ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
ފުރަތަމަ ގުރޭޑް ކުލާސް

ތުޅާދޫ ސުކޫލްގެ ފުރަތަމަ ގުރޭޑް ކިލާސް

މިއަދު ތުޅާދޫ ސުކޫލަކީ ޤައުމީ މަންހަޖަށް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސުކޫލެކެވެ. މަކުތަބުލް ހިދާޔާގެ ނަމުގައި ކިޔައިދޭން ފެށި އިރަކު ގުރޭޑް ކުލާސްތަކެއް ނުހުރެއެވެ. އަދި ކިޔަވައިދޭނެ ވަކި މުޤައްރަރެއް ކަނޑައެޅިފައެއް ނޯވެއެވެ. އޭރު ކިޔަވައިދެމުން ދިޔައީ ނެޝަނަލް އަދި އިންޓަރ ނެޝަނަލް އިމްތިޙާނުތަކަށް އަމާޒު ހިފައިގެނެއް ވެސް ނޫނެވެ. އޭރު ކިޔަވައިދެމުން ދިޔައީ އަމިއްލަ ވެށްޓަށް ލޯ ހުޅުވައިގެން އެ ވެށީގައި ދިރިއުޅެވޭނެ މިންވަރަށެވެ. އޭރު ކިޔެވި ކުދީންނަކީ ދުނިޔެއަށް ލޯ ހުޅުވި ދުނިޔޭގެ ފެންވަރަށް އަމާޒުކޮށް އެ ފެންވަރުގެ އިމްތިޙާނުތަކުގައި ބައިވެރިވުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯ ތުޅާދޫގެ ރައްޔިތުން ކުރި މަސައްކަތުގެ މުގުލުގައި ތިބި ދަރިވަރުންނެވެ. ތަފާތު ގިނަގުނަ މަސައްކަތްތަކެއް އެ ދަރިވަރުންނާއި ރައްޔިތުންނާއި މަދަރުސާގެ މަސްއޫލުވެރީން ގުޅިގެން ކޮށްފައިވެއެވެ. މި މަސައްކަތުގެ ފުރަތަމަ ކާމިޔާބަކީ ތުޅާދޫ ސްކޫލްގައި ގްރޭޑް 1 އުފެއްދުމެވެ. އެންމެ ފުރަތަމަ ގްރޭޑް ކުލާހުގެ ދަރިވަރެއްގެ ތަޖުރިބާ ޙިއްޞާކުރުމަކީ ތާރީޚަށް ޓަކައި މުހިންމުކަމެއްކަމުގައި ދެކެމެވެ.

އަޅުގަނޑުމެން ސްކޫލަށް ވެއްދި އިރު، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުން ޚަރަދު ކޮށްގެން ހިންގާ ސަރުކާރުގެ ރަސްމީ މަންހަޖަށް ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. ބ.އަތޮޅުގައި އޭދަފުށީ އަތޮޅު ތަޢުލީމީ މަރުކަޒާއި ދަރަވަންދޫގައި އަތޮޅު މަދަރުސާއާއި ދެ ސްކޫލް ހުރެއެވެ. އަތޮޅުތަކުގެ ސްކޫލްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭކަށް އެނގުނު ހިސާބުން ފެށިގެން ސަރުކާރުގެ ރަސްމީ ތަޢުލީމުގެ ތެރެއަށް މަދަރުސާ ވެއްދޭތޯ އެތައް ބަޔަކު އެތައް ގޮތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔައެވެ. އެ އިރަކު ސްކޫލާ ޙަވާލުވެ ހުންނެވި މަސްޢޫލުވެރިޔަކާއި މާލޭގައި ތިބި ތުޅާދޫ ދަރީންނާ ގުޅިގެން މުޅި ރައްޔަތް ކެނޑިނޭޅި ކުރަމުން ދިޔަ މަސައްކަތަށް ފެހި ސިގުނަލް ލިބެންފެށީ، ރަޖިސްޓްރީ ކުރެވިގެން ކިޔަވައިދޭން ފެށިތާ 46 އަހަރު ފަހުންނެވެ. އަޅުގަނޑުމެން ސްކޫލަށް ވަން އަހަރުއެވެ.

އަޅުގަނޑުމެން ސްކޫލަށް ވެއްދީ ޢުމުރުން 07 އަހަރުގައި ބާ ކުލާހަށެވެ. ބާ ކުލާހުގައި ކިޔަވަމުން ދަނިކޮށް ތުޅާދޫ ޕްރައިމަރީ ސްކޫލްގައި ގްރޭޑް 1 އުފެދިއްޖެއެވެ. އޮޓޮމެޓިކުން އަޅުގަނޑުމެން ގްރޭޑް 1 އަށް ބަދަލުވެއްޖެއެވެ.  އޭރު ރަސްމީ ތަޢުލީމުދޭ މަރުކަޒުން އެކުލަވައިލާފައިވާ ދިވެހި އިސްލާމު ފޮތްބައެއް ވެސް ލިބިއްޖެއެވެ. މިހާރުހެން ފޮތްބައި ސްކޫލުން ހިލޭ ދެނީއެއް ނޫނެވެ. ބެލެނިވެރީން ގަނެދިނީއެވެ. ތުޅާދޫ ސްކޫލު ޒަމާނީ ތަޢުލީމުގެ ތެރެއަށް ވަނުމަށް ހުޅުވުނު ދޮރޯށްޓަކީ 1983 ގައި ގްރޭޑް1 އުފެދުމެވެ.

އަޅުގަނޑުމެން ސްކޫލަށް ވަން އިރު ކިލާހުގައި ގާތްގަޑަކަށް 40 އަކަށް ކުދިން އުޅޭނެއެވެ. ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި  ޙުސައިން ރަޝީދާއި މަރީނާ އަޙުމަދާއި ޞަފިއްޔާ ޒަކަރިއްޔާއާއި މައިމޫނާ ޙުސައިނާއި ރަޙުމާ ޙުސައިން ހިމެނެއެވެ.

ގްރޭޑް 1 އުފެދި މެދުކެނޑުމެއް ފަސް ޖެހުމެއް ނެތި އަޅުގަނޑުމެންނަށް ދެވުނީ ގްރޭޑް 7 އާ ހަމައަށެވެ. 1989ގައި އަޅުގަނޑުމެން ގްރޭޑް 7 ނިންމައިފީމެވެ. 1990، 1991، 1992 ނިމުނު އިރު ވެސް އަޅުގަނޑުމެން ސްކޫލް ނިމޭ ގޮތެއް ނުތްވެވެ. އެހެންކަމުން ގުރޭޑް 7 ގައި ރިޕީޓްކޮށް ކިޔަވަން ޖެހުމުން ކުދީން މަދުވަމުންމަދުވަމުން ގޮސް އަޅުގަނޑުމެން ސްކޫލް ނިމުނު އިރު ތިބީ އަށް ކުދިންނެވެ. އެކި ނަންނަމުގައި އަޅުގަނޑުމެން ސްކޫލްގައި ގެންގުޅުނެވެ. ޢުމުރުން 14 އަހަރަކީ ސްކޫލް ނިންމައި ރަށުތެރެއަށް ވީއްލައިލަންވީ ޢުމުރު ނޫންކަމަށް އޭރު ތިއްބެވި މަސްއޫލްވެރީންނާއި ބެލެނިވެރީންނަށް ވިސްނިފައި އޮތީމާ ކަމަށް ވެދާނެއެވެ. އެއް އަހަރު ރިޕީޓް 7 ، އަނެއް އަހަރު ސްޕެޝިއަލް ރިޕީޓް 7، އަނެއް އަހަރު ސްޕެޝިއަލް ކުލާސް 7 ކިޔައިގެން އަޅުގަނޑުމެން ސްކޫލުން ބޭރުވިޔަ ނުދީ ހިފެހެއްޓިއެވެ. ގްރޭޑް 8 އުފެއްދޭތޯ މަސައްކަތްކުރިވަރު އެނގިލައްވާނީ ސްކޫލްގެ ވެރީންނަށެވެ. ގްރޭޑް 8ގެ އިންތިޒާރުގައި އަޅުގަނޑުމެން 08 ކުދީން 04 އަހަރު ތިބީމުއެވެ. 

އޭރު އަޅުގަނޑުމެން ތިބީ ސްކޫލުގައި ކިޔަވައިދޭން އޮންނަ މިންވަރު ފުރިހަމަކޮށްގެންނެވެ. އެހެންކަމުން ބައެއް އަހަރު ހަމައެކަނި ހިސާބާއި އިނގިރޭސި ކިޔަވައިދިނެވެ. އަނެއް އަހަރު އިސްލާމާއި ދިވެހި ކިޔަވައިދިނެވެ. އަދި އެއް އަހަރު ހަމައެކަނި އިނގިރޭސި ކިޔަވަން ޖެހުނެވެ. އެ އަހަރު އެ މާއްދާ ކިޔަވަން ދާން ޖެހުނީ ގްރޭޑް 7 ގެ ކުލާހަށެވެ. އަޅުގަނޑުމެންނަކީ ސްޕެޝިއަލް ރިޕީޓް7 އެވެ. ކިޔަވައިދޭން ދުރުވަނީ ސްރީލަންކާގެ ގުނަތިލަކަ ކިޔާ ޓީޗަރެކެވެ. އަޅުގަނޑުމެން ކުލާސް ކުދީން ދެކެ ވަރަށް ލޯބިވި މުދައްރިސެކެވެ. އަކުރު ލިޔާލެއް ރީތިކަމުން ޓީޗަރ ކިޔަވައިދެއްވައި ކުލާސްތަކަށް ފޮތް ގެންގޮސްގެން ނަމޫނާ ދައްކަވައެވެ. ތަމްރީނު ހަދާލެއް ފުރިހަމަކަމުން އެހެން ކުލާސްތަކުގައި އެ ވާހަކަ ދައްކަވައެވެ. އެކަމަކު ގްރޭޑް 7ގެ ކުދީންގެ ރަނގަޅު ވާހަކައެއް މޮޅު ވާހަކައެއް ނުދައްކަވާ ތާނގައި ކުލާހުގައި އެ ކުދީންނަށް ނަސޭޙަތުގެ ލެކްޗަރތައް އަޅައިލަނީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. މީގެ ނަތީޖާއަކަށް ވަނީ ގްރޭޑް 7 ގެ ބައެއް ދަރިވަރުން އަޅުގަނޑުމެން އެ ކުލާހަށް ދިއުމުން އިށީންނަށް ތަން ނުދިނުމާއި ގޮނޑިތައް ދަމައި ގޮނޑި ބަންޑުން ބޭއްވުން ފަދަ އުނދަގޫތައް ކުރަން ފެށުމެވެ. އިށީންނަށް ފޫކޮޅު ތިރިކޮށްކޮށް ހުއްޓައި ގޮނޑި ދުރުކޮށްލައެވެ. ކަންކޮށް ނިންމުމަށް ފަހު ސޮރީ ބުނީމާ ނިމުނީތާއެވެ. އަޅުގަނޑުމެންގެ ދަރިވަރުންނަށް ޖެހެނީ ތަޅުންމައްޗަށް އިނދަޖެހިފައި އަލުން ތެދުވާށެވެ. ކިތަންމެ ދެރަ ވިއަސް، ރުޅި އަޔަސް ކުލާހުން ބޭރަށް ދިއުމުގެ ވިސްނުމެއް ނުހުރެއެވެ. އެ ކުލާހަށް އަނެއް ދުވަހު ނުވަންނާކަށް ނޫޅެމެވެ. އެ މީހުން ހެދިހައި ގޮތަކަށް ކެތްކޮށްގެން ތިބެ ކިޔެވީއެވެ.

މިހައި ހިސާބަށް އައި އިރު ޖާގައާއި ގޮނޑި ޑެސްކުގެ ދަތިކަން ވެސް ސުކޫލަށް ވަނީ ކުރިމަތިވެފައިވެއެވެ. އެހެންކަމުން ރިޕީޓް 7 ގައި ކިޔެވި ކޮންމެވެސް އެއް އަހަރަކު އަޅުގަނޑުމެން  ކިޔަވަން ޖެހުނީ ސުކޫލްގެ ފެންޑާގައި ގޮނޑި ޖަހައިގެންނެވެ. ފެންޑާގެ އެއް ކައިރީގައި ވަކި ތަރުތީބަކުން މަތިމައްޗަށް ޖަހައިފައި ހުންނަ ގޮނޑިތައް އަމިއްލައަށް ނަގައިގެން ކުލާސް ހަދައި ކިޔަވައި ނިންމައިފައި ހަމަ އެ ހުރިގޮތަށް ގޮނޑި ޖަހަން ޖެހެއެވެ. ޑެސްކަކީ އަޅުގަނޑުމެން ކަކުލެވެ. އެ ތާކު ޑެސްކެއް ނުހުރެއެވެ.

      މި ޙާލުގައި މި ނިކަމެތިކަމުގައި ކިޔަވަން ޖެހުމުން އާ ސްކޫލް އަވަހަށް ނިމޭތޯ އަޅުގަނޑުމެން އަމިއްލައަށް ވޮލަންޓިއަރކޮށްގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެއެވެ. އަޅުގަނޑުމެންގެ ފިރިހެން ދަރިވަރުން އާ ސްކޫލަށް ޖެހި ޑެސްކުތަކުގައި ހިލަކަރުދާސްލައި އޮމާންކޮށް ވަރނީޝްކޮށްފައިވާނެއެވެ. އެ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އަންހެން ދަރިވަރުން ކެއުމާއި ޖޫސް އެ ކުދީންނަށް ގެންގޮސްދިނެވެ. ޢިމާރާތުގައި ކުލައާއި ދަވާދުލައި، އެކި ރަށްރަށުން ރުއްގަސް ގެނެސް އިންދައި ޤަވާޢިދުން ފެންދީ ބަލަހައްޓަމުން ގެންދިޔައީ މިންތީގެ ތަފާތުކުރުމެއް ނެތިއެވެ. ކޮންމެއަކަސް ގަދަ ހިތްވަރާއި ކެތްތެރިކަމާއެކު ކުރެވުނު މަސައްކަތުން 1993 ވަނަ އަހަރު އާ ސްކޫލް ހުޅުވި ކިޔަވައިދޭން ފެށުނެވެ. އެކަމަކު، އަޅުގަނޑުމެންނަށް ވަކި ކުލާސްރޫމެއް ނުލިބުނެވެ. ކިޔަވަން ޖެހުނީ އެއްކަލަ ކުރީގެ ވެސް ގްރޭޑް 7 ގެ ކުދީންނާ އެކުގައެވެ.

      އުނދަގުލުގައި ކިޔެވިޔަސް އޭރުގެ ފެންވަރުން އަޅުގަނޑުމެން ވާނީ ސްކޫލަށް ރީތި ނަން ހޯދައިދީފައެވެ. ފުރަތަމަ ފަހަރަށް ރަށުން ބޭރުން ތުޅާދޫ ސްކޫލަށް ތަށްޓެއް ގެނެސްދިނުމުގައި މި ގްރޭޑްގެ ދަރިވަރުންގެ ޙިއްޞާ ވަރަށް ބޮޑެވެ. ބ.އަތޮޅު ތަޢުލީމީ  މަރުކަޒަށް 25 އަހަރު ފުރިގެން މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުނު މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުން ތުޅާދޫ ސްކޫލަށް ވަނަ ލިބުނު އިރު، މި ކުލާހުގެ 03 ދަރިވަރަކު މުޅި މުބާރާތުން 2 ވަނަ އާއި 3 ވަނަ ހޯދާފައިވެއެވެ. ސްކޫލްގައި ފުރަތަމަ ފަހަރަށް ކުޅެވުނު އިނގިރޭސި ތަމްސީލު (ސިންޑްރެއްލާ) ގައި ބަޠަލާއާއި ބަޠަލުގެ ބައި ކުޅުނީ ވެސް މި ކުލާހުގެ ދަރިވަރުންނެވެ. އަތޮޅު ލަވަ މުބާރާތުން ރަންވަނަ ވެސް ވަނީ ޙާޞިލުކޮށްފައެވެ. މި ހުރިހާ ވަނައަކީ ވެސް ތުޅާދޫ ސްކޫލަށް ފުރަތަމަ ފަހަރަށް ލިބުނު ވަނަތަކެވެ.

ތުޅާދޫ ސްކޫލްގެ ގްރޭޑް 1 ގައި ފުރަތަމަ ކިޔެވި ދަރިވަރުންގެ ޢުމުރުން މިހާރު 40 ން މައްޗަށް ގޮސްފައިވާ އިރު، އެއިން އެއްވެސް ކުއްޖަކީ މުޖުތަމަޢުގެ ތެރެއަށް ވީއްލި ބޭކާރުވެފައިވާ ކުއްޖެއް ނޫނެވެ. އެއީ މިހާރު އެކި ރޮނގުރޮގުން ޤައުމީ ޚިދުމަތުގައި ދެމި ތިބި ހަރުދަނާ ދަރީންނެވެ. ތަޢުލީމީ ދާއިރާގައެވެ. ފަތުރުވެރިކަމާއި ލިޔެލާ ޖެހުމުގެ ދާއިރާގައެވެ. އިދާރީ ހިންގުމާއި އަމިއްލަ ވިޔަފާރީގައެވެ. އެއީ މުދައްރިސުންގެ ލޯބި ވެސް މިލްކުކުރި ދަރިވަރުންތަކެކެވެ.  އެ ދަރިވަރުންގެ އުނގެނުމުގެ ޝައުޤާއި މަސައްކަތުގެ ފެންވަރާމެދު މުދައްރިސުން އުފާކުރައްވައި އެކިއެކި ހަދިޔާތައް ލިބުނު ދަރިވަރުންނެވެ. މިއަދު ވެސް މި ދެންނެވި މުދައްރިސުން ނަމޫނާ ދަރިވަރުންގެ ގޮތުގައި މި ގުރޭޑްގެ ދަރިވަރުން ފާހަގަކުރެއެވެ. މި ގުރޭޑްގެ ގިނަ ކުދީންނަކީ ޑިގްރީ އާއި މާސްޓަރސް ފެންވަރަށް ކިޔަވައިގެން ތިބި ކުދީންނެވެ. އެ ދުވަހު ގޮނޑީގައި އިނދެވުމުގެ ބަދަލުގައި ތަޅުން މައްޗަށް އިނދަޖެހުނު ދަރިވަރަކީ މިއަދު ތުޅާދޫގައި ހުރި ހަމައެކަނި ޕީއެޗްޑީ ހޯލްޑަރެވެ. އެއީ ވެސް އެންމެ ފުރަތަމައެވެ. ފުރަތަމަ ގްރޭޑްގެ ދަރިވަރެކެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
އަދަބީ މުބާރާތްތަކުން ތުޅާދޫއަށް ބޮޑު ކާމިޔާބެއް
1 month ago 0 Comments
ޓާގެޓް ވަން ޑޭ ކަޕްގެ ޗެންޕިއަންކަން އިޓް ހާރޓްސްއަށް
2 months ago 0 Comments
ތުޅާދޫ އިހުގެ ހުކުރު މިސްކިތް ތަޅާލައި އާ މިސްކިތެއްގެ ބިންގާއެޅުން
2 months ago 0 Comments
ގައުމީ ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ތުޅާދޫ ޔަންގް އީގަލްއަށް
2 months ago 0 Comments