
"އަހަރެން ކަހަލަ މީހަކާ ގުޅުން ބާއްވާތީވެ ހަމަ ހައިރާންވަން. ސައިނާއަށް އަހަރެންނަކީ ކާކުކަން އަދި ނޭނގެނީ. އެނގުނީމާ ތި ގޮތަކަށް ވެސް ވާހަކައެއް ނުދައްކާނެ ތޯއްޗެ" ރަމީޒު މުޚާތަބުކުރީ އޭނާއާ ވާހަކަދައްކަމުން ދިޔަ ސައިނާއަށެވެ. އެއީ ރަމީޒާ ގާތް ގުޅުމެއް ބާއްވާ ޒުވާނެކެވެ. ރަމީޒުގެ ހިތުން ޚާއްޞަ ޖާގައެއް ދެވިފައިވާ ކުއްޖެކެވެ.
"ނޫން. ތިހެނެއް ނުވާނެ. ރަށުން ބޭރުން އަންނަ މީހުންނަށް އަހަރެމެން އަދާކުރާ މެހުމާނު ދާރީއަކީ މި ގޮތަށް ދެތިން މަސް ވިޔަސް ކެނޑިގެންދާނެ މެހުމާނު ދާރީއެއް ނޫން. އަހަރު ދެ އަހަރު ވިޔަސް މި ގުޅުން މިގޮތަށް އޮންނާނެ. އެކަމަކު އެއީ އަހަރެން ދުނިޔޭގައި ހުރި ނަމަ" ސައިނާގެ ވާހަކަ ރަމީޒު މެދުކަނޑާލިއެވެ.
"ކީއްވެ ތިހެން ތިބުނީ. ހާދަ އަވަހަކަށް މަރުވާން ތި އުޅެނީ؟"
"މަރުގެ ވާހަކަ ދައްކާނެއްނު. ރަމީޒުގެ ދުލުން އެންމެ ގިނައިން ބުނަނީ އެ ވާހަކަވިއްޔާ. ހަގީގަތަކީ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން. މާދަމާ ވެސް މަރުވެދާނެ" ސައިނާ ޖަވާބު ދިނެވެ.
"ތިއީ ތެދެއް. ހިތަށް އަރާ އަހަރެމެން ކަހަލަ އުންމީދު ގެއްލިފައިވާ މީހުންގެ ފަހަތުން އަވަހަށް މަރު އަންނާނެ ނަމައޭ" ރަމީޒު ހިތަށް އައި ވާހަކަތައް ސައިނާއާ ހިއްސާކުރިއެވެ.
"ތިހެން ނުބުނޭ ރަމީޒު. އުންމީދު ކަނޑާލައިގެން ތި އުޅެނީ އަމިއްލައަށް. ރަމީޒު ތި އުޅެނީ އަމިއްލައަށް ބަލިކަމަށް ހެދިގެން. ރަމީޒު ބޭނުންވަނީ މީހުންނާ ވަކިން އުޅެން. އެކަރިވާން. އަހަރެންނާ ތި ވާހަކަ ދައްކާ ގޮތަށް މި ރަށު އެހެން މީހުންނާ ވެސް ވާހަކަ ދައްކަ ބަލަ. މަށަށް ޔަގީން މި ރަށު ކޮންމެ މީހަކު ވެސް ރަމީޒާ ވާހަކަދައްކާނެކަން. ރަމީޒު އަތުގައި ފައިސާ އެބަ ހުރި. ތަނަވަސްކަން އެބަ ހުރި. އާއިލާ އެހައި ރަނގަޅު. ދެން ކޮން ކަމެއްތަ މަދީ؟ ތި ގޮތަށް ވިސްނުމަކީ ގޯހެއް" ސައިނާގެ ވާހަކަތައް ރަމީޒަކަށް ގަބޫލެއް ނުކުރެވުނެވެ.
"މަދީ؟ އަހަރެންގެ ނެތީ އުންމީދެއް. އަހަރެންނަށް ވާ ގޮތް އެނގޭނީ ހަމަ އަހަރެންނަށް. ސައިނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭހައި ހިތްވަރެއް އަހަރެންގެ ނެތް. އެކަމަކު ބޭނުން ނަމަ އަޑު އަހާ" ރަމީޒުގެ މާޒީގެ ސަފުހާތަކުން ބައެއް އޭނާ ހުޅުވާލިއެވެ.
"އަހަރެން އެންމެ ކުޑަ އިރުއްސުރެ ވެސް އުޅުނީ ބަލިކޮށް. އަބަދު ވެސް އޮންނަން ޖެހުނީ ހޮސްޕިޓަލުގައި. މަންމަގެ ހުރިހާ ވަގުތެއް ހޭދަކުރީ އަހަރެންނަށް ޓަކައި. އަހަރެންނަކީ ހިތުގެ މައްސަލަ ހުންނަ މީހެއް. ދެ ފަހަރަކު ހާޓްއެޓޭކް ޖެހުނު. އަހަރެންނަށް މި ގޮތް ދިމާވީ ކީއްވެ ކަމެއް ނޭނގެ. ހަގީގަތުގައި އަހަރެންނަކީ ކުޑަ ވަގުތު ކޮޅެއްގެ މެހުމާނެއް. އެހެންވީމާ އެހެން މީހުންނަށް އުނދަގޫކުރުމުގެ މާނައެއް ނެތެއްނު. އެހެން މީހުންނަށް ހަނދާނަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. ނަމަވެސް އަހަރެންނަށް އެނގޭ އަހަރެންގެ ހާލާ މެދު މަންމައާއި ބައްޕަ ހިތާމަކުރާ ވަރު. އެ ކަންކަމަކަށް ނިމުމެއް ނުގެނެވޭނެ. އަހަރެން މި ރަށަށް މި އައީ ވެސް އެ ހިތާމަތަކާ ދުރުވާން" ރަމީޒުގެ ވާހަކަ ކުރިއަށް ގެންދަން އޭނާއަށް އުނދަގޫވިއެވެ. އެ ވާހަކަތައް އަޑު އަހަން އިން ސައިނާ ފެށީ ހޭށެވެ.
"އައްދޭ. ތީ ދުނިޔެ މަތިން ފޫހިވެގެން އުޅޭ ސަބަބަކީ؟ ބަލަ އުފަލުގައި އުޅުމުން ތި ހިތާމައެއް ކުރާކަށް ނުޖެހޭނެއެއްނު. ތިއީ އަމިއްލައަށް ލިބިގަނެގެން އުޅޭ ހިތާމައެއްނު. ތިއަށް ވުރެ މާ ހިތްދަތި ކަންކަން ދިމާވެފައިވާ މީހުން ވެސް އެ އުޅެނީ މާ އުފަލުގައި. އެ މީހުން ވެސް އުންމީދު ކަނޑައެއް ނުލައި. މި ދުނިޔެ ދެކެ ފޫއްސެއް ނުވޭ" ސައިނާ އުޅުނީ ރަމީޒަށް ވިސްނައި ދެވޭތޯއެވެ.
"ސައިނާއަށް މި އިހުސާސްތަކެއް ނުކުރެވޭނެ. ތިޔަ މަޖާކަމާއި އުފާވެރިކަމުގައި އުޅޭ މީހަކަށް މިފަދަ އިހުސާސްތައް ކުރުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެ" ރަމީޒަށް ގަބޫލުކުރެވުނީ އޭނާގެ ހިތް ދަތި އިހުސާސްތައް ސައިނާއަށް ނޭނގޭ ކަމަށެވެ.
"ތިއީ ރަމީޒަށް ހީވާ ގޮތް. ފޮތެއްގެ ހަގީގަތް ބަނޑޭރި ގަނޑަކުންނެއް ނޭނގޭނެ. އަހަރެންގެ މޫނުމަތިން ރަމީޒަށް ފެންނާނީ މި ކުލަ. ކޮންމެ މީހަކަށް ފެންނާނީ ހަމަ މި ހިނިތުންވުން. އަހަރެންގެ ހިތެއް އެކަކަށް ވެސް ނުފެންނާނެ. އެ ހިތުގެ އިހުސާސްތައް އެހެން މީހުންނަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންނަށް ގަބޫލުކުރެވެނީ އަހަރެންނަކީ އެންމެ މީހެއް ނޫނޭ. އަހަރެންނާ ގުޅިފައިވާ އެތައް ބަޔަކު އެބަ ތިބިކަމަށް. އެ މީހުން ހިތުގައި ޖެއްސުމަކީ އަހަރެން ކޮށްގެން ވާނެކަމެއް ނޫންކަމަށް. އެހެންވެ މި މޫނުމަތިން ފެންނާނީ އުފާވެރިކަން. ހިނިތުންވުން" ސައިނާ ވާހަކަދެއްކީ ތެދަށެވެ. ފޮރުވީ ހަމައެކަނި އޭނާގެ ހަގީގަތެވެ.
"ތިގޮތަށް ތި ވާހަކަ ދައްކަން ކޮންމެ ދުވަހަކު ސައިނާއަކަށް ނާދެވޭ. ޚަބަރެއް ތި ވަނީ ހަފުތާއަކު އެއް ފަހަރު. އެހެންވީމާ އަހަރެންގެ މޫނު މަތިން އުފާވެރިކަން ދައްކާނީ ކިހިނެއް؟" ރަމީޒު، ސައިނާއާ ދިމާކޮށްލިއެވެ. އެއީ ދެތެކެވެ. ސައިނާއަށް ހެޔޮ ހާލުގައި އުޅެވެނީ ބައެއް ދުވަސް ދުވަހުއެވެ. ގިނަ ދުވަސް ދުވަހު އޭނާގެ ޚަބަރެއް ނުވެއެވެ. ރަމީޒު ވެސް ގެއިން ނުކުންނަނީ ބައެއް ދުވަސް ދުވަހުއެވެ. އޭނާ ލޯބިކުރަނީ އެކަނިވެރިކަމަށެވެ. އުޅެން ބޭނުންވަނީ ވެސް އެކަންޏެވެ.
ރަމީޒާއި ސައިނާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ރަމީޒުގެ ހިތުގައި ސައިނާއާ މެދު ލޯބި އުފެދެމުން ދިޔަ ފަދައިން ސައިނާގެ ހިތުގައި ވެސް ރަމީޒާ މެދު ދިޔައީ ލޯބި އާލާވަމުންނެވެ. ދެ މީހުންގެ ވިސްނުން ކިތަންމެ ތަފާތު ވިޔަސް، ދެ މީހުންގެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ. ދެ މީހުންގެ ގުޅުމަށް ހީނަރު ކަމެއް ނާދެއެވެ. ކޮންމެ މީހަކު ވެސް އަނެކަކަށް ދޫދެއެވެ. އަނެކާގެ ވިސްނުން ގަބޫލުކުރެއެވެ.
ރަމީޒަށް ގަބޫލުކުރެވުނީ ސައިނާއަކީ އުފާވެރި ކުއްޖެއް ކަމަށެވެ. އެފަދަ އުފާވެރި ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލުމަކީ އިންސާފެއް ނޫންކަމަށެވެ. ރަމީޒު ހިތުން ޚާއްޞަ ޖާގައެއް ސައިނާއަށް ދެވިފައިވީ ނަމަވެސް އެ ލޯބި ހުށަހަޅާކަށް ރަމީޒު ބޭނުމެއް ނުވިއެވެ. ކުޑަ ދުވަސް ކޮޅެއްގެ މެހުމާނެއްގެ ގޮތުގައި އުޅެން ޖެހޭ އިރު އޭނާ ނެތް ދުވަހަކުން ސައިނާ ކުރާނެ ހިތާމަ ރަމީޒަށް އިހުސާސް ކުރެވެއެވެ. އެހެންވެ އެ ގުޅުން ލޯތްބަށް ބަދަލުކުރަން ބޭނުން ނުވަނީއެވެ.
ރަމީޒަށް ސައިނާގެ ހަގީގަތްތަކެއް ނުއެނގެއެވެ. އެކަން ސައިނާ ހާމައެއް ވެސް ނުކުރެއެވެ. ސައިނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހަގީގަތް އެހެން މީހުންނަށް އެނގޭކަށް ނުޖެހެއެވެ. އެ ހަގީގަތްތަކުން އެހެން މީހުން ހިތާމާކޮށް ރޮއްވާކަށް ވެސް ނުޖެހެއެވެ. އެހެންވެ އެ ކަންކަން އޮންނަނީ ސިއްރުކޮށްފައެވެ.
ދެ ހަފުތާ ވީއިރު ވެސް ސައިނާގެ ޚަބަރެއް ނުވިއެވެ. ރަމީޒަށް މަޖުބޫރުވީ ސައިނާއަށް ވީނުވީއެއް ބަލާށެވެ. އެ ނިޔަތުގައި އޭނާ ސައިނާމެން ގެއަށް ދިޔައެވެ. ލިބުނު ޚަބަރަކީ ސައިނާގެ ބަލި ހާލު ބޮޑުވެ އެމެޖެންސީގައި އޭދަފުށްޓަށް ގެންދިޔަ ޚަބަރެވެ. ރަމީޒަށް ފުންނޭވާއެއް ލެވުނެވެ. ސައިނާއަށް ވީގޮތް އޮޅުން ފިލުވާލަން ބޭނުންވިއެވެ. ކިތަންމެ ބޭނުން ނުވިނަމަވެސް ރަށުގެ އެކި މީހުންނާ ވާހަކަދައްކަން މަޖުބޫރުވިއެވެ.
ސައިނާއަކީ ބަލި މީހެކެވެ. ކެންސަރުގެ ފަހު މަރުހަލާ ގުނަމުން ދިޔަ ޒުވާނެކެވެ. އޭނާ މޫނު މަތިން ފެންނަ އުފާވެރިކަމުން އެކަން ސިއްރުކުރިއެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް އޭނާ ކެތްކުރިއެވެ. މަރު އައިސް އޭނާ ގެންދާނެ ވަގުތަށް އޭނާ އިންތިޒާރު ކުރިއެވެ. ނަމަވެސް އެކަން ދަންނަނީ މަދު މީހެކެވެ. ރަމީޒަކަށް ވެސް އެކަމެއް ނޭނގެއެވެ. އޭނާ ހައިރަންވިއެވެ. އެ ހާލުގައި އުޅުނު އަންހެނެއްގެ ހިތްވަރު އެނގުމުންނެވެ. އެ ހިތްދަތިކަމުގައި ވެސް ފެނުނު ކެތްތެރިކަމުންނެވެ.
ސައިނާ އޭދަފުށްޓަށް ގެންދެވުނުތާ ތިންވަނައަށް ވީ ދުވަހު އޭނާ މި ދުނިޔެ ދޫކުރިއެވެ. އެ އުފާވެރިކަން މި ދުނިޔެއާ ވަކިވިއެވެ. އެ ޚަބަރުން މުޅި ރަށް ރޮއްވާލިއެވެ. ރަމީޒުގެ ހިތަށް އެތައް ވޭނެއް ގެނެސްދެމުންނެވެ. އިބުރަތުގެ ފިލާވަޅެއް ރަމީޒަށް ނަގައި ދެމުންނެވެ. ހިތާމައާއި މޮޅިވެރިކަމަކީ އަމިއްލައަށް ލިބިގަންނަ ކަމެކެވެ. ކިތަންމެ ވޭނުގައި އުޅެމުން ވެސް މޫނު މަތީގެ އުފާވެރިކަން ދެއްކި ދާނެއެވެ. ނުތަނަވަސްކަމުގެ އުދާސްތައް ފޮރުވިދާނެއެވެ. ސައިނާ ފަދައިން އުޅެވިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި ކެތްތެރިކަމެވެ.