ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
ާ

ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު

ފައުޒިއްޔާގެ އުމުރުން އޭރު އެންމެ ހައެއްކަ އަހަރެވެ. އޭނާގެ ހަގަށް ހުރި ހަބީބާގެ އުމުރުން 4 ވަރަކަށް އަހަރެވެ. ދެ ކުދިންނަކީ ވެސް އެކުގައި ބޮޑުވަމުން އައި ދެ ކުދީންނެވެ. މި ދެކުދީންގެ ތެރެއިން ފައުޒިއްޔާ ކުއްލިއަކަށް ބަލިވިއެވެ. އޭގެ އަނެއް ދުވަހު އެ ކުޑަކުޑަ ފައުޒިއްޔާ މި ދުނިޔެއާ އަލްވަދާޢު ކިޔެވެ. މަޣުރިބް ނަމާދަށް ފަހު ފައުޒިއްޔާ ވަޅުލައި ގެއަށް ނާދެވެނީސް ދެން ލިބުނު ހިތާމެވެރި ޚަބަރަކީ އޭނާގެ ހަގަށް ހުރި ހަބީބާ މަރުވި ހިތާމަވެރި ޚަބަރެވެ. އާއިލާއެއްގައި އެންމެ ހަގަށް ހުރި ދެ ކުދީން، ސައްވީސް ގަޑިއިރުގެ ތެރޭގައި ދުނިޔެއާ އެ ވަކީވީއެވެ. އޭގެ ފަހުން އެ އާއިލާއަށް އިތުރުވި ފިރިހެން ކުއްޖާ ވެސް އަހަރެއް ނުވަނީސް ނިޔާވީއެވެ. މިއީ ބ.ތުޅާދޫ ކާނިމާގޭ ދާއޫދު އަލީ (ދާއޫދުބެ) އާއި އޭނާގެ އަނބިކަނބަލުން ޙަރީރާ ޢަބްދުއްރަޙްމާން (ހަރީރައްތަ) ގެ ހަޔާތުނާމާއިން ފެންނަ އޮތް ހިތާމަވެރި އެއް ސަފުހާއެވެ.

ހިތްދަތި އެ މާޒީގެ ސަފުހާ ކިތަންމެ ހިތްދަތިވީ ނަމަވެސް އެ ސަފުހާގެ ހިތްދަތި މާޒީން އެ ދެމަފިރީންގެ ދިރިއުޅުމުގެ އުންމީދު ކަނޑައެއް ނުލައްވައެވެ. ދިރިއުޅުމުގެ ދަތުރު ހުއްޓައެއް ވެސް ނުލައްވައެވެ. އަބަދު ވެސް ބެއްލެވީ ދިރިއުޅުމުގެ ދަތުރު ފައްސިކުރެއްވޭތޯއެވެ. ދަރީންގެ މުސްތަގުބަލް އުޖާލާ ކުރެއްވޭތޯއެވެ. އާ ކަންކަމާއި އާ ގޮތްތަކުގެ ތެރެއިން މުޖުތަމައަށް ޚިދުމަތް ކުރެއްވޭތޯއެވެ. އެ ދެމަފިރީންގެ ދިރިއުޅުމުގެ ދަތުރު އެ ނިންމަވާލެއްވީ އެތައް ގުރުބާނީއަކާއެކުއެވެ. އެތައް ޚިދުމަތެއް ތުޅާދުއަށް ކުރައްވާފައެވެ.  

އެންމެ ފުރަތަމަ ދާއޫދުބެ ފާހަގަކުރެވުނީ މަސްވެރިކަމުގެ ތެރެއިންނެވެ. ތުޅާދޫގައި އެ ދުވަސްވަރު ފާހަގަކުރެވުނު ކޮޔޮޅެއްގެ ގޮތުގައެވެ. ދާއޫދުބެގެ މަސައްކަތެރިކަމުގެ ދުރު ހަނދާންތައް ހިއްސާ ކުރައްވަމުން ދާއޫދުބެގެ ދޮށީ ދަރިފުޅު އަބްދުއްރަޙްމާން ދާއޫދު ބުނުއްވީ އޭނާގެ ބައްޕައަކީ އެ ދުވަސްވަރު ރަށު ފެންވަރުގައި ގުނާލެވުނު އެންކޮޔޮޅެއް ކަމަށެވެ. 

your imageދާއޫދުބެ އަންހެނުން ހަރީރައްތަ، ހަރީރައްތައާ އެއްބަނޑު އެއްބަފާ ޢާއިޝަތު އަބްދުއްރަހުމާނާއި ޢީސާ ޢަބްދުއްރަޙުމާނުގެ އަންހެނުން ޙައްވާ އިދުރީހާ އެކު

"އެންމެ ފުރަތަމަ ބައްޕަ ކުރި މަސައްކަތަކީ މަސްވެރިކަން. ބައްޕައަކީ އެ ދުވަސްވަރު މަޝްހޫރު އެންކެޔޮޅެއް. ގަވައިދުން މަހަށް ގޮސް އުޅުނު މީހެއް. ބައްޕައަކީ އަބަދު ވެސް ދޯނީގައި ވަރަށް މުރާލިކޮށް މަސައްކަތްކުރި މީހެއް. ދަތުރުކުރާ އިރު ވެސް މަސްވެރިކަމުގެ ދަތުރުތަކުގައި އަބަދުވެސް ދިޔަހިއްކުމުގައި އުޅޭނެ" އަބްދުއްރަޙްމާން އާކުރެއްވީ އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ.

މަސްވެރިކަމުގެ ތެރެއިން ދާއޫދުބެ މިސްރާބު ޖެއްސެވީ އޮޑިވެރީންގެ ތެރެއަށް ވެންނެވުމަށެވެ. އެ ނިޔަތުގައި އެންމެ ފުރަތަމަ ހޯއްދެވީ ކުޑަ ބައްތެއްޔެކެވެ. 

"މާއްޑޫން މީހުން ނުބަލާ އިރު އެ ރަށަށް ބައްޕައާ އެކު ދިޔައިން. އެއީ ކުޑަ އިރު. އެ ރަށުން ބައްތެއްޔެއް ބައްޕަ ގަތް. އެއީ ފިއްލޯ އަޑުބަޔަކަށް ގެނައި ބައްތެއްޔެއް. އޭގެ ފަހުން 10 ރިޔަނުގެ ރިޔަލު ބައްތެއްޔެއް 400 ރުފިޔާއަށް ބައްޕަ ގަތް. އޭރު ބައްޕަގެ އަތުގައި ބޭނުންވާ ވަރަށް ރުފިޔާ ނެތިގެން ކުޑަބޭބެ (ޢީސާ ޢަބްދުއްރަޙްމާނު) އަތުން ކޮންމެވެސް ވަރަކަށް ރުފިޔާ ކޮޅެއް ހޯދައިގެން އެ ގަތީ. އޭރު ބައެއް މީހުން އެންދަމަން އެ ބައްތެލި ބޭނުންކުރޭ. އެއިން ކޮންމެ ވެސް ބައެއް ބައްޕައަށް ލިބޭނެ. ދުވަސްކޮޅެއް ފަހުން އެ ބައްތެލި އިތުރަށް ރީތިކޮށްލުމަށް ފަހު މާލެ ގެންގޮސް 800 ރުފިޔާއަށް ބައްޕަ އެ ވިއްކާލީ" ދާއޫދުބެ ހަޔާތުގައި ވިއްކާލެއްވި ފުރަތަމަ ބައްތެލީގެ ވާހަކަ އަބްދުއްރަޙުމާން ހިއްސާކުރެއްވިއެވެ.

އެ ދަތުރު ލިބުނު ފައިސާކޮޅުގެ ބޭނުންކުރައްވައި ދާއޫދޫބެ ވަނީ ވިޔަފާރީގެ ފުރަތަމަ ފިޔަވަޅު އަޅުއްވާފައެވެ. އެ ދަތުރަށް ފަހު ތުޅާދުއަށް ދުރުވީ ވިޔަފާރީގެ ގޮތުގައި ވިއްކުމަށް ބޭނުންވާ ބައެއް ސާމާނާއެކުއެވެ. އެ ސާމާނު ގެންގޮސް ގޭގެ ބޮޑު އަށީގައި ހުރި އަލަމާރި "ފިހާރަ"އަކަށް ހައްދަވައި ފުރަތަމަ ވިޔަފާރި ކުރައްވަން ފެއްޓެވިއެވެ.

"އެންމެ ފުރަތަމަ ވިޔަފާރި ކުރަން ފެށި ބޮޑު އަށިމަތީ. އޭރު އެ އަށީގެ ފައިލާކޮޅުގައި ހުންނާނެ އަލަމާރިއެއް. އެ އަލަމާރި އެއީ އޭރު ބައްޕަގެ ހުރިހާ ވެސް އެއްޗަކީ. އޭގައި ހުންނާނެ ބުޅިއާއި ކަންވާރު ފަދަ މަސްވެރިކަމުގެ ބައެއް ތަކެތި. ކުދިކުދި ސާމާނު ގެނެސްގެން ފުރަތަމަ ވިޔަފާރި ކުރަމުން ދިޔައީ. އެ ވިޔަފާރި ފަހުން ފުޅާމުން ފުޅާވަމުން ދިޔައީ. ގޭގައި ވިޔަފާރިއެއް ފެށުނީ އެކަމުގެ ތެރެއިން" ދާއޫދުބެގެ ތިންވަނަ ދަރިފުޅު ހުސައިން ދާއޫދު ބުނުއްވިއެވެ. 

ދާއޫދުބެއަކީ ވިޔަފާރީގެ ވިސްނުން ގެންގުޅުއްވަމުން މަސްވެރިކަމުގެ ތެރޭގައި އުޅުއްވި ޚިދުމަތްތެރިއެކެވެ.

"ބައްޕަ އެންމެ ފުރަތަމަ ގަތް މަސްދޯންޏަކީ ދަރަވަންދޫ އަބްދުލްހަކީމް އަތުން ގަތް ދޯންޏެއް. އެއީ "ޗާނދަނީ" ކިޔާ ދޯންޏެއް. އެ ދޯނި ގަތީ 1972 ހާ ހިސާބުހެން ހަނދާންވަނީ. ސަރުކާރުން ދޯނި ފަހަރުގައި އިންޖީނު އަޅައިދިނުމުގެ މަސައްކަތް ފެށުމާއެކު ބައްޕައަށް ވެސް އެ ފުރުޞަތު ލިބުނު. ބައްޕަ ވެސް އެ ޗާނދަނީ ދޯނީގައި އިންޖީނު އެޅުމަށް ޓަކައި އެ ދޯނި ހިފައިގެން މާލެ ދިޔަ. ނަމަވެސް އެ ދޯނި ކުޑަކަމާއި ބާކަމުން އެ މީހުންނަކަށް ކަމަކު ނުދިޔަ. ދެން ބައްޕަ ވިސްނީ ދޯންޏެއް ބަންނަން. އެ މީހުން އަހައިފި ކިހާ ދުވަހަކުން ދޯންޏެއް ގެނެވިދާނެ ހެއްޔޭ؟ ބައްޕަ ބުނީ ބަރާބަރު 6 މަސްދުވަހުން އެހެން ދޯންޏެއް ބަނދެގެން ގެންނާނަމޭ" އަބްދުއްރަޙުމާނު އޮޅުންފިލުވައި ދެއްވިއެވެ.

your imageދާއޫދުބެ- މަސްވެރިކަމަށާއި ވިޔަފާރިކުރެއްވުމަށް ލޯބިކުރެއްވި

ދާއޫދުބެގެ ފުރަތަމަ ދޯނި، ބަނުމުގެ މަސައްކަތް އެ ވަގުތުން ފެއްޓެވިއެވެ. ރުއްލަކުޑި ހޯއްދެވުމުގެ މަސައްކަތަށް މީހުން އެކި ދިމަދިމާއަށް ފޮނުއްވިއެވެ.

"ވަގުތުން މަސައްކަތް ފެށި. އޭރު ވެސް ބައްޕަގެ އަތުގައި ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ހުރޭ. އޭރު ބޮޑު ގުރޫޕެއް ބައްޕައާއެކު މަސައްކަތް ކުރަމުން ދިޔަ. ރަށަށް އައުމަށް ފަހު ފުރަތަމަ ވެސް ލަކުޑި ހޯދުމަށް ފިއްލަދޫއަށް ގޮސް ހުއްދަތައް ހޯދައިގެން ދައްޕަރުން މިދިއްޔާއި އުނި ކަނޑައިގެން އައީ. އަދި ގޮއިދޫން ރުއްވަކަރު ގެނައީ. ދޯނި ބަނީ ކުއްޅަވައްގޭ، އަބްދުއްރަޙުމާން ޢުމަރު (ހިތާދޫ އަބުދު/ މާވަޑި އަބުދު) އިސްވެ ހުރެގެން. ދޯނި ބަނީ މިހާރު ސްކޫލު އެ ހުންނަ ތަނުގެ އިރުމަތީ ފަރާތުގައި ހުންނަ އުވަވަޅުތައް ކައިރީ. އެއީ ފުރަތަމަ ބަން ދޯނި. އެއަށް ކީ ނަމަކީ ފަރުނޫމަސް" އަބްދުއްރަޙުމާން ބުނުއްވީ އޭނާގެ ބައްޕަ ބުނުއްވި ގޮތަށް 6 މަސްތެރޭ އެ ދޯނި ބަނދެ އިންޖީނު އަޅައި މަހަށް ފުރިކަމަށެވެ.

އޭގެ ފަހުން ދާއޫދުބެ ވަނީ އެތައް ދޯންޏެއް ބަންނަވާފައެވެ. އެއް ފަހަރާ ދެ ދޯނި ވެސް ބަންނަވާފައެވެ. އެއީ ނޫމަސް ދޯންޏާއި ކަނޑުމަސް ދޯންޏެވެ. އެ ގޭގައި އެއް ފަހަރާ އެ ދެ ދޯނި ވެސް ދުއްވިއެވެ. އެ މަސައްކަތުގައި އެތައް ބަޔަކު އަވަދި ނެތި އުޅެމުން ދިޔަ އިރު އެންމެ ފާހަގަކުރެވުނު ޚިދުމަތްތެރިއަކީ ދާއޫދުބެގެ އަނބިކަނބަލުން ހަރީރައްތައެވެ. މަސް ކެއްކުމާއި ލޮނުއެޅުމާއި ހިއްކުމުގައި ވެސް ހަރީރައްތަ އުޅުއްވިއެވެ. ރިހާކުރު އޮލަކުރުމާއި ގޭތެރެއިން ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދެއްވުމުގައި ވެސް އިސްވެ އުޅުއްވީ ހަރީރައްތައެވެ. ހަރީރައްތައާ އެކު ދެން އުޅުނު އަނެއް ޚިދުމަތްތެރިއަކީ އެ ދެމަފިރީންގެ ދެވަނަ ދަރިފުޅު މަރިޔަމް ދާއޫދެވެ.  

"ދެ ދޯނި ދުއްވި ދުވަސްވަރު މަރްޔަމް ކޮއްކޮ ނިޔާވީ. އެ ހިސާބުން މަސައްކަތަށް ވެސް ބަދަލުއައި. މަންމައާއި ބައްޕައަށް ވެސް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނު. އަނެއްކާ މަރިޔަމް ކޮއްކޮގެ 4 ކުދިން ތިބި. އެ ކުދިންގެ ކަންކަމާ ބައްޕައާއި މަންމަ ހަވާލުވި. އެ ހިތްދަތިކަމާ އެކު އެތައް ކަމެއް ބަދަލުވި" އަބްދުއްރަހުމާން ފާހަގަކުރެއްވީ ބައްޕަގެ ވިސްނުން ބަދަލުވި ހިސާބެވެ.

ދާއޫދުބެގެ ދޮށީ އަންހެން ދަރިފުޅު މަރްޔަމް ނިޔާވުމާއެކު ގޭތެރެއަށް ބަދަލުތަކެއް އައެވެ. މަސައްކަތުގެ ރޫހަށް މެދުކެނޑުމެއް އައެއެވެ. ނަމަވެސް ދާއޫދުބެގެ ވިޔަފާރި ވިސްނުމަކަށް ބަދަލެއް ނުގެންނަވައެވެ. ކުރެއްވެވި ކަމަކީ ވިޔަފާރީގެ މިސްރާބު އެހެން ދިމާއަކަށް އަނބުރައިލެއްވުމެވެ. އެ ދުވަސްވަރު އާންމުވަމުން ދިޔަ ފަތުރުވެރިކަމާ ދިމާއަށް ވިޔަފާރި ވިސްނުން ބަދަލުކޮށްލެއްވުމެވެ.

"އެއް ދުވަހަކު ބައްޕަ ބުނެފި ދަރިފުޅަށް ކެރޭނެހޭ ދޯނީގައި ސަތަރި ޖަހާދީފި ނަމަ މާލެދާން ރިސޯޓް ދަތުރުކުރަން. ދަރިފުޅަށް ކެރޭ ނަމަ އެކަން ކޮށްދީފާނަމޭ. އެއީ ވަރަށް ފައިސާ ލިބޭ މަސައްކަތެކޭ ވެސް ބައްޕަ ބުނި. ބައްޕަ ބުނާ ކަމަކާ އަހަރެން ދެކޮޅެއް ނުހަދަން. ބައްޕައާއި މަންމައަކީ އަހަރެން ދެކެ ވަރަށް ލޯބިވި ދެ މީހުން. އެހެންވީމާ އަހަރެން އެ ކަމަށް ތެދުވީ" ދާއޫދުބެގެ ގޭގައި ދުއްވަމުން އައި މަސްދޯނި ސަތަރި ދޯންޏަކަށް ބަދަލުކުރައްވާ ވިޔަފާރީގެ މިސްރާބު އެހެން ދިމާއަކަށް ފުރޮޅާލި ގޮތް އަބުދުއްރަޙުމާން ބުނުއްވިއެވެ.
"އެކަން ކުރުމަށް ޓަކައި ޔޫސުފް މޫސާ (ކުރީގެ ބޮޑުކަތީބު)ގެ ގެވަޅަށް ދޯނި އެހެލީ. އެއީ މަހަށް ދިޔަ ދޯންޏެއް. މީދޫ އަބްދުއްރަޝީދުގެ ގުރޫޕެއް ގެނެސްގެން އެ ދޯނި ހެދީ. ސަތަރި ދޯންޏަކަށް ބަދަލުކޮށްލީ. މާލެ ގޮސް ސަތަރި ޖަހައި އެ މަސައްކަތް ފަށައިގަތީ. އެކަން ފެށީ ވަރަށް ދަތި ހާލުގައި. ވަރަށް ގިނަ އުނދަގޫތަކާ އެކު އެ ކަމުގެ ތެރެއަށް ވަދެވުނީ." އަބްދުއްރަޙުމާން ތަފުސީލުދެއްވީ ކަނޑުމަހަށް ދިޔަ އުޅަނދު، ފަތުރުވެރިކަމުގެ މަސައްކަތާ ދިމާއަށް އެނބުރުނު ގޮތެވެ.

your imageކިރުދޫނި 5 މަރާމާތު ކުރުމުގެ ތެރެއިން. ދާއޫދުބެގެ ހަޔާތުގައި އާއިލާއިން އެތައް ދޯންޏެއް ދުއްވި

އޭގެ ފަހުން ވެސް އެތައް ދޯންޏެއް ދާއޫދުބެ ބެންނެވިއެވެ. ކިރުދޫނީގެ ނަމުގައި އަށެއްކަ ދޯނި ދުއްވިއެވެ. ބައެއް ފަހަރު ދޯނި ވިއްކާލެއްވުމަށް ފަހު އެހެން ދޯންޏެއް ހޯއްދަވައި ހަމަ ކިރުދޫނީގެ އެހެން އަދަދެއް ދެއްވައެވެ. މި މަސައްކަތުގައި އިސްވެ އުޅުއްވީ ދޮށީ ދެ ފިރިހެން ކުދިންނެވެ. އަބްދުއްރަޙުމާނާއި ހުސައިންއެވެ.

"ޔަގީނުން ވެސް 12ވަރަކަށް ދޯނި ބައްޕަގެ ހަޔާތުގައި ބައްޕަ ދުއްވި. ބައްޕަ ނިޔާވި އިރު ވެސް 4 ދޯނި ދުއްވި" އަބްދުއްރަޙުމާން ބުނުއްވިއެވެ.

މަސްވެރިކަމާއި އޮޑި ދޯނި ފަހަރުގެ މަސައްކަތް ދާއޫދުބެ ކުރެއްވި އިރު އެ ކަމުގެ އެންމެ ބޮޑު އެހީތެރިއަކީ ހަރީރައްތައެވެ. ގޭތެރެއިން ކުރަންޖެހޭ ކޮންމެ ކަމެއްގެ ފަހަތުގައި ހުންނެވީ ހަރީރައްތައެވެ. ވަރުބަލިވުމެއް ނެތް، ހަރީރައްތަގެ ހަޔާތް ހޭދަކުރެއްވީ ފިސާރި މުރާލިކަމާއި މަސައްކަތްތެރިކަމާ އެކުއެވެ.

"އެންމެ އާންމުކޮށް މަންމަ ކުރި ބޮޑެތި މަސައްކަތްތަކަކީ މަސްކެއްކުން، މަސްހިއްކުން، މަސްލޮނުއެޅުން. މަސްވެރިކަމާ ގުޅޭ މަސައްކަތް. އޭގެ އިތުރުން ރޯނުވެށުމާއި ބޮނބިތެޅުމަކީ ވެސް މަންމަ ގަވާއިދުން ކޮށް އުޅުނު ކަމެއް. ވިޔަފާރިކުރުމަކީ ވެސް މަންމަގެ މަސައްކަތެއް." ދާއޫދުބެއަށް ލިބިލެއްވި ކުދިންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދޮށީ އަންހެން ދަރިފުޅު އުންނިއްޔާ ދާއޫދު ބުނެދިނެވެ. 

your imageހަރީރައްތަ: އެތައް މަސައްކަތެއް ކުރެއްވި ހުނަރުވެރިއެއް

"ހަށިގަނޑުގައި ބާރު ހުރި އިރު މަންމައަކީ ވަރަށް ޚިދުމަތްތެރިއެއް. ދެ ދޯނީގެ މަސް ކައްކައި ހިއްކައި ލޮނުލައި ވިއްކުމާ ހަމައަށް މަސައްކަތް ގެންދިއުމުގައި މަންމަގެ ދައުރު ވަރަށް ބޮޑު. އެތައް ރެއަކު ނުނިދާ މަންމަ އެ ކަންކަމުގައި އުޅުނު. މަންމައަކީ އަބަދުވެސް ވަރަށް ހީވާގި މަސައްކަތެރިއެއް. ކިތަންމެ ގިނަ އިރަކު އެ ކަމެއްގައި އުޅެން ޖެހުނަސް ފޫއްސެއް ނުވާނެ. ވަރުބައްޔެއް ނުވާނެ" އުންނިއްޔާ ތަފުސީލު ވެސް ކޮށްދިނެވެ.

ހަރީރައްތަގެ މުރާލި އުޅުއްވުމާ އެކު ތުޅާދޫ ރައްޔިތުންނަށް ދާއޫދުބެ ދެއްވި އަނެއް ޚިދުމަތަކީ ވިޔަފާރީގެ ޚިދުމަތެވެ. އެ ޚިދުމަތް ދެއްވުމުގައި ވެސް ހަރީރައްތަ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަމިއްލަ ގޭގެ ނަމާ ގުޅުވާ ހުޅުވި "ކާނިމާ ސްޓޯރު" ވެގެން ދިޔައީ ހަރީރައްތަގެ މަސައްކަތްތަކަށް އިތުވީ ބޮޅަކަށެވެ. އާއިލާގެ މާލީ ތަނަވަސްކަމަށް ހުޅުވުނު އިތުރު ދޮރަކަށެވެ. 

your imageހަރީރައްތައަށް މާމަ ކިޔާ ކުއްޖެއްގެ ކައިވެނީގެ ހަފުލާގައި

"އަހަރެމެން ކުޑަ އިރު ވެސް އެތިކޮޅުކޮޅު ގެނެސް އެ ވިޔަފާރި ބައްޕަ ކުރި. އެކަމުގެ ތެރެއިން ކާނިމާ ސްޓޯރު ހުޅުވައި އެކަން ފެށީ. ވިޔަފާރިގެ ފެށި ފަހުން އެ ވިޔަފާރިއެއް ނުހުއްޓާ. އަބަދުވެސް އެ ފިހާރަ ކުރިއަށް ގެންދޭ. އެކަމުގައި ބައްޕައެކޭ އެއްފަދައިން މަންމަ ވެސް ޝާމިލުވި" ހުސައިން ބުނެދެއްވީ ވިޔަފާރީގެ ޚިދުމަތް ފެށުނު ގޮތެވެ.

"ދުވަހަކު ވެސް ބައްޕަ ނުގަންނާނެ ރޯނެއް. މަންމަ އެކަން ކުރާނެ. ބޮޑެތި ހަރުގެތައް އަޅައި އެތައް ދޯންޏެއް އެ ބަނީ ދުވަހަކު ވެސް ރޯނު ބޮނޑިއެއް ގަނެފައެއް ނޯންނާނެ. އެ ކަން ކުރަނީ މަންމަ. ވިޔަފާރި ކުރި އިރު ވެސް މަންމައަކީ ވަރަށް މަސައްކަތްތެރި މީހެއް. ކިއްލި ހަދާނެ. ފޯއްކޮށާނެ، ބިޑިއަނބުރާނެ. ބަދަނުގައި ހަކުރުލާ ވިއްކާނެ. ހެލެނބެލިން އެއްޗެހި ހަދާފައި ވެސް ވިއްކާނެ. މަންމަގެ އަމިއްލަ އެތައް އުފެއްދުމެއް ފިހާރާގައި ވިއްކަން ބެހެއްޓި" އަބުދުއްރަޙުމާން ފާހަގަކުރެއްވީ އެނާގެ މަންމަގެ އުފެއްދުންތެރިކަމާއި ވިޔަފާރި ފުޅާކުރުމަށް ކުރެއްވި މަސައްކަތްތަކެވެ.

your imageކާނިމާ ސްޓޯރު: ތުޅާދޫގައި ހުރި އެންމެ ދުވަސްވީ ފިހާރަ

"ބައްޕަ ނިޔާވީމާ ވެސް މަންމަގެ އެންމެ ބޮޑު ވަސިއްޔަތަކީ އެއީ. އެ ފިހާރަ ކުރިއަށް ގެންދިއުން. މަންމަ ނިޔާވަންދެން ބައްޕަގެ އެ ފެށުން ކުރިއަށް ގެންދިއުން. އެ ވިޔަފާރި މަންމަ ނިޔާވަންދެން ދެމެހެއްޓުމަކީ މަންމަގެ ވަސިއްޔަތެއް. އެކަން އިރާދަކުރެއްވިއްޔާ ކުރެވުނު" އެކި ދުވަސްވަރު އެކި ފެންވަރުގައި ވެސް ވިޔަފާރި ކުރިއަށް ގެންދެވުނު ސަބަބު ހުސައިން ބުނުއްވިއެވެ. މިއަދު ކާނިމާ ސްޓޯރަކީ ތުޅާދޫގައި ހުރި އެންމެ ގިނަ ދުވަސްވީ ފިހާރައެވެ. ރަށުގެ އެތައް ބަޔަކަށް ޚިދުމަތް ފޯރުކޮށްދިން އެހީތެރިއެކެވެ.

ތުޅާދޫގެ ތާރީޚުގައި ދާއޫދުބެ ފާހަގަ ކުރެވެނީ ތުޅާދޫއަށް ކަރަންޓްގެ ޚިދުމަތް ތަޢާރަފުކޮށްދެއްވި ޚިދުމަތްތެރިޔާގެ ގޮތުގައެވެ. 1980ގެ އަހަރުތައް ފެށުނު އިރު ވެސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ކަރަންޓްގެ އަލިކަމެއް ނެތެވެ. ބ. އަތޮޅުގައި އެ ޚިދުމަތް ލިބެމުން ދިޔައީ ހަމައެކަނި އޭދަފުށީގައެވެ. ނަމަވެސް 1970ގެ އަހަރުތައް ނިމުމުގެ ކުރިން ދާއޫދުބެ ވަނީ ތުޅާދޫ ރައްޔިތުން، އެ އަނދިރިކަމުން އަލިކަމަށް ނެރުއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ތުޅާދޫއަށް ކަރަންޓްގެ އަލިކަން ދިނުމަށް ޓަކައި އެންމެ ފުރަތަމަ އިންޖީނެއް ބެހެއްޓެވީ ދާއޫދުބެއެވެ. އެކަން ފެށުނު ގޮތް ވިދާޅުވެދެއްވަމުން ދާއޫދުބެއާ އެއްބަނޑު އެއްބަފާ އެންމެ ހަގު ބޭފުޅާ ޒަކަރިއްޔާ ޢަލީ ވިދާޅުވީ ދާއޫދުބެއަކީ އަބަދުވެސް ތަރައްގީގެ ވިސްނުން ގެންގުޅުއްވި މަސައްކަތްތެރިއެއް ކަމަށާއި އާ ކަންކަން ތަޖުރިބާ ކުރައްވަން ބޭނުންވެލެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

your imageދާއޫދުބެ އެންމެ ފަހުން ބެހެއްޓެވި އިންޖީނު މިއަދު ބޭނުން ނުކުރެއްވި ނަމަވެސް އަދި ވެސް އެބަ ހުރި

"ކަރަންޓްގެ މަސައްކަތް ފެށުނީ އޭރު އުޅެން ޖެހުނު ދަތި ހާލުގެ ސަބަބުން. ދައޫދުބެއަށް ވެސް މާލޭގެ ތަންތަނުގައި އަލިކަން ހުންނަތަން ފެނޭ. އެ އަލިކަމުގެ ތެރެއަށް ދާންވެއްޖޭ ބުނާނެ. ކުޑަކުޑަ އިންޖީނެއް ގެނަޔަސް އެކަން ވާނޭ ކަމަށް ބުނާނެ. އެގޮތުން އޭރު ރަށަށް ފޮނުވާލާފައި ހުރި މާލޭ މީހެއްގެ ގާތަށް އިންޖީނާ ގުޅޭ އެކި މައުލޫމާތު ސާފުކުރަން ދާއޫދުބެއާ އެކު އަހަރެން ވެސް ދިޔައިން. އެއީ ތަންކޮޅެއް ހޭލުންތެރި މީހެއް. އެއީ އީސާބެގޭގައި ހުރި މުޙައްމަދު މަނިކު ކިޔާ މީހެއް. އޭނާ ގާތަށް އަހަރެންނާއި ދައޫދުބެ ގޮސް އެކި މައުލޫމާތު ސާފުކުރީ. އޭނާ ބުނީ އެއީ ވަރަށް އުނދަގޫ ކަމެކޭ. ވަރަށް ޚަރަދު ބޮޑު ކަމެކޭ. ނަމަވެސް ދައޫދުބެ ބޭނުންވީ އެކަން ކުރަން. އޭނާ ބުނީ 7 ކިލޯގެ ޖަނަރޭޓަރެއް ގެންނަން. ނަމަވެސް އެ ވަރުގެ ޚަރަދެއް ކުރެވެން ނެތުމުން އަހަރެމެން ހޯދީ 5 ކިލޯގެ ޖަނަރޭޓަރެއް" ތުޅާދުއަށް ކަރަންޓްގެ ޚިދުމަތްދިނުމަށް ޓަކައި އެންމެ ފުރަތަމަ އިންޖީނެއް ގެނެވުނު ގޮތް ޒަކަރިއްޔާ ހިއްސާ ކުރެއްވިއެވެ.

"އެންމެ ފުރަތަމަ މި އަތޮޅުގައި ކަރަންޓްގެ ހިދުމަތް ފެށީ އޭދަފުށީގައި. އޭގެ ފަހުން ތުޅާދޫގައި. އެއީ އަހަރެމެން އަމިއްލައަށް ލީ ކަރަންޓެއް. އެއީ ތުޅާދޫގެ ފުރަތަމަ ކަރަންޓް. އެންމެ ފުރަތަމަ ކަރަންޓް ލީ ރަށުގެ މިސްކިތްތަކަށާއި ވަށައިގެން ހުންނަ ގެތަކަށް. ޖުމުލަކޮށް އިރުމަތީ އަވަށަށް. އެ ދުވަސްވަރު ކަރަންޓް ދިނީ އިރުއޮއްސި ހަޔަކުން ފެށިގެން ރޭގަނޑު 11 ޖަހަންދެން" ދާއޫދުބެގެ ޚިދުމަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ޒަކަރިއްޔާ ތަފުސީލު ދެއްވިއެވެ.

އޭގެ ފަހުން ދާއޫދުބެ ވަނީ 7 ކިލޯ ވޯޓުގެ އިންޖީނެއް ގެންނަވައި ޚިދުމަތް ދެއްވާފައެވެ. އަދި އޭގެ ފަހުން 27 ކިލޯ ވޯޓުގެ އިންޖީނެއް ގެންނަވައި އެ ޚިދުމަތް ފުޅާކުރައްވައި އަނދިރިކަމުން އަލިކަމަށް ތުޅާދޫ ރައްޔިތުން ކުރި ދަތުރުގެ މުހިންމު ދައުރެއް އަދާކޮށްދެއްވާފައެވެ.

ދާއޫދުބެއަކީ ނަރުދަމާގެ ޚިދުމަތް ތުޅާދޫއަށް އެންމެ ފުރަތަމަ ދެއްވި ޚިދުމަތްތެރީންގެ ލިސްޓުގައި ވެސް ގުނާލެވޭ ނަމެކެވެ.

"ނަރުދަމާގެ ޚިދުމަތަކީ ވެސް ދާއޫދުބެގެ ވިސްނުމާ އެކު ކުރެވުނު ކަމެއް. މާލެއިން ފާޚާނާ ތަށި ގެނެސް ފާޚާނާއެއް ހަދައި އެންމެ ފުރަތަމަ އެ ޚިދުމަތް ދޭން ފެށީ ދާއޫދުބެގެ ގެއަށާއި އަހަރެމެންގެއަށް. ފަހުން އެ މަގުގައި ހުރި އެހެން ގޭގެއަށް ވެސް އެ ޚިދުމަތް ދޭންފެށި. އެ ހުރިހާ ކަމަކަށް ވެސް ޚަރަދު ކުރަނީ ދާއޫދުބެ. އަހަރެންނަކީ އަމަލީ ގޮތުން އެ މަސައްކަތްތަކުގައި އުޅުނު މީހެއް. އެ ކަމުގައި ދެން އުޅުނީ ދާއޫދުބެގެ ދަރީންނާއި އެ ހިސާބުގަނޑުގެ މީހުން" ޒަކަރިއްޔާ ވިދާޅުވިއެވެ.

ދާއޫދުބެއާއި ހަރިރައްތަގެ ޚިދުމަތުގެ ބޮޅުފަތިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 15 ވިލޭރޭ ރައްޔިތުންނަށް ދެވޭ ޚާއްޞަ ކެއުމެވެ. އެއީ ދާއޫދުބެއާއި ހަރީރައްތަ، ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު އެނބުރި ރަށަށް ދުރުވި އަހަރުން ފެށިގެން ކުރައްވަން ފެށްޓެވި ކަމެކެވެ. އެތައް އަހަރެއް ވަންދެން އެ ޚިދުމަތް ވެސް ދެއްވިއެވެ. 

your imageހަރީރައްތަގެ ދެކުދިންނާއެކު ދަތުރެއްގެ މަތީގައި

"ވަރަށް ރަނގަޅަށް ހަނދާން އެބަ ހުރި ކޮންމެ އަހަރެއްގެ ރޯދަ މަހު ރައްޔިތު އެންމެނަށް ކާންދޭ ހަނދާން. އެއީ ރަމަޟާން މަހުގެ 15 ވިލޭރޭގެ ކާންދިނުން. އެއީ ބައްޕައާއި މަންމަގެ އިސްނެގުމެއް. އެކަމުގައި މަންމައާއި ބައްޕަގެ ދައުރު ވަރަށް ބޮޑު. މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހަމަކޮށް ދޭނީ ބައްޕަ. ކެއްކުމާ ގުޅޭ ކަންކަމުގައި އިސްވެ އުޅޭނީ މަންމަ" ޢަބްދުއްރަޙުމާން ފާހަގަކުރެއްވިއެވެ.

"ކެއްކުމުގެ މަސައްކަތުގައި ވަރަށް ގިނަ މީހުން ހަރަކާތްތެރިވި. ދެ ދުވަސް ކުރީން ދައިތަކާއި ތެލިތަކާއި ކެއްކުމަށް ބޭނުންވާ އެކި ސާމާނު އެކި ގޭގެއިން ހޯދައި ހުރިހާ ކަމަކަށް ތައްޔާރުވޭ. ބަންކާ ގޯތިތެރޭގައި ހުންނަ ބޮޑު ކާނި ގަހުގެ ދަށުގައި އެކަން ކުރަމުން އައީ. އެ ކަމަށް ތައްޔާރުވުމަށް ވިއްސަކަށް ދައި އެ ތަނުގައި ބަހައްޓާފައި ހުންނާނެ. އެ ތަނުގައި ތިބެގެން މަސައްކަތްތައް ކުރާނީ. އެއްޗެހި ހޯދާނީ ބައްޕަ. ބައްޕައާއި މަންމަގެ މި މަސައްކަތުގައި ވަށާއިގެންވާ އަވައްޓެރީންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. މުޙައްމަދު އިދުރީސް (ބަންކާ މުހަންމަދުބެ) އާއި އަހުމަދު އިދުރީސް (ބަންކާ އަހަންމަދުބެ) މެންގެ މަންމަ ބޮއްކުރާ ސަންޕަ ދައިތަގެ އިރުޝާދާއި އެހީތެރިކަން އެ ކަމުގައި ވަރަށް ބޮޑަށް ލިބުނު. އަދި ބަންކާ މުހަންމަދުބެގެ އަންހެނުން ޝަރީފައްތަގެ އެހީތެރިކަން ވެސް ލިބުނު. އޭގެ އިތުރުން ބިންބި އާމިނަ (ބިންބިއައްތަ) އާއި މަރްޔަމް މުޙައްމަދު (ރާބެ އައްތަ) ފަދަ ދުވަސްވީ އެތައް ބަޔަކު އެކަމުގައި އުޅުނު. ވަށައިގެންވާ ގޭތަކުގެ ކުދިބޮޑު އެންމެންގެ އެހީތެރިކަމާއި މަހަށް ދާ ދޯނިފަހަރުގެ އާއިލާތަކުގެ އެހީތެރިކަން އެ ކަމުގައި ވަރަށް ބޮޑަށް ލިބުނު" އުންނިއްޔާ ހަނދާން ކުރީ ބައްޕައާއި މަންމަގެ ދީލަތި އެހީން ރައްޔިތުންނަށް ކާންދިނުމަށް އެތައް ބަޔަކު ގުޅިގެން ކުރެވުނު މަސައްކަތްތަކެވެ.  

ދާއޫދުބެއާއި ހަރީރައްތަގެ އިޖުތިމާއީ ޚިދުމަތް ގުޅިފައިވަނީ ހަމައެކަނި މަސައްކަތަކުގައެއް ނޫނެވެ. މުނިފޫހިފިލުވުމުގައި ވެސް އެ އާއިލާގެ އެހީތެރިކަން ތުޅާދޫ ރައްޔިތުން ދިޔައީ ހޯދަމުންނެވެ. ތުޅާދޫއަށް ޓީވީގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރެއްވި މީހުންގެ ލިސްޓެއް ލިޔާ ނަމަވެސް އެ ލިސްޓުގައި ދާއޫދުބެ ނަން ހިމަނަން ޖެހެއެވެ. ކާނިމާގެއިން ވަނީ އެ ޚިދުމަތް ވެސް ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. ކޮންމެ ބަންދު ދުވަހެއްގެ ރޭގަނޑަކީ ކާނިމާގޭގެ ބޭރު މަގުމަތީގައި "ވަގުތީ ސިނަމާ"އެއް ހަދައިގެން ހިންދީ ފިލްމުތައް އެޅުވި ރެއެކެވެ. އެތައް ބަޔަކު ވަނީ އެ ޚިދުމަތުން ވެސް އުފާ ހޯދާފައެވެ.

ދާއޫދުބެއާއި ހަރީރައްތައަށް 10 ކުދިން ލިބިލެއްވިއެވެ. އެއީ ޢަބްދުއްރަޙުމާން ދާއޫދު، މަރިޔަމް ދާއޫދު، ހުސައިން ދާއޫދު، ފައުޒިއްޔާ ދާއޫދު، ހަބީބާ ދާއޫދު، (ފިރިހެން ކުއްޖެއް) އުންނިއްޔާ ދާއޫދު، އަޙުމަދު ޙަމީދު، ޢާއިޝަތު ރަމްޒިއްޔާ، އަދި މުޙައްމަދު ތަސްލީމްއެވެ. މި ވަގުތު ދުނިޔޭގައި ތިބީ 6 ކުދީންނެވެ. 4 ފިރިހެން ކުދިންނާއި 2 އަންހެންކުދިންނެވެ. 

your imageހަރީރައްތަ މާމަކުދިންތަކަކާއެކު 

ދާއޫދުބެއާއި ހަރީރައްތަގެ ދުނިޔޭގައި ޒަވާޖީ ހަޔާތެއް ފައްޓާފައިވަނިކޮށް ނިޔާވީ އެންމެ ކުއްޖެކެވެ. އެއީ މަރިޔަމް ދާއޫދެވެ. ނިޔާވި އެހެން ކުދިން ނިޔާވީ، އުމުރުން 10 އަހަރު ނުފުރެނީހެވެ. މަރިޔަމް ނިޔާވި އިރު އޭނާގެ 4 ކުދިން ދުނިޔޭގައި ތިއްބެވެ. މަރްޔަމް ނިޔާވުމާ އެކު އެ ހަތަރުކުދިންގެ ތެރެއިން 3 ކުދީންގެ ކަންކަން ބެލެހެއްޓުމުގެ ބުރަ ޒިންމާއާ ހަވާލުވެލެއްވީ ހަރީރައްތައާއި ދާއޫދުބެއެވެ. ކިތަންމެ ރަނގަޅަކަށް ވެސް ދާއޫދުބެއާއި ހަރީރައްތަ އެ ޒިންމާ އުފުއްލެވިއެވެ. އެ ކުދީން ބަލައިބޮޑުކުރީ އަމިއްލަ ދަރީން ފަދައިންނެވެ.

ކާފަ ދަރިއެއްގެ ގޮތުގައި ދާއޫދުބެގެ ދެމަފިރީންގެ ލޯބި ލިބިގެން ބޮޑުވި ތަފުސީނާ އަބޫބަކުރު ބުނީ އޭނާއަށް އުފާވެރި ދުނިޔެއެއް ހޯދައިދިނީ އޭނާގެ ކާފައާއި މަމާ ކަމަށެވެ.

your imageތަފުސީނާ: އޭނާގެ މާމައާއެކު

"ކާފަޔާއި މާމައަކީ އަހަރެންގެ މަންމައާއި ބައްޕަ. އެއީ އަހަރެމެންގެ ނަސީބު. މަންމަ ނިޔާވީ އަހަރެންގެ އުމުރުން 9 އަހަރުގައި. އެ ދުވަހުން ފެށިގެން އަހަރެން މީހަކާ އިންނަންދެން އަހަރެންނަށް އަދި ދެން ތިބި ކުދީންނަށް ވެސް ހުރިހާ ކަމެއް ކޮށްދީ އެހީތެރިވީ ކާފައާއި މާމަ. ހަގީގަތުގައި ވެސް އެފަދަ ކާފައަކާއި މާމައެއް ނުލިބޭނެ. އަހަރެމެން ބެލީ އަމިއްލަ ދަރިއެއް ފަދައިން. ހުރިހާ ކާފަ ކުދިންގެ ތެރެއިން ވެސް މާމައާއި ކާފައަށް އަހަރެމެން ޚާއްޞަވި. އެ ޚާއްޞަކަން މުޅި އާއިލާއަށް ވެސް އެނގޭ. ކާފަ ނިޔާވި އިރު ގޯތިން ބައެއް އަހަރެމެންނަށް ދިނުމަށް ވެސް އެދުނު. އާއިލާއިން އެކަން ކޮށްދިން. އެއީ އަހަރެންގެ ނަސީބު. ކާފައާއި މާމައަށް ހެޔޮ ރަޙުމަތް ލައްވާށި" ތަފްސީނާ އޭނާގެ މާމައާއި ކާފައަށް ތަޢުރީފު ކުރިއެވެ. އެއީ ހައްގު ތަޢުރީފެކެވެ. އެ ކާފައާއި މާމަވަނީ އަމިއްލަ ދަރިންދެކެ ވާ ލޯބި އެ ކާފަ ދަރީންނަށް ވެސް ދެއްވާފައެވެ.

ދާއޫދުބެއާއި ހަރީރައްތަގެ ދިރިއުޅުމަކީ ނަމޫނާ ޚިދުމަތެކެވެ. އެ ޚިދުމަތްތެރި ދިރިއުޅުމުން ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ ދީނީ ކަންކަމަށް ދެ މީހުން ވެސް ދެއްވި ސަމާލުކަމެވެ. ދާއޫދުބެއަކީ ކިތަންމެ ބުރަކޮށް މަސައްކަތްކުރެއްވި މީހެއް ނަމަވެސް ފަރުޟުކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި މަސައްކަތްތެރިއެކެވެ. ހަރީރައްތަ ވެސް ހަމަ އެފަދައެވެ. ދެ މީހުންގެ ދިރިއުޅުމުން ފެނުނީ އެހީތެރިކަން ބޭނުންޖެހިފައިވާ ފަރާތްތަކަށް ދެއްވި އެހީތެރިކަމާއި އަޅާލުމެވެ. ހުކުރު ދުވަހުގެ މެންދުރު ކުރީގެ ވަގުތުތަކަކީ އެ ފަރާތްތަކަށް ދާއޫދުބެގެ ދީލަތި މުށް ހުޅުވާލައްވާ ވަގުތެކެވެ. އެކި ގޭގެއަށް ޒިޔާރަތްކުރައްވާ އެކި މީހުންގެ މުހުތާދުތައް ފިލުއްވައިދެއްވުމުގައި ނަމޫނާ ދެއްކެވި ހިނދުކޮޅުތަކެކެވެ.

your imageދައޫދުބެއާއި ހަރީރައްތަ ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން ދޮށީ ދަރިފުޅު އަބްދުއްރަހުމާނާއެކު

"ދާއޫދުބެއާއި އައްތައަކީ ވަރަށް ހިތްހަމަޖެހިގެން ވަރަށް ރަނގަޅަށް އުޅުނު ދެ މީހުން. އެ ދިރިއުޅުމުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދީނީ ކަންކަމަށް ކުރި ލޯބި. ޚާއްޞަކޮށް ގުރުއާން ކިޔެވުމަށް ވަރަށް ލޯބިކުރި. މިސްކިތްތަކަށް އެހީތެރިވުމަކީ ވެސް އެ ދެ މީހުންގެ ދިރިއުޅުމުން ފާހަގަވި ކަމެއް. މިސްކިތަށް ކަރަންޓު ދިނީ އަގަކާ ނުލައި. އެކި ކަންކަމުގައި އެހީވީ ވެސް ހިލޭ ސާބަހަށް. އަނެއްކާ ދެ މީހުންނަކީ ވެސް ވަގުތަށް މިސްކިތަށް ދިއުމަށް ލޯބި ކުރި ދެ މީހުން. ދާއޫދުބެއަކީ ތުޅާދޫގެ ފުރަތަމަ ހާޖީ" ތުޅާދޫ ޝިލްވަރ ޝައިން ކުލަބްގެ އެއް މަސްޢޫލުވެރިޔާ، ޒަކަރިއްޔާ ވިދާޅުވިއެވެ.

"ބައްޕައާއި މަންމައަކީ އަހަރެމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެން ވަރަށް މަސައްކަތް ކުރި ދެ މީހުން. އަހަރެމެން ކޮންމެ ކުއްޖަކަށް މި ހޯދުނު ދިރިއުޅުމަކީ ބައްޕައާއި މަންމަގެ އެހީތެރިކަމާ އެކު ލިބުނު ދިރިއުޅުމެއް. އަހަރެމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން އަބަދު ވެސް ބައްޕައާއި މަންމަ ވިސްނި" ބައްޕައާއި މަންމަގެ ޚިދުމަތާ މެދު ހުސައިން ބުނުއްވިއެވެ.

"ބައްޕައާއި މަންމައަކީ ވަރަށް ހެޔޮ ދެ މީހުން. މަންމައަކީ އެ ހެޔޮކަމުގެ ނަމޫނާ. ކޮންމެ މީހަކާ ވާހަކަދެއްކި ނަމަވެސް ދަރިފުޅާއޭ ނުވަތަ ކޮއްކޯއޭ ކިޔާފައި ވާހަކަދައްކާނީ. ބުރަކަށީގައި ފިރުމާނެ. މީހަކަށް ކާން ހަދާފައި އެ ތަނަކުން ދުރަކަށް ނުދާނެ. މަންމައަކީ ވަރަށް ރައްޓެހިން ގިނަ މީހެއް. ބައްޕައަކީ ވެސް ރައްޓެހިން ގިނަ މީހުން. ދެ މީހުންނަކީ ވެސް އުފާވެރިކަމާ އެކު އުޅުނު ދެ މީހުން. އެއީ އަހަރެންނާއި ހުރިހާ ކުދިން ވެސް އެންމެ ލޯބިވާ ދެ މީހުން. މުޅި އާއިލާއަށް ލިބުނު ކޮންމެ ކުރިއެރުމެއް ލިބުނީ މަންމައާއި ބައްޕަގެ އެ ހިތްވަރާއި މަސައްކަތުން" ދާއޫދުބެގެ އެންމެ ދޮށީ ދަރިފުޅު ބުނުއްވިއެވެ.

your imageހަރީރައްތަގެ ދޮށީދަރިފުޅު ހަރީރައްތައަށް ކާންދެނީ.

ތެދެކެވެ. އެއީ ޚިދުމަތްތެރި މަންމައަކާއި ބައްޕައެކެވެ. ނަމޫނާ އެހީތެރިކަމެއް ދެއްވި ކާފައަކާއި މާމައެކެވެ. އެތައް ކުދިންނެއްގެ ލޯބި ހޯއްދެވި މުނިކާފައަކާއި މުނިމާމައެކެވެ. ދުނިޔޭގެ ސުންނަތާ އެއްގޮތަށް އެ ލޯބި ދެމަފިރީން ވެސް އެ ވަނީ ދުނިޔޭގެ ދަންފަޅި ހަމަކުރައްވާފައެވެ. ދާއޫދުބެ ނިޔާވީ މީގެ އެތައް އަހަރެއް ކުރީންނެވެ. ހަރީރައްތަ ނިޔާވީ މި އަހަރުގެ އޮގަސްޓް މަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ. އެ ދެ ޚިދުމަތްތެރީންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

your imageދާއޫދުބެގެ ބައެއް ކުދިންނާއި ކާފަ ކުދިން

ހަގީގަތުގައި ވެސް ދާއޫދުބެއާއި ހަރީރައްތަގެ ދިރިއުޅުމުގެ ދަތުރަކީ ނަމޫނާ ދަތުރެކެވެ. އެތައް ކޮޅުގަނޑުތަކެއް ދިމާވި އެ ދަތުރަކީ ފިސާރި ދީލަތި ދަތުރެކެވެ. ތުޅާދޫއަށް އެންމެ ފުރަތަމަ ކަރަންޓްގެ ޚިދުމަތް ދިނީ އެ ކައިވެނީގެ ގޮށާއެކު އެޅުނު ބިންގަލުގައި ބެހެއްޓުނު ޖަނަރޭޓަރަކުންނެވެ. ތުޅާދޫގައި މެދުކެނޑުމެއް ނެތި ހިންގި އެންމެ ދުވަސްވީ ވިޔަފާރީގެ ބާނީންނަކީ އެ ދެމަފިރީންނެވެ. އެ ދެމަފިރީން ބިނާކުރެއްވީ މަސްވެރި ގޯއްޗެކެވެ. މުއްސަނދިކަމާއި ތިޔާގިކަން ހޯއްދެވީ އޮޑިދޯނި ފަހަރުގެ މިލްކުވެރީންގެ ގޮތުގައެވެ. އެތައް ބަޔަކަށް އެ ޚިދުމަތުގެ އަތްތިލަ ހުޅުއްވައިލައްވައިގެންނެވެ. މާމަ ދަރީންނަށް މައިވަންތަ ލޯބީގެ މިސާލު ދައްކަވަމުންނެވެ. އަވަދިނެތި މަސައްކަތްތަކުގައި އުޅުއްވަމުން ވެސް އަޅުކަމަށް ވަގުތު ހުސްކުރަން ޖެހޭކަން ހަނދާންކޮށްދެއްވަމުންނެވެ. ނަމޫނާ ޚިދުމަތަކީ މިއީ ނޫންތޯއެވެ؟ އެ ދީލަތި ދަތުރުގެ ޒިކުރާ އަބަދުވެސް އާކުރަންޖެހެއެވެ.  

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments