ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ވާހަކަ

ހެލްމެޓު

އަކްރަމްގެ ދަރިފުޅު ގޭގައި ސައިބޯން އިން ވަގުތެވެ. ގެއަށް އައިސް ވަނީ ޖުމާލާއި އިނާދެވެ. އެއީ އަކްރަމްގެ އެންމެ ގާތް ދެ އެކުވެރީންނެވެ. އަކްރަމްގެ އަންހެނުން ޒަހާގެ ވެސް ދެ ރައްޓެހީންނެވެ. ދެ މީހުން ފެނުމުން އަކުރަމް އެމީހުންނަށް ދައުވަތު ދިނީ ސަޔަށެވެ. ޒަހާ އެ މީހުންނަށް ސައި ހެދިއެވެ.

"ދަރިފުޅު މިހާރު ސައިބޮއި ނިމެއްޖެނު. އަވަހަށް ދޭ އެ ފަރާތަށް. ބޭބެމެން ސައިބޯން އަރަންވެއްޖެ" ޖުމާލުމެންގެ ގޮތް އެނގޭތީ ޒަހާ ވާހަކަދެއްކީ ދަރިފުޅަށެވެ.

ސައިބޯން ތިބެގެން އަކްރަމްމެންގެ ކަމަކަށް އޮތީ ހީނ ސަކަރާތް ޖެހުމެވެ. ކަންކަމަށް ޖޯކު ޖެހުމެވެ.

"ކޮބާ ބޯމަތަ ގަތީތަ؟" ސުވާލު ހުޅުވާލީ އަކްރަމެވެ.

"ބޯމަތައޭ؟ ކީއްވެ ބޯހިއްޕިއޭ ނުކީ؟ އެއީ ގޮތަކަށް ބޮލުގައި ތަތްކޮށްލާ އެއްޗެއްނު" އަކްރަމް ބޭނުން ކުރި ނަމަށް ޖުމާލު ޖެހީ ޖޯކެވެ.

"މަށަށް ހީވަނީ ބޮނބިމަތަ މާރީތި ވާނެހެން. އަދި ފުއްކިބަ ވެސް ހުތުރެއް ނޫން" އިނާދު ކީ ނަންތަކާ އެކު އަކްރަމާއި ޖުމާލަށް ވެސް ޖަހާލެވުނީ ބާރު ހިނިގަނޑެވެ.

"މިއަދު ދެން މާލެ ދެވޭނީ އެ ބުނާ އެއްޗެއް ވެސް އަޅައިގެންވިއްޔާ. މަ ހިތަށް އަރާ ކިތައް މީހުންބާއޭ އެ އެއްޗެއް އަޅާނީ؟" ވާހަކަ ކުރިއަށް ގެންދިޔައީ އަކްރަމެވެ. 

"އަޅާ ބަޔަކު އަޅާނެތާ. ބަޔަކު ނޭޅީމާ އެކަން ހުއްޓާލާފާނެ ތޯއްޗެ. ތަންކޮޅެއް ކުރިން ވެސް ހެލްމެޓް އެޅުމުގެ ފޯރިގަނޑެއް ފެށުނު. ފަހުން އެކަން ހުއްޓުނީ. އެއީ މޫސުމީ ކަމެއް. އެކި މޫސުމުގައި ލައްވާލާނީ އެކި ކަންކަން. މި ފަހަރު ލައްވާލީ ހެލްމެޓާ. މާގިނަ ދުވަހެއް ނުވެ އެކަން ހުއްޓިދާނެ" ޖުމާލު ހާމަކުރީ އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.

"ހަމަ ބޭކާރު ކަމެއް. ބޭކާރު ޚަރަދެއް. ކޮންމެވެސް ބަޔަކަށް ފައިދާ ގަނޑެއް ހޯދައިދޭން ކުރާ ކަމެއް. ރަނގަޅަށް ވިއްޔާ މިހާރު ހުންނާނީ ހެލްމެޓު ޝިޕްމަންޓްތައް ވެސް މާލެ ގެނެސްފައި" އިނާދު ވިސްނީ މުޅިން ތަފާތު ނަޒަރަކުންނެވެ.

"ބަލަ ހެލްމެޓް އެޅީމާ ފައިދާވާނީ އެ މީހަކަށްނު. ކިތައް މީހުންނަށް އެ އަނިޔާވަނީ؟ ކިތައް މީހުން އެ މަރުވަނީ؟" ޒަހާއަށް ނުއިނދެވިގެން އޭނާ ވެސް ވާހަކަދައްކަން ފެށިއެވެ.

" ބަލަ މަރަކީ ހިފެހެއްޓޭނެ އެއްޗެއް ނޫން. ތި ހެލްމެޓު އެޅިޔަސް މަރުވާނެ ބަޔަކު މަރުވާނެ. ބާރަށް ދުއްވާ މީހުން ބާއްރަށް ދުއްވާނެ. ހެލްމެޓު އެޅިއެކޭ ކިޔާފައި ވަކި އެކްސިޑެންޓް މަދުވާނެތަ؟ މަށަށް ހީވަނީ ހެލްމެޓު އެޅީމާ މީހުން ދުއްވާލެއް ބާރުހެން ވާނީ؟ އެއީ އަނިޔާ ނުވާނެކަމަށް ގަބޫލުކުރެވޭ ނަމަ މަޑެއްކޮށް ނުދުއްވާނެތާ" އިނާދު ގުޅުވާލީ ހެލްމެޓާއި ދުއްވުމުގެ ސްޕީޑާއެވެ.

"ތިއެއް ނޭނގެ މަށަކަށް. މަށަށް އެނގެނީ ކޮންމެ މީހަކު ވެސް އެ ބުނާ ހެލްމެޓެއް ގަންނަން ޖެހޭކަން. މަށަށް އޮތީ ހެލްމެޓެއް ލިބިފައި" އިނާދާއި ޖުމާލުގެ މޫނަށް ބަލައިލަމުން އަކްރަމް ބުނެލިއެވެ.

"އަދި ކިރިޔާ އެކަމާ މި އުޅެނީ. މާލެ ދާނަމޭ ހިތާ މި އުޅެނީ. އޮފީސް ކުއްޖަކު ބުނި މާލޭގައި އެބަ ހުއްޓޯ ވަރަށް އަގުހެޔޮކޮށް ހެލްމެޓު ވިއްކާ ފިހާރައެއް. އެ ތަނަށް ދާން މި ދަނީ" އަކްރަމުގެ ސުވާލަށް އިނާދު ޖަވާބުދިނެވެ.

"މަށެއް ތިއެއް ނުގަންނާނަން. ކަލޭމެން ދެ މީހުން ގަތީމާ މަ ހުންނާނަން އަޅަން. އެ ގޮތް ރަނގަޅެއްނު. އެ ބޮޑު އަގު ދީފައި ހެލްމެޓު ގަތުމަށް ވުރެ ތެއްޔެއް ބޮލުގައި އަޅައިގެން ދިޔަސް މާ ރަނގަޅުވާނެ" ޖުމާލު ބުނި ވާހަކައިން އަކްރަމާއި އިނާދަށް ޖަހާލީ ހިނިގަނޑެކެވެ.

"ކެރޭނެ ތެއްޔެއް އަޅައިގެން ދާން؟" އިނާދު ސުވާލު ކުރީ ޖުމާލުއާއެވެ.

"ކީއްވެ ނުކެރޭނީ؟ ތިއީ މާ ބޮޑު ކަމެއް ނޫން. ބުނޭ ތެއްޔެއް އަޅައިގެން މާލެ ހިނގައްޖެ ނަމަ ހެލްމެޓެއް ގަނެދޭން. އޭރުން ތިކަން ކޮށްފާނަން" ޖުމާލު ބޭނުންވީ އިނާދު ލައްވާ ހެލްމެޓެއް ގަނުވާށެވެ. އަކްރަމް އިނީ ހޭށެވެ. ޒަހާ އިނީ ހިތްހަމަ ނުޖެހިފައެވެ.

"ބަލަ ކަލޭމެން ތީ ކުޑަކުދިންތަ؟ ތިފާޑަށް އުޅެން. ކޮންމެ ފަދަ ކަމެއް ކުރާ ވާހަކަ ވެސް ދައްކަފާނެ"

"މީގައި ކޮބާ މައްސަލައަކީ؟ އަހަރެމެން މި އުޅެނީ ހެލްމެޓް ގަންނަން ދާކަށްނު. މިކަން ކުރަން އުޅުނަސް ތިޔަ ހުންނަނީ ހިތްހަމަ ނުޖެހިފައި" ޖުމާލު ދިމާކޮށްލީ ޒަހާއަށެވެ.

"މައްސަލައަކީ މި އޮތް ހުރިހާ ދުވަހު އެކަން ނުކޮށް ތިބުން. މިއަދު ހެލްމެޓު އަޅަންވީމާ ތި އުޅެނީ ހެލްމެޓުގަންނަން. އެއީ މައްސަލައަކީ" ޒަހާ ޖަވާބު ދިނެވެ.

"މައްސަލައަކީ އަހަރެމެންނަށް ޒަހާ ކަހަލަ އަނތްބަކު ނުލިބުން. އަކްރަމަށް ހެލްމެޓު ގަނެދިންކަން އަހަރެމެންނަށް އެނގެޔޭ. އެ ވާހަކަ ނުބުނެގެންނެއްނު ތި އުޅެނީ. އަހަރެމެންގެ އަނބީން ވެސް ތި ވަރަށް އަހަރެމެންދެކެ ލޯބިވާ ނަމަ ދޯ ޖުމާލު" އިނާދުގެ ވާހަކަތަކުން ޒަހާގެ ގާތަށް އައީ ހިންޏެވެ. ނަމަވެސް އެ ހިނިތުންވުން ދައްކާކަށް ޒަހާ ބޭނުމެއް ނުވިއެވެ.

"އަކްރަމް މާލެ ދާންވާނީ ހެލްމެޓު އަޅައިގެން. މިއަދުން ފެށިގެން ހެލްމެޓު ނާޅައި ބުރިޖްމަތީ ދުއްވުމަކީ މަނާކަމެއް. އެ ތަނުގައި ފުލުހުން ހަރަކާތްތެރިވާނެކަން އިއްޔެ ޚަބަރުން ވެސް ގޮވި" ޒަހާ ވާހަކަދެއްކީ އަކްރަމާއެވެ.

"އައްދޭ ހާދަ ވަރެކޭ. މިހާރު ފިރިމީހާއަށް އަމުރު ވެސް ކުރަންފެށީދޯ. އަނެއްކާ ތިއީ ޒަހާތަ؟" ޒަހާގެ ވާހަކަތަކަށް އިނާދު ދިމާކޮށްލިއެވެ.

"އާނ. އަހަރެން މާލެ ދާ ނަމަ ދާނީ ހެލްމެޓު އަޅައިގެން. މި ވަގުތު މި ދަނީ ބޭރަށް. މާލެ ދަންޏާ ގެއަށް އަންނާނަން ހެލްމެޓު ނަގަން" ހިނިގަނޑު ޖަހާލަމުން އަކްރަމް ހިނގައިގަތީ ބޭރަށެވެ. އޭނާގެ ފަހަތުން ޖުމާލާއި އިނާދު ވެސް ހިނގައިގަތެވެ. ޒަހާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ތިން އެކުވެރީން ދިޔައީ ޕެޓްރޯލް ޝެޑާ ދިމާއަށެވެ. އޭރު ސައިކަލުތަކުގައި ބްރިޖާ ދިމާއަށް މީހުން ދަތުރުކުރެއެވެ. މަދު މީހަކު ނޫނީ ކޮންމެ މީހެއްގެ ބޮލުގައި ހެލްމެޓެއް އަޅާފައި ވެއެވެ.

"ކިހައި ކިޔަމަންތެރި. ކިހައި ރަނގަޅު. އެ ދަނީ ދަރީން. ހެލްމެޓޭ ބުނީމާ ހެލްމެޓު. އުނބެކޭ ބުނީމާ އުނބެއް. ދަޅެކޭ ބުނީމާ ދަޅެއް. އެހެން އުޅެން ނޭނގޭތީއޭ މައްސަލައަކީ" ކުރިމަތިން ހުރަސްކުރަމުން ދިޔަ މީހުންނަށް ނިސްބަތްކޮށް ޖުމާލު ބުނެލިއެވެ.

"ކޮބާ ތެލި؟ ތެލި ހިފައިގެން އާދޭ. މިއަދު މާލެ ދާންވާނީ ތެއްޔެއް ބޮލުގައި އަޅައިގެން. އޭރުން މި މާލޭ ބުރިޖް މަތިން ހެލްމެޓް ތެއްޔެއް އަޅައިގެން އެންމެ ފުރަތަމަ ހުރަސް ކުރި މީހަކަށް ވާނީ އަހަރެމެންގެ ޖުމާލު" އިނާދު ހަނދާން ކޮށްދިނީ ތެލީގެ މަތީންނެވެ. އޭނާ ބޭނުންވީ ޖުމާލު ލައްވާ އެކަން ކުރުވާށެވެ.

"ތެދެއް. މާލޭ ބުރިޖް އެކަންޏެއް ނޫން. މުޅި ދުނިޔޭގައި ވެސް ހެލްމެޓު ތެއްޔެއް ބޮލުގައި އަޅައިގެން ބުރިޖެއް ހުރަސްކުރި ފުރަތަމަ މީހަކަށްވާނީ ޖުމާލު" ޖުމާލު އެކަން ކުރުމަށް އަކްރަމް ވެސް ދިނީ ހިތްވަރެވެ.

"އޯކޭ. މަ ތިކަން ކޮށްފާނަން. އެކަމަކު ކަލޭމެން ދެ މީހުން ވެސް މަށާ އެކު ދާންވާނެ" ޖުމާލު ކުރީ ޝަރުތެކެވެ.

"އައްދޭ މިހާރު ތި ގޯސްވަނީ؟ ތި ފިނޑިވީ؟ ތިއީ ވާވަރު. މަށަށް އޭރު ވެސް އެނގޭ ތިކަން ވާނީ ތިހެންކަން" އިނާދު ދިމާކޮށްލީ ޖުމާލަށެވެ.

"އެ ތަނުގައި ފުލުހުން ތިބޭނެ. ކިހިނެއް ހުރަސް ކުރާނީ؟ ކަލޭމެން ދެމީހުން ދާ ނަމަ އަހަރެން ދާނަން. މިހާރު ވެސް ބައެއް މީހުން ހެލްމެޓް ނާޅާ ވެސް އެހަރަ ދަނީނު" ޖުމާލު ބާރު އެޅީ އޭނާއާ އެކު އަކްރަމާއި އިނާދު ވެސް ދިއުމަށެވެ.

" އޯކޭ. އަހަރެން ދާނަން" އިނާދު އެއްބަސްވީ ޖުމާލާ އެކު ދާށެވެ.

"މަ ވެސް ދާނަން. މަޑުނުކޮށް ދުއްވީމާ ދެވޭނެއްނު" އަކްރަމް ވެސް އެއްބަސްވީ ޖުމާލާ އެކު ދާށެވެ.

ތިން އެކުވެރީންގެ ދަތުރު ފެށިއެވެ. ތިން މީހުންނަށް ދެވުނީ ވަކި ހިސާބަކަށެވެ. ފުލުހުންގެ އަތުގެ އިޝާރާތުން ތިން މީހުން މަޑުކުރުވިއެވެ. އޭރު އެ ތަނުގައި ހައެއްކަ މީހަކު މަޑުކުރުވާފައި ވެސް ތިއްބެވެ. ފުލުހުން ދިޔައީ މަޑުކުރުވާފައި ތިބި މީހުން ފާސްކުރަމުންނެވެ. ފުރުޞަތުގެ ބޭނުން ހިފައި އިނާދު އޭނާގެ ސައިކަލު ސްޓާޓްކޮށްލިއެވެ. އެ ވަގުތުގެ ބޭނުންކޮށް އަކްރަމާއި ޖުމާލު ވެސް އިނާދަށް ތަބާވިއެވެ. އިނާދު، ޖުމާލަށް ބަލައިލުމަށް ފަހު، ސައިކަލުގެ މުއްގަނޑު ފެލައިލިއެވެ. ބާރު ސްޕީޑްގައި މާލެއާ ދިމާއަށް ދަތުރު ފެށިއެވެ. އޭނާގެ ފަހަތުން އަކްރަމާއި ޖުމާލު ވެސް ދަތުރުފެށިއެވެ. ބާރު ދުވެލީގައި ހެމުންހެމުން ދުއްވަމުން ދިޔައެވެ.

ތިން މީހުންނަށް ދެވުނީ ހުޅުލެއަށް ދިއުމަށް އޮތް މަގާ ހަމައަށެވެ. ބާރު ދުވެލީގައި ކުލިއަކަށް ހުރަސްކުރި ސައިކަލެއް ކޮންޓްރޯލުން ނެއްޓި އައީ ޖުމާލާ ދިމާއަށެވެ. އޭނާގެ ހުޝިޔާރު ހަރަކާތުން އެއިން ރެކިގަތެވެ. ނަމަވެސް އެ ސައިކަލު އައިސް ލައިގަތީ އަކްރަމްގެ ސައިކަލުގައެވެ. ބާރު އަޑާ އެކު އަކްރަމް ވިއްސައިގެން ދިޔައީ މާ ދުރަށެވެ. އޭނާގެ ސައިކަލު ގޮސް ތަރަވެފައި އޮތީ މަގު ދެބައި ކުރަން ޖަހާފައި ހުރި ޑިވައިޑަރތަކުގައެވެ. އަކްރަމްގެ މުޅި ބޮލާއި މޫނު އޮތީ ވަކި ނުވާވަރު ވެފައެވެ. ފައިބަމުން ދިޔަ ލެއިން މީހާގެ ގަމީސް ވަނީ ފޯވެފައެވެ. އެކްސިޑެންޓްވީ އަނެއް މީހާ ވެސް އޮތީ ހިރި ނުލެވިފައެވެ.

މާ ގިނައިރު ތަކެއް ނުވެ ފުލުހުން ތިބީ އެ ތަނުގައެވެ. ފުލުހުންގެ އަމުރަށް ނުކިމަންތެރިވެ ދުއްވި މީހުންގެ ފަހަތުން އައިހެވެ. އިސާހިތަކު އެންބިއުލާންސް ވެސް އަތުވެއްޖެއެވެ. މުޅި ހިސާބުގަނޑު ބަންދުވެއްޖެއެވެ. މީހުންތައް ޖަމާވާން ފަށައިފިއެވެ. ޖުމާލާއި އިނާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިއްޖެއެވެ. އަނިޔާ ލިބުނު އަނެއް މީހާއާއި އަކްރަމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ.

އަކްރަމް އެކްސިޑެންޓްވި ޚަބަރު ޒަހާއަށް ލިބުނީ އެކަން ހިނގިތާ ތިރީހަކަށް މިނެޓު ފަހުންނެވެ. ޒަހާއަށް ހީވީ ފައިދަށުން ބިންގަނޑު ދޫވިހެންނެވެ. ހަތަރު އުދަރެސް ފެނުޖެހުނުހެންނެވެ. އޭނާ އަވަސްވެ ގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.

ޒަހާ ހޮސްޕިޓަލަށް ދިޔައެވެ. އައިސީޔޫ ދޮރުގެ ކުރިމަތީ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް ވަދެވުނީ އިރުތަކެއް ފަހުންނެވެ. ފާއިތުވާ ކޮންމެ ސިކުންތެއް ޒަހާއަށް ވީ ގަޑިއިރަކަށެވެ. ހޭދަވާ ކޮންމެ މިނެޓަކުން އުފައްދަނީ ސުވާލުތަކެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އިނާދު ކޮބައި ހެއްޔެވެ؟ ޖުމާލު ކޮބައި ހެއްޔެވެ؟ އެ މީހުން ނާންނަނީ ހެއްޔެވެ؟ އެ މީހުން ފިލީ ހެއްޔެވެ؟ ޒަހާގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ޒަހާއަށް އިހުސާސް ކުރެވެމުން ދިޔައީ ހިނގައިގެން އުޅެނީ ކުޑަކަމެއް ނޫންކަމެވެ. އެއްވެފައިވާ މީހުންނާއި އެ ތަނުގައި މީހުންތައް ހަރަކާތްތެރިވަމުން ދިޔަގޮތުން އޭނާއަށް ލިބެމުން ދިޔައީ ހިތާމައެވެ. މުޅި މީހާ ގައިން ވަރުދޫވާހެން ވެސް ހީވާން ފެށިއެވެ.  

ގަޑިއިރަކަށް ފަހު އައިސީޔޫއަށް ޒަހާ ވެއްދިއެވެ. އޭނާގެ ފިރިމީހާގެ ހަށިގަނޑު ޒަހާއަށް ފެނުނެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް ކުރިމަތީ އެ އޮތީ އަކްރަމެވެ. ހަށިގަނޑުގެ ބޮޑުބައި ބެންޑޭޖުން ނިވާކުރެވިފައިވާ އިރު އޭނާގެ ހަރަކާތެއް ނެތެވެ. ޒަހާގެ ޚަބަރު ހުސްވިއެވެ. އޭނާގެ ހެޔަށް ގޮތްވިއެވެ. އަކްރަމް އޮތް ހާލުފެނި އޭނާއަށް ކެތް ނުވީއެވެ. އަނބުރައި ގަތީއެވެ.

ހަފުތާއެއް ވީއިރު ވެސް ޒަހާ ހަމައަކަށް ނޭޅެއެވެ. ހަމަ ވިސްނަނީއެވެ. އަކްރަމާ މެދު ޑޮކްޓަރުންގެ އުންމީދު ކަނޑާލާފައިވާތީ އެކަމާ ހިތާމަ ކުރެވެނީއެވެ. އިހު އުޅުނު އުޅުން އުޅެވިދާނެކަމާ މެދު ޝައްކުކުރެވެނީއެވެ. އޭނާއަށް ވިސްނެނީ އޭނާގެ މުސްތަގުބަލަށް ވާނެ ގޮތެކެވެ. ދަރިފުޅުގެ ކުރިމަގަށް ކުރާނެ އަސަރެވެ. އަކުރަމުގެ އެކުވެރީން ބަންދުގައި ތިބެންޖެހުމެވެ. އެ ހިތާމާގައި އެތައް މަހެއް ޒަހާ ހޭދަކުރިއެވެ. ވަރުބަލި ވުމެއް ނެތިއެވެ. ކެތްތެރިކަމާއެކުއެވެ.

މިއަދުވެސް ޒަހާ އައިސް އެ ވަނީ ވޯޑު ނަންބަރު 14 އަށެވެ. އެ ވޯޑުގައި 6 އެނދު ބެހެއްޓިފައިވާއިރު އެއިން ކޮންމެ އެނދެއްގައި ވެސް ކޮންމެވެސް ބަލި މީހަކު ބާއްވާފައި އޮތެވެ. ޒަހާ އިނީ ދޮރާ އެންމެ މަގަތުގައި ހުންނަ އެނދު ކައިރީ ބެހެއްޓިފައިވާ ގޮނޑީގައެވެ. އެއީ ކޮންމެ ދުވަހަކާއި ރެއެއްގެ ވެސް ޒަހާގެ އާދައެވެ. އަށް މަހާ 27 ދުވަސް އެ ހޭދަކުރަނީ ފިރިމީހާ ގާތުގައި އެ ހޮސްޕިޓަލުގައެވެ. ފިރިމީހާގެ ޚިދުމަތުގައެވެ.

ހިމޭންވެފައިވާ މާ ހައުލުގައި މަޑު އަލި ކަމުގައި ޒަހާ އިނީ އުޖާލާކަން ގެއްލިފައިވާ އޭނާގެ ފިރިމީހާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުން މިއަދު ޒަހާއަށް ލިބެނީ މޮޅިވެރިކަމެވެ. އުންމީދެއް ނެތް މާޔޫސްކަމެވެ. މުޅި މީހާގެ ސިފަ އެވަނީ ބަދަލުވެފައެވެ. ނޭފަތައި ނިތްކުރިމަތީ އެވަނީ ވަޅު ހެދިފައެވެ. ބޮލުގެ ކަނާތްފަރާތުން ބައެއް އެވަނީ އުނިވެފައެވެ. ޒަހާގެ ހިތަށް ވެރިވަމުން ދިޔަ އިހުސާސްތަކާ އެކު އޭނާއަށް ހިންދިރުވާލެވުނެވެ. ފިރިމީހާ އަކްރަމަށް އެނޫން ގޮތެއް ނެތްކަން ޒަހާއަށް އެނގެއެވެ. އެ އުނިކަމުން ސަލާމަތް ނުވެވޭނެކަން ޒަހާ ދަނެއެވެ. ނަމަވެސް އެއީ ފިރިމީހާއެވެ. މި ދުނިޔެ މަތީ އެންމެ ލޯބިވާ މީހާއެވެ. ޒަހާއަށް ލިބިފައިވާ އަށް އަހަރުގެ ދަރިފުޅު ބައްޕައެވެ.

ދަރިފުޅު ކޮންމެ ދުވަހަކު ސުވާލު ކުރެއެވެ. ބައްޕަ ރަނގަޅު ވާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. ބައްޕަ އަދި ވާހަކަދައްކާނެ ކަމަށް ބުނެއެވެ. ދަރިފުޅާއޭ ކިޔާ ބައްޕަ ގޮވާލާނެ ކަމަށް އުންމީދު ކުރެއެވެ. ޒަހާގެ ހިތާމަ ދެގުނަ ވަނީ އެ ދަރިފުޅުގެ އުންމީދުތަކުންނެވެ. އެއީ ހާސިލުވާން ނެތް އުންމީދުތަކެއްކަން ޒަހާއަށް ގަބޫލުކުރެވޭތީއެވެ. އެ އިހުސާސްތަކާ އެކު ޒަހާ ނެގީ އަކްރަމް އޮތް އެނދުގެ ބޯލާކޮޅުގައި އޮތް ފައިލެކެވެ. އެއީ ދަރިފުޅު އޭނާގެ ބައްޕައަށް ތައްޔާރުކޮށްފައި ހުރި ކާޑުތަކެކެވެ. ހޮސްޕިޓަލަށް ނުގެންނަ ކޮންމެ ދުވަހަކު އެ ދަރިފުޅުގެ ލޯބި ހާމަކޮށްފައި ހުރި ކާޑުތަކެވެ. ޒަހާ ނެގީ އެ ތަނުން ކާޑެކެވެ.

"އެންމެ ލޯބިވާ ބައްޕައަށް. ބައްޕަ އަދި ރަނގަޅު ވާނެ. އަޅުގަނޑާ ވާހަކަ ދެއްކޭނެ. ބައްޕަގެ މޫނު ވެސް އަދި ރަނގަޅު ވާނެ. ބައްޕަ ދެރަ ނުވާތި. އަޅުގަނޑު ބޮޑުވެގެން ވާނީ ޑޮކްޓަރަކަށް" ޒަހާގެ ދެ ލޮލުން ކަރުނަ ހިލުނެވެ. ދަރިފުޅަކު ބައްޕައާ މެދު ކުރާ އުންމީދުތަކުން ޒަހާގެ ހިތަށް ތަދުވިއެވެ. އެކަމަކު ޒަހާއަށް އޮތީ ކެތްކުރުމެވެ. އެނޫން ގޮތެއް ނެތެވެ. އެ އިމްތިހާނުން ފާސްވުން ނޫން ގޮތެއް ޒަހާއަކަށް ނުވިސްނުނެވެ. ނަމަވެސް އެ ސިކުނޑިން ކޮންމެ ދުވަހަކު ވެސް ޝަކުވާ ކުރެއެވެ. އެކަނި އިންނަ ކޮންމެ ވަގުތަކު އޭނާގެ ހިތަށް އަރަމުން ދެއެވެ. ފިރިމީހާއަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ދިން ހެލްމެޓު ނާޅައި ދުއްވީ ކީއްވެ ހެއްޔެވެ؟ ގަވައިދާ ޚިލާފަށް ދުއްވަންވީ ކީއްވެ ހެއްޔެވެ؟ އެކުވެރިން ވިހައަކަށްވީ ކީއްވެ ހެއްޔެވެ؟

ޒަހާގެ މުޅި ހަޔާތް ބަދަލުވިއެވެ. ދަރިފުޅު ކުރި އުންމީދުތައް ފެނަށްވިއެވެ. އަކްރަމުގެ އެތެރެ ހަށީގެ ހިނގުމަށް ބަދަލު އައިސް އޭނާގެ ހާލު ދެރަވިއެވެ. ހާދަ ދެރައެވެ. ހާދަ ހިތާމަވެރިއެވެ. މަޖަލަކަށް ނަމަވެސް، ކުރެވުނު އެންމެ ކަމަކުން ހިތަށް ތަދުވީއެވެ. ދުވަހަކު ނުކެނޑޭނެ ތަދަކާ ކުރިމަތިލާން ޖެހުނީއެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ތުޅާދޫ ސްކޫލުގެ ޕީޓީއޭއިން މަސައްކަތު ދުވަހެއް ފާހަގަކުރަނީ
1 day ago 0 Comments
ލޯގޯ ފަރުމާކުރުމުގެ މުބާރާތުން 1ވަނަ މަތީނަށް
4 days ago 0 Comments
ވާދަމައިގެން މޮޅުވި ޓީމުތަކަށް ލިބުނު 21 ހާސް ރުފިޔާ އިޖުތިމާޢީ ޚިދުމަތަށް
5 days ago 0 Comments
ސިލްސިލާ ފުޓްބޯޅަ މެޗު ތުޅާދޫއަށް
5 days ago 0 Comments