
މި ދެންނެވި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗެއްގައި ދެ އަވަށުގެ ޓީމަށް ސަޕޯޓުކުރުމަށް ރައްޔިތުން އޮތީ އެއްވެފައެވެ. ފޯރިގަދަ މެޗު ނިމެން ކައިރިވީ އިރު އެއް އަވަށުގެ ޓީމު އޮތީ ކުރީގައެވެ. ޗެމްޕިއަންކަން ހޯދުމާ ދާދި ގާތުގައެވެ. ސަޕޯޓަރުންގެ ހަޅޭކުން މުޅި ރަށް އޮތީ ގުގުމާލާފައެވެ. ކުއްލިއަކަށް ފެނުނީ ދަނޑު ބޭރުން ސަޕޯޓަރަކު އަރައި މޮޅުވެފައި އޮތް ޓީމުގެ ކީޕަރަށް ހަމަލާދިން ތަނެވެ. އެއާ އެކު ދެ ފަރާތުގެ ސަޕޯޓަރުން އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް ވެލިއުކަން ފެށީ ފިލްމްތަކުން ފެންނަ މަންޒަރެއް ފަދައިންނެވެ. އެހާ ހިސާބުން މުބާރާތް ޖެހުނީ ހުއްޓާލާށެވެ. އޭގެ ފަހުން ފޯރިގަދަ ފުޓުބޯޅަ މުބާރާތެއް ތުޅާދޫގައި މި ބޭއްވެނީ އަލަށެވެ.
މުޅި ރާއްޖެ ފަދައިން ތުޅާދޫގައި ވެސް އެންމެން އެކުވެރިކުރުވާ ހަމައެކަނި ކަމަކީ ފުޓުބޯޅައެވެ. އެހެން ނަމަވެސް މަދު ބައެއްގެ އަވަށު ވާދައިގެ "އީގޯ ޗިޕް" ޒުވާނުންގެ ބޮލަށް ޖަހައިގެން މުބާރާތްތައް ހުއްޓުވާލައިކަމީ ފެންނަން އޮތް ހަޤީގަތެކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތުޅާދޫގެ ތާރީޚުގައި ޖެހިފައިވާ މި ކަޅު ލައްގަނޑު ފިލުވައިލުމުގައި ކުޅިވަރު، ޚާއްސަކޮށް ފުޓުބޯޅަ ބޭނުން ކޮށްފި ނަމަ ލާމަސީލު ތުޅާދޫއެއް ވަރަށް ކައިރި މުސްތަޤުބަލެއްގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ކަން ހާސިލް ކުރުމަށް ޓަކައި ބޭނުންވާ ކަމަށް އަޅުގަނޑަށް ފެންނަ ކަންކަން ހިއްސާކޮށްލެވޭތޯ ބަލާނަމެވެ.
ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނު އަދި ގަރުނުގެ ފުޓްބޯޅަ ޝަޚުޞިއްޔަތު މޯނިންގްސަން މޫސާ މަނިކު (ކުޑަ މޫސަ) ކުޅުންތެރިންނާ ސަލާމް ކުރައްވަނީ (ފޮޓޯ: ތުޅާދޫ ކައުންސިލް އިދާރާގެ ފބ ޕޭޖު)
ފުޓުބޯޅައިގެ އަޚުލާގުން ދިރިއުޅުމުގެ ފިލާވަޅު
ފުޓުބޯޅައަކީ ދިރިއުޅުމުގެ އެތައް ފިލާވަޅެއް ދަސްކޮށްދޭ ކުޅިވަރެކެވެ. ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުމާއި ޓީމެއްގެ ގޮތުގައި ކުޅެން އެންމެ ރަނގަޅަށް ދަސްކޮށްދޭ އެއް ކުޅިވަރަކީ ފުޓުބޯޅައެވެ. ތިމާ އެއްބަސްނުވާ ނިންމުންތައް ރެފްރީގެ ފަރާތުން ފެނުނަސް، އެ ކަމަށް އިޙުތިރާމްކޮށް އެކަން ބަލައިގަތުމުގެ ސިފަ ކުޅުންތެރިންނަށް ދަސްކޮށްދެއެވެ. ތިމާގެ އިހުސާސްތައް ކޮންޓްރޯލްކޮށް، އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ރޫހު ދަސްކޮށްދެއެވެ. މި ދެންނެވި ހުރިހާ ކަމެއް ޒުވާން ކުޅުންތެރިންގެ ސިކުނޑީގައި ބިންވަޅު ނެގިއްޖެ ނަމަ އެކަމުގެ އަސަރު އެ ކުދިންގެ ދިރިއުޅުމުން ވެސް ފެންނާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ކޯޗުގެ ބަސްއަހާ ކުޅުންތެރިޔާ މައިންބަފައިންގެ ބަސްއެހުމުގެ ފުރުސަތު ބޮޑުވާނެއެވެ. ބުރަކޮށް ތަމުރީނު ހަދައި ދަނޑުމަތީގައި އިހުތިރާމާއެކު މޮޅަށް ކުޅޭ ކުޅުންތެރިޔާ ހަމަ އެ ހަކަތަ އޮފީހުގައްޔާއި ސުކޫލް ނުވަތަ ގޭގައި ދައްކަން ހިތްވަރު ކުރާނެއެވެ.
އިސްލާމް ދީނާއި ފުޓުބޯޅަ – ދަނޑާއި ބޭރަށް ވެސް މޮޅު "ގޭމް ޕްލޭނެއް."
އިސްލާމްދީނުގެ އަޅުކަންތަކުން ވެސް އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މި ފަދަ ކަންކަމެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދު ގަވާއިދުން ކުރާ މީހަކަށް އިހުތިރާމުކުރުމާއި ކެތްތެރިވުމަށް ދަސްވާނެއެވެ. ގަޑިއަށް ފަރުވާތެރިވުމަށާއި ނަމާދުކުރާ ވަގުތު ތިމާގެ ހުރިހާ ސަމާލުކަމަކާއި ފިކުރާއި ހަކަތަ ހަމައެކަނި އެ ކަމަށް ހުއްޓުވާނެ އުކުޅުތައް އެނގޭނެއެވެ. މި ކަންކަމަކީ ފުޓުބޯޅަ ކުޅުންތެރިއަކަށް އެންމެ ބޭނުންވާ ކަންކަމެވެ. އެހެންކަމުން ދަނޑާއި މިސްކިތުގެ ހަމަހަމަކަމެއް ކުޅުންތެރިއެއްގެ ހަޔާތުގައި ގެންގުޅެފި ނަމަ އެ ކަމުގެ ހެޔޮ އަސަރު އެ ކުޅުންތެރިންގެ ހަޔާތުން ފެންނާނެއެވެ.
މުބާރާތުގެ މެޗެއް ފެށުމުގެ ކުރިން ނަ،މާދު ވަގުތު ޖެހުމުން ދެ ޓީމުގެ ކުޅުންތެރިން ދަނޑުގައި ޖަމާއަތް ހަދައި ނަ،މާދުކުރަނީ (ފޮޓޯ: ތުޅާދޫ ކައުންސިލް އިދާރާގެ ފބ ޕޭޖު)
ފުޓުބޯޅައިން މަސްތުގެ ފަރުވާ
ރާއްޖޭގެ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ބަލިމަޑުކަމުން ޒުވާނުންނާއި އަންނަން އޮތް ޖީލު ސަލާމަތްކުރުމުގެ އެންމެ ރަނގަޅު އެއް ވަސީލަތަކީ ކުޅިވަރެވެ. ދީނީ ކަންކަމަށް ސަމާލުކަންދޭ މޮޅު ކުޅުންތެރިއަކު މަސްތުގެ ވަބާގެ ތެރެއަށް ދިއުމަކީ ދުރުކަމެކެވެ. މަސްތުގެ ތެރެއަށް ޒުވާނުން ކޮށްޕާލާ ހުރިހާ އަތެއް ހުއްޓުވޭނީ ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދިގެންނެވެ. ދީނީ ވާޖިބުތައް އަދާކުރާ އަދި ވަޒީފާއަށް އިހުތިރާމްކުރާ ބަޔަކަށް ވުމަށް ދަސްކޮށްދެވިގެންނެވެ. ޕްރެކްޓިހުގައްޔާއި މެޗުތަކުގައި ނަމޫނާ ބަޔަކަށް ހެދިއްޖެ ނަމަ، މަސްތުގެ ވަބާއިން ދުރުވުމަށް މަގެއް ކޮށައި ދެވުނީއެވެ. އެފަދަ ގިނަ ފުރުސަތުތައް ޒުވާނުންނަށް ދިނުމަށް މިއަދު ވަނީ މި ޤައުމަށް މަޖުބޫރުވެފައެވެ.
ބޮޑު މަންޒަރު – މާ ރަނގަޅު ތުޅާދޫއެއް
ފެންވަރު ރަނގަޅު ފޯރިގަދަ ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ ހަމައެކަނި މޮޅުވާ ޓީމަށާ ކުޅުންތެރިންނަށް އިނާމު ދީފައި ނިންމާލުމެއް ނޫނެވެ. އެ ކަމުގެ މަޤްސަދަކަށް ވާންވީ ރައްޔިތުންގެ އެކުވެރިކަން ބަދަހި ކުރުމެވެ. ޓީމުތައް އިތުރަށް ބާރުވެރިވާނެ ގޮތްތައް ފަހިކޮށްދިނުމެވެ. ބުރަކޮށް މަސައްކަތްކުރާ ޒުވާނުންތަކެއް އުފެއްދުމެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރާ ބަޔަކަށް ޒުވާނުން ހެދުމެވެ. ޤައުމީ ފެންވަރުގައި ވާދަކުރެވޭ ވަރުގެ ކުޅުންތެރިން އުފެއްދުމެވެ. ސްކޫލް ކުދިންގެ އުމުރުފުރާއިން ފެށިގެން ކުޅިވަރުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުމެވެ. ދަނޑުމަތީގައި ކުރާ މޮޅު ރަނގަޅު ކަންކަން ދަނޑުން ބޭރުގައި ވެސް ދައްކާ ބަޔަކަށް ވުމަށެވެ. ގޯލެއް ދިފާއު ކުރުމަށް ކުރާ މަސައްކަތް ރިވެތި އަޚުލާގާއި އާދަކާދަތައް ދިފާއު ކުރުމުގައި ދެއްކުމަށެވެ. ތުޅާދޫގެ ނަން ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ލިޔެލުމަށެވެ. މި ފަހަރު މި ބޭއްވުނު މުބާރާތަކީ ހުރުހާ ގޮތަކުން ވެސް ލާމަސީލު ތުޅާދޫއަކަށް އެޅުނު ފާލަމެކެވެ. އެ ފާލަމުން ކުރިއަށް ދަމާ ހިނގާށެވެ.
ނޯޓް: މިއީ ނޫހުގެ ކިޔުންތެރިއަކު މި ނޫހަށް ފޮނުވާވާފައިވާ ލިޔުމެކެވެ.