
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ތުޅާދޫ ފެނަކަ މުވައްޒަފުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މަސްރޭހުގެ މި އަހަރުގެ ޗެންޕިއަންކަން ޓީމް ބްލޫވޭވް މެވްރިކް ހޯދައިފިއެވެ.
މުބާރާތުގެ ޗެންޕިއަންކަން ހޯދި ބްލޫވޭވް މެވްރިކް ޓީމުގެ މެންބަރުން
ޖުމުލަ 12 ޓީމު ބައިވެރިވި މުބާރާތުގެ ޗެންޕިއަންކަން ބްލޫވޭވް މެވްރިކް ހޯދީ 130 ކިލޯގެ މަސް ބާނައިގެންނެވެ. އެ ޓީމު ޗެންޕިއަންކަން ހޯދުމުން އެ ޓީމަށް ވަނީ އިނާމެއްގެ ގޮތުގައި 15ހާސް ރުފިޔާ ހަވާލުކޮށްފައެވެ. ވަރަށް ފޯރިއާއެކު ކުރިއަށް ދިޔަ މި މުބާރާތުގައި އެންމެ ބަރު ބަސް ބޭނި ޓީމަކަށް ހޮވުނީ 6.40 ކިލޯގެ މަހެއް ބޭނި ގަޅިހަނދި ޓީމެވެ. އެންމެ ދިގު މަސް ބޭނި ޓީމަކަށް ހޮވުނީ 32.2 އިންޗީގެ މަހެއް ބޭނި ދޮން އިސްމާޢީލް ޓީމެވެ. މި ދެޓީމަށް ވެސް ވަނީ އިނާމެއްގެ ގޮތުގައި 1600 ރުފިޔާގެ ޗެކެއް ހަވާލުކޮށްފައެވެ.
އެންމެ ބަރު މަސް ބޭނި ގަޅިހަނދި ޓީމުގެ މެންބަރުން
އެންމެ ދިގުމަސް ބޭނި ދޮން އިސްމާޢީލް ޓީމުގެ ބައިވެރިން
މިއަހަރުގެ މަސްރޭސް ކުރިއަށް ގެންދިޔައީ އިއްޔެ މެންދުރު ފަހު 2:30ށް ފެށިގެން ރޭގެ 8:30ހާ ހަމައަށެވެ. މި އަހަރުގެ މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތަށް ލިބޭ ތަރުހީބު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
އިއްޔެ ބޭއްވި މަސްރޭހަކީ ފެނަކައިގެ މުވައްޒަފުން އިސްނަގައިގެން ތުޅާދޫގައި ބޭއްވި 4ވަނަ މަސްރޭހެވެ.