ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ދެވި

ހުސޭނު އިނީ ދަންވަރު ޑިއުޓީގައެވެ. ދަނާލު ކުރިމަތީ ހުރި ޢިމާރާތުގެ ބޮޑު ގޯޅިގަނޑު ތެރޭ ހުރި ހުދު ގޮނޑިއެއްގައެވެ. ޖެހޭ މަޑު ވައިރޯޅިތަކުގެ ފިނިކަމުން ނިންޖަށް މޮޔަވެފައިވާ ހުސޭނަށް ބައެއް ފަހަރު ދެ ލޯ މަރާލެވެއެވެ. ނަމަވެސް އެ ދެ ލޮލުގެ މަތީ އެސްފިޔަތައް ތިރީ އެސްފިޔަތަކުގައި ތަތްކޮށްލުމަށް އެ ދެ ލޯ އުޒުރުވެރިވެއެވެ. އެހެންވެ އިރުއިރުކޮޅާ އެ ދެ ލޯ ހުޅުވާލެވެއެވެ. އެއާ އެކު މުޅި މާހައުލަށް ނަޒަރު ހިންގާލެވެއެވެ.

ހުސޭނުގެ ނިދި އިތުރަށް ގަދަވާހެން އޭނާއަށް ހީވިއެވެ. ކިތަންމެ ވަރަކަށް ނުނިދާ އިންނަން ބޭނުން ވިޔަސް އެ ކަމަށް އުނދަގޫވާހެން ވެސް ހީވިއެވެ. ހުސޭނު ހިތްވަރު ހޯދީ އޭނާގެ ޒިންމާއިންނެވެ. ހަނދާނަށް ގެނައީ އޭނާ ކުރަންޖެހޭ މަސައްކަތެވެ. ހިތަށް ވެއްދީ އޭނާ ނިދައިފި ނަމަ ދެން ވެދާނެ ގޮތެވެ.

ހުސޭނަށް މަޖުބޫރުވީ ތެދުވާށެވެ. ތެދުވެ ނިދި ފިލުވައިލާށެވެ. އެކި ދިމަދިމާއަށް ހިނގާލާށެވެ. އެ ނިޔަތުގައި ތެދުވެ ހުސޭނު ހިނގައިގަތީ ގާ އަތުރާފައިވާ އެ ފުޅާ ގޯޅިގަނޑުން އެތެރެއަށެވެ. އެއްވެސް ވިސްނުމެއް ނެތް މަޑު ހިނގުމުގައި އޭނާއަށް ކުރިއަށް ދެވުނީ ވަކި ހިސާބަކަށެވެ. ކަންފަތް ބުނޑުން ކަހަލަ ގޮތަކަށް ހޭރިގަތީ ފިސާރި ކަޅު ބުޅަލެކެވެ. އެ ދަންވަރުގެ ހިމޭން ވަގުތު ނިދާފައި އޮތް މާހައުލު ހޭލިފަދައިން ހުސައިންގެ ނިދީގެ އިހުސާސް ވެސް ހޭލައްވާލީ އޭނާގެ ހިމޭން ހިތާ ވެސް އެކުއެވެ.

ކުޑަކޮށް ސިހުނު ނަމަވެސް ހުސޭނު ވިސްނާލިއެވެ. އެއީ އެހެންޏާ ވެސް އުޅޭ ބުޅަލެކެވެ. އެހެންޏާ ވެސް ފެންނަ ބުޅަލެކެވެ. އެ ސޮރު އެކަނި އޮވެފައި އެހާ ބާރަށް އެ ހޭރި ގަތީ ކީއްވެ ހެއްޔެވެ؟ އެންމެ ދެ ތިންފަހަރު ހޭރި ގަނެފައި އެ ދުއްވައި ގަތީ ކީއްވެ ބާއެވެ؟ ބުޅަލަކީ ގޯސް އެއްޗެއް ނޫނެވެ. އޮޅު ކޮށްގެން ގެންގުޅެން ވެސް ރަނގަޅު އެއްޗެކެވެ. ހުސޭނުގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުގެ ޖަވާބު އެ ހިތުން ދިޔައީ ދެމުންނެވެ. ހުސޭނު ބަލަހައްޓައިހެން ހުއްޓާ އެ ބުޅާ ގޮސް ނުކުތީ މައިގޭޓުން ބޭރަށެވެ.

އިރުތަކެއް ފަހެވެ. ހުސޭނު އިނީ އޭނާއަށް ޚާއްޞަ ގޮނޑީގައެވެ. އަތުގައި އޮތް ފޯނާ ގުޅިފައިވާ ހެޑްސެޓުން ގުރުއާން އަޑު އަހާލައަހާލައެވެ. އެ އަޑު އަހަމުން ވެސް އެކި ދިމަދިމާއަށް ހުސޭނުގެ ނަޒަރު ދިޔައީ ސީދާ ކުރަމުންނެވެ.

ހުސޭނުގެ ތޫނު ނަޒަރު ގޮސް ހުއްޓުނީ ދަނާލު ކުރިމަތީ ހުރި ކުއްޖަކަށެވެ. އަތް ދިގު، ރަތް ހެދުމުގައި ހުރި އެ ކުއްޖާ ބަލަހައްޓައި ގެން ހުރީ ވެސް ދަނާލާ ދިމާއަށެވެ. ހުސޭނަށް ބަލައި ލެވުނީ ގަޑިއަށެވެ. 4ޖަހަން ހުރީ ދެތިން މިނެޓެވެ. އެ ގަޑީގައި އެހައި ނަލަ ހެދިގެން އެ ހުރީ ކާކު ހެއްޔެވެ؟ ދަނާލުގައި އުޅޭ ކުއްޖެއް ހެއްޔެވެ؟ އޭނާއަށް އާދެވުނުލެއް ލަސްކަމުން ދަނާލަށް ނުވަދެވުނީ ކަންނޭނގެއެވެ. ހުސޭނަކަށް ނުއިނދެވުނެވެ.

"ކޮއްކޯ ކިހިނެއް ވެފައި؟ އާދެބަލަ މި ކޮޅަށް" ޔުނިވަރސިޓީގެ ގޭޓު ކައިރީ އެތެރޭގައި ހުރެ، ހުސޭނު ގޮވާލީ އެ ކުއްޖާއަށެވެ. އެ ކުއްޖާ ކުޑަކޮށް ކައިރިވެލިއެވެ. މެދުމިނުގެ ދޮންކަމެއް ލިބިފައިވާ އެ ކުއްޖާގެ މޫނުމަތިން ފެނުނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އެ މޫނުން ހުސޭނަށް އެތައް ވާހަކަތަކެއް ބުނެދިނެވެ. އޭނާއަށް ކޮންމެވެސް ތަނަކުން ފެނުނު ކުއްޖަކާ ވެސް ވައްތަރުވިއެވެ. ނަމަވެސް އޭނާގެ ހަނދާންތަކުން އެކަން ޔަގީން ކޮށެއް ނުދިނެވެ.

"މި އުޅެނީ ދަނާލަށް ނުވަދެވިގެން. އަހަރެން މި އައީ ހުޅުމާލެއިން. ރައްޓެހި ކުއްޖެއްގެ އުފަން ދުވަސް ފާހަގަކޮށްފައި. އެ ކަމުގައި އުޅެން ހަދައިގެން ލަހުން މި އާދެވުނީ" ދަނާލުގެ ގޭޓު އެ ރެއަށް ބަންދުކުރުމުގެ ކުރިން އާދެވޭ ގޮތް ނުވީ ކީއްވެގެންކަން އެ ކުއްޖާ އޮޅުންފިލުވައި ދިނެވެ.

"އެކަމަކު ބާރަ ޖެހުމަށް ފަހު ދެނެއް ގޭޓެއް ނުހުޅުވާނެ. އެއީ މަނާކަމެއް. އެކަން ކުރިއަކުން ނޭނގޭތަ؟" ހުސޭނު ސުވާލުކުރިއެވެ.

"ނޫން. އެނގޭ. ކުރިން އަހަރެން ހީކުރީ ހުޅުމާލޭގައި، އަހަރެމެން ޕާޓީ ބޭއްވި ގޭގައި މިރޭ ހުރެވޭނެކަމަށް. އެކަމަކު އެ ކަމެއް ނުވި. އެ ގޭގައި ނުހުރެވޭނެކަން އެނގުނީ 1 ޖަހަން އުޅެނިކޮށް. އެހެންވެ އަންނަން ޖެހުނީ. ބޭބެ ގުޅާލަންވީނު ދަނާލުގައި އުޅޭ މީހުންނަށް. އަހަރެން ވައްދަން" އެ ކުއްޖާ އެދުނީ ދަނާލަށް ވަދެވޭނެ ގޮތެއް ހަދައި ދިނުމަށެވެ.

"ނޫން. ތިއީ ނުވާނެ ކަމެއް. އެއްވެސް ކުއްޖަކު ގަޑި ޖެހުމަށް ފަހު ނުވައްދަން އޮންނަނީ ބުނެފައި. އަނެއްކާ މިހާރު އެހަރަ 4 ޖަހަނީ. މިހާ ލަސްވީމާ ވެސް ދަނާލަކަށް ވައްދައެއް ނުދޭނެ" ހުސޭނު ދިނީ އެކަން ނުވާނެ ކަމުގެ ޔަގީންކަމެވެ.

"އެހެންވިއްޔާ އަހަރެން ތި ތަނަށް ވައްދަންވީނު؟ ފަތިސްނަމާދަށް ގޮވީމާ ނެރޭނީ. އަހަރެން މަޑުކޮށްފާނަން އެތާ ސިޑިމަތީގައި ވެސް. އެއީ މަނާކަމެއް ނޫނެއްނު" އެ ކުއްޖާ އެދުނީ ޔުނިވަރސިޓީ އެތެރޭގައި މަޑުކުރުމުގެ ހުއްދައަށެވެ.

"މިތާ އެތެރެއަށް.....؟ މިތާ އެތެރެއަށް ވެއްދުމަކީ ވެސް މަނާކަމެއް. އެއްވެސް ކުއްޖަކު ވައްދައިފި ނަމަ ދެން އޮންނާނީ އެހެން ދަރިވަރުން ވެސް ވައްދަން ޖެހިފައި. އެހެންވީމާ......" ހުސޭނުގެ ވާހަކަ މެދުކަނޑުވާލީ އެ ކުއްޖާއެވެ.

"އެކަމަކު އަހަރެން މިހެން ބޭރުގައި ހުއްޓާ ކަމެއް ދިމާވެއްޖެ ނަމަ ޔުނިވަރސިޓީ ޒިންމާވާކަށް ނުޖެހޭނެތަ؟ ގައިމު ވެސް ބޭބެއަށް އެބަ އެނގޭދޯ އަންހެން ކުއްޖަކު މި ތަނަށް ނުވަދެވިގެން ބޭރުގައި އެބަ ހުރިކަން. އަހަރެން ވެސް ގަބޫލުކުރަން އަހަރެން އައިލެއް ލަސްކަން. އެކަމަކު އަހަރެން އުޅޭ ތަނުން އަހަރެންނަށް ހިމާޔަތް ނުދީ ދެން ދޭނީ ކޮން ތަނަކުން؟ ޔުނިވަރސިޓީ ކުއްޖަކަށް މި ތަނުން އަޅާ ނުލައި ދެން އަޅާލާނީ ކޮން ބައެއް؟" އެ ކުއްޖާ ދައްކަން ފެށި ވާހަކަތަކަށް ހުސޭނު ވިސްނާލިއެވެ. އެއީ ވެސް ތެދެކެވެ. ދަންވަރު ވަގުތު އަންހެން ކުއްޖަކު އެގޮތަށް ބޭރަށް ދޫކޮށްލާކަށް ނުވާނެއެވެ. އެ ޒިންމާ ނޫފުލައި ދޫކޮށްލާކަށް ނުވާނެއެވެ. ހުސޭނުގެ ހިތް ކުރަމުން ދިޔަ މަޖުބޫރަށް އޭނާއަކަށް ފުރަގަހެއް ނުދެވުނެވެ.

"އެތެރެއަށް ވަދޭ. އެހަރަ ގޮޑީގައި ގޮސް އިށީނދޭ. މިގޮތަށް މި ގަޑީގައި ޔުނިވަރސިޓީ ތެރެއަށް ދަރިވަރުން ވެއްދުމަކީ ރަނގަޅު ގޮތެއް ނޫން. އެކަމަކު ތިގޮތަށް ބޭރުގައި ކުއްޖަކު ބެހެއްޓުމަކީ ވެސް ތިބުނާހެން ރަނގަޅުކަމެއް ނޫން" ގޭޓުގެ ދޮރު ހުޅުވަމުން ހުސޭނު ބުނީ އެ ކުއްޖާ ކަންކުރަންވީ ގޮތެވެ. ހުސޭނު ހުޅުވި ގޭޓު ތަޅުލައި ނުނިމެނީސް އެ ކުއްޖާ ހިނގައިގަތީ ފުޅާ ގޯޅިތެރޭން ކުރިއަށެވެ. ހުސޭނަށް ފެނުނީ އެ ކުއްޖާ ގޮސް އެ ގޯޅިން ލަނބާލަނިކޮށެވެ. ހުސޭނަށް ހަޅޭއްލަވައި ގަނެވުނެވެ. އެ އަޑާއެކު އޭނާއަށް ހިނގައި ގަނެވުނެވެ. އަދި ދުއްވައި ވެސް ގަނެވުނެވެ.

ހުސޭނަށް ލިބުނީ ހައިރާންކަމެވެ. އިމާރާތުގެ ތެރެއިން ލާފައި އޭނާ ވަންނުވަން ތަނެއް ހުސޭނަކަށް ނޭނގުނެވެ. އެ ބޮޑު އިމާރާތުގެ ތެރޭގައި އޭނާ ހެދިގޮތެއް ހުސޭނަކަށް ނުވިސްނުނެވެ.

"ކޮންތާކަށް ތި ދިޔައީ؟ ކިހިނެއް ތިހެދީ؟ މި ތަނަށް ވެއްދީމާ ވެސް؟" ހުސޭނުގެ ބާރު އަޑުން އިމާރާތް ގުގުމާލިއެވެ. އެ އަޑާ އެކު ދެން އިވިގެން ދިޔައީ ބުޅަލެއްގެ ބާރު ހޭރުމުގެ އަޑެވެ. ހުސޭނުގެ ލޯ ހުއްޓުނީ އެ އަޑު އަންނަ ދިމާއަށެވެ. އެއީ ކުރިން ވެސް ފެނުނު ކަޅު ބުޅަލެވެ. ހުސޭނަށް ވިސްނައިލެވުނެވެ. ޔުނިވަރސިޓީ ގޭޓުން އެތެރެއަށް ވެއްދުނީ އިންސާނެއް ހެއްޔެވެ؟

"އޭތް! އޭތް! ކޮން ހަޅޭކެއް ތި ލަވަނީ؟" ޔުނިވަރސިޓީގެ އަނެއް ގޭޓާ ދިމާގައި އިން ސަރުދާރު ނަޖުމީ އައިސް ހުސޭނާ އަރާހަމަކުރިއެވެ.

"މަ ހީކުރީ ވަގަކު ވަނީ ކަމަށް؟ ކީކޭ ތި ގޮވަނީ؟ ކޮބާ ތި ބުނާ މީހާ؟ ކޮންތާކަށް ވަނީ؟" ނަޖުމީ ސުވާލުކުރިއެވެ.

"އެއީ ހީވި ގޮތެއް. މަށަށް ހީވީ މީހަކު ވަން ހެން؟ އެހެންވީމާ ހަޅޭއްލަވައި ގަތީ" ހުސޭނު އޮޅުވާލިއެވެ. އޭނާއަށް ތަޖުރިބާ ކުރެވުނު ކަންތައް އޭނާ ބޭނުންވީ ސިއްރުކުރާށެވެ. 

"ކަލޭ ހަޅޭއްލަވައި ގަތް ބާރުކަމުން އެ އޮތް ބުޅާގަނޑު ވެސް އެ ހޭރިގަތީ. އެ ސޮރު ވެސް ތިޔަ، ބިރު ގަންނުވާލަނީ ވިއްޔާ" ސަރުދާރުގެ އެ ޖުމުލައިން ހުސޭނަށް ކުރެވުނީ ސުވާލެކެވެ.

"ކީއްވެ ތިހެން ތިބުނީ؟ އަނެއްކާ އެ ބުޅަލުން ކަމެއް ފާހަގަ ކުރެވުނީތަ؟"

"އާނ! ކިތަންމެ ކަމެއް މަށަށް ފާހަގަވޭ. މަ މި ހުންނަނީ ތި ވާހަކަތައް ނުދައްކަން. ކަލޭމެން ބިރުގަންފައިނެތީ އެ ވާހަކަތައް ސިއްރުކުރަން" ހުސޭނުގެ ސުވާލަށް ނަޖުމީ ޖަވާބުދިނެވެ.

"އެއްކަލަ ނަޖުމީ. ނަޖުމީ ހީކުރަނީ އަހަރެން ބިރު ގަންނުވާލެވިދާނެކަމަށްތަ؟ އަހަރެންނަކީ ބިރު ގަންނަ މީހެއް ނޫން" ހިނިގަނޑަކާ އެކު ހުސޭނު ވާހަކަ ފެށިއެވެ.

"އައްދޭ. މަށަށް ވެސް އެނގޭ ކަލޭ ބިރު ނުގަންނާނެކަން. އެކަމަކު މަ މި ހަދަނީ ތެދު. އެ އޮތް ބަޅަލަކީ މި ތަނުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ބުޅަލެއް. އެ ސޮރުގެ ގެއަކީ މީ. މަށަށް ޔަގީން އެއީ ބުޅަލެއް ނޫންކަން. ކަލޭ ގަބޫލު ނުކޮށްފާނެ. އެކަމަކު މިއީ ހަގީގަތް" ނަޖުމީ ދައްކަމުން ދިޔަ ވާހަކަތައް ހުސޭނަށް ގަބޫލުކުރެވުނަސް އެކަން ގަބޫލުކުރާކަން ދައްކާކަށް ހުސޭނު ބޭނުމެއް ނުވިއެވެ.

"ތި ގޮތަށް ގަބޫލުކުރަންޏާ ގަބޫލުކުރަންޖެހޭ ކިތަންމެ ކަމެއް އެބަ ހުރި. ދެން ވެސް މާ ވާހަކަ ގިނަ ނުކޮށް އަވަހަށް އެ ފަރާތަށްދޭ. އަނެއްކާ އަނެއް ވަގު މި ތަނަށް ވަދެދާނެ" ހުސޭނު ބޭނުންވީ ނަޖުމީ އެތަނުން ފޮނުވާލާށެވެ. އޭނާ ބޭނުންވީ ހިނގައިދިޔަ ހާދިސާއާ މެދު ވިސްނާށެވެ. ޔުނިވަރސިޓީ ތެރެއަށް އެ ވެއްދުނީ އިންސާނެއް ހެއްޔެވެ؟ ގައިމު ވެސް ފުރަތަމަ ފެނުނީ އިންސާނެއްގެ ސޫރައިގައެވެ. އެ މޫނަކީ ދަންނަ މޫނެކެވެ. ކޮންމެވެސް ދުވަސްވަރަކު ދުށް ހަނދާންވާ މޫނެކެވެ.

ހުސޭނުގެ ސިކުނޑިން ނިއުޅަމުން ދިޔަ މާޒީގެ ހަނދާންތައް ފަށްޖަހަމުން އައިސް އޭނާގެ ސިކުނޑިން ނަމެއް ބުނެދިނެވެ. އެއީ ޒުހުރާއެވެ. މީގެ 8 އަހަރު ކުރިން ޔުނިވަރސިޓީ ތެރެއިން ގެއްލުނުނުކަމަށް ބުނާ ކުއްޖާއެވެ. ހުސޭނަށް ލެވުނު ފުންނޭވާއާ އެކު އެތައް ސުވާލުތަކެއް ސިކުނޑިއަށް ޖަމާވާން ފެށިއެވެ. އެ ކުއްޖާއާ ބުޅަލާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ކުއްޖާ ބުޅަލެއްގެ ސޫރައަށް ބަދަލުވީ ހެއްޔެވެ؟ ބަދަލު ނުވާ ނަމަ އެ ކުއްޖާ ކޮބައި ހެއްޔެވެ؟ ވަނީ ކޮންތާކަށް ހެއްޔެވެ؟ ޖަމާވަމުން ދިޔަ ސުވާލުތަކާ އެކު ހުސޭނަށް ހަނދާންވަމުން ދިޔައީ ނަޖުމީގެ ވާހަކަތަކެވެ. އެ ވާހަކަތަކުން ހުސޭނަށް ގަބޫލުކުރެވުނީ ނަޖުމީއަށް އެތައް ކަމެއް އެނގޭކަމެވެ.  

ޑިއުޓީ ނިންމާފައި ހުސޭނު ދިޔައީ ނަޖުމީ ގާތަށެވެ. އޭރު ނަޖުމީ ވެސް ގެއަށް ދިއުމަށް ހިނގައިގަންނަނީއެވެ. ހުސޭނު ފެނުމާ އެކު ނަޖުމީ މަޑުކޮށްލީ ކޮންމެވެސް ވާހަކައެއް ހުސޭނު ދައްކަން އުޅޭހެން ހީވެގެންނެވެ.

"އައްދޭ ގެއާ ދިމާއަށް ނުގޮސް މި ފަރާތަށް ތި އައްޔޯ؟" ނަޖުމީ ސުވާލުކުރިއެވެ.

"ހިނގާބަލަ ސަޔަކަށް؟ އަހަރެން އެބަ ޖެހޭ ވާހަކައެއް ދައްކާލަން" ހުސޭނު ބޭނުންވީ ނަޖުމީއާ ވާހަކަދައްކާލާނެ ފުރުޞަތެއް ހޯދާށެވެ.

"މި ތަނުގެ ކެންޓީނު އަދި ނުހުޅުވާނެ. ދާންޖެހޭނީ ބޭރަށް. ޕީޓްރަލްއަށް ދާންވީނު" ދާންވީ ތަން ބުނީ ހުސޭނެވެ.

"މަށަށް ހެޔޮ ކޮންމެ ތަނެއްވިޔަސް. ދައްކަން ތިއުޅޭ ވާހަކަ ދެއްކެނިކޮށް ނިމުނީ" ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނަޖުމީއަށް އެނގޭ ކަހަލައެވެ. އެ ވާހަކަތަކުގައި ތިއްބާ ދެ މީހުންނަށް ހޮޓަލަށް ވަދެވިޖެއެވެ. ދެތިން ހެދިކާއަކާއި ދެ ކަޅު މޭޒުމަތީ ބެހެއްޓިއްޖެއެވެ.

"އަޅެ ދޮގު ނުހަދާ ބުނެބަލަ ރޭ ފެނުނު ބުޅަލަކީ ކޮން ބުޅަލެއް؟" ހުސޭނުގެ ހިތުގައި އޮތް ސުވާލު ނަޖުމީއަށް ހުށަހެޅިއެވެ.

"ތި ވާހަކަ ދެއްކޭނީ އެންމެ ފުރަތަމަ ރޭގައި ހިނގި ކަންތައް ހުސޭނު ކިޔައިދިނީމާ" ހުސޭނު ކުރި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ނަޖުމީ ބޭނުންވީ ހުސޭނަށް ދިމާވި ކަންތައް އޭނާގެ ދުލުން ބުނުވާށެވެ.

"ރޭ ހަތަރެއް ޖަހަން އުޅެނިކޮށް ދަނާލަށް ނުވަދެވިގެން ހުރި އަންހެން ކުއްޖަކު އަހަރެން ޔުނިވަރސިޓީ ތެރެއަށް ވެއްދިން. އަހަރެންނަށް ހީވީ އެއީ ދަނާލުގައި އުޅޭ ކުއްޖެއްހެން. ނަމަވެސް އެ ކުއްޖާ ގޭޓުން އެތެރެވުމާއެކު އެ ގޯޅިތެރެއިން ގޮސް ގެއްލުނީ. އޭރު ހަޅޭއްލަވައި ގަތީ އެހެންވެ. ދެން ފެނުނީ އެތާ އުޅޭ ބުޅާ. ފަހުން އެ އަންހެންކުއްޖާގެ ސޫރައާ މެދު ވިސްނާލި އިރު އެއީ މީގެ އަހަރުތަކެއް ކުރިން ގެއްލިގެން އުޅުނު ކުއްޖެއްހެން ހީވަނީ" ހުސޭނަށް ކަންތައް ދިމާވި ގޮތް އޭނާ ކިޔައިދިނެވެ.

"ތިއީ އަހަރެން ވެސް ތަޖުރިބާ ކުރި ކަމެއް. އެއީ ހަމަ އެ ކުއްޖާ. އެ ވާހަކަ އަހަރެން ނުދައްކަނީ އެހެން މީހުން ގަބޫލު ނުކުރާނެތީ. އަނެއްކާ އެ ވާހަކަދެއްކުމުން މި ތަނުގައި އުޅޭ ކުދިންނާއި މީހުން ބިރުން އުޅެދާނެތީ" ނަޖުމީގެ ތަޖުރިބާ އޭނާ ހިއްސާ ނުކުރާ ސަބަބު ކިޔައިދިނެވެ.

"އެހެންވެތަ އެ ބުޅަލަށް މާ ހެޔޮ އެދެނީ؟" ހުސޭނު ސުވާލުކުރީ އޭނާއަށް ފާހަގަކުރެވިފައިވާ ކަމަކާ ގުޅުވައިގެންނެވެ.

"އަހަރެންނަށް ގަބޫލުކުރެވެނީ އެ ބުޅާ ޔުނިވަރސިޓީގައި އެ އުޅެނީ އުޅޭހިތުންކަން. އެހެން ބުޅާތަކާ ޚިލާފަށް އެ ސޮރު މި ތަނުން ނުކުންނާކަށް ބޭނުމެއް ނުވޭ" ނަޖުމީގެ ވާހަކަތައް މެދުކަނޑާލަމުން ހުސޭނު އެއްސެވެ.

"ކީއްވެ ތިހެން ތި ބުނީ؟"

"ޔުނިވަރސިޓީތެރޭ ބުޅާތައް ގިނަވަގެން އެއް ފަހަރަކު އެ ބުޅާތައް ބޭރު ކުރެވުނު. ރޭ ފެނުނު ބުޅާ ވެސް އެ ފަހަރު ބޭރުކުރިން. ނަމަވެސް ނުނިކުންނަށް އެ ސޮރު ވަރަށް ވަރުދެއްކި. ވަރަށް ގޮވާ ހެދި. އެ ބުޅާތައް ނީލަން ފިހާރަބަރި ކައިރިއަށް ދޫކޮށްލީ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވޭ އެ ސޮރު އައިސް އޮތީ ގޭޓު ކުރިމަތީ. ނަމަވެސް ތަފާތަކީ ގޭޓު ހުޅުވާފައި ހުއްޓަސް ނުވަންކަން. ގަދަ އަވީގައި ގޮވާލަގޮވާލައި އެތައް އިރަކު އޮތްކަން. އެންމެ ފަހުން އަހަރެންނަށް އުނދަގޫވެގެން އެ ސޮރު ވެއްދީ. ސައިކަލުތައް ބަހައްޓާ ތަނަށް އެ ސޮރު ފޮނުވާލީ. އޭގެ ފަހުން އެ ބުޅަލަކީ މި ތަނުގައި އޮންނަ ބުޅަލެއް" އެ ބުޅަލާއެކު ކުރެވިފައިވާ ތަޖުރިބާ ނަޖުމީ ހިއްސާކުރިއެވެ.

"ތިބުނީ އެއީ ބުޅަލެއް ނޫނޭތަ؟" ހުސޭނު ސުވާލުކުރިއެވެ.

"ތިހެނެއް މަށެއް ނުބުނަން. މަށަށް އެނގެނީ އެހެން ކަހަލަ ބާރުތަކެއް އެ ބުޅަލަށް ލިބިފައިވާކަން. އެ ބުޅަލުގެ ވިސްނުން އެހެން ބުޅާތަކާ ތަފާތުކަން. އުޅޭ އުޅުން ވެސް ތަފާތުކަން" ނަޖުމީ ޖަވާބު ދިނެވެ.

"ތި ބުނާ ތަފާތެއް މަށަށް ފާހަގައެއް ނުކުރެވޭ؟" ހުސޭނު ބޭނުންވީ ނަޖުމީ ލައްވާ އިތުރު ވާހަކަތައް ބުނުވާށެވެ.

"އެ ބުޅަލަކީ ކެންޓީނު ކައިރިއަށް ދާ ބުޅަލެއް ނޫން. މުޅި ތަނުގައި ދުވެ ހަދާ ބުޅަލެއް ނޫން. ދުވާލުގަޑީ މުޅިންހެން ވެސް ފެންނާނީ ސައިކަލުތައް ޕާކުކުރާ ތަނުގައި އުޅޭތަން. އެއީ އެ ސޮރުގެ މާހައުލު. އަނެއް ކަމަކީ ކިޔަވަން ތިބޭ ދަރިވަރުން ގާތުގައި އުޅޭހިތްވާކަން. އެ ތަނުގައި ބަޔަކު ކިޔަވަން ތިބޭ ނަމަ އެތާ ކައިރި ބަލަހައްޓައިގެން އޮންނާނެ" ނަޖުމީއަށް ފާހަގަކުރެވުނު ކަންކަން އޭނާ ހިއްސާކުރިއެވެ. އެ ވާހަކަތަކުން ބައެއް ވާހަކަތަކުގެ ތެދުކަން ހުސޭނު ވެސް ގަބޫލުކުރިއެވެ. ދުވަހަކު ވެސް ކެންޓީނާ ދިމާއިން އެ ބުޅާ ދުށް ހަނދާނެއް ހުސޭނު ނުވެއެވެ. މުޅީންހެން އެ ބުޅާ އޮންނަނީ އެ ބުނާ ތަނުގައިކަން ހުސޭނު ވެސް ގަބޫލުކުރިއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ހުސެނު އިނީ ޑިއުޓީގައެވެ. އެނާ އިނީ މިސްކިތާ ދިމާ ބޭރު ފެންނަ ގޮތަށެވެ. ބޭނުމަކީ ބުޅަލުގެ ކަންހުރި ގޮތް ދެނެގަތުމެވެ.

ހަތަރެއް ޖެހުމާއެކު އެކި ކޮޅުކޮޅަށް ދަރިވަރުން ހިނގާބިނގާވެ އުޅޭތަން ފެނެއެވެ. ބައެއް ދަރިވަރުން ވާހަކައިގައި ބެންޗުތަކުގައި މަޑުކޮށްލައެވެ. ބައެއް ދަރިވަރުން އެ ދަރިވަރުންގެ މަސައްކަތްތައް ފުރިހަމަކުރަމުން ދިޔައެވެ.

ހުސޭނުގެ ނަޒަރު ގޮސް ހުއްޓުނީ ގަސްދޮށުގެ ހިޔަލުގައި ހުރި ބެންޗެއްގައި ތިބި ތިން ދަރިވަރަކަށެވެ. މާ ގިނަ އިރުތަކެއް ނުވެ އެ ދަރިވަރުން ތިބި ބެންޗާ ދިމާއަށް ބުޅާ ދާތަން ހުސޭނަށް ފެނުނެވެ.  ނަޖުމީގެ ވާހަކަތަކުގެ ހަގީގަތް ބަލަން ހުސޭނު ބޭނުންވިއެވެ.

ހުސޭނު ގޮސް މަޑުކޮށްލީ އެ ބެންޗާ ދާދި ގާތުގައި ހުރި ހުސް ބެންޗެއްގައެވެ. އެއަށް ފަހު ބުޅަލުގެ ބައޯ އަޑުން ދެތިން ފަހަރު ގޮވާލައި އަތުގެ އިޝާރާތުން ބުޅަލަށް ދަޢުވަތު ދިނެވެ. އެ ބުޅާ ހުސޭނާ ގާތްވެލިއެވެ. ހުސޭނު އެ ބުޅާ އަތަށް ނަގައިގެން ގެންގުޅުނު ގޮތުން ޖެހިގެން ހުރި ބެންޗުގައި ތިބި ތިން ދަރިވަރުންނަށް ހައިރާންކަން ލިބުނެވެ.

"ތިޔައީ ވަރަށް އޮޅު ބުޅަލެއް ދޯ؟" ބެންޗުގައި އިން ދަރިވަރަކު ވާހަކަދެއްކީ ހުސޭނާއެވެ.

"މިއީ މި ތަނުގައި އުޅޭ އެންމެ ދުވަސްވީ ބުޅާ. މި ސޮރު އަބަދު ވެސް އޮންނާނީ މި ތަނުގައި" ހުސޭނުގެ ޖުމުލަ ނުނިމެނީސް ބުޅަލުގެ އަޑުން އާއެކޭ ބުނާ ކަހަލަ ގޮތަކަށް އެ ސޮރު ގޮވާލިއެވެ. ބެންޗުގައި ތިބި ދަރިވަރުންނަށް ޖަހާލެވުނީ ހިނިގަނޑެކެވެ. ހުސޭނަށް ލިބުނީ ހައިރާންކަމެވެ.

"ތިއީ ވަރަށް ކިޔަވާހިތްވާ ބުޅަލެއް. އަހަރެމެން މި ތަނުގައި ކިޔަވަން ތިބޭ ނަމަ މި ތަނަށް އަންނާނެ" އެހެން ދަރިވަރަކު ހުސޭނާ ވާހަކަދެއްކިއެވެ. އެ ވާހަކަތައް މެދުކަނޑާލާފައި ހުސޭނަށް ތެދުވަން ޖެހުނީ އެހެން ގުރޫޕެއް އެ ބެންޗަށް އައުމުންނެވެ.

"ކިޔަވާ ހިތްވާތީތާ މި ތަނުން ބޭރަށް ނުގޮސް މި ތަނުގައި އެ އޮންނަނީ" ހުސޭނު ބުންޏެވެ. އެ ބުނުމަށް ވެސް އެ ސޮރުގެ ބަހުރުވައިން އާއެކޭ ބުނިކަހަލައެވެ.

"އެކަން އަހަރެމެންނަށް އެނގޭ. އެ ބުޅަލުގެ މޮޅުކަން ވެސް އެނގޭ. ބޭބެ ގަބޫލެއް ނުކުރަމުތަ؟" ފަހުން އައި ގުރޫޕުން ދަރިވަރަކު ހުސޭނާ ސުވާލުކުރިއެވެ. ހުސޭނު ވިސްނާލިއެވެ.

"ބަލަ ތީ ބުޅަލެއްނު؟ ތިއަށް އެނގޭނީ ކޯންޗެއް؟" ހުސޭނު ޖަވާބު ދިނީ ދަރިވަރުން ލައްވާ އިތުރު ކަންތައްތަކެއް ޔަގީން ކުރުވުމުގެ ބޭނުމުގައެވެ. އެ ބުޅަލާ މެދު ހީވާހީވުންތައް ޔަގީންކުރުމުގެ ބޭނުމުގައެވެ.

"އަޅެ ބަލަން ހުރެބަލަ؟ މި ސޮރުގެ މޮޅުކަން ފެންނާނެ. ބޭބެއަށް ވެސް އެއްކޮށް ކަނޑަން އެނގެއެއްނު. މި ޖަހާ ނަންބަރުތައް އެއްކުރާ ގޮތް ނުބައި ނަމަ މި ސޮރަށް އެކަން އެނގޭނެ. ނުބައި ވުމުން މި ސޮރު ގޮވާލާނެ" ބެންޗުގައި އިން ދަރިވަރަކު ވާހަކަދައްކަމުން ހިސާބު ނަންބަރުތަކެއް ޖަހަމުން  އެއް ކުރަމުން ދިޔައެވެ. ބައެއް ނަންބަރުތަކުގެ ޖަވާބު ލިޔުނީ ނުބައި ކޮށެވެ. އަނެއްބައި ނަންބަރުތައް ލިޔުނީ ރަނގަޅަށެވެ. ނުބައި ޖަވާބެއް ލިޔުމާ އެކު އެ ސޮރު ގޮވާލައެވެ. އެ ޖަވާބު ގަލަމުން ކަނޑާލައި ރަނގަޅު ޖަވާބު ލިޔުމާއެކު އެ އަޑު ހުއްޓާލައެވެ. ހުސޭނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސްހުއްޓިފައެވެ. އެ ބުޅަލާ މެދު ނަޖުމީ ދެއްކި ވާހަކަތައް ގަބޫލުކުރަން މަޖުބޫރުވެފައެވެ.

"އަހަރެމެން އެއްޗެއްގެ ޖަވާބު ޔަގީން ކުރަންވެއްޖެ ނަމަ އަހަނީ މިސޮރު ގާތުގައި. ފޮތުގައި އެ ޖަވާބެއް ލިޔުމުން ރަނގަޅު ނޫން ނަމަ މި ސޮރު ގޮވާލާނެ. އަދި އަހަރެމެން އެހި އެއްވެސް ސުވާލެއްގެ ޖަވާބު ގޯސްވެފައެއް ނުވޭ. އެހެންވީމާ މިއީ އަހަރެމެން ވަރަށް އިތުބާރު ކުރާ ބުޅަލެއް" ބުޅަލުގެ މޮޅުކަމަށް ތަޢުރީފު ކުރަމުން އެއް ދަރިވަރަކު ބުންޏެވެ.

"ތި ބުޅަލުގެ މޮޅުކަން އެނގުނުތާ މިހާރު ކިހައި ދުވަހެއް ވެއްޖެ؟" ހުސޭނު ބޭނުންވީ އެ ބުޅަލާ ގުޅޭ އިތުރު މަޢުލޫމާތު ހޯދާށެވެ.

"މާގިނަ ދުވަހެއް ނުވޭ. އަދި ވާނީ ދެ ހަފުތާ" އެ ދަރިވަރު ޖަވާބު ދިނެވެ.

"ކިހިނެއް ތި ބުޅަލަށް ޖަވާބުތައް އެނގޭކަން އެނގުނީ؟" ހުސޭނު ކުރީ އިތުރު ސުވާލެކެވެ.

"އަހަރެމެންނަށް އެނގުނީ؟ ބުޅަލާ ސުވާލު ކުރީމައެއްނު. އެ ނޫން ގޮތަކަށް އެނގޭނެތަ؟" ކުރިން ވާހަކަދެއްކި ދަރިވަރު ނޫން އެހެން ދަރިވަރަކު ޖަވާބު ދިނެވެ.

"ބުޅަލާ ސުވާލުކުރަން އެނގުނީ ކިހިނެއް؟" ހުސޭނު އަނެއްކާ ވެސް ކުރީ ސުވާލެކެވެ. އެ ސުވާލާ އެކު ބުޅާ އެ ތަނުން ދުއްވައިގަތީ ގަސްތަކުގެ ތެރެއަށެވެ. ހުރިހާ ދަރިވަރުންނަށް ބަލަހައްޓައިގެން ތިބެވުނީ ބުޅަލަށެވެ.

"ބުޅަލަށް ކިހިނެއް އެވީ؟" ކުރިން ވާހަކަދެއްކި ދަރިވަރަށް އަހާލެވުނެވެ.

"ނޭނގެ. ހަމަ އޮވެފައި އެ ދުއްވައިގަތީ. ކޮންމެ ވެސް ކަމެއް ވެއްޖެ. އެހެން ނޫން ނަމަ އެގޮތަށް ދުއްވައެއް ނުގަންނާނެ" އެހެން ދަރިވަރަކު ޖަވާބުދިނެވެ.

"މަށަށް މާ ގިނައިން ސުވާލު ކުރެވުނީ ކަންނޭނގެ. އަހަރެން މި ދަނީ" ހުސޭނުގެ އެ ޖުމުލަތަކަށް އެ ދަރިވަރުން ޖަހާލީ ހިނިގަނޑެކެވެ. ހުސޭނު ހިނގައިގަތީ އޭނާ އިންނަ ޖަގަހައާ ދިމާއަށެވެ.

ރޭގަނޑުގެ ޓިއުޓީއަށް މީހުން ބަދަލުވިއެވެ. ހުސޭނުގެ ޑިއުޓީ ނިމުމާ އެކު އޭނާ ހިނގައިގަތީ ނަޖުމީ ޑިއުޓީ އަދާކުރާ ގޭޓާ ދިމާއަށެވެ. ހުސޭނު އެ ތަނަށް ގޮސް ނަޖުމީއާ ބައްދަލުކުރިއެވެ.

"ނަޖުމީ ބުނީ ތެދުކަން މަށަށް ޔަގީން ކުރެވިއްޖެ. އެއީ ބުޅަލެއް ނޫންކަން މަށަށް ގަބޫލުކުރެވިއްޖެ. ނޭނގެނީ އެއީ ކޮން އެއްޗެއްކަން؟ ކާކުކަން؟ އެއީ އެ ގެއްލުނު ކުއްޖާތަ؟ އޭނާގެ......" ހުސޭނުގެ ވާހަކަ ހުއްޓުނީ ކަންފަތް ބުޑުން ކަހަލަ ގޮތަކަށް އިވުނު ބުޅަލެއްގެ ރުއިމުގެ ބާރު އަޑުންނެވެ. އޭނާއަށް ދެ ކަންފަތުގައި އަތް އަޅައިލެވުނީއެވެ. ނަޖުމީއަށް ފަރާތް ފަރާތަށް ބަލައިލެވުނީއެވެ. ވީ ކީއްކަން ނަޖުމީއަށް އެނގުނެވެ. އެ ބުޅާ ދުވެ ރައްކާވާތަން ނަޖުމީގެ ދެ ލޮލަށް ފެނުނެވެ.

"ބުނަން އެ ވާހަކަ ނުދައްކާ. އެކަން ސިއްރުކުރުން އެންމެ ރަނގަޅީ. އެ ސޮރަށް އެނގިއްޖެ ހުސޭނަށް އެ ސޮރުގެ ހަގީގަތް އެނގިއްޖެކަން. އެ ސޮރު އެ ކަންބޮޑުވަނީ ހުސޭނު ތި ވާހަކަތައް ދައްކާތީ. ތިއީ އަހަރެން ވެސް ކުރި ތަޖުރިބާއެއް. އެ ވާހަކަ ނުދައްކާ އަހަރެން މި ހުންނަނީ އެހެންވެ. އަހަރެންނަށް ކަންކަން އެނގުނު ނަމަވެސް އަހަރެންގެ ދުލުން އެ ވާހަކަތައް މީހަކަށް ކިޔައެއް ނުދެން. ކިޔައި ދިނުމުން އަހަރެންނަށް ވާ ގޮތް އަހަރެންނަށް އެނގޭ" ނަޖުމީ ވާހަކަދެއްކީ އޭނާއަށް ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައެވެ.

"ބަލަ މި ތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ބުޅަލުގެ މޮޅުކަން އެބަ އެނގޭ. އެތައް ކުދިބަޔަކަށް އެކަން އެވަނީ ފާހަގަކުރެވިފައި. އެ ދަރިވަރުންގެ ކިޔެވުމުގައި އެ ބުޅާދަނީ އެހީތެރިވަމުން. އެހެންވީމާ އެ ބުޅަލުގެ ވާހަކަތައް ދައްކާނެ" ހުސޭނު ހިއްސާކުރީ ނަޖުމީއަށް އެނގިފައި ނުވާ މަޢުލޫމާތެކެވެ.

"އެކަމަކު އަހަރެމެންނަށް މި އެނގޭ މަޢުލޫމާތުތަކެއް އެ ދަރިވަރުންނަކަށް ނޭނގޭނެއެއްނު. އެ މީހުންނަށް އެނގޭނީ އެއީ ބުޅަލެއްކަމެއްނު" ނަޖުމީ ވިސްނާލަމުން ޖަވާބު ދިނެވެ.

"އަހަރެން ވަރަށް ޖެހިލުންވެއްޖެ. ކަމެއް ގޯސްވެދާނެތީ އެބަ ބިރުގަނޭ" ހުސޭނަށް ކުރެވުނު ތަޖުރިބާއާ މެދު އޭނާ ޖެހިލުންވިއެވެ.

"ބުނަން. ނަމަނަމަ މީހަކާ މި ކަންކަން ހިއްސާ ނުކުރާތި. އޭރުން އަހަރެން ވެސް އަދި ހުސޭނަށް ވެސް ލިބޭނީ ގެއްލުން. އެ ކަންކަން އެނގޭތީ އަހަރެން މި ބުނަނީ. ގަބޫލުކުރޭ. އެކަން ހިއްސާނުކުރާ ނަމަ އެއްވެސް ކަމެއް ނުވާނެ" ނަޖުމީގެ ވާހަކަތައް ހުސޭނު ގަބޫލުކުރިއެވެ. އެ ވާހަކަތަކުން ހުސޭނު ހިތްވަރު ހޯދިއެވެ.

ޖެހިގެން އައި ދުވަހު މުޅި ޔުނިވަރސިޓީގައި ދައްކަނީ ބުޅަލެއްގެ ވާހަކައެވެ. އެ ސޮރުގެ މޮޅުކަމުގެ ވާހަކައެވެ. ކޮންމެ ސުވާލެއް ކުރިނަމަވެސް އެ ސޮރު ޖަވާބުދޭ ވާހަކައެވެ. އެ އަޑުތަކުގެ ސަބަބުން މުޅި ޔުނިވަރސިޓީގެ ސަމާލުކަމަށް އެކަން އައެވެ. އެ ކަންކަން ތަޖުރިބާ ކުރި ދަރިވަރުންގެ ހާޒިރުކޮށް އެ ކަމުގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ވެސް ޔުނިވަރސިޓީން ފެއްޓިއެވެ. އެންމެ ފަހުން އެކަން ބޮޑު ސުރުޚީއަކަށްވެ ބައެއް ދަރިވަރުން ބިރުން އުޅެން ފެށިއެވެ. ފާޑުފާޑުގެ ވާހަކަތައް ދައްކަން ފެށިއެވެ. ބިރުވެރި އެއްޗެހި ފެންނަ ވާހަކައާއި އަނދިރި ގަނޑުގަނޑު ފެންނަ ވާހަކަ ވެސް ދައްކަން ފެށިއެވެ. އެ ވާހަކަތަކުން އެންމެ ފަހުން ޔުނިވަރސިޓީއަށް މަޖުބޫރުވީ އެ ތަނުގެ ގޯތި ތެރޭގައި އުޅޭ ބުޅާތައް ބޭރު ކުރާށެވެ.

ރޭގަނޑު 11 ޖެހިއިރު ހުރިހާ ވޮޗަރުން ތިބީ ޔުނިވަރސިޓީ މައި އިދާރާގެ ގޯތިތެރޭގައެވެ. ބުޅާތައް ހިފުމުގެ މަސައްކަތުގައެވެ. އެ ކަމުގައި އިސްވެ އުޅުނު އެކަކީ ނަޖުމީއެވެ. އޭނާއާ އެކު ހުސޭނު ވެސް ހުއްޓެވެ. ނަޖުމީ ކަންކުރަންވީ ގޮތް އޭނާއަށް އެނގެއެވެ. އޭނާ ކަންކުރާނެ ގޮތް ވެސް އޭނާ ވަނީ ވިސްނާފައެވެ. އެ ނިޔަތުގައި ނަޖުމީ ހޯދީ ފުރުޞަތެކެވެ. އެ ފުރުޞަތު ބޭނުންކޮށް ނަޖުމީއާއި ހުސޭނު ދިޔައީ ސައިކަލުތައް ޕާކުކުރާ ސަރަހައްދަށެވެ.

ނަޖުމީއާއި ހުސޭނު ގޮސް އެ ބުޅާ ހޯދިއެވެ. ނަޖުމީއާއި ހުސޭނު ފެނުމުން އެ ސޮރުގެ މަޑު ދުވެލީގައި އެ ސޮރު އޮތްތަނުން ނުކުތެވެ. އޭގެ ފަހަތުން ނަޖުމީއާއި ހުސޭނު ދިޔައެވެ. އެސޮރު ގޮސް ބޭރު ގޭޓު ކައިރި މަޑުކޮށްލިއެވެ. އަދި ދެތިން ފަހަރު ގޮވާލިއެވެ. ނަޖުމީ ހިތުގައި ޖެހުނެވެ. ބޭރުކޮށްލެވެނީ ބުޅަލެއް ނޫންކަން އޭނާއަށް އެނގެއެވެ. ތަނަށް ލޯބި ޖެހިފައިވާ ދިރުމެއްކަން އޭނާ ގަބޫލުކުރިއެވެ. ނަމަވެސް މަޖުބޫރިވީއެވެ. ހުރިހާ މަގެއް ބަންދުވީއެވެ.

"އެ ބުޅާ އެއޮތް ވެއްޓުނީ؟" ބުޅަލަށް ނަޒަރު ހުއްޓާލައިގެން ހުރި ހުސޭނަށް ބުނެވުނެވެ. އޭރު އެ ބުޅާ ބިންމައްޗަށް ދެމެނީއެވެ. ނަޖުމީއަށް އިތުރަށް ކައިރިވެލެވުނެވެ. އަޅައިގަތީ އެ ސޮރުގެ ލޮލުން ނީރިފައިވާ ކަރުނައިގެ ދަޅައެވެ. ވިންދާއި ހަރަކާތް ހުއްޓިފައިވާ މަސްގަނޑެވެ.

"އެ ސޮރު މަރުވީތަ؟" ހުސޭނަށް އަހައިލެވުނީ ސުވާލެކެވެ.

"އެހެން ހީވަނީ. ހިތްދަތިވީ ކަންނޭނގެ! މި ތަނުން ނުކުންނަން ޖެހުމުން ދެރަވީ. ކެތް ނުވީ. އެއީ ވެސް ދިރުމެއް. މި ތަނގައި އެ އުޅުނީ އުޅޭ ހިތުން. އެކަމަކު މި ތަނުން ނެރެލުމުން ގޮތް ހުސްވީ" ނަޖުމީ ޖަވާބު ދިނީ ހުސޭނުގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ބިންމަތީގައި އެ އޮތް ބުޅަލަށް ދެ މީހުންގެ ނަޒަރު ސީދާ ކޮށްލި އިރު އެ ބުޅަލެއް އެ ތާކު ނެތެވެ. އެ މަސްގަނޑެއް އެ ތަނަކުން ނުފެނުނެވެ.

"ކިހިނެއް އެވީ؟" އަނެއްކާ ވެސް ހުސޭނަށް އަހައިލެވުނެވެ.

"އެ ކަމުން މި ސަލާމަތްވީ. ދެން އެ ސޮރަކަށް އެ ގޮތަކަށް ނޫޅެވޭނެ. އެކަން އެ ނިމުނީ. އެއީ މި ތަނަށް ދެވި ހިފައިވާ ރޫހެއް. އޭގެ ވަގުތު ހަމަވެގެން އެ ނުކުތީ. އެ ބުޅާ ފެންނަން އޮތް ނަމަ އަދިވެސް މި ތަނަށް އައުމުގެ ފުރުޞަތު އޮތީސް. ނަމަވެސް ގެއްލުމުން އޭގެ މާނައަކީ ދެން އަނބުރައެއް އެ ސޮރަކަށް ނާދެވޭނީ. އެ ދެވިހިފުން ނިމުމަކަށް އެ އައިއްޔޭ" ނަޖުމީގެ ދުލުން ދެއްކި ވާހަކަތައް ހުސޭނު ގަބޫލުކުރިއެވެ. އެކަން ވީ ވެސް އެހެންނެވެ. އޭގެ ފަހުން އެފަދަ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. އެ ތަޖުރިބާ އިތުރަށް ކުރާކަށް ނުޖެހެއެވެ. އެކަން މާޒީއާ އެކުވެ ހިނދިގެން ދިޔައީއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments