
މި ދަތުރުގެ މައިގަނޑު މަޤްސަދަކީ ތުޅާދޫގެ ރައްޔިތުންނަށް ފިޒިއޮތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންނަށް "ހަވީރީ މަޖާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ހިންގުމެވެ.
އައިޖީއެމްއެޗްގެ ފިޒިއޮތެރަޕިސްޓުންގެ ޓީމުގެ މި ދަތުރުގައި، ބަލިމީހުން ބެއްލެވުމާއި، ގެއިން ނުނިކުމެވޭ ދާންމަތިވެފައިވާ ފަރާތްތަކަށް ގެއަށް ޒިޔާރަތްކޮށް ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސިއްޙީ އެކިއެކި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް ކުރިއަށް ގެންދެވޭނެކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
އުމުރުން ދުވަސްވީ ބޭފުޅުންނަށް ޚާއްސަކޮށް ބާއްވާ "ހަވީރީ މަޖާ" އަކީ އެ ބޭފުޅުންގެ ސިއްޙަތު ރަނގަޅުކުރުމާއި، މުޖުތަމަޢުގައި އެ ބޭފުޅުން ބައިވެރިކުރުމަށް ޓަކައި ރޭވިފައިވާ ކަމެކެވެ. ތުޅާދޫ ކައުންސިލުން ވަނީ މި ޕްރޮގްރާމުގައި ވީހާ ވެސް ގިނަ އުމުރުން ދުވަސްވީ ބޭފުޅުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ޓީމުގެ ޚިދުމަތްތައް ބޭނުންފުޅުވާ، ގައިގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ތަދުއެރުން ފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކުން، ތުޅާދޫ ސިއްޙީ މަރުކަޒުގެ ނަންބަރު 7360117 އަށް ގުޅުއްވައިގެން ނަންނޯޓުކުރެއްވުމަށް ކައުންސިލުން އެދެއެވެ.