
މި ރާއްޖޭގައި ސައިފު އުޅޭތާ އަހަރެއް ވަނީއެވެ. މި ތަނަށް އޭނާއަށް އާދެވުނީ އޮޅުމަކުންނެއް ނޫނެވެ. އޭނާ މި ތަނަށް އައީ ގަސްތުގައެވެ. އެކުވެރިއެއްގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެއްގެ އެހީގައެވެ. ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. އޭގެ އިތުރުން ބޭނުން ވަރަކަށް ފައިސާ ހޯދުމުގެ ފުރުސަތުތައް އޮންނާނެކަމަށް ބުނުމުންނެވެ. ނަމަވެސް މި ތަނުން ސައިފަށް ފެނުނީ އޭނާގެ ސިކުނޑީގައި ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. އެންމެ ކުޑަމިނުން އެ ތަސްވީރު ފެނުނީ ކުލަ މަންޒަރެއްގެ ގޮތުގައެއް ވެސް ނޫނެވެ.
ސައިފު އައީ ބޯކޮށާ މީހެއްގެ ވަޒީފާއަށެވެ. ނަމަވެސް ދާންޖެހުނީ ކޮންސްޓަރްކްޝަން ސައިޓަކަށެވެ. އެކަމާ މެދު ޝަކުވާކުރުމުން ބުނީ އަދި އެ ވަޒީފާ ހަމަ ނުޖެހޭތީ އެހެން ވަޒީފާއެއް އަދާކުރުވަނީ ކަމަށެވެ. ކޮންސްޓަރަކްޝަން ސައިޓުގައި ވަޒީފާ އަދާކުރާތާ ތިން މަސް ވީއިރު ވެސް އެ ކަމަކުން ސަލާމަތެއް ނުވިއެވެ. އެ ޝަކުވާ އެތައް ފަހަރަކު ކުރުމުން ވެރިމީހާ އައީ ރުޅިއެވެ. ހިތްހަމަ ނުޖެހުނީއެވެ. ފޮނުވާލާނެކަމަށް ވެސް ބުނީއެވެ.
"ފޮނުވާލިޔަސް މައްސަލަ ނެތީ. ބޯކޮށާ މީހާގެ ވަޒީފާ ނުލިބެނީ. އަހަރެން ދަނީ" ބޮޑު މީހާއާ ވާހަކަދައްކަމުން ސައިފުގެ ބަހުރުވައިން އޭނާ ޖުމުލަތަކެއް އަތުރައިލިއެވެ.
"ކަލެއަށް ދެވޭނީ މަސައްކަތް ކޮށްފައި. ބޭނުންހާ ގޮތަކަށް ނޫޅެވޭނެ" ވަރަށް ހިތްހަމަނުޖެހި ހުރެ ބޮޑު މީހާ ބުންޏެވެ. ސައިފަށް ޖެހުނީ މަޑުކުރާށެވެ. ބޮޑުމީހާ ބުނާކަމެއް ކޮށްގެން އުޅޭށެވެ.
ރަށުގެ އެހެން މީހަކާ ވާހަކަދައްކައިލުމުން އެނގުނީ ބޮޑު މީހާއަކީ ވަރަށް ނުފޫޒު ގަދަ މީހެއްކަމެވެ. އޭނާގެ ގާތުން ވަގަށް ފިލައިގެން އެހެން ތަނެއްގެ މަސައްކަތަށް ދެވޭނެ ގޮތެއް ނޯންނާނެކަމެވެ. ބައެއް މީހުން، ބޮޑު މީހާއާ ސިއްރުން ފިލައިގެން ދިޔަ ނަމަވެސް އެ މީހުން ހޯދައި ގެނެސް، އެއަށް ވުރެ ގިނަ މަސައްކަތް ޖައްސުވާކަމެވެ.
ސައިފު މަޑުކުރިއެވެ. ބޮޑު މީހާ ބުނަންދެން އޭނާ ބުނާ މަސައްކަތެއް ކުރަމުން ދިޔައެވެ. މަސައްކަތުގައި ފަރުވާތެރި ވެސް ވިއެވެ. އެ ގޮތުގައި ހުއްޓައި ރަމަޟާން މަސް ބައްދަލުކުރިއެވެ. ނަމަވެސް ބޮޑު މީހާގެ ވިސްނުން ބަދަލުވެފައިވާތީ ސައިފާ މެދު ކަންތައްތައް ކުރީ ތަފާތުކޮށެވެ. އެހެން މީހުންގެ މުސާރަ ބޮޑުކުރި ނަމަވެސް ސައިފުގެ މުސާރަ ބޮޑެއް ނުކުރިއެވެ. ރަމަޟާން އިނާޔަތް އެހެން މީހުންނަށް ދިން ނަމަވެސް އެ އިނާޔަތެއް ސައިފަކަށް ނުދިނެވެ. ސައިފު ކެތްތެރިވިއެވެ. ޝަކުވާނުކޮށް ހުއްޓެވެ.
ސައިފުގެ ހިތުގެ ޝަކުވާއަކީ ފާއިތުވީ މަހު އުޅެންޖެހުނުލެއް ބުރަކަމެވެ. ރޯދަމަހަށް ނިންމަންޖެހުނު އެތައް އިމާރާތެއް ނިންމުމުގައި ރޭގަނޑު ވެސް ވަޒީފާއަށް ނުކުންނަން ޖެހުމެވެ. ދުވާލުދާ ހަތަރުދަމު ކަހަލަ ގޮތަކަށް އުޅެންޖެހުނީ މަސައްކަތުގައެވެ. އެ ވަރުބަލިކަމާއި ބުރަކަމުގައެވެ. ނަމަވެސް މުސާރައަށް އިތުރު ބަދަލެއް ނައެވެ. ލިބޭ އިނާޔަތް ބޮޑެއް ނުވިއެވެ. އެހެން މީހުންނަށް ބޮޑު މުސާރަ ލިބޭކަން ސައިފަށް އެނގެއެވެ. ނަމަވެސް އެ ޝަކުވާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެފަދަ ޝަކުވާއެއް ކުރުމަށް، ބޮޑު މީހާގެ ގާތަށް ދާކަށް ވެސް އޭނާގެ ހިތެއް ނޭދުނެވެ.
ރޯދަމަހު ސައިފު ބޭނުންވީ އަޅުކަމުގައި އުޅޭ ވަގުތު އިތުރުކުރާށެވެ. އެ ނިޔަތާ އެކު މަސައްކަތް ކުރާނެ ގޮތް އޭނާ ރާވައިލިއެވެ. އަޅުކަމުގައި ވަގުތު ހޭދަކުރާނެ ގޮތް ވެސް ތާވަލުކޮށްލިއެވެ. ރޯދަމަހު މަސައްކަތް މަދުވާނެކަމަށް ބަލައިގެންނެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ ޚިލާފަށެވެ.
ރޯދަމަސްވުމުން ވަކި ފަސޭހައެއް ނުވިއެވެ. ހެނދުނު 10 ޖަހާ އިރު މަސައްކައްކަތަށް ނުކުންނަން ޖެހުނެވެ. އިރުއޮއްސި 7 ޖަހާ އިރު ވެސް މަސައްކަތަށް ނުކުންނަން ޖެހުނެވެ. ސައިފުގެ ޝަކުވާއަކަށްވީ ތަރާވީހު ނަމާދު ނުކުރެވޭތީއެވެ. އެ ނަމާދަށް ނުފޮނުވާތީއެވެ. އެއީ އެތައް ބިދޭސީންނެއްގެ ޝަކުވާއެކެވެ. ދިވެހީންނަށް ތަރާވީހު ނަމާދަށް ދެވޭއިރު އެ މީހުންނަށް ނުދެވޭތީ އެ ކަންބޮޑުވުން އެ މީހުންގެ ތެރޭގައި އޮތެވެ. އެ ޝަކުވާ އުފުލަން ސައިފަށް ޖެހުނީ އެހެން މީހުންގެ އެދުމުގެ މަތިންނެވެ. މިހާރު ވެސް ނުފުއްސަވާ ފާފައެއް ކުރެވިފައި ހުރީ އޭނާކަމަށް ވީތީއެވެ. އޭނާއަށް ލިބޭ ހިތްދަތިކަން އެހެން މީހަކަށް ލިބެން ސައިފު ބޭނުން ނުވީތީއެވެ.
ބޮޑު މީހާގެ ވާހަކައަކަށްވީ އެ ނަމާދަށް ސައިފު ފޮނުވާ ނަމަ އެހެން މީހުން ވެސް ފޮނުވަން ޖެހޭކަށެވެ. ސައިފުގެ ވާހަކައަކީ އެންމެން ވެސް ތަރާވީސް ނަމާދަށް ފޮނުވަން ޖެހޭކަމަށެވެ.
"ކުރަންޖެހޭ ކަންތަކާ ކުރަންނުޖެހޭ ކަންތައް އެނގޭނީ ކަލެއަކަށް ނޫން" ބޮޑުމީހާ ޖަވާބުދިނީ ނުރުހުންވެ ހުރެއެވެ.
"ބޮޑު މީހާ ސަވާބު ހޯދަނީ.. އަހަރެމެން މަސައްކަތް ކުރަނީ؟ ކޮން ވައްތަރު ތިބޭ" ބޮޑު މީހާއާ ޒުވާބުކުރަން ޖެހުނު ދެވަނަ ފަހަރު، ރުޅިއައިސްގެން ސައިފު ބުންޏެވެ.
"މަގޭ ކުރިމަތީ ފާޑުފާޑުގެ ވާހަކަ ނުދައްކާތި. މި ތަނުން މިހާރު ރައްކާވޭ" ބޮޑު މީހާގެ އަތުގައި އޮތް ފޮތްގަނޑު ސައިފާ ދިމާއަށް ހޫރާލަމުން ހަޅޭއްލަވައި ގަތެވެ. އޭރު އޮފީހުގައި ތިބި ބައެއް މީހުން ވެސް ތިބީ ބިރުންނެވެ.
ސައިފު އެތަނުން ދުރަށް ދިޔައެވެ. މަސައްކަތުގައި ބައިވެރިވިއެވެ. އޭނާ ލައްވައި ގިނަ މަސައްކަތް ކުރުވުމަށް ބޮޑު މީހާ ބުނެފައިވާކަން ސައިފަށް އެނގެއެވެ. އެ ގޮތަށް މެދުވެރިވަނީ ސައިފުގެ ސަބަބުންކަން އޭނާ ގަބޫލުކުރެއެވެ. އޭނާގެ އަނގައިގެ ސަބަބުންކަން ވެސް ދަނެއެވެ.
ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތަކީ ސައިފަށް ހިތްހަމަޖެހުން ލިބިގެންދާ ވަގުތެވެ. އޭނާއަށް ހިތްހަމަޖެހުން ލިބެނީ އޭނާ އާއްމުކޮށްދާ މިސްކިތުންނެވެ. ކުރެވޭ ނަމާދުތަކުންނާއި ގުރުއާން ކިޔެވުމުގައި ހޭދަކުރެވޭ ވަގުތުތަކުންނެވެ. ރޯދަވީއްލުމަށް ޓަކައި މިސްކިތުގައި ބައެއް މީހުން ކާތަށި އެތުރި ނަމަވެސް އެކަމުގައި ބައިވެރިވާހިތެއް ސައިފެއް ނުވެއެވެ. އެ މަންޒަރުން އޭނާ ގަންނަނީ ލަދެވެ. ވަނީ ދެރައެވެ. އޭނާ ފަދަ ކިތަންމެ މީހަކު މި ދުނިޔޭގައި އުޅޭކަން އެ ހިތް ގަބޫލުކުރާތީއެވެ. ފަގީރު ހާލުގައި ކާއެތިކޮޅެއް ނުލިބި ތިބި ކިތަންމެ ބަޔަކު ދުނިޔޭގައި އުޅޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވޭތީއެވެ.
އެހެން ރޭތަކާ ޚިލާފަށް މަގުރިބް ނަމާދުކޮށްގެން ސައިފު އިނީ މިސްކިތުގައެވެ. ކާން ހޮޓަލަށް ދާން ބޭނުންނުވީއެވެ. ލިބިފައިވާ ހިތްދަތިކަމާ އެކު އޭނާ ބޭނުންވީ އަޅުކަމުގައި ވަގުތު ހޭދަކުރާށެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވާށެވެ. ދުޢާކުރުމުގައި ވަގުތުތައް ދުއްވާލާށެވެ.
ހަތެއް ޖެހިއިރުވެސް ސައިފުގެ ޚަބަރެއްނުވިއެވެ. ހަތްގަޑި ބައިވި އިރު ވެސް އޭނާގެ ޚަބަރެއް ނުވިއެވެ. ސައިފު މަސައްކަތަށް ނާންނާތީ ސައިޓާ ހަވާލުވެ ހުރި މީހާ ގުޅީ ބޮޑު މީހާއަށެވެ. ސައިފުގެ ކުށެއް ފެނުމުން އެކަން އެންގުމަށެވެ. ބޮޑުމީހާއަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. ސައިފުގެ ކުށެއް ފެނުނީތީއެވެ.
ބޮޑުމީހާ ސައިޓަށް އައީ ސައިފު ކޮބައިތޯ ބަލާށެވެ. ސައިޓުގައި މަސަކަތްކުރަން ތިބި މީހުންނާ ސުވާލުކުރުމުން އޭނާ މިސްކިތުން ފެނުނުކަމަށް ދެ މީހަކު ބުންޏެވެ. ސައިފު ސައިބޯން ނުދާކަމަށް ވެސް އެކަކު ބުންޏެވެ. އަދި އޭނާ އުޅެނީ ވަރަށް ދެރަވަގެންކަން ވެސް އެކަކު ބުންޏެވެ.
އަށެއް ޖެހިއިރުވެސް ސައިފުގެ ޚަބަރެއް ނުވިއެވެ. ބޮޑު މީހާ ހުރީ ހިތްހަމަނުޖެހިފައެވެ. މަސައްކަތުގައި ތިބި ބައެއް މީހުން ތިބީ ބިރުންނެވެ. ސައިފަށް ވާނެ ގޮތް ނޭނގޭތީއެވެ. ކޮންމެ ފަދަ ގޮތެއް ވެސް އޭނާ ހަދާފާނެތީއެވެ.
"އަހަރެންނަށް މަކަރު ހަދާފައި އުޅެވޭނެކަމަށް ހީވަނީތަ؟ މަގޭ އަތު ޖެހިއްޖެ ނަމަ ހޭއަރުވާލާނަން. ދޭ ހަމަ މިހާރު އޭނާ ހޯދައިގެން ގެންނަން. ކޮންމެ ތާކު އިނަސް އޭނާ ގޮވައިގެން އާދޭ." ބޮޑު މީހާ އަމުކުރީ ސައިޓާ ހަވާލުވެ ހުރި މީހާއަށެވެ. ސައިޓާ ހަވާލުވެ ހުރި މީހާ އެ ތަނުގައި މަސައްކަތްކުރަން ތިބި ދެ މީހަކާ އެކު ދިޔައީ ސައިފު އުޅޭ ގެއާއި އޭނާ އާންމުކޮށް ދާ މިސްކިތްބެލުމަށެވެ.
10 ވަރަކަށް މިނެޓު ފަހުން ބޮޑުމީހާއަށް ލިބުނު ސުންޕާ ޚަބަރަކީ ސައިފު މަރުވި ޚަބަރެވެ.
"ކިހިނެއްވީ؟ ކޮންތާކު؟" ބޮޑުމީހަށް ލިބުނު ހައިރާންކަމުގައި އޭނާއަށް ސުވާލުކުރެވުނެވެ.
"ވީގޮތެއް ނޭނގެ. އޭނާ އޮތީ މިސްކިތުގައި. ބައެއް މީހުން ބުނަނީ އޭނާ ތަރާވީހު ނަމާދު ސަޖިދައަށް ގޮސް ނުތެދުވެގެން ބެލި އިރު އޮތީ މަރުވެފައިއޭ" ކަންތައްވީ ގޮތް ބޮޑު މީހާއަށް އޮޅުންފިލުވައިދެމުން ދިޔައީ ސައިޓުގައި އިސްކޮށް މަސައްކަތްކުރަން ހުރި މީހާއެވެ.
ލިބުނު ޚަބަރާއެކު ބޮޑު މީހާ ހާސްވިއެވެ. ކަންބޮޑުވިއެވެ. ސައިފާ މެދު ކަންތައް ކުރެވުނުގޮތް ހިތަށް ވަނެވެ. އޭނާއަށް އަމަލުކުރެވުނީ ރަނގަޅަށް ނޫންކަން ގަބޫލުކުރެވުނެވެ.
ސައިފުގެ ފުރާނަ ގެންދެވީއެވެ. ކެތްތެރިކަމާއެކު ހިތުން އެދެމުން ދިޔަ އެދުން ފުއްދެވީއެވެ. އެ މަރާ އެކު އެންމެ ބޮޑު ބަދަލެއް އައީ ބޮޑުމީހާ އަށެވެ. އެންމެ ބޮޑު އަސަރެއް ކުރީ ވެސް އޭނާއަށެވެ. ސައިފު ކޮށްފައިވާ ޒުވާބުތަކުގެ އަޑު ބޮޑުމީހާގެ ކަންފަތުން ކެނޑިގެނެއް ނުދިޔައެވެ. އޭނާ ސައިފަށް ދިން ޖަވާބުތައް ބޮޑު މީހާގެ ދުލަކުން ފިލައިގެނެއް ނުދިޔައެވެ. ސައިފާ މެދު ޢަމަލުކުރެވުނު ގޮތް ބޮޑުމީހާގެ ލޮލާ ވަތްކެތް ނުވިއެވެ.
ސައިފު ދިނީ އެންމެ މެސެޖެކެވެ. އެންމެން އެއްގޮތް ނުވާނެ ކަމުގެ މެސެޖެވެ. އެއްގޮތަށް ކަންކަން ނުހިނގާނެ ކަމުގެ މެސެޖެވެ. އެއްގޮތަށް ހިނގާނެކަމަށް ވިސްނާ ނަމަ ހީނުކުރާ އެތައް ކަމެއް ދިމާވެދާނެކަމުގެ މެސެޖެވެ. އެމެސެޖު ނަގައިނުގަނެވުނީ ބޮޑުމީހާއަށެވެ. އެފަދަ އެހެން މީހުންނަށް ވެސް މެއެވެ.