![](https://thulhaadhootimes.com/ads/banner_0101.jpg)
އެނގުމާއި ނޭނގުމުގެ ތަފާތުވެސް ވަކިކޮށްދެމުންނެވެ. އިންސާނަކަށްވީތީ ކޮންމެހެންވެސް އެނގެންޖެހޭ މި ތަފާތު ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ ކުރިން ދެނެގަނެވުނު އެއްބަޔަކީ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެނގުމާއި ނޭނގުމުގެ ފަރަޤު އެނގި، އޭގެ މުހިންމުކަން ވިސްނުނުނީތީއެވެ. ދަރީންނަށް ތަޢުލީމުދީ ހޭލުންތެރި ރައްޔިތެއް ބިނާ ކުރުމަކީ ދިރިއުޅުމުގެ މާތް މަޤްޞަދެއްކަމުގައި ދެކި އެމަސައްކަތް ވަރަށްކުރިން ފަށާފައިވީތީއެވެ.
ތުޅާދޫގެ ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން
ތުޅާދޫގެ ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވިގެންދިޔަ މަދުރަސަތުއްސަނިއްޔާއަށްފަހު ފާދިއްޕޮޅު ނައިފަރު މަދަރުސަތުލް އިފްތިތާހާ އެކުއެކީގައި ތުޅާދޫ މަދަރުސާގެ ނަމުގައި ރަސްމީސިފައެއްގައި ތުޅާދޫގައިވެސް ވަނީމަދަރުސާއެއް ހުޅުވާފައެވެ. ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ބިނާކުރި އެ މަދަރުސާ ހުޅުވުމަށް ބާރުއަޅުއްވައި އިރުޝަދު ދެއްވީ ރަށުގެ ބައެއް ރައްޔިތުންނާއޮތް ގާތްގުޅުމެއްގެ ތެރެއިން އެދުވަސްވަރު ރަށަށް ވަޑައިގެން ހުންނެވި މާފަންނު ބަގީޗާގޭ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް މުޙައްމަދު ސަޢީދުލް އަޒްހަރީއެވެ. އޭރު ރަށުގެ ވެރިޔަކީ ބ. ތުޅާދޫ ކުރަހާގޭ އިސްމާޢީލް މުޙައްމަދެވެ. މާލޭގެ ބޮޑުންނާއި ގާތްގުޅުމެއް އުފެދިފައިވާ އޭރުގެ ވެރިކަމުގެ އާރާބާރުލިބިހުރި ތުޅާދޫގެ ދޮން އިސްމާޢިލް ކަތީބެވެ. 1936 ވަނައަހަރު އޮގަސްޓްމަހުގެ 17 ވަނަ ދުވަހު ހުޅުވިގެންދިޔަ ތުޅާދޫމަދަރުސާ މެދުނުކެނޑި ހިނގަމުންދާތާ 85 އަހަރުވީއެވެ. ތަޢުލީމު ފޯރުކޮށްދިނުމުގެ ބުރަމަސައްކަތުގައި މިހާ ގިނަދުވަހު މެދުނުކެނޑި ދެމިއޮތުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟
ޝައްކެއްނެތެވެ! ތުޅާދޫ މަދަރުސާގެ މިފަޚުރުވެރި ކާމިޔާބުމާޒީގެ ތެރެއަށް މިިއަދު މިވަދެވެނީ ތުޅާދޫގެ ފަސްގަނޑަށް ކުލުނު ހުރި ތުޅާދޫގެ ފަޚުރުވެރި ދަރިންތަކެއް އެދުވަހު އެކުރި އަގުހުރި މަސައްކަތުގެ ސަބަބުންނެވެ. އެ ދުވަސްވަރަކީ، އާމްދަނީ ހޯދުމަށް މާގިނަ މަސައްކަތެއް ކޮށްއުޅުނު ޒަމާނެއް ނޫނެވެ. ލިޔެލާޖަހައި މަދު ދެތިންމީހަކު އުޅުނުނަމަވެސް، އޭރު ތުޅާދޫ މީހުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. ރައްޔިތުންގެ މުޅި ދިރިއުޅުން ބަރޯސާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. ސަރުކާރުގެ އެހީތެރިކަމެއް ނެތި ރައްޔިތުން ގެ ޚަރަދުގައި މަދަރުސާއެއް ބިނާކޮށް އެކި ރަށްރަށުން ތަޢުލީމީ މީހުން ގެނެސް އެ މީހުންގެ ހުރުމާއި ކެއުން ތަނަވަސްކޮށްދީ އެފަރާތްތަކަށް އެކަށިގެންވާ އުޖޫރަ ދިނުމަކީ އެދުވަސްވަރަށް ބަލާއިރު ކިހާ ދަތި އުނދަގޫ ކަމަކަށް ވާނެހެއްޔެވެ؟ އެހެނަސް ތަޢުލީމު ދިނުމަކީ އަސާސީ ފަރުޟެއްކަމަށް ޤަބޫލުކޮށް، އެ ޙައްޤުން ތުޅާދޫގެ އެއްވެސް ދަރިޔަކު މަޙުރޫމް ވިޔަނުދިނުމަށް ޢަޒުމު ކަނޑައަޅައިގެން ތިބި ހިތްވަރުގަދަ އެތައް ރައްޔިތުންނެއް ތުޅާދޫގެ އެ ފަސްގަނޑުގައި އެދުވަހު ތިއްބެވެ. އޭގެ ތެރެއިންވެސް ޚާއްޞަގޮތެއްގައި ފާހަގަ ކޮށްލަންޖެހެނީ ތުޅާދޫގެ މަސްވެރި ޖަމާޢަތެވެ. ރަށުގެ ހީވާގި މަސްވެރީންނެވެ. މީހުންގެ ހޭލުންތެރިކަން ކުޑަ އަމުދުން ތަޢުލީމު ދިނުން ޢާއްމުވެފައިނުވާ އެފަދަ ޒަމާނެއްގައި ރައްޔިތުން އަމިއްލައަށް އެފަދަ މުހިއްމު މަސައްކަތަކާ ކުރިމަލީ ތުޅާދޫގެ މަސްވެރީންގެ ވަރުގަދަ ޢަޒުމާއި ސާބިތުކަމުންނެވެ. މަސްވެރީންގެ ގަދަފަދަ ހިތްވަރުންނެވެ. ދުވަހެއް ދުވަހަކަށް އެމީހުން ދިޔައީ އެ މުހިއްމު މަސައްކަތުގައި ޖޯޝް އުފައްދާ ފޯރި އިތުރު ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ރަށުން ބޭރުންގެނެވޭ މުދައްރިސުންގެ ހުރިހާކަމެއްހެން ބެލެހެއްޓީ މަސްވެރިންނެވެ. ދޭހައި އަތްވެއްގައި ލޯ ބޯ ފިއްސައި، ވެހޭހައި ވާރެއެއްގައި ތެމިފޯވެ ތިބެގެން އެދުވަހަކު ބޭނުނު މަސްކޮޅުން މަދަރުސާގެ ޚަރަދުތަކަށް މަސްބައިދިނީ އެއްވެސް އުޖާރައެއް ނެތިއެވެ. އެކަން އެގޮތަށް އެމީހުން އެދުވަހުކުރީ ތުޅާދޫގެ ދަރިންގެ ކުރިމަގަށް ނިކަން ފޮނިހުވަފެންތަކެއް ދެކެމުންނެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް އެކި ރަށްރަށުން މުދައްރިސުންގެނެސް، އެމީހުން ހިތްހަމަޖެހޭފަދަ އަމާން ވެށްޓަކަށް ތުޅާދޫ ހަދައި ދިނުމުގައި މަސްވެރީންގެ ދައުރު އިންތިހާއަށް ބޮޑެވެ. ރަށުން ބޭރުން ގެނެވޭ މުދައްރިސުންނަށް ރަށުގައި އުޅެވޭނެ ގެދޮރު ބިނާކޮށްދިނީ މަސްވެރިންނެވެ. އެހިތްވަރުގަދަ މަސްވެރީން އެމީހުންގެ އަތްފައި ކޮށައި މަށައިގެންނެވެ. މަދަރުސާ ހުއްޓުމަކަށް އައިސްދާނޭހެންހީވި ކޮންމެ ފަހަރަކު، އެފަދަ މުދައްރިސުންގެ ކަންކަން ފަހިކޮށްދީ އެމީހުންގެ އުޖޫރަ ބޮޑުކޮށްހެދީ، ނުރުހުމުގެ ކުޑަވެސް ޝަކުވާއެއް ނެތިއެވެ. ދުނިޔެއަށް ކުރިމަތިވެގެންދިޔަ ބޮޑު ތަދުގައި، އޮނުއޮރިޔާން ނިވާކުރެވޭނެގޮތެއްނެތި ހައިހޫނުކަމުގައި، ހަމައެކަނި އެމީހެއްގެ އަމިއްލަ ނަފުސަށް ވިސްނައިގެން ދިރިހުރުމަށް މަސައްކަތްކުރި އެ ހިތްދަތި ދުވަސްވަރު، މިފަދައިން ޢަމަލު ކުރެވޭނީ ކިހާވަރުގަދަ ކުލުނުވެރިކަމެއް އޮވެގެންހެއްޔެވެ؟ ކިހާ އިޚްލާސްތެރި ލޯތްބެއް އުފެދިގެންހެއްޔެވެ؟
ތުޅާދޫގެ އޭރުގެ މަސްވެރި ރައްޔިތުންނަކީ އަބަދުވެސް ވަރަށްހިތްހެޔޮ ބައެކެވެ. އެކަކު އަނެކަކާއި އަޅާލައި އެހީތެރިވެދީގެން އުޅުނު ނިކަން އެކުވެރި ބައެކެވެ. ޚާއްޞަކޮށް ބީރައްޓެހިންނަށް ވަރަށްކަމޭހިތައި އުޅުނުބައެކެވެ. މުދައްރިސުންގެގޮތުގައި ރަށުންބޭރުން ގެނެވުނު ބޭފުޅުންގެ ތެރެއިން ބައެއް މުދައްރިސުންނަށް، ތުޅާދޫގެ މަސްވެރި ރައްޔިތުންގެ ހިތްހެޔޮކަމާ އޯގާތެރިކަންފެނި، ތުޅާދޫގެ ފަސްގަނޑަށް ކުލުނުޖެހުނެވެ. އޭގެ ތެރެއިން ބައެއްފަރާތްތައް އަޅުގަނޑުމެންނާއ ވަކިވެފައިވާ ވީނަމަވެސް ބައެއް މުދައްރިސުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. އެފަރާތްތަކުގެ ހެޔޮބަސްތައް މިއަދުވެސްދަނީ ތުޅާދޫގެ މަސްވެރިންނާ ތުޅާދޫގެ ރައްޔިތުންނަށް ލިބެމުންނެވެ. އަދި ރަށުން ބޭރުން ގެނެވުނު އެފަދަ ބައެއް މުދައްރިސުންވަނީ ތުޅާދޫގެ ރަށްވެހިކަން ޤަބޫލުކޮށް ތުޅާދޫގައި އެމީހުންގެ ދިރިއުޅުން އަބާދުކޮށް އާރާސްތުކޮށްފައެވެ.
ތުޅާދޫގެ މަދަރުސާ މިއަދާއި ޖެހެންދެން މެދުނުކެނޑި ހިނގަމުން އައިސްފައިވަނީ ތުޅާދޫ ވެރިންނާއި ތުޅާދޫގެ މަސްވެރި ރައްޔިތުން ތަޢުލީމަށްޓަކައި އެމީހުން ކުރާހިތުންކުރި ބުރަމަސައްކަތުންނެވެ. މިކަން ކަށަވަރުކޮށްދެނީ މަދަރުސާގެ ތާރީޚީ ލިޔުންތަކެވެ. 1973 ވަނައަހަރުގެ ޖުލައި މަހުގެ 18ވަނަދުވަހު ތުޅާދޫގެ އޮޑިވެރިންނާ ކެޔޮޅުން ވެފައިވާ ވަރުގަދަ އަހުދަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ. 3 ޞަފުޙާގެ މައްޗަށް އެކުލެވޭ އެ މުހިހްމު ލިޔުމުގައި އިޤުރާރަކާއެކު މުހިންމު 5 މާއްދާއެއް ހިމެނެއެވެ. ތުޅާދޫގައި އެވަގުތު މަހަށްފުރާ 20 ދޯންޏެއްގެ އޮޑިވެރިންނާ އެ އޮޑިފަހަރުގެ ކެޔޮޅުންވަނީ އެ ލިޔުމުގައިވާގޮތަށް ޢަމަލުކުރުމަށް އަޙުދުވެ އެ އިޤްރާރުގައި ސޮއިކޮށްފައެވެ. ކޮންމެ ދޯންޏެއްވެސް ބާނާމަސް ބަހަންފެށުމުގެކުރިން މަސްގަނޑު ހުރިގޮތަށްހުއްޓާ، ކޮންމެ 50 މަހަކުން އެއްމަސް ނެގުމަށްފަހު ތުޅާދޫ މަދަރުސާއަށް ދިނުމަށްވަނީ އަޙުދުވެފައެވެ. މަސްކައްކާ ހިއްކާ ވިއްކުމަށްފަހު އެފައިސާ މަދަރުސާއަށް ޙަވާލުކުރުމާއި ހަމައަށް ކަންކުރަންވީގޮތް ތަފްޞީލުކޮށް ލިޔެފައިވެއެވެ. އެ ލިޔުމުގައި ބަޔާންކޮށްފައިވާ 20 ދޯންޏާއި އެދޯނިފަހަރުގެ އޮޑިވެރިވެރިންނާއި ކެޔޮޅުންގެ ނަންތައް މިފާހަގަ ކޮށްލަނީ ނުހަނު އުފަލާ ހިތްހަމަ ޖެހުމާއެކުގައެވެ. އެފަރާތްތަކުން ކުރައްވާފައިވާ އެ މަތިވެރި ޚިދުމަތުގެ އަގުވަޒަން ކުރަމުންނެވެ. އެފަރާތްތަކަށް ޙައްޤުވާ ޝުކުރު އަދާކުރަމުންނެވެ.
# | ދޯނީގެ ނަން | އޮޑިވެރިން | ކެޔޮޅުން |
1 | މަޙްބޫބާ | ޢަބްދުއްރަޙީމް ޔޫސުފު | ޢަލީ މުހައްމަދު |
2 | އުއްމީދު ދޯނި | ޢަބްދުއްރަޙީމް ޔޫސުފު | އަބޫބަކުރު އާދަމް |
3 | އަލިތަރި | ޢަބްދުއްރަޙީމް ޔޫސުފު | ޢަބްދުއްރަޙުމާނު އަޙުމަދު |
4 | ދިލާސާ | މުޙައްމަދު އަބޫބަކުރު | ޢަބްދުﷲ އަބޫބަކުރު |
5 | އިނާމު | މުޙައްމަދު އަބޫބަކުރު | މުޙައްމަދު ޢަބްދުއްރަޙުމާނު |
6 | ހިތްފަސޭހަ | ޙަސަން އިދްރީސް | އިބްރާހީމް އާދަމް |
7 | މަސްރޫރާ | ޢީސާ މޫސާ | ޢީސާ މޫސާ |
8 | އަލިވިދުވަރު | ދާއޫދު އަބޫބަކުރު | ޢަބްދުއްރަޙީމް އަބޫބަކުރު |
9 | އަލިހުރަސް | ރަޝާދު އަބޫބަކުރު | ޙާމިދު އަބޫބަކުރު |
10 | އަލިމަސް | ޢަލީމޫސާ | ޔޫސުފު ޢަލީ |
11 | ސިތާރާ | ޢަލީމޫސާ | މޫސާ ޢުމަރު |
12 | އަސްމަސް | ޔޫސުފު މޫސާ | ޢަބްދުއްރަޙީމް މުޙައްމަދު |
13 | ދިލްޝާދު | މުޙައްމަދު ޢުމަރު | ޙުސައިން މުޙައްމަދު |
14 | ނޫމަސް | ޢަބްދުއްރަޙުމާނު އަބޫބަކުރު | ޢަބްދުއްރަޙުމާނު އަބޫބަކުރު |
15 | މަސްދޯނި | ޙުސައިން އިދްރީސް | ޙުސައިން އިދްރީސް |
16 | އުޖާލާ | އަބޫބަކުރު މުޙައްމަދު | ޢަބްދުﷲ ޢަބޫބަކުރު |
17 | ހަލުއިމަސް | ޢަލީ އިބްރާހީމް | ޢަލީ އިބްރާހީމް |
18 | ގޮދާ | އިސްމާޢީލް އިބްރާހީމް | އިސްމާޢީލް އިބްރާހީމް |
19 | މުޝްތަރީ | މުޙައްމަދު އިދްރީސް | ޔަޙްޔާ އިދްރީސް |
20 | ނޫރާނީ | ޢަބްދުއްރަޙުމާނު ޢަލީ | ޢަބްދުއްރަޙުމާނު ޢަލީ |
މަތީގައި ބަޔާންކޮށްފައިއެވާ 20 ދޯނީގެ ކޮންމެ އޮޑިވެރިޔަކާ ކެޔޮޅަކީ އަދި އެއިން ކޮންމެ ދޯންޏަކަށް ނިސްބަތްވި ހަމަ ކޮންމެ މަސްވެރިޔަކީ، މިއަދުގެ ދަރިންގެ ކުރިމަގަށްޓަކައި އަގުނުކުރޭފަދަ އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ މުޅި ތުޅާދޫ އަބަދުމެ ފަޚުރުވެރިވާނެ ދަރިއެކެވެ. މީގެ ތެރެއިން ވަރަށްގިނަ ފަރާތްތަކެއް، މިއަދު އެވަނީ ފަނާވުމެއްނުވާ އެ މަތިވެރި ޢާލަމަށް ދަތުރުކުރައްވާފައެވެ. މާތްﷲ އެ މަރްޙޫމުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ.
ތުޅާދޫ މަދަރުސާގެ ފުރަތަމަ އެޅި ބިންގަލުގެ މަތީގައި، ދެގޮތެއްނުވެ އެގޮތުގައި 85 އަހަރު ވޭތުކުރުމުގެ އެންމެ މުހިންމު ބަޔަކީ ތުޅާދޫގެ މަސްވެރި ރައްޔިތުންކަން ޔަޤީނެވެ. އެ މަދަރުސާ ކުޑަ ހިނދުކޮޅަށްވެސް ހުއްޓުމެއްނެތި ކުރިއަށް ދުއްވަމުން ދިޔަ އިންޖީނަކީ ތުޅާދޫގެ ކެޔޮޅުންނާއި އޮޑިވެރީންނާއި އެ އޮޑިފަހަރުގެ ނިކަމެތި ފަޅުވެރީންނެވެ. އެ އިންޖީނަށް އެދުވަހު ހުއްޓުމެއްނެތި އަޅަމުންދިޔަ ތެލަކީ، ތުޅާދޫގެ ހީވާގި މަސްވެރީންގެ ބުރަ މަސައްކަތެވެ. ތުޅާދޫ މަދަރުސާގެވާހަކަ ދެކެވޭ ކޮންމެ ވަގުތަކު، ހަނދާނަށް އަންނަނީ، ތުޅާދޫ މަސްވެރީންގެ އެ މުޤައްދަސް އެ މާތް މަޤްޞަދެވެ. އެ މީހުންގެ އެ ވަރުގަދަ ޢަޒުމެވެ. އެބައިމީހުންގެ ހިތާއި ފުރާނައާއި ކަށިން ނެރުނު އެގަދަފަދަ ހިތްވަރެވެ. ތުޅާދޫގެ ތައުލީމަށްޓަކައި ތުޅަދޫގެ މަސްވެރިން ވެފައިވާ އެ މަތިވެރި ޤުރުބާނީއެވެ.