
އަބޫބަކުރު ޔޫސުފުގެ ފުޓްބޯޅަ ހަޔާތުގެ ޅަފަތުގެ ދުވަސްތައް ގުނުއްވީ ރަށުގެ ހަނި، ކުދި މަގުތަކާއި ގޯޅިތަކުގައެވެ. އެކުވެރިންނާ އެކު ކޮންމެ ދުވަހެއްގެ ހަވީރު ފިނީގައި ފޫހިފިލުއްވުމަށް ކުޅުއްވި ދުވަހީ މެޗުތަކާއެކުއެވެ. އެ މަޖަލާއެކު ތުޅާދޫ މަކުތަބުލް ހިދާޔާއިން ތަޢުލީމީ ދަތުރު ފެށްޓެވުމުގެ ފުރުޞަތު އަބޫބަކުރަށް ލިބިލެއްވުމަކީ އޭނާގެ ނަސީބެކެވެ.
"ތުޅާދޫ މަކުތަބުލް ހިދާޔާގައި ކިޔެވި ދުވަސްވަރު ރަސްމީކޮށް ފުޓްބޯޅަކުޅެން ފެށީ. އެ ދުވަސްވަރު ހަށިގަނޑުގެ ތަރުބިއްޔަތު އޮންނާނެ. އެ މާއްދާ ކިޔަވައިދެއްވީ މައުލާނާ މުޙައްމަދު ސުލޭމާނު. ކުޅިވަރުގެ ކަންކަމަށް އަހަރެން ރޯފިލުވައިލަދިން އެކަކީ އޭނާ. އޭގެ ފަހުން ކަމާލު ހަސަންއާ ބައްދަލުވި. އެއީ ތުޅާދޫގައި ކިޔެވި އިރު ފަހު ދެ އަހަރު ދިމާވި ޓީޗަރެއް. އޭނާ ވެސް ކުޅިވަރު ގަޑިތަކުގައި އަހަރެން ބައިވެރިކުރުވި. ކުޑަކުދީންގެ ކުޅިވަރު ގަޑިތަކުގައި އަހަރެން އިސްކޮށް ބަހައްޓައިގެން ކަންކުރަންވީ ގޮތް އެ ކުދިންނަށް ބުނެދިން. ފުޓްބޯޅަ ކުޅުމުގެ ވިސްނަންވީ ބައެއް ކަންކަން އެހިސާބުން ދަސްވާން ފެށި. އެ ހިސާބުން ފެށިގެން ކުޅިވަރުގެ ޝައުގު އިތުރުވި" ކުޅިވަރުގެ ތެރެއަށް ވެންނެވުނު ގޮތް އަބޫބަކުރު ބުނެދެއްވިއެވެ.
އަބޫބަކުރަކީ ތުޅާދޫ ސުކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ދުވަސްވަރު ކުޅިވަރުން އެންމެ ވިދާލި އެއް ކުޅުންތެރިޔާއެވެ. އެ ދުވަސްވަރު ސްކޫލު ފެންވަރުގައި ބޭއްވުނު ކޮންމެ މެޗެއްގައި ވެސް ލަނޑުޖެއްސެވުމުގެ ރެކޯޑު ހެއްދެވި ކުޅުންތެރިއެކެވެ.
"އަހަރެންނަކީ ކުރެދި ހައުސްގެ ދަރިވަރެއް. އޭރު އަބަދުވެސް ގައުމީ އެކިއެކި މުނާސަބާތައް ފާހަގަކުރުމަށް ފުޓްބޯޅަ މެޗު ކުޅެއުޅޭ. އޭރު ވަރަށް ފޯރިއާއެކު ވާދަވެރިކަމާއެކު މެޗުތައް ކުޅުނު. ވަރަށް ގިނަ ފަހަރަށް އަހަރެމެންގެ ޓީމު މޮޅުވޭ. އެ މެޗުތަކަކީ ކުޅިވަރުގައި އެ ދުވަސްވަރު ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް" އަބޫބަކުރު ބުނުއްވިއެވެ.
އަބޫބަކުރުވަނީ ފުޓްބޯޅައިގެ އެކި މެޗުތަކުގައި ތުޅާދޫ ސްކޫލު ޓީމު ތަމްސީލު ކުރައްވާފައެވެ. އެކި ރަށްރަށް ދުރުވެ ކުޅުއްވި މެޗުތަކުން ތަފާތު ކާމިޔާބީތައް ސްކޫލަށް ހޯއްދަވައިދެއްވާފައެވެ.
"ރ. މީދޫގައި ވެސް މެޗެއް ކުޅުނިން. އެއީ ބޮޑުބެރު ގުރޫޕް އެރަށަށް ދިޔަ ފަހަރު. އެ ރަށު ކުދިންނާއެކު ކުޅުނު މެޗުން އަހަރެމެން މޮޅުވިން. ހިތާދޫއާ އެކު ވެސް މެޗެއް ކުޅުނިން. އެ ދުވަހު ވެސް މޮޅުވި. 1984ގައި ބަހިއްޔާއާ އެކު ވެސް ކުޅުނިން. ނަމަވެސް އެ މެޗުން ބަލިވީ. މި ހުރިހާ ދަތުރުތަކެއް ހަމަޖައްސަނީ އޭރުގެ ކަތީބު މަރުޙޫމް ޔޫސުފް މޫސާގެ ޔޮޓް ދޯނީގައި. އޭރު ކުޅެނީ ހުސްފަޔާ. ޖާޒީއަކީ އޭރު ގެންގުޅުނު ހުދު ޓީޝާޓް. އޭގައި ނަންބަރު ޖަހަނީ ސްކޫލުގައި ތިބެ" އަބޫބަކުރު ހިއްސާކުރެއްވީ އެ ދުވަސްވަރު ކުޅެވުނު ބައެއް މެޗުތަކާއި އެ ކަންކަން ކުރިއަށް ދިޔަ ގޮތެވެ.
އަބޫބަކުރުގެ ފުޓްބޯޅަ ހަޔާތަށް އިތުރު ދިރުމެއް ލިބިލެއްވީ އޭނާގެ ތަޢުލީމީ ދަތުރު 1986ގައި މާލެ ބަދަލުކުރައްވައި އޭރުގެ އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލް (އީޕީއެސްއެސް)އާ ގުޅިލެއްވި ހިސާބުންނެވެ.
"އެހިސާބުން އަހަރެން އީޕީއެސް ސްކޫލުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށިން. އެ ސްކޫލު ޓީމުން ފަސޭހަކަމާއެކު އަހަރެންނަށް ޖާގަ ލިބުނު. އޭރު އީޕީއެސް ސްކޫލުގެ ކޯޗަކަށް ހުރީ ސްމިތު ވަލްޕަލޯ" އަބޫބަކުރު ބުނުއްވިއެވެ.
އަބޫބަކުރަކީ މާލޭގައި ކުރިއަށް ދިޔަ އިންޓަސްކޫލު ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވެލެއްވުމުގެ ފުރުޞަތު ލިބިލެއްވި ތުޅާދޫ ފުރަތަމަ ކުޅުންތެރިޔާއެވެ. އަބޫބަކުރުވަނީ 1987ވަނަ އަހަރު އޮތް އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 21 އަހަރުން ދަށުގެ އީޕީއެސްއެސް ޓީމަށް ކުޅުއްވާފައެވެ. އެ އަހަރުގެ މުބާރާތުގައި އެމްއީއެސްއާއި އަހުމަދިއްޔާ ސްކޫލާއި އާލިޔާ ސްކޫލާއި އަމީރު އަހުމަދު ސްކޫލާއި މާފަންނު މަދަރުސާގެ 21 އަހަރުން ދަށުގެ ޓީމުތައް ބައިވެރިވި އިރު ރާއްޖޭގައި ފަހުން މަޝްހޫރުވި ގިނަ ކުޅުންތެރިންތަކެއް އެ މުބާރާތުގައިވަނީ ކުޅެފައެވެ. އޭގެ ތެރޭގައި އާދަމް ޢަބުދުއްލަޠީފް (ލައްޗޭ)އާއި ޝާހް އިސްމާޢީލް (ސާޔާ)އާއި އިސްމާޢީލް މަހެފޫޒް (އިންމަ) އާއި ނިހާނު ނަސީރާއި އިބްރާހީމް މުޙައްމަދު (ކައްޕި) ފަދަ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންނާ ވާދަކުރައްވައި އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގައި 21 އަހަރުން ދަށުގެ އެންމެ މޮޅު ފޯވާޑުގެ މަގާމު އެ އަހަރު ހޯއްދެވީ ވެސް އަބޫބަކުރު ޔޫސުފެވެ.
"ސްކޫލު ދައުރު ނިންމާލި އިރު އަހަރެންގެ ކޯޗަކީ އަހަރެންނަށް ވަރަށް އިތުބާރު ކުރި ކޯޗެއް. އެއީ ނިއުރޭޑިއަންޓްގެ ކޯޗު. އީޕީއެސްއެސްގެ ވެސް ކޯޗު. އެތައް ފަހަރަކު އަހަރެން ނިއުއަށް ގެންދިއުމަށް އޭނާ މަސައްކަތްކުރި. އަހަރެންނަށް އެތައް ފުރުޞަތެއް ހޯދައިދިން. ނަމަވެސް އަހަރެން އިސްކަން ދިނީ ވަޒީފާއަށް. އޭރު ވަގުތު ހުރި ގޮތުން ކުޅިވަރަށް އެހާ ވަގުތު ދެވެން ނެތުމުން އޭނާއަށް ނޫނެކޭ ބުނީ. އޭރު ވިސްނުނީ ފުޓްބޯޅައިން ކުރިއަކަށް ނުދެވޭނޭ" ބަކުރުގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރުގެ މިސްރާބު ބަދަލުކުރެއްވި ގޮތް އޭނާ ބުނެދެއްވިއެވެ.
ރަސްމީކޮށް ފުޓްބޯޅަ ކުޅުއްވުމާ ދުރުގައި ހުންނެވި ނަމަވެސް އެކުވެރިންނާއެކު ރަށުގެ އެކި ޓީމުތަކާއެކު އަބޫބަކުރު ގެންދެވީ ކުޅުއްވަމުންނެވެ. ބައެއް ފަހަރު ނިއުރޭޑިއަންޓްގެ އޭރުގެ ކޯޗާ އޮންނަ ގާތް ކަމުގެ ސަބަބުން ނިއުރޭޑިއަންޓްގެ ޓީމު ޕްރެކްޓިސް ކުރާ ރޭތަކުގައި ވެސް އަބޫބަކުރު ބައިވެރިވެލެއްވިއެވެ. ބައެއް ފަހަރު 2ވަނަ ޑިވިޝަނާއި 3ވަނަ ޑިވިޝަންގެ ޓީމުތަކުގެ ފަރިތަކުރުންތަކުގައި ވެސް ބަކުރު ބައިވެރިވެލެއްވިއެވެ.
"އޭރު ވެސް ކުޅުން ކުރިއަށް ގެންދިޔައިން. ރޭންޖަރސްގެ ޕްރެކްޓިސްތަކާއި އެކުވެރިކަމުގެ މެޗުތައް ކުޅުނިން. އެ ދުވަސްވަރު ބޮޑަށް އިސްކަން ދިނީ ވަޒީފާއަށް" ބަކުރު ބުނުއްވިއެވެ. ނަމަވެސް ރަސްމީ ފުޓްބޯޅައާ ދުރުގައި ބަކުރަށް ހުންނެވުނީ ކުޑަ ދުވަސްކޮޅަކުއެވެ. ބަކުރަށް މަޖުބޫރުވެލެއްވީ އަލުން ފުޓްބޯޅަ ދަނޑަށް ނުކުންނަވާށެވެ. އިހު ކުޅުއްވި މޮޅު ކުޅުމާއި ގޯލު ޖެއްސެވުން އަލުން ތަކުރާރުކުރައްވާށެވެ. އެއީ އުފަން ފަސްގަނޑުގެ ޓީމަށެވެ. ތުޅާދޫ ޒުވާނުންގެ ގުޅުމަށެވެ.
ތުޅާދޫ ޒުވާނުންގެ ގުޅުމުން 1993ވަނަ އަހަރު، ގައުމީ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ޑިވިޒަންގައި ވާދަކުރި އިރު އެ ޓީމުގެ ކުރި ބެލެހެއްޓެވި އެއް ފޯވާޑަކީ އަބޫބަކުރެވެ.
"ތުޅާދޫ ޓީމެއް ނުކުންނާތީ ކުޅެން މަޖުބޫރުވީ. އަމިއްލަ ރަށަށް ކާމިޔާބު ހޯދައިދޭން ބޭނުންވީ. އެހެންވީމާ ދަނޑަށް ނުކުތީ. އޭރު އުޅެނީ މާވަރުގައި. ޓީމުގެ ގިނަ މީހުން ތިބީ ވެސް އެ ގޭގައި. އެ ދުވަސްވަރު ފަރިތަކުރުމުގެ ތެރެއިން ތުޅާދޫ ޓީމު އެއާޕޯޓް ޓީމަކާ އެކު އެކުވެރިކަމުގެ މެޗެއް ކުޅުނު ހަނދާން ވެސް ވޭ. އޭރު އެ މީހުންގެ ދަނޑު އޮންނާނީ ރަންވޭގެ އަނެއް ފަރާތުގައި. އެ މެޗުން ތުޅާދޫ ޓީމު މޮޅުވި. އެ މުބާރާތަކީ ގައުމީ ފުޓްބޯޅަ މުބާރާތުގައި އަހަރެން ވާދަކުރި ހަމައެކަނި ފަހަރު" ތުޅާދޫގައި މާލޭގައި ތިބޭ ތުޅާދޫ ކުދިން ބޭއްވި ބައެއް މެޗުތަކުގެ ރެފްރީކަން ކުރެއްވި އަބޫބަކުރު ބުނުއްވިއެވެ.
އަބޫބަކުރު ކުޅުއްވި ތުޅާދޫ ޒުވާނުންގެ ގުޅުމަށް އެ އަހަރުގެ 3 ވަނަ ޑިވިޒަން ޗެންޕިއަންކަން ލިބުނު އިރު އަބޫބަކުރު ވަނީ 2 މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯއްދަވާފައެވެ. އަދި އެ މުބާރާތުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ފޯވާޑުގެ މަގާމު ވެސް ހޯއްދެވީ ކުޅަދާނަ ފޯވާޑު އަބޫބަކުރު ޔޫސުފެވެ.
"ބަކުރަކީ ތުޅާދޫން އުފެދުނު މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް. ހަލުވި ފޯވާޑެއް. ބަކުރު ފެނިފައިވަނީ ބޮޑެތި މީހުންނާއެކު ކުޅުނު މޮޅު ކުޅުންތެރިއެއްގެ ގޮތުގައި. ސްކޫލުގައި އުޅުނު ދުވަސްވަރުވެސް ބޮޑެތި މީހުން ހިމެނޭ ޓީމުތައް ނަގާއިރު ބަކުރު ހިމެނޭނެ. ބަހިއްޔާއާ ދެކޮޅަށް ފުޓްބޯޅަކުޅެން ތުޅާދޫން އެކުލަވާލި ޓީމުގައި ވެސް ބަކުރު ހިމެނޭ. އެ އުމުރުގެ އެހެން ކުދިންނަށް ތުޅާދޫގައި ނުލިބޭ އެތައް ފުރުޞަތެއް ފުޓްބޯޅަކުޅުމުން ބަކުރަށް ލިބުނީ އޭނާގެ ކުޅަދާނަކަމާއި މޮޅުކަމުން. އެކަން 93ގައި ތުޅާދޫ ޒުވާނުންގެ ގުޅުމުން ހޯދި ކާމިޔާބީން ވެސް ފާހަގަވޭ. އޭރު ވެސް އެންމެ އިތުބާރު އެއް ފޯވާޑަކީ ބަކުރު. އެއީ ދުވެލި ބާރު، އަމާޒަށް ޝޮޓްޖަހައި، ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ލިބިފައިވާ ފޯވާޑެއް" އަބޫބަކުރާ އެއް ދުވަސްވަރެއްގައި ތުޅާދޫ ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި، އަދި ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އިބްރާހީމް ޢަފީފް ވިދާޅުވިއެވެ.
އަބޫބަކުރު ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫގެ ފުޓްބޯޅައިގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށެވެ.
"ކުރީގައި އެ ފެނުނު ފޯރިއާއި ވާދަވެރިކަން ގެނައުމުގެ ފުރުޞަތު މިވަނީ ލިބިފައި. ރަނގަޅު ދަނޑެއް އެބަ އޮތް. މޮޅު ކުޅުންތެރިން އެބަ ތިބި. މިހާރު ކުރިއަށް މިދާ މުބާރާތުން ވެސް ވަރަށް މޮޅު ހުނަރުވެރި ކުޅުންތެރިން އެބަ ފާހަގަކުރެވޭ. ތުޅާދޫގެ ފުޓްބޯޅައިގެ މުސްތަގުބަލް އެބަ އޮތް" އަބޫބަކުރު ބުނުއްވިއެވެ.
އަބޫބަކުރު ދެކިލައްވާ ގޮތުގައި ތުޅާދޫގެ ފުޓްބޯޅަ އެންމެ އުހަށް ގެންދިއުމަށް ޓަކައި އެތައް ކަމެއް ކުރަންޖެހެއެވެ.
"ވަސީލަތްތައް ދަނޑުފަދަ ތަންތަން އެންމެ ފުރިހަމައަށް ބެލެހެއްޓެން ޖެހޭ. މުބާރާތްތައް އިތުރުކުރަންޖެހޭ. ފުރުޞަތުތައް ހޯދައިދޭން ޖެހޭ. ކުޅުންތެރީން ވެސް ލިބޭ ފުރުޞަތުގެތަކުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭ. ފުޓްބޯޅައަކީ އޭގައި ޑިސިޕްލީން ހިމެނޭ ކަމެއް. އެ ކަމަށް ސަމާލުވެ ވަގުތަށް ކަންކަން ރޭވުމާއި، ގަވައިދުން ޕްރެކްޓިސްކުރުމާއި ރަނގަޅަށް ކެއުމާއި ނިދުމާއި ކޯޗުންގެ އިރުޝާދަށް ތަބާވުން ފަދަ އެތައް ކަމެއް ފުރިހަމަވެގެން ކުޅިވަރު ވެސް ފުރިހަމަވަނީ. މި ތަޖުރިބާތައް އަހަރެން ވެސް ކުރިން" އަބޫބަކުރު ހިއްސާކުރެއްވީ އޭނާގެ ތަޖުރިބާއެވެ.
އަބޫބަކުރަކީ ތުޅާދޫއަށް ނިސްބަތްވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ރަށުފެންވަރާއި އިންޓަރސްކޫލު ފެންވަރާއި ގައުމީ ފެންވަރުގެ ޓީމުތަކުގެ ގޯލުތައް ފޫއަޅުވާލެއްވި ފޯވާޑެކެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށްޓެއް ތުޅާދޫއަށް ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ނަމޫނާއެކެވެ.