
ދެކުނު ކަންމަތި ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޮރިންމަ ޓީމާ ބައްދަލުކޮށް ކުޅުނު މެޗު 43-2 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެކުނު ކަންމަތި ޓީމުގެ ޖާޒީ ނަންބަރު 17، ޒުހާއެވެ. ޒުހާ ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ލަނޑުތަކެއް މި މެޗުގައި ވެސް ކާމިޔަބުކޮށްފައެވެ.
ފަތްމިނި ޓީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޒެފަރސް ޓީމާ ބައްދަލުކޮށް 22-10 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަތްމިނި ޓީމުގެ ޖާޒީ ނަންބަރު 14، ސާޖިދާ އަބްދުއްރަހްމާނެވެ. ސާޖިދާގެ ހުނަރުވެރި ކުޅުމަކީ ފަތްމިނި ޓީމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި އަންނަ ބުދަ ދުވަހުގެ ރެއެވެ. ތުޅާދޫގެ އަންހެން ކުޅުންތެރިންގެ މެދުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފައިނަލްގައި ވާދަކުރާނީ ދެކުނު ކަންމަތި ޓީމާއި ފަތްމިނި ޓީމެވެ.