ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ކިޔަވައިދިނުމަކީ ފަސޭހަކަމެއް ނޫނެވެ. ބަޔަކަށް އެއްޗެއް އުނގަންނައި ދިނުމަކީ ހީކުރާ ވަރަށް ވުރެ އުނދަގޫކަމެކެވެ. އެކަމަކު މިކަން ގަބޫލުކުރަނީ ކާކު ހެއްޔެވެ؟ މިކަމާ އެއްބަސް ވާނީ ކާކު ބާވައެވެ؟ ޔަގީނުން ވެސް މި ކަމުގައި އުޅޭ މީހުން މި ބަހާ އެއްބަސް ވާނެއެވެ. ނަމަވެސް މިއީ މާ ބުރަ ކަމެއްކަމަށް ބައެއް މީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. އެ މީހުންގެ ލޯތަކަށް ފެންނަނީ އަހަރެމެން މަސައްކަތްތަކުން ބައެކެވެ. ކަންފަތްތަކަށް އިވެނީ ދައްކާ ވާހަކަތަކުން ވެސް ބައެކެވެ. އަހަރެންނަށް ގަބޫލުކުރެވެނީ ހަގީގީ މުދައްރިސުން އެ އުފުލާ ބުރަ، ވަޒަން ނުކުރެވެނީ އެހެންވެ ކަންނޭނގެއެވެ.

ކޮންމެ ގޮތަކަށް ގަބޫލުކުރެވުނަސް އަހަރެންގެ ހަޔާތުން ބައެއް މި ހޭދަވީ މުދައްރިސެއްގެ ގޮތުގައެވެ. ދަރިވަރުންތަކަކަށް ކިޔަވައި ދިނުމުގައެވެ. އެނގުނު އެއްޗެއް އެހެން ބަޔަކަށް އަންގައި ދިނުމުގައެވެ.

ފާއިތުވީ ހަތް އަހަރު، އަހަރެން ކުރި މަސައްކަތުން އަހަރެންނަށް ލިބުނީ ދެ އުފަލެކެވެ. އެއީ ބަޔަކަށް އުނގަންނައި ދިނުމުގެ އުފަލާއި އަހަރެންނަށް އާމްދަނީއެއް ލިބުމުގެ އުފަލެވެ. މި ދެ އުފާ ހާސިލުވަމުން ދިޔަ ނަމަވެސް މާ ބޮޑު ކުރިއެރުމެއް މި ކަމުގައެއް ނެތެވެ. މި ކަމަށް އައި މާ ބޮޑު ތަރައްގީ އެއްނެތެވެ.

ބައެއް އެކުވެރީން ބުނެއެވެ. ތިކަން ހުއްޓާލާފައި އެހެން ކަމެއް ފަށާށެވެ. އޭރުން ތިޔަ ދިރިއުޅުން މާ ތިޔާގިވާނެއެވެ. ވަގުތުގެ ބޭނުން މާ ހެޔޮކޮށް ހިފޭނެއެވެ.

ތެދެކެވެ. އަހަރެންނާ އެކު ކިޔެވި ބައެއް މީހުން ކުދި ފިހާރަތައް ހުޅުވައިފިއެވެ. އެކުގައި ކޯސްހެދި ބައެއް މީހުން ކިޔަވައިދިނުމުގެ ދާއިރާ ދޫކޮށް ބޮޑެތި މުއްސަނދިންނަށް ވެއްޖެއެވެ. އަހަރެން ހުރީ ހަމަ އެ ފެންވަރުގައެވެ. ދިރިއުޅުން އޮތީ ހަމަ އިއްޔެ މެންދުރުގައެވެ. މިކަމާ ކިތަންމެ ވަރަކަށް ވިސްނިޔަސް މި ދާއިރާއިން ދުރަށްދާކަށް ހިތެއް ނޭދެއެވެ. މިކަން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ.

"ދެން ތިކަމާ ވިސްނިޔަސް ލިބޭނެ މޮޅެއް އެބަ އޮތްތަ؟ ނާޝިދު ބޭނުމެއް ނުވެއެއްނު ތި ދާއިރާ ދޫކޮށްލާކަށް. މަށަށް ޔަގީންވަނީ އެހެން ދާއިރާއެއްގައި އުޅުނު ނަމަ މިއަށްވުރެ މާ ތަނަވަސްވާނެކަން" ގެއްލިފައި އިން ޚިޔާލުން އަހަރެން ނުކުންނަން މަޖުބޫރު ކުރީ އަންހެނުންގެ އަޑެވެ. އަހަރެންގެ މަސައްކަތަށް އެންމެ ބޮޑަށް ފާޑުކިޔާ އެކަކީ އަންހެނުންނެވެ. އަހަރެން އުޅޭލެއް ބުރަކަމާއި ލިބޭ އާމްދަނީ ކުޑަކަމުގެ ޝަކުވާ އެންމެ ބޮޑަށް ކުރަނީ ވެސް އަންހެނުނެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހުނަސް، ފަހަށް ރައްކާކުރެވިފައިވާ މިންވަރެއް އަތުގައި ނެތުމަކީ އަންހެނުންގެ އެންމެ ބޮޑު ޝަކުވާއެވެ.

"ތިކަން އަހަރެންވެސް ގަބޫލުކުރަން. އެކަމަކު މި އޮތް ހުރިހާ ދުވަހަކު މި ކަމުގައި އުޅެފައި މި ކަމުން ދެން ދުރަށް ދިއުމުގެ މާނައެއް ނެތް. މިހާރު ވެސް މި އުޅޭ ގޮތަށް އިރާދަކިރެއްވިއްޔާ އުޅެވިދާނެއްނު. އެކަމަކު މިހާރު އެބަ ވިސްނަން އެހެން ގޮތަކަށް" އަހަރެންނަށް ލިބުނު ފުރުޞަތެއްގެ ވާހަކަ އަންހެނުންނާ ހިއްސާކުރަން ފުރުޞަތު ހޯދީމެވެ.

"އަނެއްކާ ކޮން ގޮތަކަށް؟ ކީއްކުރަން ތި ވިސްނަނީ؟" އަންހެނުންގެ އަވަސް ސުވާލު އައިސް ކަންފަތުގައި ޖެހިގަތެވެ.

"މިހާރު މި ވިސްނަނީ މި ރަށު ކެންޕަހަށް ބަދަލުވާން. ގައިމު އޭރުން ލިބޭ އެއްޗެއް ތަންކޮޅެއް ބޮޑުވާނެ. މިހާރު މި އުޅޭލެއް ތަންކޮޅެއް ލުއިވާނެކަމަށް" އަހަރެން ވިސްނަމުން ދިޔަ ގޮތް އަންހެނުންނާ ހިއްސާކުރީމެވެ.

"ތިއެއް މަށަކަށް ނޭނގެ. މަށަށް އެނގެނީ ކިޔަވައި ދިނުމަކީ ބުރަ ކަމެއްކަން. ކިޔަވައިދޭ ކޮންމެ ތަނަކަށް ވަނަސް ނާޝިދަށް އުޅެން ޖެހޭނީ ތި ހާލުގައިކަން" އަންހެނުންނަށް ވިސްނޭ ގޮތް އަންހެނުން ހާމަކުރިއެވެ.

"ދެން ބަލަމާ ހިނގާ. ހަމަ ޔަގީނުން ވެސް ފޮތްތައް މާކުކުރާކަށް ނުހުންނާނެ. އެހައި ބައިވަރު ކުލާސްތަކެއް ނަގާކަށް ނުޖެހޭނެ. އިތުރުގަޑީގައި މަސައްކަތް ކުރާ ނަމަ އޯޓީ ލިބޭނެ" އަންހެނުން ވާހަކަ ގަބޫލު ނުކުރެވޭ ބައެއް ކަންކަން އަހަރެން ހާމަކުރީމެވެ.

"ބަލަ ކޮންމެ ތަނަކަށް ވަންނަސް ތި ހުރިހާ ކަމެއް އޮންނާނީ ތިހެން. ދުވަސްކޮޅެއް ފަހުން ކެނޑޭ އެއްޗެއް އެ ކެނޑެނީ. ޓީޗަރެކޭ ދާރިސެކޭ މާ ބޮޑު ތަފާތެއް ހުންނާނެކަމަކަށް މަށަކަށް ގަބޫލެއް ނުކުރެވޭ. މަށަށް ގަބޫލުކުރެވެނީ އެންމެ ކަމެއް. އެއީ ބޮޑެތި މީހުންނަށް ކިޔަވައިދޭން ޖެހޭ ނަމަ ބޮޑަށް ތައްޔާރުވާން ޖެހޭނެކަން" އަންހެނުން ވިސްނާފައި ތައްޔާރުކޮށް ދޫކޮށްލި ޖުމުލައިން އަހަރެންގެ ސިކުނޑިއަށް ވިސްނިފައި ނެތް ކަމެއް ފެންމަތިވިއެވެ.

އެއީ ތެދެކެވެ. ޔުނިވަރސިޓީ ކޯސްތަކަށް ކިޔަވައިދޭ ނަމަ ތައްޔާރުވާން ޖެހޭ މިންވަރު އިތުރުވާނެއެވެ. އެކަމަށް ހޭދަވާ ވަގުތު ގިނަވާނެއެވެ. ނަމަވެސް އެއީ އަހަރެންނަށް ނުވާވަރު ކަމެއް ނޫނެވެ. އެކަން މި ފަހަރު ކުރާނަމެވެ. ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފާނަމެވެ. ޔަގީނުން ވެސް ބެލެނިވެރިންގެ ޝަކުވާތަކުން އޭރުން ސަލާމަތް ވާނެއެވެ.

ޔުނިވަސިޓީން ވަޒީފައި ހަމަޖެހިގެން ރަށު ކެންޕަހުގައި އަހަރެން ކިޔަވައިދޭން ފެށީމެވެ. އެ ތަޖުރިބާ ވީ ވަރަށް އުފާވެރި ތަޖުރިބާއަކަށެވެ. ދިރިއުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔަ ތަޖުރިބާއަކަށެވެ. ޔުނިވަރސިޓީއަށް ވަނުމަށް ކުރިން ލިބުނު ފުރުޞަތުގެ ބޭނުން ކުރެވުނު ނަމައޭ ވެސް ހިތަށް އެރިއެވެ.

ކިޔައިވައިދޭން އަހަރެންނަށް ޖެހުނީ ޓީޗަރުންގެ ކޯހަކަށެވެ. އަހަރެންނަށް ވުރެ ބޮޑެތި މީހުންނަށެވެ. އަހަރެންނާ އެއް ޢުމުރެއްގެ މީހުންނަށެވެ. ބޮޑެތި މީހުންނަށް ކިޔަވައިދޭން ޖެހުމުން ބައެއް ފަހަރު އުނދަގޫވި ނަމަވެސް އެ ކަމަށް ވެސް އަހަރެން ތައްޔާރުވީމެވެ.

ދުވަސްކޮޅެއް ފަހުން ލައްވާލީ ހީނުކުރާ ކަމެކެވެ. އަހަރެންނަށް އައީ ހުށަހެޅުމެކެވެ. ލޯބީގެ ހުށަހެޅުމެކެވެ. ކިޔަވައިދެމުން ދިޔަ ކުލާހުގެ ދަރިވަރެއްގެ ހުށަހެޅުމެކެވެ. ދަރިވަރެކޭ ބުނި ނަމަވެސް އެއީ މީހެކެވެ. އަހަރެންނާ ދާދި އެއް ޢުމުރެއްގެ މީހެކެވެ. ރީތި މީހެކެވެ. ހިތްކިޔާ ކަހަލަ ގޮތެއް ހުންނަ މީހެކެވެ. އެއީ ސާދުނާއެވެ.

ސާދުނާގެ ފުރަތަމަ ފެނިލުމުން ހިތަށް މާ ބޮޑު އަސަރުތަކެއް ނުކުރިޔަސް ފެންނަ ކޮންމެ ފަހަރަކުމެ، އަހަރެންނަށް ބަލައިގޮތާއި ވާހަކަދައްކާ ގޮތުން ޝައްކުގެ ނަޒަރު އޭނާއަށް ސީދާ ކުރެވުނެވެ. ދުވަސްތައް މާޒީވަމުން ދިޔަ ވަރަކަށް އެކަން ޔަގީނާ ގާތަށް ދިޔައެވެ.

އެއްދުވަހެއްގެ ކުލާސް ގަޑި ނިންމާލި ވަގުތެވެ. ސާދުނާ މަޑުކުރީ އެސައިންމަންޓެއްގެ މަޢުލޫމާތު އޮޅުންފިލުވާލާށެވެ. އޭރު ކުލާހުގެ ދެން ތިބި ކުދީން ކުލާހުން ނުކުމެއްޖެއެވެ. އަހަރެންނާއި ސާދުނާ އެކަނިވެއްޖެއެވެ. އޭނާ އުޅުނު ގޮތާއި ވާހަކައިގެ ރާގު ހުރި ގޮތުން ކުޑަކޮށް ހިނިވެސް އައެވެ. އޭނާ އަހަރެންނަށް ބަލާވަރުން އުނދަގޫ ވެސް ވިއެވެ.

ވާހަކަތަކުގެ ތެރެއިން ސާދުނާ ފުރުޞަތު ހޯދިއެވެ. އެ ފުރުޞަތު ހޯދާފާނެތީ ވާހަކައިގެ ރާގު އަހަރެން ބަދަލު ވެސް ކުރީމެވެ. ނަމަވެސް އޭނާ އެއަށް ވުރެ ހުޝިޔާރެވެ. އަހަރެން ދެކެ ލޯބިވާ ވާހަކަ އޭނާ ހާމަކުރިއެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑުން ދެމިގެން ދިޔަހެނެވެ. ދަރިވަރަކު އެ ގޮތަށް ލޯބި ހުށަހަޅާފާނެކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެއަށް ވުރެ ބޮޑަށް ސީދާ ކުލާހުގައި ހުރެ އެގޮތަށް ލޯބި ހުށަހެޅުމުން އެކަން އަހަރެންނަކަށް ބަލައެއް ނުގަނެވުނެވެ.

"ހަގީގަތުގައި ވެސް އަހަރެން ވަރަށް ލޯބިވޭ. އަހަރެންނަށް ޖަވާބެއް ދޭނެކަމަށް އުންމީދުކުރަން" ޖެހިލުންވުމެއް ނެތް ކެރުމާ އެކު ސާދުނާ ބުނި އެންމެ ފަހު ޖުމުލަ، އިރުތަކެއް ވަންދެން ކަންފަތުގައި ގުގުމަމުން ދިޔައެވެ. އަހަރެންނަށް ހުރެވުނީއެވެ. ބުނާނެބަހެއް ދުލަށް ނައިސްގެންނެވެ. ހަދާނެ ގޮތެއް ނުވިސްނިފައެވެ.

އަހަރެން ކިޔަވައިދޭ ކުލާހުގައި އަހަރެންގެ މޭޒުކައިރީ ހުރެ އަހަރެންނަށް ލޯބި ހުށަހެޅުމަށް ފަހު ސާދުނާ ނުކުތެވެ. ހިތުގައި ހުރި އިހުސާސްތައް ވެސް ނުކުތީ އެހިސާބުންނެވެ. އަމިއްލަ ނަފުސާ މެދު ވިސްނާ ލެވުނީ ވެސް އެއަށް ފަހުއެވެ. އަހަރެންނަކީ ޓީޗަރެކެވެ. ޓީޗަރަކާ ދަރިވަރަކާ ދެމެދު އޮންނާނީ ވަކި ކަހަލަ ގުޅުމެކެވެ. އެ ގުޅުން އިމުން ބޭރުވެއްޖެ ނަމަ ކޮންމެ ކަމެއް ވެސް ކުރަން ކެރިދާނެއެވެ. ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެއެވެ. ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެއެވެ. އަހަރެންގެ ޒަމީރު އަހަރެންގެ ހިތަށް ބާރު ފޯރުވިއެވެ. އެ ކެރުމަށް ތަޢުރީފު ކުރާކަށް ހިތް ބޭނުމެއް ނުވިއެވެ. އެ ހުށަހެޅުމަށް އާނބަސް ބުނާކަށް ހިތެއް ނޭދުނެވެ. އަހަރެން ވިސްނީމެވެ. އަންހެނުންނާ އެ ކަން ހިއްސާކުރީމެވެ. ދެން ހަދާނެ ގޮތަކާ މެދު ޚިޔާލުބަދަލުކުރީމެވެ.

ފަހުން ފަހުން އަހަރެން އުޅުނީ ވަރަށް ވިސްނައިގެންނެވެ. ސާދުނާގެ ހުށަހެޅުންތަކަށް އަހަރެން ފުރަގަސް ދިނީމެވެ. އޭނާ ދިން ދައުވަތުތަކަށް ނޫނެކޭ ބުނީމެވެ. އެތައް ގޮތަކުން އަހަރެންނަށް ގުޅުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ފުރުޞަތުތައް ފަހިވިޔަކަ އަހަރެން ނުދެމެވެ.

އަހަރުގެ އިމްތިހާނު ފެށި ޕޭޕަރުތައް އަހަރެން އަތަށް އެރިއެވެ. މާކުކުރުމުގެ މަސައްކަތް އަހަރެން ފެށީމެވެ. ސާދުނާގެ ކިބައިން މިންޖުވާކަމުގެ ހިތްހަމަ ޖެހުން ލިބިގަތީމެވެ.

މާކުކުރަމުން ދިޔަ ޕޭޕަރުން ލިބުނީ ހައިރާންކަމެވެ. އޭގައި ލިޔެފައި އޮތީ ސިޓީއެކެވެ. ލޯބީގެ ސިޓީއެކެވެ. އަހަރެންނަށް ލިޔެފައިވާ ސިޓީއެކެވެ.

"އަހަރެންނަށް ޖަވާބެއް ދޭށެވެ. އަހަރެން މިވާ ލޯތްބަށް އާއެނކޭ ބުނާށެވެ. އަހަރެން މި ސިޓީ މި ލިޔަނީ މި ސިޓީ ކިޔާނެކަން ޔަގީންވާތީއެވެ. އެ ނޫން ގޮތަކަށް ނާޝިދަށް މެސެޖު ރައްދު ނުވީތީއެވެ. މި ޕޭޕަރުން ސުމެއް ލިބުނަސް އަހަރެންނަށް ވަރިހަމައެވެ. މި ޕޭޕަރުން ލިބޭ މާކުހަށް ވުރެ އަހަރެންނަށް މުހިންމީ ތިޔަ ލޯތްބެވެ. ތިޔަ ރީތިކަމާއި ތިޔަ ސާދާކަމެވެ. ހަގީގަތުގައި ވެސް އަހަރެން ވަރަށް ލޯބިވެއެވެ. އަހަރެންގެ މި ހުށަހެޅުން ގަބޫލުކުރާށެވެ. މި ކަން ގަބޫލު ނުކުރާ ނަމަ ދެން ހަދާނެ ގޮތް އެނގޭނީ އަހަރެންނަށެވެ." ޕޭޕަރުގައި ލިޔެފައިވާ ސިޓީން އަހަރެންނަށް ވެރިވީ ހިތްހަމަ ނުޖެހުމެވެ. ނުތަނަވަސްކަމާއި ފޫހިކަމެވެ. އަހަރެންނާ ހެދި ދީވާނާ ވިޔަސް އެއީ ބޮޑުވަރެވެ. އެއީ ލޯބިކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ.

އެ ޕޭޕަރަށް އަހަރެން ދިނީ ސުމެކެވެ. ކޮށްފައިވާ އެއްވެސް ސުވާލަކާ ގުޅުމެއް ނެތް ޖަވާބެއް ދިނީތީއެވެ. އެ ވަރަކުން އަހަރެން ނުނިންމަމެވެ. އޭނާ އޮފީހަށް ހާޒިރުކުރީމެވެ. އެހެން ދާރިސުންގެ ކުރިމަތީ އޭނާ ބަހައްޓައި އެ ލޯތްބަށް ނޫނެކޭ ވެސް ބުނީމެވެ. އޭނާ އަހަރެން ދެކެ ވާ ލޯތްބަށް ވެސް ސުމެއް ދިނީމެވެ. ފޮނުވާފައިވާ ސިޓީގެ ޖަވާބު ވެސް އަނގަބަހުން ދިނީމެވެ. އަހަރެންނަކީ މީހެއްގެ ފިރިއެކެވެ. އަހަރެންގެ ހިތްވަނީ އެހެން މީހަކަށް ދެވިފައެވެ. އެ ހިތުން އެހެން ފަރާތަކަށް ދޭނެ ލޯތްބެއް ނެތެވެ. އެއަށް ފަހު އޭނާ ފޮނުވާލީމެވެ. މިއީ އަހަރެންގެ އަތުން ސުމެއް ދިން ހަމައެކަނި ޕޭޕަރެވެ. އެ ސުމަކުން މީހަކު ހިތުގައި ޖެހުނަސް އަހަރެންނަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. ހަޔާތަށް ލިބުނީ އިތުރު އުފަލެކެވެ. އަންހެނުންގެ ގާތަށް ވެސް އައީ ހިންޏެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments