![](https://thulhaadhootimes.com/ads/banner_0101.jpg)
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ބ. ތުޅާދޫ މަންޒިލް، އަލްމަރުޙޫމް އިބްރާހީމް ޙުސައިންފުޅުގެ ހަނދާނަށް އަރުވައިފިއެވެ.
ޝަރަފްވެރިކަމުގެ ޤައުމީ އިނާމު އިބްރާހީމް ޙުސައިންފުޅުގެ ހަނދާނަށް އަރުވާފައިވަނީ ކީރިތި ޤުރުއާން ކިޔެވުމާއި އުނގަންނައި ދިނުމާއި ކީރިތި ޤުރުއާންގެ ޢިލްމުގެ ދާއިރާއިންނެވެ. އިބްރާހީމް ޙުސައިންފުޅަކީ ޤުރުއާން ކިޔަވައިދެއްވުމާއި އުނގަންނަވައި ދެއްވުމުގައި ބައި ގަރުނަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނަތީޖާ ނެރެދެއްވި ހަރުދަނާ މުދައްރިސެކެވެ. އަމިއްރަ ރަށް ރ. މީދޫ ދޫކުރައްވައި ތުޅާދޫއަށް ހިޖުރަކުރެއްވުމަށް ފަހު ތުޅާދޫ ސްކޫލުގައި ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅު ވަރަށް މުރާލިކަމާއެކު ކުރައްވާފައިވެއެވެ. އަދި އަމިއްލަ ގޭގައި ގުރުއާން ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅު އަވަހާރަވުމާ ހަމައަށް ވެސް ކުރިއަށް ގެންދެވިއެވެ. އަދި މިހާރު ވެސް ހާފިޟް ކުލާހުގެ ނަމުގައި އާއިލާގެ ފަރާތުން ދަނީ އިބްރާހީމްފުޅުގެ އެ މަސައްކަތްޕުޅު ދިރުވަމުންނެވެ.
މިރޭ ބޭއްވުނު ގައުމީ ދުވަހުގެ ޚާއްޞަ ޖަލްސާގައި އިބްރާހީމް ޙުސައިންގެ ހަނދާނަށް އެރުވުނު އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުން ސާއްރާ އިބްރާހީމްފުޅެވެ.
އިބްރާހީމް ޙުސައިންގެ ދަރިކަނބަލުން އިނާމަ ހަވާލުވެލައްވަނީ
އިބްރާހީމް ޙުސައިންގެ ދަރިކަނބަލުން އިނާމަ ހަވާލުވެލައްވަނީ
އިބްރާހީމް ޙުސައިންފުޅުގެ ނަން ގައުމީ އިނާމު ކޮމެޓީއަށް ހުށަހެޅުއްވީ ބ. ތުޅާދޫ ޕެނަމާ، އަބޫބަކުރު ދާއޫދެވެ. މަޢުލޫމާތު ޔަގީންކޮށްދެއްވުމުގައި އެހީތެރވީ ބ. ތުޅާދޫ ފިޔަޖަހާގޭ އަބޫބަކުރު ޔޫސުފެވެ. މުދައްރިސް އިބްރާހީން ޙުސައިންފުޅުގެ ނަން ގައުމީ އިނާމު ކޮމެޓީއަށް ހުށަހެޅުއްވި އަބޫބަކުރު ވިދާޅުވީ އޭނާ އެކަން ކުރެއްވީ އިބްރާހީމް ޙުސައިންފުޅު ފަދަ ޚިދުމަތްތެރިއަކު އެ ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަމިއްލަ ޒަމީރު ގަބޫލުކުރައްވާތީ ކަމަށެވެ.
" ހަގީގަތުގައި ވެސް މިއަދު ވަރަށް ހިތްހަމަ ޖެހިއްޖެ. އަޅުގަނޑަކީ މަރްޙޫމް އިބްރާހީމް ޙުސައިންފުޅުގެ ދަރިވަރެއް. އެކުގައި މަސައްކަތް ކުރުމުގެ ނަޞީބު ލިބުނު ޓީޗަރެއް. އެއް ރަށެއްގައި އެއް ބްލޮކެއްގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމުގެ ނަޞީބު ލިބުނު އަވަށްޓެރިއެއް. މި އިނާމަށް މުދައްރިސް ނަން ހުށަހަޅަން އަޅުގަނޑު ވިސްނީ އެ އުސްތާޛްގެ ޚިދުމަތް ތުޅާދޫއަށް، ޚާއްޞަކޮށް ރަށުގެ އެތައް ޖީލަކަށް ލިބިގެން ދިޔައީތީ. އެ ނަމޫނާގެ ޒިކުރާއާކުރާން ބޭނުންވީތީ." ވިލާ ކޮލެޖުގެ ސީނިއަރ މެނޭޖަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އަބޫބަކުރު ވިދާޅުވިއެވެ.
އާއިލާގެ ފަރާތުން ނޫހާ ވާހަކަދެއްކެވި ސާއްރާ އިބްރާހީމް ވިދާޅުވީ ދިވެހި ދައުލަތުން ބައްޕަގެ ޚިދުމަތުގެ އަގުވަޒަންކުރެއްވީތީ ޢާއިލާގެ ފަރާތުން ޝުކުރު ދަންނަވާކަމަށެވެ.
" ބައްޕަގެ ޚިދުމަތުގެ އަގު ދިވެހި ދައުލަތުން މިއަދު ފާހަގަކުރެއްވީތީ ޝުކުރުވެރިވަން. އަދި މި ޝަރަފަކީ ތުޅާދޫއަށް ވެސް ލިބުނު ޝަރަފެއް. މިކަން ފަހިވެގެން ދިޔައީ ބައްޕަ ކިޔަވައިދެއްވި ދަރިވަރުންނާއި ތުޅާދޫ ރައްޔިތުން ބައްޕައަށް ކުރެއްވި އިތުބާރާއި ދެއްވެވި ލޯބީގެ ސަބަބުން. މިއަދު ބައްޕަ ދުނިޔޭގައި ނެތް ނަމަވެސް ބައްޕަގެ ހަނދާންތައް އަބަދުވެސް ހުންނާނެ. މިކަމުގައި އިސްނެންގެވި އަބޫބަކުރަށް ވެސް ޝުކުރު ދަންނަވަން." ސާއްރާ ވިދާޅުވިއެވެ.
އިބްރާހީމްފުޅު އަވަހާރަވީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.