
ތުޅާދޫ މަދަރުސާގެ އެންމެ ފުރަތަމަ އުސްތާޛަކީ ށ. ކަނޑިތީމު އިބްރާހީމް ޢަލީ ނުވަތަ ދޮން އިބްރާހީމް ކަލޭފާނެވެ. ދޮން އިބްރާހީމް ކަލޭފާނަށް ކަނޑިތީމު މީހުން މުޚާތަބުކުރަނީ ނައިބުބެ ނުވަތަ ނައިބު ކަލޭފާނު ނަމުންނެވެ.
1904 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދޮން އިބްރާހީމް ކަލޭފާނަކީ ށ، ކޮމަންޑޫ މޫސާ ކަލޭފާނުގެ އަލިފުޅާއި އެ ރަށު އައިޝަތު (މާއައިޝާ) ކައިވެނިބައްލަވައިގެން ލިބިވަޑައިގެން ބޭފުޅެކެވެ.
ދޮން އިބްރާހީމް ކަލޭފާނަކީ ށ. ކަނޑިތީމުގެ ނައިބުކަމާއި އެ އަތޮޅުގެ ނައިބުކަން ކުރެއްވި ބޭފުޅެކެވެ. އަދި ށ. ކަނޑިތީމުގެ ކުޑަކަތީބުކަން ވެސް ދޮން އިބްރާހީމް ކަލޭފާނު ވަނީ ކުރައްވާފައެވެ. އޭގެ އިތުރުން އަމިއްލަ ގޭގައި ގުރުއާނާއި ޢަރަބި ބަސް ކިޔަވައިދެއްވި މުދައްރިސެއް ވެސް މެއެވެ.
ތުޅާދޫ ސްކޫލުގައި ކިޔަވާދެއްވާން އެދުރެއްގެ ގޮތުގައި ދޮން އިބްރާހީމް ކަލޭފާނު ތުޅާދޫއަށް ވަޑައިގަތީ ޢުމުރުފުޅުން 32 އަހަރުގައި 1936 ވަނަ އަހަރުއެވެ. އެއީ ތުޅާދޫ ރައްޔިތުންގެ އެދިވަޑައިގަތުމަކަށެވެ. ޚާއްޞަކޮށް ތުޅާދޫގެ ބައެއް މީހުންނާ އޮތް ގާތް ގުޅުމެއްގެ ސަބަބުންނެވެ.
" އަޅުގަނޑަށް އެނގިފައިވަނީ މުދިން އާކުރުބެއާ އޮތް ގާތް ގުޅުން. އެ އާއިލާއާ އޮތް ގާތްކަމެއްގެ ތެރެއިން ބައްޕަ ރަށަށް ދިޔަކަމަށްވަނީ" ދޮން އިބްރާހީމަށް ލިބިވަޑައިގެންނެވި 7 ބޭފުޅުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވި ދެ އަންހެން ބޭފުޅުންގެ ތެރެއިން ރަޝީދާ އިބްރާހީމް ކަލޭފާނު ވިދާޅުވިއެވެ.
ދޮން އިސްލާމާޢީލް ކަލޭފާނުގެ ދަރިކަނބަލުން
ރަޝީދާ ވިދާޅުވާ ގޮތުގައި އޭނާގެ ބައްޕަ ރަށުގެ ވަރަށް ގިނަ ލިޔެކިޔުންތައް ބެލެހެއްޓެވި ބޭފުޅެކެވެ.
" ރަށުގެ އާއިލާތައް ދެމިގެން އައި ގޮތް، އުފަންވާ ކުދިންނާއި މަރުވާ ކުދީން ނަންތައް، ދަރިކޮޅުގެ ލިސްޓު ލިޔުމަކީ ބައްޕަ ކުރެއްވި ކަމެއް. ނަމަވެސް މިއަދު އެ ތަކެއްޗެއް ނެތް. އެ ތަކެތިވަނީ ގެއްލިފައި" ރަޝީދާ ވިދާޅުވިއެވެ.
ރަޝީދާ ވިދާޅުވީ އޭނާގެ ބައްޕަ ދޮން އިބްރާހީމް ކަލޭފާނަކީ ގިނަ މަސައްކަތްތަކެއް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
"ބައްޕައަކީ ވަރަށް މަސައްކަތްތެރި މީހެއް. ވަޑާންކުރުން، ރޭނުން އަދި ކަނބުރުވެރިކަން ފަދަ ކަންކަން ވެސް ބައްޕަ ކުރެއްވި. ނައިބުކަމުގައި ހުންނަވައިގެން ވެސް އެ މަސައްކަތައް ބައްޕަ ކުރެއްވި" ރަޝީދާ ވިދާޅުވިއެވެ.
ދޮން އިބްރާހީމް ކަލޭފާނަށް ކާފަ ވިދާޅުވާ އިސްމާޢީލް ޖަމާލު ވިދާޅުވީ ކާފަގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފެނިފައިވަނީ ޝަރުޢީ ދާއިރާގެ ތެރެއިން ކަމަށެވެ. އެ ދުވަސް ވަރު މި ރަށުގައި ނައިބުގެއެއް ނުހުރޭ. ނައިބު ގޭގެ ގޮތުގައި ބަލަނީ ކާފަގެ ގެ. އެ ގެއަށް ކިޔަނީ ވެސް ނައިބުގެ. އެ ގޭގައި ސަރުކާރުން ދެއްވި ދުއްރައެއް ވެސް ހުރޭ. މިހާރު ވެސް އެ ދުއްރަ ހުންނާނެ. އެ ދުވަސްވަރުގެ ވަރަށް ގިނަ ލިޔުންތައް ކާފަ ލިޔުއްވި. އޮނު ގަލަމުން ލިޔެފައިވާ ލިޔުންތައް ހުރި" ކަފާއާ އެންމެ ގާތްކޮށް އުޅުމުގެ ނަޞީބު ލިބިވަޑައިގެން ކާފަ ދަރިފުޅު ޖަމާލު ވިދާޅުވިއެވެ. ޖަމާލަކީ އޭނާގެ ޢުމުރުން 6 އަހަރުގައި ބައްޕަ ނިޔާވުމުގެ ސަބަބުން ދޮން އިބްރާހީމް ބެލެހެއްޓެވި ކާފަ ބޭފުޅެކެވެ.
ދޮން އިސްމާޢީލް ކަލޭފާނަށް ކާފަ ވިދާޅުވާ ބޭފުޅެއް
" ކާފައަކީ ވަރަށް ހެޔޮ ވަރަށް އަޚުލާޤުވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑުގެ ހުރިހާ ކަމެއް ވެސް ކޮށްދެއްވީ ކާފަ. އަޅުގަނޑު ނިންދެވީ ކާފަ ގާތުގައި. ކިޔެވުމާއި ތަރުބުއްޔަތުވީ ކާފަގެ އެހީތެރިކަމާއެކު. އަވަހާރަވުމާ ހަމައަށް ވެސް ކާފަގެ އެހީތެރިކަން ވަރަށް ބޮޑަށް އަޅުގަނޑަށް ލިބުނު" ޖަމާލު ވިދާޅުވިއެވެ.
ދޮން އިބްރާހީމް ކަލޭފާނު ދެ ބޭފުޅަކާ ކައިވެނިބައްލަވައިގަތެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ އައްޑު އަތޮޅު މަރަދޫ ބޭކަނބަލަކާއެވެ. އެ ކައިވެނިފުޅަށް ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ ހަސަން ނޫރީއެވެ. ދެވަނަ ކައިވެނިފުޅު ކުރެއްވީ ކަނޑިތީމު، އޯކިޑުމާގޭ ހައްވާ އަބޫބަކުރާއެވެ. އެ ކައިވެނިފުޅަށް 6 ބޭފުޅުން ލިބިވަޑައިގަތެވެ.
ދޮން އިބްރާހީމް ކަލޭފާނު އަވަހާރަވީ 1985 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 17 ވީ ބުރާސްފަތި ދުވަހުއެވެ.