
ތުޅާދޫ ސްކޫލަށް 85 އަހަރު އެވަނީ ފުރިފައެވެ. މި އުފަލުގައި ބައިވެރިވަނީ ހަމައެކަނި އެ ރަށަށް އުފަން، އެ ފަސްގަނޑަށް ނިސްބަތްވާ ދަރީންނެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ދަރީންނެއް ދަނީ މި އުފަލުގައި ބައިވެރިވަމުންނެވެ. އެ މީހުންގެ ދިރިއުޅުމުގެ ދަތުރު ކާމިޔާބު ކުރުމުގައި އެ ސްކޫލުން އަދާކުރި ދައުރު ދަނީ ފާހަގަކުރަމުންނެވެ. އެ މީހުންގެ ހަޔާތުގައި ތުޅާދޫ ސްކޫލުން ކުޅެދިން ރޯލު އެ ދަނީ ކިޔައިދެމުންނެވެ.
ރ. މީދޫ ގުލްފާމުގޭ ޙުސައިން އަޙުމަދަކީ ތުޅާދޫ މަދަރުސާއިން ކިޔަވާވިދާޅުވި ދަރިވަރެކެވެ. 1962 ވަނަ އަހަރުން ފެށިގެން 1966 ވަނަ އަހަރުގެ ނިޔަލަށް ތުޅާދޫ މަދަރުސާގެ ދަރިވަރެކެވެ. ރ. މީދޫ ކުޑަ ކަތީބުކަމާއި މުދިންކަމާއި މުދައްރިސްކަން ވެސް ކުރެއްވި މީދޫގެ ގަދަރުވެރި ޚިދުމަތްތެރިއެކެވެ.
ހުސައިން އަޙުމަދު
" އަޅުގަނޑަކީ ތުޅާދޫ މަދަރުސާއިން ކިޔެވި ދަރިވަރެއް. ތުޅާދޫގެ ތަޢުލީމީ ފެންވަރު ރަނގަޅު ޚަބަރު ލިބިގެން، ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދުމުގެ ބޭނުމުގައި އަޅުގަނޑުގެ އާއިލާއިން އެ ރަށަށް އަޅުގަނޑު ގެންދިޔައީ. އެ ރަށުގައި 5 ވަރަކަށް އަހަރު ކިޔަވަން ހުރިން" ޢުމުރުން 78 އަހަރުގެ ޙުސައިން އަޙުމަދު ވިދާޅުވިއެވެ.
ޙުސައިން އަޙުމަދު ގަބޫލުކުރައްވާ ގޮތުގައި އެ ދުވަސްވަރު ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު މަދަރުސާތަކުގެ ތެރޭގައި ތުޅާދޫ މަދަރުސާ ހިމެނެއެވެ.
" އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ދުވަސްވަރު އެންމެ ފެންވަރު ރަނގަޅު މަދަރުސާތަކުގެ ތެރޭގައި ތުޅާދޫ މަދަރުސާ ހިމެނޭކަމަށް. މިރަށުން ވެސް ގިނަ ކުދީންތަކެއް އެ މަދަރުސާއިން ކިޔެވި. ތުޅާދޫ ސްކޫލުން އޭރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މުދައްރިސުންގެ ހީވާގިކަމާއި ގާބިލުކަން، ރައްޔިތުންގެ އެކުވެރިކަމާއި އެހީތެރިކަން. އެއީ އެ ސްކޫލު އެ ގޮތުގައި މަޝްހޫރުވި މައިގަނޑު ސަބަބު" ހުސައިން އަޙުމަދުގެ ތަޖުރިބާ އޭނާ ހިއްސާކުރެއްވިއެވެ.
ޙުސައިން އަޙުމަދު ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ކާމިޔާބީ ގުޅިފައިވާ ހަގީގީ ތަނަކީ ތުޅާދޫ މަދަރުސާއެވެ.
"އަޅުގަނޑު ދިރިއުޅުމުގައި އަދާކުރި ސަރުކާރު ވަޒީފާތައް ލިބިގެން ދިޔައީ ތުޅާދޫ މަދަރުސާގެ ސަބަބުން. ރަނގަޅު ދިރިއުޅުމެއް ފެށި ކާމިޔާބު މީހެއްގެ ގޮތުގައި އަދި ގަދަރުކުރާ، މީހުން ބަލައިގަންނަ މީހަކަށްވުމުގެ ސިއްރަކީ އެ މަދަރުސާއިން ލިބުނު ތަޢުލީމާއި ތަރުބިއްޔަތު" މީގެ 59 އަހަރު ކުރިން ބ. ތުޅާދޫ ކަންމަތީގޭގައި ކިޔަވަން ހުންނެވި ޙުސައިން އަޙުމަދު، އޭނާ ކިޔަވާވިދާޅުވި ސްކޫލާމެދު ޝުޢޫރު ފާޅުކުރެއްވިއެވެ.
ރ. ކިނޮޅަސް، ސަމާ، އަބްދުލް މުޙުސިން ހަސަންއަކީ ވެސް ތުޅާދޫ ސްކޫލުގައި ތަޢުލީމު ޙާޞިލުކުރެއްވި ބޭފުޅެކެވެ. ކިނޮޅަހު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި ސްޕަވައިޒަރުކަން ކުރައްވާފައިވާ މުޙުސިން ތުޅާދޫގައި ކިޔަވާ ވިދާޅުވީ 1977 ވަނަ އަހަރާއި 1978 ވަނަ އަހަރު ތުޅާދޫ މަދަރުސާގެ ނަން މަކުތަބުލް ހިދާޔާގެ ނަމަށް ބަދަލުވީ ފަހުންނެވެ.
ޢަބުދުލް މުޙުސިން ޙަސަން
" ތުޅާދޫ މަދަރުސާއަށް ބަދަލުވީ ރަށުގައި ދެވޭ ތައުލީމަށްވުރެ ފުރިހަމަ ތަޢުލީމެއް ތުޅާދޫ މަދަރުސާއިން ލިބޭތީ. ރަށު ސްކޫލު ދޭތެރެދޭތެރެއިން އޭރު މެދުކެނޑޭ. އެހެންވެ ތުޅާދޫއަށް ބަދަލުވީ" ކިޔަވާވިދާޅުވާން ތުޅާދޫ ސްކޫލަށް ބަދަލުވެވަޑައިގެންނެވި ސަބަބު މުޙުސިން ވިދާޅުވިއެވެ.
" ތުޅާދޫ ސްކޫލުން އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަވީ ތުޅާދޫގެ ވަރަށް ގިނަ ކުދީން އޭރުވެސް ސްކޫލަށް ދާކަން. އެދުވަސް ވަރާއަޅަބަލާއިރު އެއީ ވަރަށް ބޮޑަށް ފާހަގަވި ކަމެއް. ހުރިހާ ކުދީން ކަހަލަ ގޮތަކަށް ސްކޫލަށް ގޮސް ކިޔެވަމުންދިޔަކަން ފާހަގަވި. އެކަމުން ދޭހަވީ ތުޅާދޫއަކީ ތަޢުލީމަށް ލޯބިކުރާ އަދި ހޭލުންތެރި ރައްޔިތަކު އުޅެމުން އައި ރަށެއްކަން" 51 އަހަރުގެ މުޙުސިން ތުޅާދޫ ރައްޔިތުންނަށް ތަޢުރީފު ކުރެއްވިއެވެ.
މުޙުސިން ގަބޫލުފުޅުކުރައްވާ ގޮތުގައި އޭނާގެ ތަޢުލީމުގެ ބިންގާ އެޅުނު ތަނަކީ ތުޅާދޫ މަދަރުސާއެވެ.
" ހަގީގަތުގައި އަޅުގަނޑަށް ތަޢުލީމީ ބިންގާ އަޅައިދިން ތަނަކީ ތުޅާދޫ މަދަރުސާ. އޭގެ މަތީގައި އިތުރު ތަޢުލީމު ހާސިލު ކުރެވުނީ. އޭގެ ފަހުން އޭދަފުށީ ބަހިއްޔާއަށް ވެސް ބަދަލުވީ. އެ ބިންގާގެ ފުރިހަމަކަން ފަހުން ވެސް އިހުސާސްވި" 55 އަހަރުގެ މުޙުސިން ވިދާޅުވިއެވެ.
ތުޅާދޫ ސުކޫލުގެ ހިޔާވަހިކަން ހޯދި ރަށުން ބޭރު ދަރިވަރުންގެ ތެރޭގައި އަންހެން ކުދީން ވެސް ހިމެނެއެވެ. މިފަދަ އެއް ދަރިވަރަކީ ބ.ކެންދޫ ފެހިއަލި ޢާމިރާ ސުލޭމާނެވެ. ޢާމިރާއަކީ 7 އަހަރު ވަންދެން ކެންދޫ ސްކޫލުގެ ޓީޗަރުކަން ކުރެއްވި މުދައްރިސެކެވެ. އަދި މިއަދު ވެސް އަންހެނުންގެ މިސްކިތުގެ އިމާމެވެ.
ޢާމިރާ ސުލައިމާން
" އަޅުގަނޑު ތުޅާދޫގައި ކިޔަވަން އުޅުނީ 1970 އިން 1974 އަށް. ތުޅާދޫ މަދަރުސާ، މަކުތަބުލް ހިދާޔާއަކީ ގުރުއާން ކިޔަވައި ދިނުމާއި ތަރުބިއްޔަތުގެ ބައި ވަރަށް ރަނގަޅުތަކެއްކަން ފާހަގަ ކުރެވިގެން އެ ރަށަށް އަޅުގަނޑު ފޮނުވީ" ކިޔަވާވިދާޅުވާން ތުޅާދޫ މަދަރުސާއަށް ބަދަލުވެވަޑައިގެންނެވި ގޮތް ޢާމިރާ ވިދާޅުވެދެއްވިއެވެ.
ތުޅާދޫ ނޫރާނީމާގޭގައި ކިޔަވާވިދާޅުވާން ހުންނެވި ޢާމިރާ ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫ މަދަރުސާއަކީ އަތޮޅު ފެންވަރުގައި އަދި މުޅި ރާއްޖޭގައި ވެސް އެ ދުވަސްވަރު ފާހަގަކޮށްލެވޭ މަދަރުސާއެކެވެ.
" އެދުވަސްވަރުގެ ތުޅާދޫ މަދަރުސާއަކީ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އަދި ވަރަށް ހަރުދާނާކޮށް ކިޔަވައިދިން މަދަރުސާއެއް. ބައިތުބާޒީކުރުން، ތަމްސީލުކުޅުން ފަދަ އަދަބީ ގިނަ ހަރާކާތްތައް އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ވެސް ހިންގި. އަދި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ. މުބާރާތްތައް ބާއްވައި ވަނަ ހޮވައި އިނާމު ވެސް ދީހަދާ. އަޅުގަނޑަށް ވެސް ވަނަ ލިބުނު ހަދާންވޭ" 55 އަހަރުގެ ޢާމިރާ ވިދާޅުވިއެވެ.
ޢާމިރާ ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫ މަދަރުސާއިން އޭނާއަށް ލިބިވަޑައިގެންނެވި އެންމެ އަގުހުރި ހަދިޔާއަކީ ފުރިހަމަ ތަރުބިއްޔަތެވެ.
" ތުޅާދޫ މަދަރުސާއިން އަޅުގަނޑަށް ލިބުނު ތަރުބިއްޔަތަކީ އަޅުގަނޑުގެ ކުރިއެރުން. އެ ތަރުބިއްޔަތާ ތަޢުލީމުގެ މަންފާ އަބަދުވެސް މިދަނީ ކުރަމުން"
ބ. ހިތާދޫ އަބްދުރަޙުމާން ހަސަނަކީ ވެސް ތުޅާދޫ ޕްރައިމަރީ ސްކޫލުގައި ދެ އަހަރު ވަންދެން ކިޔަވާ ވިދާޅުވި ދަރިވަރެކެވެ. މިވަގުތު ޢަބުދުއްރަޙުމާނަކީ ސެންޓަރ ފޮރ ހަޔަރަ ސެކަންޑްރީ އެޑިއުކޭޝަންގެ ދިވެހި މުދައްރިސެކެވެ.
ޢަބްދުއްރަޙުމާން ޙަސަން
" އަޅުގަނޑު ތުޅާދޫއަށް ކިޔަވަން އުޅުނީ 1978، 1979 ވަނަ އަހަރު. ތުޅާދޫ ޕްރައިމަރީ ސްކޫލަށް ބަދަލުވީ ރަސްމީކޮށް ކިޔަވައިދޭ ރަށާ އެންމެ ކައިރީގައި އޮތް ތަނަކީ ތުޅާދޫކަމަށް ވާތީ. އެ ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ތުޅާދޫއަށް ކުދިން އައިސްތިބި" ތުޅާދޫ ސްކޫލުގައި ކިޔަވާވިދާޅުވާން ވަޑައިގެންނެވުނު ގޮތް ޢަބުދުއްރަޙުމާން ވިދާޅުވެދެއްވިއެވެ.
ޢަބުދުއްރަޙުމާންގެ ނަޒަރުގައި ތުޅާދޫ މަދަރުސާއަކީ ދަރިވަރުންގެ ކިބައިގައި އަޚުލާގީ ރިވެތި ސިފަތައް ހަރުލައްވާން ވަރަށް ބޮޑަށް މަސައްކަތްކުރި މަދަރުސާއެކެވެ.
" ހުރިހާ ކަމެއް ވެސް އޮންނަނީ ތަރުބިއްޔަތާ ގުޅުވާފައި. ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ވަރަށް ތަރުތީބުން. ކޮންމެ ކަމަކަށް ގަވައިދުތަކެއް ހެދިފައި ހުރޭ. އެކަންކަމަށް ދަރިވަރުން ޢަމަލުކުރަމުން ދާގޮތް ސުކޫލުން ބަދަލުމުންގެންދޭ. އެ ދުވަސްވަރު ދަރިވަރުންގެ އުޅުން ވެސް ވަރަށް ރަނގަޅުކަން ފާހަގަކުރެވުނު" އެސްއެސްސީ އަދި އެޗްއެސްސީގެ ޗީފް އެގްޒެމިނަރުގެ މަގާމު ވެސް އެކި ފަހަރުމަތިން ފުރުއްވާފައިވާ ޢަބުދުއްރަޙުމާން ވިދާޅުވިއެވެ.
ޢަބުދުއްރަޙުމާނު ގަބޫލުކުރައްވާ ގޮތުގައި އެ ދުވަސްވަރުގެ ރަށްރަށުގެ ހާލަތަށް ބަލާއިރު ތުޅާދޫ ސްކޫލުން ދެމުންދިޔަ ތަޢުލީމަކީ ވަރަށް ފުރިހަމަ ތަޢުލީމެކެވެ.
" ދިވެހި، އިސްލާމު އަދި އިނގިރޭސި މާއްދާ ކިޔަވާދޭ ގޮތް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު. މީގެ އިތުރުން ގުރުއާނަކީ ވެސްވަރަށް ފާހަގަކޮށްލެވުނު މާއްދާއެއް. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދަރިވަރުންނަށް ދިން ތަރުބިއްޔަތު. ހަގީގަތުގައި އަހަރެންނަށް ލިބުނު ސިފަތައް މަޑުމައިތިރިކަމާއި ދީނީ ކަންކަމަށް ލޯބިކުރުމާއި ކަމަށް ކަމޭހިތުން ފަދަ ކަންކަންކަމަކީ ތުޅާދޫ ސްކޫލުން ލިބުނު އެއްޗެއް. އަހަރެންގެ މިޒާޖު ނުވަތަ ޝަޚުޞިއްޔަތު ބައްޓަންކޮށްދިން ހަގީގީ ތަނަކީ ތުޅާދޫ ސްކޫލް. އެ ތަރުބިއްޔަތު" ޢަބުދުއްރަޙުމާން ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލުން ކިޔަވާވިދާޅުވި ދަރިވަރުންގެ ތެރޭގައި ށ. އަތޮޅު ކަނޑިތީމު، ހަޒާރުމާގޭ މުޙައްމަދު އަޝްރަފް ވެސް ހިމެނިވަޑައިގަންނަވައެވެ. އަޝްރަފަކީ ކަނޑިތީމު ސްކޫލުގެ ޓީޗަރުކަމާއި ލީޑިންގ ޓީޗަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މިވަގުތު އަޝްރަފް ހުންނެވީ ކަނޑިތީމު ސްކޫލުގެ އިނގިރޭސި ޓީޗަރެއްގެ މަގާމުގައެވެ.
މުޙައްމަދު އަޝްރަފު
"އަޅުގަނޑު ތުޅާދޫ ޕްރައިމަރީ ސްކޫލުގައި ކިޔަވަން ހުރީ 1984 ވަނަ އަހަރާއި 1985 ވަނަ އަހަރު. އަޅުގަނޑަށް އެ ރަށް ދެވުނީ އެ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރާން އުޅުމުގެ ތެރޭގައި އެ ރަށު މީހުން ހިންގި ހަރަކާތްތަކުގެ ތެރޭގައި. އެ މީހުން ބޭނުންވީ މި ރަށު ކުއްޖަކަށް ވެސް އެ ފުރުޞަތުދޭން" ޢުމުރުން 11 އަހަރުގައި ތުޅާދޫ ކަރަންކާގޭގައި ހުންނަވައިގެން ކިޔަވާ ވިދާޅުވި އަޝްރަފް ވިދާޅުވިއެވެ.
" އެ ދުވަސްވަރު އެންމެ ބޮޑަށް ފާހަގަވީ އެއްކަމަކީ ކޮންމެ އެއްޗެއް ވެސް ހިތުން ކިޔައިދޭން ޖެހުން. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ދުވަސްވަރަށް ބަލާއިރު އެއީ އެންމެ ރަނގަޅަށް ރާއްޖޭގައި ތަޢުލީމުދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެއް ތަނުގެ ގޮތުގައި. އަޅުގަނޑުގެ ކެރިއަރުގެ ފެށުން ގުޅިފައިވަނީ އެ މަދަރުސާއާ" 49 އަހަރުގެ އަޝްރަފު ވިދާޅުވުއެވެ.
ތުޅާދޫ ސްކޫލުގައި ކިޔެވި ދަރިވަރުންގެ ތެރޭގައި އއ. ތޮއްޑޫގެ ގިނަ ދަރިވަރުންތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ވީޓީވީގެ ޕްރޮޑީއުސަރ މުޙަންމަދު ޝާމިނެވެ. 1988 ވަނަ އަހަރުން ފެށިގެން ތުޅާދޫ ކަންމަތީ ގޭގައި ހުންނަވައިގެން ތުޅާދޫ ޕްރައިމަރީ ސްކޫލުން ތަޢުލީމު ޙާޞިލުކުރެއްވި ޝާމިން ވިދާޅުވީ ތުޅާދޫ ސްކޫލަށް ބަދަލުވާން ޖެހުނީ ތުޅާދޫގެ ތަޢުލީމީ ފެންވަރު ރަނގަޅުކަން އާއިލާ މީހުންނަށް ގަބޫލުކުރެވިގެން ކަމަށެވެ.
" އޭރު ތުޅާދޫއަކީ ތަޢުލީމީ ގޮތުން ފާހަގަކޮށްލެވުނު ރަށެއް. ރަށުގެ ގިނަ ކުދީންތަކެއް އެ މަދަރުސާއިން ތަޢުލީމު ހާސިލުކުރި. އެ ދުވަސްވަރު ޝަމްސީދާ، އިބްރާހީމް ރަޝީދު، މުޙައްމަދު ރަޝީދު، އަހުމަދު މޫސާ، ނާޒު މި ބޭބޭފުޅުން ވެސް ތުޅާދޫ ސްކޫލުން ތަޢުލީމު ޙާޞިލުކުރެއްވި" ހަތަރު އަހަރު ތުޅާދޫ މަދަރުސާގައި ކިޔަވަން އުޅުއްވި ޝާމިނު ވިދާޅުވިއެވެ.
މުޙައްމަދު ޝާމިން
މުޙައްމަދު ޝާމިން ގަބޫލުކުރައްވާ ގޮތުގައި އޭނާ މީހަކަށް ހަދައިދިނީ ތުޅާދޫ ސުކޫލުންނެވެ.
" އަޅުގަނޑު ތުޅާދޫއަށް ދިޔަ އިރު ހުރީ ރޮލާ، އެކައްޗެއް ވެސް ނޭނގޭނެ. ހަގީގަތުގައި ތަޢުލީމުގެ ބިންގާ އަޅައިދިނީ ސްކޫލުން. މިހާ ހިސާބަށް އާދެވުނީ އޭރު އެޅުނު ބިންގަލުގެ ހަރުދަނާކަމުންނޭ ބުނެވޭނީ. ތުޅާދޫ ސްކޫލަކީ އަޅުގަނޑަށް ފެނުނު ވަރަށް ޚިދުމަތްތެރި ނަމޫނާ ސްކޫލެއް" ޝާމިން ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލުން ކިޔަވާވިދާޅުވި ދަރިވަރުންގެ ތެރޭގައި ބ. ކިހާދޫ ތުނިވެލި އަލީ ޒިޔާދު ވެސް ހިމެނިވަޑައިގަންނަވައެވެ. އަލީ ޒިޔާދު މި ވަގުތު ހުންނެވީ އީފިއަސް ކޮލިޖިއޭޓްގެ ރެކްޓަރ ކަމުގެ މަގާމުގައެވެ.
ޢަލީ ޒިޔާދު
" އަޅުގަނޑު ތައުލީމު ޙާސިލުކުރަން އުޅުނީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު. އެ ރަށަށް ކިޔަވަންދާން ފުރުޞަތު ލިބުނީ އަމިއްލަ ރަށުން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވާ ނިންމުމުން. އޭރު އާއިލާ މީހުންނަށް ގަބޫލުކުރެވުނީ އަޅުގަނޑު ތުޅާދޫ ސްކޫލަށް ވައްދަން. އެ ރަށު މީހުންނާ ވެސް އޮންނަ ގާތް ކަމެއްގެ ސަބަބުން" އަލީ ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި އެ ފުރުޞަތުގެ ސަބަބުން ތަޢުލީ ހަރުފަތުން އިތުރަށް ކުރިއަށް ވަޑައިގަންނަވާން މަގުފަހިވި ކަމަށެވެ.
" އަޅުގަނޑަށް ފާހަގަކުރެވުނީ ތުޅާދޫ ސްކޫލުން މަސައްކަތްތައް ވަރަށް ޕްލޭން ކުރާކަން، ކަންކަން ބަލާކަން ފާހަގަވި. މުވައްޒަފުންނާއި މުދަރިސުން ވެސް ކިޔަވައިދިނުމުގެ ކަންކަން ބައްލަވާކަން ފާހަގަވި. ޚާއްޞަކޮށް އަޚުލާގަށް ސަމާލުކަން ދެއްވި. އެ ކަންކަމުގެ ސަބަބުން ކިޔަވަން އުޅޭ ދަރިވަރަކަށް އެ ފުރުޞަތު ވަރަށް ރަނގަޅަށް ލިބިގެންދިޔަ" ޢުމުރުން 30 އަހަރުގެ ޢަލީ ޒިޔާދު ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލުގެ ތަޢުލީމީ ހަޔާތުން ފާއިތުވި 84 އަހަރަކީ މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް އޭގެ ނޫރު ފެތުރިގެން ދިޔަ އަހަރުތަކެކެވެ. އެތައް ދަރިވަރުންނަކަށް އޭގެ މަންފާ ކުރަނިވި ދުވަސްތަކެކެވެ. އެ ހަނދާންތަކާއި ޒިކުރާތައް އެކި ކަންކޮޅުގައި ތިބި ދަރިވަރުން މިއަދު ވެސް ކުރެއެވެ. މާދަމާ ވެސް ކުރާނެއެވެ.