ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
ހުސައިންފުޅު

ބައްޕަގެ ތަޢުލީމީ ހިޖުރަ

އެކި މީހުން ހިޖުރަކުރަނީ އެކި ކަންކަމުގައެވެ. ބައެއް މީހުން އަމިއްލަ ކަންކަމުގައި ހިޖުރަކުރާއިރު އަނެއް ބަޔަކު ގައުމީ ކަންކަމާއި ދީނީ ކަންކަމުގައި ވެސް ހިޖުރަކުރެއެވެ. އިޖުތިމާއީ ޒިންމާ އަދާކޮށް ޢިލްމު ފެތުރުމަށް ކުރެވިފައިވާ ހިޖުރަތަކަކީ ވެސް މި ގައުމުން ފެންނަ ހިޖުރަތަކެކެވެ. އެފަދަ މަތިވެރި ހިޖުރައެއް ކުރެއްވި އެއް ބޭފުޅަކީ އަޅުގަނޑުގެ ބައްޕަ ޅ. ނައިފަރު ޗަންދަރުގޭ އަލްމަރުޙޫމް ހުސައިން ޔޫސުފްފުޅެވެ.

ބައްޕަގެ ޢާއިލާއަކީ ނައިފަރުގެ ޤަދަރުވެރި ތަޢުލީމީ ޢާއިލާއަކަށްވާ އިރު، ބައްޕައަކީ ވެސް ތަޢުލީމު ލިބިވަޑައިގެން ހުންނެވި ނައިފަރުގެ ޤާޟީކަން ވެސް ކުރެއްވި ބޭފުޅެކެވެ. ނައިފަރު ދޫކުރައްވައި ތުޅާދޫއަށް ބައްޕަ ހިޖުރަކުރަން ދިމާވީ އޭރު ތުޅާދޫގެ ޤަދަރުވެރި މީހުންނާއި ކަމުވޮށިގެންވާ މީހުން ނައިފަރަށް ގޮސް އުޅުމުގެ ތެރޭގައި އެ މީހުންނާ ދިމާވެ އުފެދުނު ރައްޓެހިކަމުގެ ތެރެއިންނެވެ.  އެގޮތުން 1960 ވަނަ އަހަރު ބައްޕަ ތުޅާދުއަށް ކުރެއްވި ދަތުރެއްގައި ރަށުގެ ކަމުވޮށިގެންވާ ބަޔަކު އެދިގެން ކިޔަވައި ދެއްވުމަށް ޓަކައި ތުޅާދޫގައި މަޑުކުރެއްވިއެވެ.  

އޭރުވެސް ތުޅާދޫ މީހުންނަކީ ތަޢުލީމަށް ލޯބިކުރާ ރަށުގެ ތަޢުލީމަށް ޓަކައި އަމިއްލަ މީހުންގެ ޖީބުން ޚަރަދުކޮށްގެން ރަށުން ބޭރުން އެދުރުން ގެނެސްގެން ރަށު މަދަރުސާ ހިންގުމަށް މަސައްކަތް ކުރި ބައެކެވެ. އެހެންކަމުން ބައްޕަ ވެސް ތުޅާދޫގައި މަޑުކުރައްވާން ނިންމެވިއެވެ. އަދި މަދަރުސާގެ މުދައްރިސެއްގެ ގޮތުގައި ހަމަޖައްސަވައި މުސާރައިގެ ގޮތުގައި ދޯނިފަހަރުން މަސްބައިދޭގޮތަށް ތުޅާދޫގެ އޭރުގެ ވެރީން ނިންމެވިއެވެ.

your imageމަރުޙޫމް ޙުސައިން ޔޫސުފް

ބައްޕަގެ ގެއެއް ކަމުގައި ބައްލަވައި ކެއިންބުއިމުގެ ކަންކަން ތުޅާދޫގައި ހަމަޖެއްސެވީ އަލިވާގޭގައެވެ. އޭރު އެގޭ އަބޫބަކުރުބެއަކީ ދޯނިފަހަރު ދުއްވާ ރަށުގެ ތަޢުލީމާއި ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެހެންކަމުން އަބޫބަކުރުބޭގެ މަރުދުވަހަށް ދާންދެން ވެސް ބައްޕަ ބެލެހެއްޓެވީ ޢާއިލާގެ މެންބަރެއްގެ ގޮތުގައެވެ.

ތުޅާދޫ މަދަރުސާގައި ބައްޕަ ފުރަތަމަ ކިޔަވާދެއްވި މާއްދާތަކުގެ ތެރޭގައި އިސްލާމް، ޤުރުއާން، ތަޖުވީދު، ދިވެހި، ހިސާބު ހިމެނެއެވެ. މީގެ އިތުރުން އަތު މަސައްކަތްތެރިކަން ވެސް ކުދިންނަށް ދަސްކޮށްދެއްވިއެވެ. އެގޮތުން ތާކިހާ ވިޔާށާއި، ތިނޯހުން ފޮތީގައި ވިޔެގެން މާޖަހާށާއި، ހެދުންފަދަ ތަކެތި ހެއްދެވުމަށް ދަސްކޮށް ދެއްވިކަމަށް އޭރުގެ ދަރިވަރުންގެ ފަރާތުން އެނގިފައިވެއެވެ. މަދަރުސާގެ ގަޑިތަކުގެ އިތުރުން ކުދީންނަށް ގޭގައި ކިޔަވާދެއްވުން އުފަލަކަށް ހައްދަވައި އެންމެ ކުރީއްސުރެ ފެށިގެން މަރު ދުވަހަށް ދާންދެން ވެސް ގެއަށް ކުދިން ގެނެސްގެން އެއްވެސް ފީއެއް ނުނަންގަވައި އެކަން ކުރެއްވިއެވެ.

ކިޔަވައި ދެއްވުމުގައި ބައްޕަ ވެސް ކުރެއްވި މަސައްކަތުން އޭރު ރަށުގައި އޮތް ބޯދާ ޤަބޫލުކުރުންތަކާ ދުރުވެ ދީނީ ކަންކަމަށް ލޯހުޅުވި ރަށު މީހުންނަކީ ދީނީގޮތުން ތަންދޮރު ދަންނަ ދީނީ ކަންކަމަށް ލޯބިކުރާ ބަޔަކަށް ވީކަމީ މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ތެދު ޙަޤީޤަތެކެވެ.

ކިޔަވައިދެއްވުމުގެ އިތުރުން ބައްޕައަކީ ރަށުގެ މުދިމެކެވެ. ބޭސްވެރިއެކެވެ. ބޭސްވެރިކަމުގެ ޚިދުމަތް ބައްޕަ ކޮށްދެއްވީ އުޖޫރައަކާ ނުލައި ހިލޭސާބަހަށެވެ. ފަޤީރެއް މުއްސަންޖެއް ނުބައްލަވައި ހުރިހާ އެންމެންނާ ވެސް ގާތް ގުޅުމެއް ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން ރަށުގެ މީހުންގެ ކުރިމަތީގައި ބައްޕަ ވެގެން ދިޔައީ އެ މީހުންގެ ލޯތްބާއި އިޙުތިރާމް ހޯއްދެވި ބޭފުޅަކަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބައްޕަ ތުޅާދޫގައި ހުންނެވުމަށް ޓަކައި ރަށުން ގޯއްޗެއް ހަމަޖައްސައިދިނުމެވެ. މިފަދަ ނަޞީބަކީ އޭރު ރަށުން ބޭރުން ރަށަށް އައިސް ދިރިއުޅޭ ކޮންމެކޮންމެ މީހަކަށް ލިބޭ ނަސީބެއް ނޫނެވެ. އެކަން ވެގެން ދިޔައީ ބައްޕަގެ ދިރިއުޅުއްވުން ތުޅާދޫގައި ފައްޓަވަން މެދުވެރިވި މައިގަނޑު ސަބަބަކަށެވެ. ޢާއިލާއެއްގެ ބިންގާ ތުޅާދޫގައި އަޅުއްވައި އެ ޢާއިލާއާއެކު ޙަޔާތުގެ ދުވަސްތައް ތުޅާދޫގައި ހޭދަކުރެއްވި ސަބަބަކަށެވެ. ޚާއްޞަކޮށް ބައްޕަ އެންމެ ކުރައްވާހިތްވާ މަސައްކަތްޕުޅު، އުނގަންނަވައިދެއްވުމުގެ މަސައްކަތަށް ލިބިގެންދިޔަ އިތުރު ދިރުމަކަށެވެ.

ބައްޕައަކީ ޢަރަބިބަހާއި އުރުދޫބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެކަން ބައްޕަ ކިޔަވާދެއްވި ދަރިވަރުން ފާހަގަކުރާ އިރު ކިޔަވާދެއްވުމަށް ގެންގުޅުއްވި ފޮތްތަކުން ވެސް ރަނގަޅަށް ހާމަވެއެވެ. މީގެ އިތުރުން ލެޓިން އަކުރުން ފަރިތަކޮށް ލިޔެކިޔެ ހައްދަވާކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.

ބައްޕައަކީ ފަރުމާކުރުމާއި އުފެއްދުންތެރިކަމުގެ ފާޑުވެރިއެކެވެ. ފެހުމުގެ ހުނަރުވެރިއެކެވެ. ބައްޕަގެ މި ޚިދުމަތުން އެންމެ ފާހަގަކޮށްލެވޭ ހަނދާނަކީ ތުޅާދޫ މަދަރުސާގެ ފުރަތަމަ ޔުނިފޯމެއްގެ ނަމޫނާ ބައްޕަ ފެއްސެވިކަމެވެ. ހަމަ އެހެންމެ ކެޑޭޓް ހަރަކާތުގެ ޔުނީފޯމާއި ބޮލުގައި އަޅާ ތޮފި ފެއްސެވީ ވެސް ބައްޕައެވެ. މި ކަންކަމުން ދޭހަވަނީ ބައްޕައަކީ ތަރައްޤީ މުޖްތަމަޢަކަށް ލޯހުޅުއްވައިގެން ހުންނެވި، އަދި ލިބިވަޑައިގެން ހުންނެވި ހުނަރުވެރިކަން ބޭނުންކުރައްވައި ކިޔަވައިދެއްވުމާ ގުޅުވާލެއްވި ޚިދުމަތްތެރިއެއްކަމެވެ.

ބައްޕައަކީ ޢާއިލާދެކެ އިންތިހާއަށް ލޯބިފުޅުވި އަމިއްލަ ޢާއިލާއަށް އަޅާލައްވައި މަންމައާ އެއްވަރަށް ކުދިންގެ ކަންކަމުގައި ވެސް އެހީތެރިވެދެއްވި ނަމޫނާއެކެވެ. މިއަދު ބައްޕަގެ ކޮންމެ ކުއްޖަކު ވެފައިވަނީ ޤައުމަށް ފައިދާހުރި ހަރުދަނާ ކުއްޖަކަށެވެ.

ބައްޕަގެ ހިޖުރައަކީ ތުޅާދޫއަށާއި ތުޅާދޫ ދަރީންނަށް މަންފާކުރަނިވި ހިޖުރައެކެވެ. ތުޅާދޫގައި ޢިލްމުފެތުރުއްވުމަށް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއެކެވެ. ޒަމާނީ ތަޢުލީމަށް ދެއްވި ނަމޫނާ ހިއްސާއެކެވެ.

ހަރުދަނާ ޖީލެއްބިނާކޮށްދެއްވައި އުފާވެރި ޢާއިލާއެއް ދޫކުރައްވައި މި ފަނާވަނިވި ދުނިޔެއާ ބައްޕަ ވަކިވެވަޑައިގަތީ 1981 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. މާތްﷲ ބައްޕަގެ ފުރާނައަށް ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
9 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments