
ވަޒީރު އާދަމް ނަސީރު މިހެން ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ޓަކައި މި ދެ ރަށުގެ ރައްޔިތުން ބޭއްވި އެއްބައިވަންތަކަމުގެ އަތުގުޅާލުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
އެ އަތުގުޅާމުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، އެއްބައިވަންތަކުގެ ދުވަސް ފާހަގަކުރަނީ ދިވެހިން އެދުވަހު ދެއްކި ނަމޫނާ އެހީތެރިކަމާއި، ނަމޫނާ މަދަދުވެރިކަމުގެ ސަބަބުން ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި ފަދަ އެއްބައިވަންތަ އާދަޔާ ޚިލާފު މަތިވެރި ގުޅުމެއް ތުޅާދޫއާއި މީދޫގެ ރައްޔިތުންގެ މެދުގައި އޮތްކަން ހަނދާނަން ގެންނަޖެހޭ ކަމަށެވެ. މިގޮތުން އިސްލާމީ އަހްވަންތަކަން އޭގެ ޒާތުގައި އޮތުމުގެ އިތުރަށް އެކަން ތަރައްޤީވެގެން ދިޔައީ، ތުޅާދޫ ރައްޔިތުން މީދޫ މިސްކިތް ބިނާކުރުމަށް ކުރި މަސައްކަތުގެ ތެރެއިންކަން އިނގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސްކިތުގެ ތަނބުތަކުގައި ހުރި ހަރުދަނާކަން މިއަދުވެސް ތުޅާދޫއާއި މީދޫގެ ރައްޔިތުންގެ ގުޅުމުގައި އެބަހުރި" ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.
"އެ ދެފަރާތުންވެސް މި އަގުކުރީ، މާނަކުރީ ވަރަށް މަތިވެރި ހަދިޔާއެއްގެ ގޮތުގައި. ވަރަށް މަތިވެރި ފެށުމެއްގެ ގޮތުގައި. އެއީ އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާ. ﷲގެ ގެކޮޅު ބިނާކުރުމުގައި ރައްޔިތުން ތިބޭފުޅުންނަށް މީދޫގެ ރައްޔިތުންނަށް ދެއްކި ރީތި ނަމޫނާ." ވަޒީރު ވިދާޅުވިއެވެ.
ދިވެހިންނަކީ ޚާއްސަ ސަޤާފަތެއް ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދިވެހިންގެ ދިވެހިވަންތަ ސަޤާފަތުގެ މަގަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ޤައުމިއްޔަތުގެ މަގަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ވަޒީރު ވިދާޅުވިއެވެ. ތުޅާދޫ މީދޫ ގުޅުން ފެށުނު މައި އަސްލަކީ ވެސް އިސްލާމްދީންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ތުޅާދޫއަށް ވަޑައިގަތީ މީދޫއާއި ތުޅާދޫގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި މީދޫ މީހުން ތުޅާދޫއަށް ކުރެއްވި ދަތުރުގައި ހިންގުނު ކަންކަން ޝަރަފްވެރިކޮށްދެއްވުމަށް ޓަކައެވެ. މި ހަރަކާތުގައި މީދޫގެ 300ށް ވުރެ ގިނަ ރައްޔިތުން ތުޅާދޫއަށް ޒިޔާރަތްކޮށްފައިވެއެވެ.