
ތުޅާދޫ ސުކޫލަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކުރެވޭ ސުކޫލެކެވެ. ތުޅާދޫ ސުކޫލުގައި އަޅުގަނޑު ތަޢުލީމު ޙާޞިލުކުރީ 1980 ގެ އަހަރުތަކުގައެވެ. އޭރު ތުޅާދޫ ސުކޫލަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކުރެވޭ ސުކޫލެކެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުން މި ސުކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ ކަމެވެ. އެހެންކަމުން އަމިއްލަ ވަޒަންވެރި ދަރިވަރުންނާއި ހިޖުރަކޮށްގެން ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ މެދުގައި އެއްވެސް ތަފާތު ކަމެއް ނެތި ސުކޫލުން ފާހަގަކުރާ މަސައްކަތު ދުވަސްތަކުގައި ބައިވެރިވެއެވެ.
އޭރުވެސް ސުކޫލުގައި 4 ބައި (ހައުސް) އޮވެއެވެ. މި ހަތަރު ބަޔަކީ "ހަލަވެލި، ކުރެދި، ގުލްހަޒާރު، ގުލްޗަނބޭލި" އެވެ. މި ހަތަރު ބައިގެ މެދުގައި ނުހަނު ބޮޑު ވާދަވެރިކަމެއް އޮވެއެވެ. ސަބަބަކީ ކޮންމެ ޓާމެއްގައި ވެސް ތަޢުލީމީ ގޮތުން ވަނަ ހޮވުމުގެ އިތުރުން ތަފާތު ކުޅިވަރު މުބާރާތްތަކާއި ސުކޫލުގެ މަސައްކަތު ދުވަސް ފާހަގަކުރުމާއި އަހަރީ ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެހެނިހެން ޙަރަކާތްތަކަށް ތައްޔާރުވުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދަނީ މި ބައިތަކުގެ މެދުގައި ކަމަށްވުމެވެ. އެގޮތުން މި ބަލައިލަނީ މަސައްކަތު ދުވަސްތައް ކުރިޔަށް ގެންދާ ގޮތްތަކުގެ މައްޗަށެވެ.
ޢާންމު ގޮތެއްގައި ކޮންމެ އަހަރަކު އެއް ފަހަރު މަދަރުސާގެ މަސައްކަތު ދުވަސް ފާހަގަކުރެއެވެ. މިގޮތުން ދުރާލައި މަސައްކަތު ދުވަހަށް ތައްޔާރުވެއެވެ. މަސައްކަތު ދުވަސް ފާހަގަކުރާއިރު، ދަރިވަރުންނަށް އިރުޝާދުދީ، ކަންކަން ރޭވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވަނީ ބަޔާ ޙަވާލުވެ ތިއްބަވާ މުދައްރިސުންނެވެ. މިގޮތުގެ މަތިން މުދައްރިސުންނާއެކު ކޮންމެ ބައެއްގެ އިސް ދަރިވަރުންގެ އިސްނެގުމުގެ މަތިން ބައްދަލުކޮށް، މަސައްކަތް ކުރިޔަށް ގެންދިއުމުގެ ކަންކަން ރޭވެއެވެ. މަސައްކަތް ފަށާ ގަޑިއާއި ނިމޭ ގަޑި ކަނޑައަޅައި، އަންގަނީ ސުކޫލުންނެވެ.
މަސައްކަތް ފެށުމާއި ނިންމުން އޮންނަނީ ސުކޫލުގައެވެ. މަސައްކަތަށް ދަރިވަރުން އަންނަނީ ހެނދުނު ސައި ނިންމައިގެންނެވެ. ކޮންމެ ބައެއްގެ ދަރިވަރުން ވެސް އިތުރު ގުރޫޕުތައް ހަދައި، ގިނަ ފައިސާ ހޯދުމުގެ ރޫޙު އޮވެއެވެ. އެހެންކަމުން މަސައްކަތް ފަށާ ދުވަހުގެ ކުރިން ދަރިވަރުން އަމިއްލައަށް ދުރާލައި މަސައްކަތް ހޯދާފައި ބަހައްޓައެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ގުރޫޕުތަކުން މަސައްކަތަށް ފުރަތަމަ ދަނީ އެހެން ތަންތަނަށެވެ. އެއަށްފަހު ކުރިން ހޯދާފައި ހުރި ތަންތަނަށް ދަނީ ފަހުންނެވެ. މަސައްކަތަށް ޙާޟިރުވާއިރު، އެކަމަށް ބޭނުންވާ ވަޞީލަތްތައް ގެއިން ގެންދެއެވެ. އޭގެތެރޭގައި ގޯންޏާއި ބަރޯ ފަދަ އެއްޗެހި ހިމެނެއެވެ. މަސައްކަތަށް ނިކުމެ އުޅޭއިރު ވަރަށް ޖޯޝާއި ފޯރީގައި އުފަލާއެކު މަސައްކަތުގައި ޝާމިލުވެގެން، ކުރިޔަށް ގެންދާއިރު ބައެއް ގޭގެއިން ޖޫހާއި ފަނި ލިބެއެވެ. އެއީ ވެސް އެ ދުވަސްވަރަށް ބަލާއިރު މަސައްކަތަށް ދިރުން ގެނުވާ ކަމަކަށް ވެއެވެ. އެ ދުވަސްވަރަކީ ތުޅާދޫގެ މަސްވެރިކަން އެންމެ ބޮޑަށް ކުރިއަރާފައި އޮތް ދުވަސްވަރޭ ބުނުމަކީ ދެރަ ކަމެއް ނޫނެވެ. އެހެންކަމުން މަސް އަވީލުމާއި ލޮނު މުގުރުމާއި ގައު އެރުވުމާއި ގައު ތެޅުމާއި ގޯތިތައް ސާފުކުރުމާއި ދަރުފެޅުމާއި ދަރު އުފުލުމާއި ފަޅުތެރެއިންނާއި ބޮޑުފިނޮޅުން ވެލި ގެނައުން ފަދަ ތަފާތު މަސައްކަތްތަކުގައި ދަރިވަރުން ޝާމިލުވެއެވެ. މަސައްކަތު ދުވަސް ފާހަގަކުރާއިރު ބެލެނިވެރީންގެ ފަރާތުން ނުހަނު ބޮޑަށް އެއްބާރުލުން ލިބޭކަން ފާހަގަކުރަމެވެ.
މަސައްކަތު ދުވަސް ނޫނަސް ސުކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަކީ ވެސް ދަރިވަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިއްބައިދޭ ކަމެކެވެ. އެގޮތުން ދަރިވަރުން ގުރޫޕުތަކަށް ބަހައިގެންނާއި ކުލާހުގެ ވާދަވެރިކަމުގައި ވެސް މި ޙަރަކާތް އެތައް ދުވަހަކަށް ދެމިގެން ގޮސް، އަހަރީ ދުވަސް ފާހަގަކުރާ ހިސާބަށް ދާއިރު ދަރިވަރުން ވަރަށް ގިނަ މަސައްކަތް ކުރެއެވެ. މިގޮތުން ރިޔާ ނެގި ކުދި ދޯނިފަހަރުގައި ދަތުރުކޮށް، ބޮޑުފިނޮޅުންނާއި އެނބޫދޫ އަދި ދުނިކޮޅުން މާމެމެލާމެލީގެ ތަފާތު ވައްތަރުތަކުގެ ގަހާއި ވެޔޮ ގެނެސްގެން ސުކޫލު ޒީނަތްތެރިކުރެއެވެ.
އިސްވެ ފާހަގަކުރެވުނު މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިވެ، ޙަރަކާތްތެރިވުމުގެ ނަތީޖާ، އާޚިރުގައި ވަރަށް ވެސް ފޮންޏެވެ. މަސައްކަތްތެރިކަމަށް އަހުލުވެރިވެ، ތަފާތު މަސައްކަތްތަކަށް ދަރިވަރުން ލޯ ހުޅުވެއެވެ. ހަމައެފަދައިން ދިރިއުޅުމުގެ އަމަލީ މައިދާނަށް ނިކުމެ، ކުރިޔަށްދާނޭ މަގުތައް އިޚުތިޔާރުކުރުމުގައި ކުރެވިފައިވާ ތަޖުރިބާތަކާއި ލިބިފައިވާ ޢިލްމީ ދަންމަރުގެ އަލީގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަކީ ދާދި ފަސޭހަކަމަކަށް ވެގެންދެއެވެ. އެހެންކަމުން ސުކޫލު ދައުރުގައި މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެއްކަން ފާހަގަކުރަމެވެ.