ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ލޯތްބަކީ ހާދަ ތަފާތު އެއްޗެކެވެ. އަދި އެ ލޯބީގައި ދިރިއުޅުމަކީ މާ ތަފާތު ކަމެކެވެ. އެކި މީހުން ދިރިއުޅެނީ އެކި އުންމީދުތަކާ އެކުއެވެ. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ އަހަރެންގެ ޙަޔާތަށް އައި އަހަރެންގެ ފިރިމީހާއެވެ. ފާއިތުވީ 25 އަހަރު އަހަރެންނަށް ލިބުނު ހުރިހާ ހިތްހަމަ ޖެހުމަކީ ވެސް އެއީއެވެ. މިއަދު މި ލިބޭ އުފާވެރިކަމުގެ ސިއްރަކީ ވެސް އެއީއެވެ.

މިއަދު އަހަރެން މި ފާހަގަކުރަނީ އަހަރެންގެ ދިރިއުޅުމަށް 25 އަހަރު ފުރޭ އުފާވެރި ރިހިޔޫބީލެވެ. މި ދައްކަނީ އަހަރެއް، ދެ އަހަރެއްގެ ވާހަކައެއް ނޫނެވެ. 25 އަހަރުގެ ދިގު މާޒީއެއްގެ ވާހަކައެވެ. ޢުމުރުގެ ބޮޑު ބައެއްގެ ވާހަކައެވެ.

ތެދުތެދަށް ބުނާ ނަމަ އަހަރެންގެ ފިރިމީހާއަކީ އަހަންނަށް ލިބުނު ނިޢުމަތެކެވެ. ބަރަކާތާއި ރަޙުމަތާއި ލޯތްބާއި ކުލުނު ގެނެސްދިން ބޮޑު ވިލާގަނޑެކެވެ. އެ ވިލާގަނޑުގެ ހިޔަނިން އަހަރެންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދިނެވެ. އޭގެ ފެނުން އަހަރެމެންގެ ދިރިއުޅުމަށް ދިރުން ލިބުނެވެ. އޭގެ ބަރަކާތުން އަހަރެންގެ ހަޔާތް ފުރިހަމަވިއެވެ.

މިހާރުވެސް ހަނދާން އެބަހުއްޓެވެ. އަހަރެންނަކީ އާދައިގެ އާއިލާއެއްގެ ނިކަމެތި މަންޖެއެކެވެ. ޙަޔާތުގެ ކުރީކޮޅު މާ ބޮޑު ތަނަވަސްކަމެއްގައި އުޅުމުގެ ނަސީބު ލިބިފައިވާ މީހެއް ނޫނެވެ. މާ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ މީހެއް ވެސް ނޫނެވެ. ނަމަވެސް ނަސީބު އައިސް އަހަރެންގެ ކުރިމަތީ މަޑުކޮށްލީ ކީއްވެ، ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އަހަރެން ދެކެ ލޯބިވާ މީހާ އަހަރެންނާ ދިމާވީ ބޭއިޚުތިޔާރުގައި ކަމެވެ.

އެއީ އަމީނިއްޔާ ހޯލުގައި އޮތް ބައްދަލުވުމެކެވެ. ސުކޫލުތަކުގެ ދަރިވަރުންނަށް ސިފައިންގެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމަށް އަހަރެން ވަނީ މާ ބޮޑު ޝައުގުވެރިކަމެއް، މާ ބޮޑު މަޖުބޫރުކަމެއް އޮވެގެނެއް ނޫނެވެ. ހަމަ ވަންނަހިތްވީއެވެ. ސަބަބެއް އޮވެގެންނެއް ނޫނެވެ. ގުދުރަތުގެ ނިންމެވުމެއްވީމާ ހަމަ ވަދެވުނީއެވެ. އެކުވެރިންކޮޅަކާއެކު އެ ބައްދަލުވުމަށް ވަދެ އަހަރެން ވެސް އިށީނީމެވެ.

ބައްދަލުވުމުގައި އިންދާ ބުރަކަށީގައި ކޮންމެވެސް އެއްޗަކުން ޖެހުނުހެން ހީވެގެން ފަހަތް ބަލައިލީމެވެ. އޭރު ގޮނޑި ކައިރިއަށް ވެއްޓިފައި އޮތީ ކަރުދާސް ރޮކެޓެކެވެ. ދެން ބަލައިލެވުނީ ފަހަތަށެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ އަހަރެންނަށް ދުވަހަކު ވެސް ފެނިފައި ނުވާ މޫނަކަށެވެ. ހިނިތުންވެފައިވާ އެ މޫނުގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އަހަރެންނަށެވެ. އެ މޫނަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނެވެ. އެ ނަޒަރު އަހަރެންގެ ލޮލާ ވަކިވީ އެ ރީތިކަމަށް ތަޢުރީފު ކުރަމުންނެވެ. އެ ކަތި ނަޒަރަށް ޝައުގުވެރި ވަމުންނެވެ. އެ ތޫނުކަން އަހަރެންގެ އިހުސާސްތަކާ ކުޅެމުންނެވެ. ނަމަވެސް އެއީ ކާކުކަން އެ ދުވަހަކު އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންގެ ޙަޔާތުގެ ލޯބީގެ ސަފުހާތައް ލިޔުމުގެ ފުރުޞަތު ހުޅުވުނީ އެ ދުވަހަށް ފަހުއެވެ. އަހަރެންގެ ނަޒަރު ހުއްޓުވި ކުއްޖާއަށް އަހަރެން ރީތިވެ އަހަރެންގެ ފަހަތުން މުގޯލި އަޅަން ފެށުމުންނެވެ. އަހަރެންގެ ފެނޭތޯ ކޮންމެ ދުވަހަކު އައިސް ގޭ ދޮށުގައި މަޑުކުރަން ފެށުމުންނެވެ. އަތްވަކަށް ވާރޭއަކަށް ބެލުމެއް ނެތިއެވެ. މީހަކު ދައްކާފާނެ ވާހަކައަކަށް، ކިޔާފާނެ އެއްޗެކަށް ބެލުމެއް ނެތިއެވެ. ހަގީގަތަށް ބުނާ ނަމަ އެ މަޑުކުރުމުން ހިތަށް ތަދުވިއެވެ. އެއަށް ވުރެ ބޮޑަށް އެ ތަދު އިހުސާސްކުރެވުނީ އަހަރެންގެ އާއިލާގެ ބައެއް މެންބަރުންނަށެވެ. އަހަރެން ފަދަ އެހެން އަންހެން ކުދީންނަށެވެ. އޭރު އަހަރެންގެ ހިތުގައި ލޯބީގެ އޮށް އިންދިފައި ނެތީމައެވެ. އެ ގަސް ފޯދިފައި ނުވާތީއެވެ. އެއަށްވުރެ ބޮޑަށް ކިޔަވަން ޝައުގުވެރިވާތީއެވެ.

ކެތްތެރިކަމާއެކު ފިރިހެން ކުއްޖަކު އަހަރެންނަށް ޓަކައި ކުރި 10 މަހުގެ އިންތިޒާރަކަށް ފަހު އަހަރެން އެ ކުއްޖާއާ ފުރަތަމަ ފަހަރަށް އަނގައިން ބުނީމެވެ.

"ތެދުތެދަށް ބުނާ ނަމަ ބުނެވޭނީ ވަރަށް ލޯބިވޭ. އެންމެ ފުރަތަމަ ފެނުނީއްސުރެ ވެސް ވަރަށް ރީތިވި. އެކަމަކު ރައްޓެހި ވެވޭނީ ކިޔަވާ ނިމުނީމާ" އެންމެ ފުރަތަމަ ދެ މީހުން ވާހަކަދެއްކި ދުވަހު ވެސް އަހަރެންނަށް ކުރެވުނީ ޝަރުތެކެވެ.

"ކިތަންމެ އަހަރެއް ވިޔަސް އަހަރެން ހުންނާނަން" އަހަރެން ކުރި ޝަރުތާ، އެ ކުއްޖާ އެއްބަސްވީ އެއްވެސް ޝަރުތަކާ ނުލައެވެ. އެ ދުވަހަށް ފަހު ދެ މީހުންގެ ގުޅުން ބަދަހިވިއެވެ. ލޯބީގެ އުފާވެރި ސަފުހާތައް ލިޔެވެން ފެށުނެވެ. ސްކޫލު ދައުރު ނިންމާލި އިރު އެ ގުޅުން އޮތީ ލޯބީގެ މާ ކަނޑުގައި ވެސް ދަތުރުކުރެވޭހާ ފަހިކޮށެވެ.

ދިރިއުޅުމުގެ ދަތުރު އަހަރެން ފެށީ ވަރަށް ލޯބިންނެވެ. އެ ދަތުރުގައި ޖެހުނު ކޮންމެ ވައިރޯޅިއެއް އަހަރެންގެ ހިތުގައި ބޮސްދިނީ ފިސާރި އޯގާތެރިކަމާއެކުއެވެ. ހުސްވުމެއް ނިމުމެއް ނެތް ލޯތްބާއެކުއެވެ. މިއަދު ވެސް ލޯބީގެ އެ ވައިރޯޅި އައިސް ހިތުގައި ފިރުމަނީ ހަމަ އެގޮތަށެވެ. އެ ލޯބީގައި މިއަދުވެސް އަހަރެން މި އުދުހެނީ ހިނިތުންވަމުންނެވެ. މިކަމަށް އަހަރެން ޝުކުރުވެރިވަމެވެ. ޝުކުރުވެރިވާން ވެސް ޖެހެއެވެ. ﷲ ގެ އިރާދަފުޅުން އަހަރެންނަށް ލިބުނީ ހެޔޮ ފިރިއެކެވެ. އަހަރެންނަށް އަޅައިލައި އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފިރިއެކެވެ. ކޮންމެ އަންހެނަކަށް ވެސް އެފަދަ ފިރިއަކު ލިބޭނެ ނަމައެވެ. އެ ރަހުމާއި އަޅާލުމާއި މަޖާކަމާއި ކެތްތެރިކަން ކޮންމެ ފިރިއެއްގައި ހުންނާނެ ނަމައެވެ.

އަހަރެންނަށް އިހުސާސް ކުރެވެނީ އަހަރެންގެ ފިރިމީހާގެ ތަފާތުކަމެވެ. އަހަރެން ކަހަލަ އާދައިގެ މީހަކު އެ އިއްޒަތްތެރިކަމަށް އުފުލައިދިން ދީލަތި ގޮތެވެ. އަހަރެން ކަހަލަ މީހަކަށް މެދުކެނޑުމެއް ނެތި ކުރި އިންތިޒާރެވެ. އަހަރެންނާ ލޯބިން މުޚާތަބު ކުރިގޮތާއި ބަސްމަގެވެ.

"މަންޖެ" މި ލަފުޒަކީ ބައެއް މީހުން ކިތަންމެ ނުރުހޭ ލަފުޒެއް ނަމަވެސް އަހަރެންނަށް އެއީ ވަރަށް ލޯބި ލަފުޒެކެވެ. އަހަރެންގެ ހަޔާތުގައި އެއީ ވަރަށް މުހިންމު ލަފުޒެކެވެ. އަހަރެންގެ ފިރިމީހާގެ ލޯބިކަން ހަމައެކަނި އެ ލަފުޒުން ވެސް އަހަރެންނަށް ހަނދާންކޮށްދެއެވެ. އެ ލަފުޒުގައި، ލޯބީގެ ރަހަ ހިމަނައިގެން އަހަރެންގެ ސިކުނޑީގައި އެ ލަފުޒުގެ ރީތިކަން ބިންވަޅު ނެގުވީ އަހަރެންގެ ފިރިމީހާއެވެ. އެ ލަފުޒުގެ މީރު ރަހަ އަހަރެންގެ އަރުގައި ލެއްވީ ވެސް އޭނާއެވެ. ފާއިތުވެ ދިޔަ 25 އަހަރު ލޯބިން ދޮންމަންޖެއޭ މުޚާތަބު ކުރީތީއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ލަފުޒު ތަކުރާރު ކުރީތީއެވެ. އޭގެ މާނައަށް އަހަރެންގެ ސިކުނޑި ހުޅުވާލައި އޭގެ ރީތިކަމަށް އަހަރެންގެ ހިތް، ގުޅުވާލަ ދިނީތީއެވެ.

އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ހަޔާތުގެ ބަގީޗާގައި ފޮޅިގެން ދިޔަ ދެ މަލެވެ. އެ ދެ މަލަށް ޓަކައި ވާންޖެހުނު ގުރުބާނީއެވެ. މި ގުރުބާނީގައި ވެސް އޮތީ ފިރިމީހާގެ އަޅާލުމާއި އޯގާތެރިކަމެވެ. ހިތްތިރިކަމާއި ކެތްތެރިކަމެވެ.

އަބަދުވެސް ހަނދާން ހުންނާނެއެވެ. އަހަރެން ބަލިވުމަކީ ފިރިމީހާ އެންމެ ކަންބޮޑުވާ އެއް ކަމެވެ. ހިތަށް އަރައެވެ. ތިހައި ހެޔޮ އެދެނީ ކީއްވެ ބާއެވެ؟ ތިހައި އަޅައިލަނީ އަހަރެންގެ ތަބީއަތުގައި ކޮންކަމެއް ހުރެގެން ހެއްޔެވެ؟ ތިޔަ އޯގާތެރިކަން ތިޔަ ދެނީ ކޮން ކަހަލަ ހިތެއް ދެއްވާފައި ވާތީ ހެއްޔެވެ؟ އަހަރެން ބަލިވާ ކޮންމެ ފަހަރަކު އަހަރެންނަށް ޓަކައި ތިޔަ ދޭ ވަގުތުތައް ދޭނީ ކާކު ހެއްޔެވެ؟ އަނބިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އެ އަންހެނުންގެ ޚިދުމަތުގައި ހޮސްޕިޓަލުގައި އެޓްމިޓްވާނީ ކޮން ފިރިއަކު ހެއްޔެވެ؟ ހައްތާހާ ވެސް ރަނގަޅު ކަންކަމެވެ. އަހަރެންގެ ހިތުން ޝުކުރު އަދާކުރެވޭ ކަންކަމެވެ. 

ގަބޫލުކުރެވުނަސް އަދި ނުކުރެވުނަސް ފިރިންނަކީ ނިޢުމަތެކެވެ. ނަމަވެސް އެ ނިއުމަތުން އުފާ ލިބިގަނެވެނީ ހެޔޮކަން އެކުލެވޭ ނަމައެވެ. އަހަރެންގެ ފިރިމީހާ އަހަރެންނަކަށް ދޮގެއް ނުހަދާނެއެވެ. ދުވަހަކު ވެސް ނުހަދައެވެ. އަހަރެންގެ ފިރިމީހާ އަހަރެންނަކަށް އޮޅުވައެއް ނުލާނެއެވެ. ދުވަހަކު ވެސް އޮޅުވައެއް ނުލައެވެ. އެ ޔަގީންކަން އަހަރެންނަށް އެބަ އޮތެވެ. އެހައި ބޮޑަށް ފިރިންނަށް އިތުބާރުކުރަން ނުވާނޭ ބައެއް މީހުން ބުނި ނަމަވެސް އަހަރެން އެންމެ އިތުބާރު ކުރަނީ އަހަރެންގެ ފިރިމީހާއަށެވެ. އެ އިތުބާރުގައި ނެތީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ފޮނިކަމާއި ކަންދެއްކުމެވެ. އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމާއި މަކަރުހެދުމެވެ. މި ކަންކަން ނެތް ފިރިއަކަށް އަހަރެން އިތުބާރު ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.

އަހަރެންގެ ވެސް ގަބޫލުކުރަމެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. ނަމަވެސް އެ ހަނގުރާމާގައި އަހަރެން ދިފާޢުކޮށްދޭނެ ދާއިމީ އައްޑަނައެއް އަހަރެންނަށް ވަނީ ލިބިފައެވެ. އެ ހަނގުރާމައިން ފަތަހަ ލިބޭނެ ގޮތާއި މަގު، އަހަރެންނަށް އޮތީ ކޮށިފައެވެ. ހަމައެކަނި އޮތީ ފާއިތުވީ ފަންސަވީސް އަހަރުގެ އުފާވެރި މާޒީ، މުސްތަގުބަލަށް ވެސް ގެންގޮސް ދިނުމެވެ. މިހާރު ވެސް މި އުޅޭ ލޯބި ދިރިއުޅުން މާދަމާ ވެސް އުޅުމެވެ. އަހަރެންނަށް ޔަގީނެވެ. ފިރިމީހާ ބަދަލެއް ނުވާނެއެވެ. މި ދޮންމަންޖެ ވެސް ބަދަލެއް ނުވާނެއެވެ. އިރާދަކުރެއްވިއްޔާ މި ލޯތްބަކަށް ވެސް ބަދަލެއް ނާންނާނެއެވެ.

އަހަރެންގެ ކޮންމެ ހަރަކާތަކާއި އަހަރެންނާ ގުޅިފައިވާ ކޮންމެ ކަމެއް ފިރިމީހާއަށް މުހިންމެވެ. އަހަރެންނަށް ވެސް ވަރަށް މުހިންމެވެ. އަހަރެމެންގެ ގުޅުން ފެށުނު ދުވަސް ފިރިމީހާއަށް މުހިންމުވާހެން އަހަރެންނަށް ވެސް މުހިންމެވެ. މި ރިހިޔޫބީލް ފިރިމީހާއަށް މުހިންމު ވާހެން އަހަރެންނަށް ވެސް މުހިންމެވެ. އެ ދުވަސް ފާހަގަކުރުމަށް ތިޔަ ފޮނުވާލި އެފްބީ މެސެޖަށް އަހަރެންނަށް ބުނެވޭނީ ޝުކުރިއްޔާއެވެ. އެތައް ބަޔަކަށް ފެންނާނެހެން ތިޔަ ފާޅުކުރި ލޯބި ބަސްކޮޅަށް ވެސް ކުރެވޭނީ ތަޢުރީފެވެ. އޭގެ އަގު އަހަރެން އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ދެވޭނީ ހަމައެކަނި އަހަރެންގެ ހިތެވެ. އަހަރެންގެ ފުރާނައެވެ. އަހަރެންނެވެ.  

ލޯބިވާ ފިރިމީހާއެވެ. ތިޔައީ އަހަރެންގެ ހަޔާތަށް އައި ނޫރެވެ. ތިޔަ ނޫރުގެ ރިހި ދޯދިތަކުން މި ދިރިއުޅުމަށް އަލިކަން ފަތުރައިފީމުއެވެ. އަހަރެމެން ދެ މީހުންނަށް ލިބުނު ދެ ކުދީންގެ ހިތް އަލިކޮށްފީމުއެވެ. އަހަރެންނާއި ދެ ކުދީންގެ ހިތް މިލްކުކޮށްފީމުއެވެ. ދެ ފަރާތުގެ އާއިލާގެ ލޯތްބާއި ގަދަރު ހޯދައިފީމުއެވެ. ތިޔަ ފަދަ ހަރުދަނާ، ހެޔޮ ފިރިއަކު އަހަރެންނަށް ލިބުނީތީވެ ހެއްދެވި ފަރާތަށް ޝުކުރުވެރި ވެވެއެވެ. އަބަދުވެސް ދުޢާކުރެވެއެވެ. ބުނަން ހެއްޔެވެ؟ އަބަދުވެސް ތިޔަ އަތުގެ އޯގާތެރި ހިމާޔަތަށް މި ހިތް އެދެވެއެވެ. ތިޔަ ދުލުގެ ލޯބި ލަފުޒުތަކަށް މި ދެ ކަންފަތް ލޯބިކުރެއެވެ. ތިޔަ ކެތްތެރިކަމާއި ޝައުގުވެރިކަމަށް މި ހަށިގަނޑު އިންތިޒާރު ކުރެވެއެވެ. މާދަމާއަށް ވެސް މި ކުރެވެނީ އެ އިންތިޒާރެވެ. އިރާދަ ކުރެއްވިއްޔާ ދިރިއުޅުމުގެ ރަންޔޫބީލް ވެސް ފާހަގަކުރާނީ މި ރިހިޔޫބީލްހާ ލޯބިކޮށެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments