދުނުކަން އެއީ ނަސީބެކެވެ. އެހެން ނޫން ނަމަ ހަލާކުވީއެވެ. ލަދުން މަރުވީހެވެ. މުޅި ރަށުގެ ރައްޔިތުންގެ ކުރިމަތީ އަހަރެން ފަޟީޙަތް ވީހެވެ.
އެ ޚިޔާލުގައި ހުއްޓާ އަހަރެންގެ ނަން އިޢުލާން ކުރިއެވެ. އެއްވެސް ޖެހިލުމެއް ނެތި ޅެން ހުށަހަޅައިލީމެވެ. އަހަރެން ސްޓޭޖުން ފޭބުމުން ހީވީ މުޅި ހޯލުތެރެ ގުގުމާލިހެންނެވެ. އެ ތަރުހީބުގެ އަތްތިލަބަޑިއާ އެކު އަހަރެންނަށް ލިބުނު ހިތްހަމަޖެހުމާއި ހިތްވަރަކީ ޅެންވެރި ޙަޔާތުގެ މި ޞަފުހާ ފެށުމަށް މެދުވެރިވީ ސަބަބެވެ. އެރޭ ގެއަށް ގޮސް ވެސް އަހަރެން ވިސްނީމެވެ. ދަންވަރު ތިނެއް ޖަހަންދެން ވެސް އޮތީ އެ ފިކުރުގައެވެ. ލިބުނު އުފަލުމުގެ ބޮޑުކަމުންނެވެ.
ޖެހިގެން އައި ރޭ އޮތީ ނަތީޖާފާޅު ކުރި ހަފުލާއެވެ. މުޅި ރަށް ކަހަލަ ގޮތަކަށް ހަފުލާގައި ބައިވެރިވިއެވެ. ސަގާފީ ހެދުންތަކާއެކު ކުރިއަށް ދިޔަ އެ ހަފުލާ، ދިވެހިރާއްޖޭގެ އަޑުން ދިޔައީ ލައިވްކުރަމުންނެވެ.
ޅެން މުބާރާތުގެ ނަތީޖާ އިޢުލާނުކުރަން ފެށުމާ އެކު އަހަރެންގެ ހިތް ތެޅެންފެށިއެވެ. ވާނެ ގޮތެއް ނޭނގޭތީއެވެ. އެންމެ މޮޅު ފަސް ޅެމުގެތެރޭގައި އަހަރެންގެ ޅެން، ހިމެނުމަކުން ހިތެއް ނުފުރުނެވެ. ކޮންމެވެސް ވަނައެއް ލިބުމަށް ހިތް އެދެން ފެށިއެވެ.
ތިންވަނައަށް ފަހު ދެވަނަ އިޢުލާން ކޮށްފިއެވެ. އަހަރެން މާޔޫސްވިއެވެ. ތެޅިތެޅި އޮތް ހިތުން ބުނަމުން ދިޔައެވެ. އެއްވަނައެއް ނުލިބޭނެއެވެ. އެއްވަނަ ލިބޭނީ އެހެން ކުއްޖަކަށެވެ. ނަމަވެސް ރަތް ހެދުމުގައި ހުރި އަޑުގެ ޕްރެޒެންޓަރު އިޢުލާންކުރީ އަހަރެންގެ ނަމެވެ. އަތްތިލަ ބަޑީގެ އަޑާ އެކު ހިތަށް ލިބިގެން ދިޔަ އުފާ ބަޔާންކޮށްދޭން ވެސް ނޭނގުނެވެ. ގޮނޑިން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ސްޓޭޖަށް އެރީމެވެ. އެ ކާމިޔާބީގެ ތަށްޓާ ހަވާލުވީމެވެ.
ހަފުލާ ނިމުމާއެކު އަހަރެން އެކި ދިމަދިމާއަށް ބަލަން ފެށީމެވެ. އަހަރެންނާ އަޅުވާ ކިޔައި ކުއްޖާ ފެނޭތޯއެވެ. އެ ކުއްޖާއާ އެކު ފޮޓޯގަނޑެއް ނަގާނަމޭ ހިތައެވެ. ނަމަވެސް އެ ކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ ކަން ނާކާމިޔާބު ވީ ނަމަވެސް އެރޭ ގެއަށް ދިޔައީ ލިބުނު އިނާމާއި ތަށްޓާ އެކު ވަރަށް އުފަލުންނެވެ. ހަޔާތުގެ މިސްރާބު ބަދަލުކޮށްލުމަށް އާ ޢަޒުމަކާ އުންމީދެއް އުފައްދަމުންނެވެ. އެ އުންމީދާ އެކު އެރޭ ހޭލާ އިނދެ އަހަރެން މަސައްކަތް ފެށީމެވެ. ބޭނުންވީ އަހަރެންނާ އަޅުވާ ކިޔާ ކުއްޖާއަށް ޅެމެއް ހެދުމެވެ. އޭނާއަށް ޅެން ބަހުން ލޯބި ހުށަހެޅުމެވެ. އެތައް ދުވަހެއްގެ އުންމީދު ފުރިހަމަކޮށް ހަގީގަތަކަށް ހެދުމެވެ. ހިތް ބުނަމުން ދިޔައީ އެއީ އެ ވަގުތު ކަމަށެވެ. ލޯބި ހުށަހަޅަން އެންމެ ރަނގަޅު ސާއަތް ކަމަށެވެ. ވަރަށް މަސައްކަތުން އަހަރެންގެ ހިތުގެ އެދުން ގަނޑަކަށް އޮއްސާލީމެވެ. އެއަށް ފަހު އެ ޅެން ފަތްޖަހާލައި ދަބަހަށް ލީމެވެ.
ޖެހިގެން އައި ދުވަހު އަހަރެން ސްކޫލަށް ދިޔައީ ޅެން ހިފައިގެންނެވެ. ކޮންމެ ވެސް ވަރެއްގެ ހާސްކަމެއް ހުރި ނަމަވެސް މާ ބޮޑުކަމަކަށް ނުހަދަމެވެ. ވަގުތާއި ހާލަތު ބެލުމަށް ފަހު ކުލާސް ކުއްޖެއްގެ އަތަށް ޅެމުގެ އެ ސިޓީ އަހަރެން ދިނީމެވެ. އެހެން އެއްވެސް ކުއްޖަކަށް ނުފެންނާނެހެންނެވެ. ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ހޯދުމަށް ފަހުއެވެ.
ނަމަވެސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން އެ ކުއްޖާއަށް ފޮނުވި ޅެން ޓީޗަރަކަށް ފެނުނީއެވެ. އެ މައްސަލަ ޕްރިންސިޕަލާ ހަމައަށް ދިޔައީއެވެ. އަހަރެން އޮފީހަށް ހާޒިރު ކުރީއެވެ. ހިތަށް އެރިއެވެ. ވަނަ ލިބުނީ ރޭގައެވެ. މިއަދު މި އިނީ ކުށްވެރި ވެގެންނެވެ. ކުށަކީ ޅެމެއް ހެދުމެވެ. ކިހައި ދެރަ ހެއްޔެވެ؟ ކިހައި ގޯސް ހެއްޔެވެ؟ މަންމަމެންނަށް އެނގިއްޖެ ނަމަ ކިހައި ދެރަވާނެ ހެއްޔެވެ؟ އެހެން ކުދިން އަހަރެންނާ ކިހައި ދިމާކުރާނެ ހެއްޔެވެ؟ ބިރުން އިން އަހަރެންނާ ވާހަކަދެއްކެވީ ޕްރިންސިޕަލެވެ. އަހަރެން ލަދުގަތެވެ. ދެރަވިއެވެ. ރޮވެން ވެސް ރޮވުނެވެ.
"މި ގޮތަށް ކަންތައް ދިމާވީމާ ޕްރިންސިޕަލް ވެސް ވަރަށް ދެރަވެއްޖެ. ހަނދާން ކުރަންޖެހޭ ކަމަކީ އެ ކުއްޖެއްގެ ޝަރަފު ދަމަހައްޓާނީ އެ ކުއްޖަކުކަން. އެއީ ޕްރިންސިޕަލްމެންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ ދަރިވަރުގެ ޒިންމާއެއް. ދެން ވެސް މިފަދަ ކަމެއް ނުކުރާތި. ހިތުގެ ޝުޢޫރުތައް ހާމަކޮށް ޅެން ހެދުމަކީ ގޯހެއް ނޫން. އެކަމަކު ތި ފާޑުފާޑުގެ ޅެން ހަދަން ވާނީ އެ ހިސާބަށް ދިޔައިމާ" ޕްރިންސިޕަލްގެ ވާހަކަފުޅުން އަހަރެންނަށް ލިބިގެން ދިޔައީ ހިތްހަމަޖެހުމެވެ. އެންމެ އުފާވީ އެކަން އިތުރަށް ބޭޒާރު ނުވެ ސިއްރެއްގެ ގޮތުގައި ވަޅުލެއްވީތީއެވެ.
މިއަދު އަހަރެންނަކީ ޅެންވެރިއެކެވެ. އަހަރެންގެ އަންހެނުންނަކީ ސްކޫލު ދައުރު އަހަރެންނާ އަޅުވާކީ އެއްކަލަ ކުއްޖާއެވެ. އަހަރެން ހިފީ ޕްރިންސިޕަލު ދެއްވި ނަސޭހަތެވެ. ޅެންހަދައިގެން އަހަރެން ކުށްވެރިވި ދުވަހު، އަހަރެންނަށް ލިބުނު ދަރުހެވެ. އެ ދަރުހާ އެކު އަހަރެން ޅެން ހެދީމެވެ. އެކި ވައްތަރުގެ ޅެންތައް ހިތު ދަސްކުރީމެވެ. އެކި ޅެންވެރީންގެ ޅެންތައް ދިރާސާ ކުރީމެވެ. ނަމަވެސް ލޯބީގެ ޅެންތައް ކިޔައެއް ނުހަދަމެވެ. އެ ޒާތުގެ ޅެން ހަދައެއް ވެސް ނޫޅެމެވެ. ހަދާ ހިތެއް ވެސް ނުވެއެވެ. މިހެންވީ ސްކޫލު ދައުރު ދިމާވި ހާދިސާގެ ސަބަބުންނެވެ. އަހަރެން ހެދި ލޯބީގެ ފުރަތަމަ ޅެން ޕްރިންސިޕަލްގެ އަތްޕުޅަށް އެރުމުންނެވެ. މިހާރު ވެސް އެ ދުވަސް ހަނދާންވެއެވެ. މިއަދު އެ ޅެން އަހަރެންގެ އަތުގައި އެބަ އޮތެވެ. އަހަރެން ކައިވެނީގެ ހަފުލާގައި ހަދިޔާއެއްގެ ގޮތުގައި އެ ޅެން ދެއްވީ ޕްރިންސިޕްލެވެ. މިރޭ އިންނަން މި ޖެހުނީ އެ ޕްރިންސިޕަލްގެ އެދިލެއްވުމަކަށް ޝުކުރުގެ ލަވައެއް ތައްޔާރު ކުރާށެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އަންނަ އަދަބީ ކާނިވާގެ 9ވަނަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އިއްވާ ޝުކުރުގެ ލަވައެވެ.
މާޒީގެ ހަދާންތަކުން އަހަރެންނަށް ނުކުމެވުނުއިރު ގަޑިން 3 ޖަހަނީއެވެ. އަތުގައި އޮތް އަލްބަލް ލައްޕާލުމަށްފަހު އަވަސް އަވަހަށް އަހަރެން މަސައްކަތް ފެށީމެވެ. އަހަރެންގެ ޝުޢޫރުތަކާއެކު ޅެމުގެ މާފައްޗެއް އަޑަށް ހަދިޔާކުރީމެވެ.