
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ލިވިންގ ލެޖެންޑް މޯނިންގސަން މޫސާމަނިކު ޝަރަފްވެރިކޮށްދެއްވި މި މެޗުގެ ފުރަތަމަ ހާފުގައި ޓާގެޓުން މޮޅު ކުޅުމެއް ދެއްކިއެވެ. މެޗުގެ 8 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ޓާގެޓްގެ އިޝާން އިބްރާހީމް ވަނީ ޓާގެޓަށް ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނެޓް ފަހުން، މެޗުގެ 10ވަނަ މިނެޓްގައި، އިޝާން ވަނީ ޓާގެޓްގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 41ވަނަ މިނެޓްގައި ޓާގެޓްގެ 13 ނަންބަރު އީމާން ވަނީ ސައްޓު ނެގި ކޯނަރަކުން ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓާގެޓްގެ 12 ނަންބަރު ފާސިރު ވަނީ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި، ޓާގެޓަށް ބޮޑު ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ، މެޗުގެ 50ވަނަ މިނެޓްގައި އިޝާން ވަނީ އޭނާގެ ހެޓްރިކް ލަނޑާއެކު ޓާގެޓްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 62ވަނަ މިނެޓްގައި ޓާގެޓްގެ ރާއިދު ވަނީ ޓީމުގެ ހަވަނަ ލަނޑު ޖަހައި، ތަފާތު އިތުރަށް ބޮޑުކޮށްފައެވެ. މެޗުގެ 90ވަނަ މިނެޓްގައި ކުލަބް ތޮޅިހެލޭގެ ޝާވިން ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ، ނަތީޖާ 6-1އަށް ބަދަލުކޮށްފައެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ތަފާތު އެވޯޑުތައް ދީފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓާގެޓްގެ އިޝާން އިބްރާހިމެވެ. މުބާރާތުގެ ރަން ބޫޓު 5 ލަނޑު ޖަހައިގެން ހާސިލްކުރީ ދެކުނުކަންމަތީގެ އަޔާޒް، ޓާގެޓްގެ ފާސިރު އަދި އިޝާން އެވެ. މުބާރާތުގެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ބިއްލޫރީގެ 47 ނަންބަރު ނަބީލް މޫސާއެވެ. 18 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓާގެޓްގެ ފާސިރުއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓާގެޓްގެ ކީޕަރު އީމަން މޫސާއެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ބިއްލޫރިއެވެ.
މުބާރާތުގެ ރަނަރަޕް ޓީމަށް ކައުންސިލުން ހުށަހެޅި 20,000 ރުފިޔާގެ ފައިސާގެ އިނާމާއި، ސައްޔިދު އަޙްމަދުގެ ހަނދާނުގައި ދެވޭ 10,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނީ ކްލަބް ތޮޅިހެލޭއަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް، ކައުންސިލުން ދޭ 35,000 ރުފިޔާގެ އިނާމާއި، ސައްޔިދު އަޙްމަދުގެ ހަނދާނުގައި ދެވޭ 20,000 ރުފިޔާގެ އިނާމު ލިބުނީ ޓާގެޓް ފުޓްބޯޅަ ޓީމަށެވެ.