
އިމާމު މީހާ މިންބަރުގައި ހުރެ ދެމުން ދިޔަ ޚުތުބާ ކަނުލައި އަޑުއަހަން އިން އަހަރެންނަށް ވިސްނައި ލެވުނީ އަހަރެންގެ ފަހަތުގައި އޮތް މައްޔިތާއަށެވެ. އިމާމު މީހާގެ ޚުޠުބާގައި ބުނަމުން ދިޔައީ ކޮންމެ މީހަކީ ވެސް މަރުވާނެ މީހެއްކަމެވެ. އެ މަރުގެ ރަހަ ދެކޭނޭ މީހެއްކަމެވެ. އެ ރަހަ އެ މައްޔިތާ ވެސް އެ ވަނީ ދެކެފައެވެ. ފަހަތުގައި އެ އޮތީ އެ ހަށިގަނޑެވެ. އަހަރެންނަށް ވިސްނައިލެވުނީ އަމިއްލަ ނަފުސާ މެދުއެވެ. އަހަރެން ވެސް މަރުވާނެއެވެ. ކޮންމެ ވެސް ދުވަހަކު ދިރިތިބީން އަހަރެންނަށް ވެސް ކަށުނަމާދު ކުރާނެއެވެ. އޮތީ އެ ދުވަހަކަށް ތައްޔާރުވުމެވެ. އެ ރަހައިގެ ވޭން ލުއިވޭތޯ ބެލުމެވެ.
ހުކުރު ނަމާދުގެ ސަލާން ހަމަ ދިނުމާ އެކު އެކި ދިމަދިމާއިން މީހުންތައް ތެދުވާން ފެށިއެވެ. އެކަކަށް ވުރެ ކުރިން އަނެކަކު ފޭބޭތޯއެވެ. ހީވަނީ ކޮންމެހެން ދާންޖެހޭ މާ މުހިންމު ތަނެއް އަދި އޮތްހެނެވެ. އެ ތަނަކަށް ދިއުމަށް ލަސްވެގެން އުޅޭ ހެނެވެ.
އެންމެންގެ ސަމާލުކަން ހުއްޓުނީ ސްޕީކަރުތަކުގެ އަޑަށެވެ.
"ރ. ކިނޮޅަހު، ހިތަށްފިނިވާގޭ ޝަހީމާ ހަސަންގެ މައްޗަށް ކުރެވޭ ކަށު ނަމާދު، މި ވަގުތު މި މިސްކިތުގައި އޮތް ވާހަކަ ދަންނަވާލަން. އެންމެހާ ބޭފުޅުން މި ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެއް" ބަރު އަޑަކުން އިމާމު މީހާ ގޮވައިލިއެވެ. އެ ހިސާބުން ބައެއް މީހުންގެ ޙަރަކާތްތައް ބަދަލުވިއެވެ. ދަރިފުޅު ގޮވައިގެން މިސްކިތުން ފައިބަން ދިޔަ ދިއުން މަޑުޖައްސާލިއެވެ. ގިނަ ބަޔަކު އެ ނަމާދުގައި ބައިވެރިވެ މިސްކިތުގައި މަޑުކުރިއެވެ. ފައިބަން ނުކެރުނީ ތޯއްޗެކެވެ.
އަހަރެން ވެސް މަޑުކުރީމެވެ. އެ މަޑުކުރުމުން ހިތަށް ވެރިވި ޚިޔާލުތައް ވީ އިތުރެވެ. ރ.ކިނޮޅެހޭ ބުނުމުން ހިތަށް ކުރި އަސަރުވީ ބޮޑެވެ. އެ ރަށުގައި އަހަރެންނާ ގުޅުން ހުރި މީހަކު އުޅޭނެއެވެ. މަންމަ ގަބޫލު ނުވި ނަމަވެސް އެ މީހަކާ އަހަރެންނާ ވަތްކެއް ނުކުރެވޭނެއެވެ. އެ މީހަކު ކޮންމެ ވެސް ދުވަހަކުން އަހަރެން ހޯދާނަމެވެ. އެ މީހަކާ ބައްދަލުކުރާނަމެވެ.
ނަމާދު ފެށިއްޖެއެވެ. ތަކުބީރުތަކާ އެކު ކުރެވުނު ނަމާދު ދެ ތިން މިނެޓުން ނިމިއްޖެއެވެ. އެ ކުޑަ ވަގުތުކޮޅަށް މަޑުކޮށްލަން ބައެއް މީހުން އުޒުރުވެރި ވަނީ އަޅެ ކީއްވެ ހެއްޔެވެ؟ އެ މީހުން މަރުވާ ދުވަހު ކުރެވޭ ނަމާދުގައި ގިނަ ބަޔަކު ބައިވެރިވާން އެ މީހުން ނޭދެނީ ހެއްޔެވެ؟ ނޫނީ އެ ދުވަސް އަންނާނެ ކަމަށް ގަބޫލު ނުކުރެވެނީ ހެއްޔެވެ؟ ނޫނެކެވެ. އެދުވަސް އަންނާނެއެވެ. އެ ދުވަހަށް ވެވޭނީ މިއަދު ވީ ތައްޔާރެކެވެ.
އަހަރެން ގެއަށް ދިޔައީ ހިތަށް އަރައިފައިބަމުން ދިޔަ ޚިޔާލުތަކުން ރޫހަށް ދިރުން ގެންނަމުންނެވެ. ގެއަށް ވަން އިރު މަންމަ ހުރީ ކާން ތައްޔާރުކޮށްފައެވެ. އަހަރެންނާ އެކު މަންމަ ވެސް ކާން އެރިއެވެ.
"މިއަދު ކިނޮޅަހު މީހަކު މަރުވެގެން އުޅުނު" މަންމަގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ. މަންމަގެ މޫނަށް އައި ކުލަވަރުން ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ.
" ކިހިނެއް ދަރިފުޅަށް އެނގުނީ؟" މަންމަ ސުވާލުކުރިއެވެ.
"ކަށު ނަމާދުގައި ބައިވެރިވީމާ އެނގުނީ. ނަމާދު ފެށުމުގެ ކުރިން އެ ނަމާދުގައި ބައިވެރިވުމަށް އެދުނު އިރު އެއީ ކާކުކަން ބުނި" އަހަރެންނަށް އެނގުނު ގޮތް އަހަރެން ބުނީމެވެ.
"ދަރިފުޅަށް އެނގޭތަ އެއީ ކާކުކަން؟" މަންމަ ސުވާލުކުރިއެވެ.
"ނޫން. ނޭނގެ. އެއީ އަނެއްކާ ކާކު؟ މަންމަ ދަންނަ މީހެއްތަ؟" ހިތް އަވަސްވެފައި އިން އަހަރެންނަށް އަހައިލެވުނެވެ.
" އާނ.. ދަންނަ މީހެއް. އެއީ ދަރިފުޅުގެ ދޮން މަންމަ" އިސްދަށަށް ޖަހައިގެން އިނދެ މަންމަ ބުންޏެވެ. އަހަރެންނަށް ހީވީ ހޫނު ފެންއެއްޗެއް ގަޔަށް އަޅާލިހެންނެވެ. ހިތުގެ ވިންދު އަވަސްވެ، މުޅި މީހާ ހާސްވާގޮތްވިއެވެ. އެއަށް ވުރެ ބޮޑަށް ދެރަވިއެވެ. ބައްޕަ ކުރާނެ ހިތާމަ އަހަރެންނަށް އިހުސާސްކުރެވުނެވެ. އެ ފުން އިހުސާސްތަކާ އެކު އެތައް ވާހަކައެއް އަހަރެން މަންމައާ ހިއްސާކުރީމެވެ.
އަހަރެން ވެސް އެއްބަހެވެ. ކުށްވެރިއަކީ ބައްޕައެވެ. ބައްޕަގެ ކުށަކީ މަންމަ ދޫކޮށްލާފައި ދިއުމެވެ. އަހަރެންނާއި މަންމަ އެކަނިކޮށްލުމެވެ. ނަމަވެސް އެ ދުވަސް މާޒީވެ ހިނގައްޖެއެވެ. މިއަދު އަހަރެންނަކީ ކުޑަކުއްޖެއް ނޫނެވެ. ފާއިތުވީ 21 އަހަރު އަހަރެން މި އުޅުނީ ބައްޕަގެ އެއްވެސް އެހީއަކާ ނުލައެވެ. ބައްޕަވީ ތަނެއް އުޅުނު ތަނެއް ނުބަލަމެވެ. އަދި އެ ބުނާ ދޮންމަންމައަކާ އަހަރެން ދުވަހަކު ވެސް ވާހަކައެއް ނުދައްކަމެވެ. އެއީ ކާކުތޯ ވެސް ނުބަލަމެވެ. ބަލާކަށް ވެސް ނުޖެހެއެވެ. ނަމަވެސް ބައްޕަ ވާނީ ބައްޕަ އަށެވެ. މަންމަ ކިތަންމެ ނުރުހުނަސް އެ ބައްޕައާ އަހަރެން އޮތް ލޭގެ ގުޅުން ކަނޑައެއް ނުލެވޭނެއެވެ.
"އަހަރެން ބޭނުން ބައްޕައާ ބައްދަލުކުރަން. އެންމެ ރަނގަޅުތަ؟" ވަރަށް ވިސްނުމަށް ފަހު މަންމަގާތުގައި އަހަރެން އެހީމެވެ.
"ކީއްކުރަން؟" މަންމަ ސުވާލުކުރިއެވެ. އެ ސުވާލުގައިވާ އަސަރާއި ރާގުން ވެސް މަންމަ ހިތުގައި ޖެހުނުކަން އަހަރެންނަށް ޔަގީންވިއެވެ.
"ބައްޕަ ވީމާ" އަހަރެން ދިނީ ވަރަށް ކުރު ޖަވާބެކެވެ.
"ބަލަ އެ ބައްޕަ، ދަރިފުޅު ހޯދަން ނޫޅޭ އިރު ދަރިފުޅު ދިއުމުގެ މާނައަކީ ކޮބާ؟ ދަރިފުޅު ދިއުމުގެ ބޭނުމަކީ ކޮބާ؟" ލޮލުން ފޭދިގެން ދިޔަ ކަރުނަތަކާ އެކު އަނެއްކާ ވެސް މަންމަ ސުވާލުކުރިއެވެ.
" ކޮންމެ މީހަކީ ވެސް ކުށް ކުރެވޭނެ މީހެއް. ބައްޕަގެ ކުށް އަހަރެންނަށް އެނގޭ. އެ ކުށަކަށް މަޢާފެއް ނުކުރެވޭނެ. އެކަމަކު އެއީ ބައްޕަ. އެކަން ބައްޕަ ހަނދާންނައްތައިލިކަން ހަނދާންކޮށްދޭން އަހަރެން ބޭނުން" އަހަރެންގެ ހިތުގައި ހުރި ބައެއް ވާހަކަތަކުން މަންމައަށް ޖަވާބު ދިނީމެވެ. މަންމަ އެއްބަސްވިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ލިބިފައި ނުވާ ހުއްދައެކެވެ. އަހަރެން ބައްޕައާ ބައްދަލުކުރުމަކީ މަންމަ އެއްގޮތަކަށް ވެސް އެއްބަސްވި ކަމެއް ނޫނެވެ. ބައްޕައާ މެދު އެ ނަފުރަތު އުފެދުނު ގޮތާއި އެ ކަމާ ނުގަބޫލުވާ ސަބަބު އަހަރެންނަށް އެނގެއެވެ. އެ ހުރިހާ ކަމަކާއެކު ވެސް އަހަރެންގެ ހިތުން ބައްޕައަށް ގޮވައެވެ. ކޮންމެ ވެސް ދުވަހަކުން ބައްޕާއޭ ކިޔާ ގޮވާލާނަމޭ އަހަރެންގެ ހިތް ބުނެއެވެ.
އަހަރެން ބައްޕައާ ބައްދަލު ކުރީމެވެ. އަހަރެންނަކީ ކާކުކަން ބުނެދިނީމެވެ. ބައްޕާއޭ ކިޔާ ވާހަކަ ވެސް ދެއްކީމެވެ. އެއީ އެގޮތަށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އަދި އެގޮތަށް މުޚާތަބުކުރި އެންމެ ފަހު ފަހަރު ވެސް މެއެވެ. ބައްޕަ ހުރީ ބަސް ހުއްޓިފައެވެ. ވާނުވާ ނޭނގިފައެވެ.
އަހަރެން ދެރަވިއެވެ. ހިތާމަވެރި ވަގުތަކު އިތުރު ހިތާމައެއް ކުރިމަތި ކުރެވުނީތީއެވެ. އެކަމަކު އެ ނޫން ފުރުޞަތެއް ނުލިބޭނެކަން އަހަރެންނަށް އެނގެއެވެ. އެހެން ފުރުޞަތެއް އަހަރެން ބޭނުމެއް ވެސް ނޫނެވެ. އަހަރެން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ބައްޕަ ގާތުގައި ދެއްކީމެވެ. މަންމައަށް ހެދިގޮތް ހަނދާން ކޮށްދިނީމެވެ. އަހަރެން އުޅުނު ހާލާއި މަންމަވީ ގުރުބާނީ އޮޅުން ފިލުވައި ދިނީމެވެ. ބައްޕަގެ ދުލުން ޗުއްޕޭ ވެސް ނުބުނެއެވެ. އިނީ ހިމޭންވެފައެވެ.
އެތައް ވާހަކައަކަށް ފަހު އެ ބައްޕައާ އަހަރެން ވަކިވީމެވެ. ޢުމުރު ދުވަހަށް އެ ބައްޕައާ އަލްވަދާޢު ކީމެވެ. ދެން ދުވަހަކު ވެސް ބައްދަލު ކުރަން ބޭނުން ނޫންކަމަށް ބުނެއެވެ. އެކަމާ މަންމަ ނޭދެ ކަމަށް ބުނަމުންނެވެ.
ހަޔާތަކީ ކުޑަ ހިނދުކޮޅެކެވެ. އެ ހިނދުކޮޅު ދުނިޔޭގައި އުޅުމަށް ފަހު ކޮންމެ މީހަކު ވެސް ނެތިގެންދާނެއެވެ. އެންމެ ލޯބިވާ މީހުންނާ ވަކިވާނެއެވެ. އަހަރެން އެންމެ ލޯބިވާން ޖެހޭ މީހާއާ އަހަރެން ވަކިވީ އެ މީހާ ދުނިޔޭގައި ހުއްޓައެވެ. އިރާދަކުރެއްވިއްޔާ ދެން އަހަރެން ދާނީ އެ މީހާގެ ޖަނާޒާއަށެވެ. އޭނާގެ ކަށު ނަމާދަށެވެ.