ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ތުޅާދޫ ފުޓްބޯޅައިގެ އުންމީދީ ކުރިމަގު

ބޯޅައަކީ ވަށް އެއްޗެކެވެ. އޭގެ އެތެރެއާއި ބޭރު އޮންނަ ފަދައިން އެ ކުޅިވަރުގައި އޮންނަނީ މޮޅުވުމާއި ބަލިވުމެވެ. ކޮންމެ މޮޅަކުން ލިބެނީ އުންމީދެކެވެ. ކޮންމެ ބައްޔަކުން ލިބެނީ ހިތްވަރެކެވެ. ނިމިގެން މިދާ ފުޓްބޯޅަ މުބާރާތުން މޮޅުވި ކޮންމެ ޓީމަކަށް އުންމީދު ލިބުނު ފަދައިން ބަލިވި ކޮންމެ ޓީމަކަށް ހިތްވަރު ލިބުނެވެ. ސަޕޯޓަރުންގެ ލޯތްބާއި ތަޢުރީފު އޮހުނެވެ. އެއީ ކުޅިވަރުގެ ނަމޫނާއެވެ. އެ ނަމޫނާ މިފަހަރު ތުޅާދޫގެ ދަނޑުން އެ ވަނީ ފެނިފައެވެ. ތަޢުރީފު ހައްގުވަނީ ތުޅާދޫ ފުޓްބޯޅަ ޓީމުތަކަށެވެ. އެ ޓީމުތަކަށް އެހީތެރިވާ އެހީތެރިންނަށެވެ. ތުޅާދޫގެ ފުޓްބޯޅަ ދިރުވަން ކުރެވޭ މަސައްކަތަށެވެ.

މި އަހަރުގެ ތުޅާ ފުޓްބޯޅަ މުބާރާތަކީ އެތައް އަހަރަކަށް ފަހު ތުޅާދޫގައި ބޭއްވި ރަސްމީ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. 22 ކުޅުންތެރީންގެ ހުނަރު ދަނޑުމަތިން އެއް ފަހަރާ ފެނުނު މި މުބާރާތުން ޔަގީން ކޮށްދިން އެއް ކަމެއް އެބަ އޮތެވެ. އެއީ ތުޅާދޫގެ ފުޓްބޯޅައަށް އާ ދިރުމެއް ލިބުނުކަމުގެ އުފާވެރިކަމެވެ. ތުޅާދޫގެ ހިތް، ފުޓްބޯޅަ ހިތާ ވަކިނުވާކަމެވެ. ތުޅާދޫ ފުޓްބޯޅައިގެ ކުރިމަގު އުޖާލާވާކަމެވެ.

މި ފަހަރުގެ މުބާރާތުގައި ޒުވާން އެތައް ކުޅުންތެރިންނެއްގެ ތަރި ތުޅާދޫ އުޑުން ބެބުޅިއެވެ. އެ ކުޅުންތެރިންގެ ކުޅުމަށް އެތައް ބަޔަކު ތަޢުރީފު ކުރިއެވެ. އެ ކުޅުންތެރިންގެ ހުނަރަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ސާބަސް ދިނެވެ. މި ސާބަސް ރައްދުވާ ބައެއް ކުޅުންތެރިންނަކީ 19 އަހަރުން ދަށުގެ ކުޅުންތެރީންނެވެ. މިފަދަ އެތައް ކުޅުންތެރީންނެއް ތުޅާދޫން މިއަދު އެބަ ފާހަގަކުރެވެއެވެ.

your imageނަބީލް މޫސާ ބޯޅަ ކޮންޓްރޯލް ކުރަނީ

މި ފަހަރުގެ މުބާރާތުގައި ތުޅާދޫގެ ދަނޑުން ފާހަގަކުރެވުނު އެއް ކުޅުންތެރިއަކީ އެފްސީ ބިއްލޫރީގެ 47 ނަންބަރު، ކުދީނާމާގެ ނަބީލް މޫސާއެވެ. 16 އަހަރުގެ އެ ޑިފެންޑަރުވަނީ އެފްސީ ބިއްލޫރީގެ ފަހަތް ބަލަހައްޓައިދީފައެވެ. މި އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ، ސެމީއަށް ދިއުމަށް ޓަކައި މޮޅުވާން މަޖުބޫރުވި މެޗުގައި ރަށާއި، ރާއްޖޭގެ އެންމެ މޮޅުކުޅުންތެރިން ގިނަ އަލްސްޓްރައިކަރއާ ދެކޮޅަށް ބިއްލޫރިން ގެނައި އެންމެ މުހިންމު ބަދަލަކީ އެ ޓީމުގެ ރައިޓް ބެކަށް އުމުރުން އެންމެ ސޯޅަ އަހަރުގެ ނަބީލް މޫސާ އެރުވުމެވެ. އެ މެޗުގައި  އަލްސްޓްރައިކަރ ވަރުގަދަ ހަމަލާތައް ހުއްޓުވައި، ސެމީގެ ޖާގަ ކަށަވަރު ކުރުމުގައި ނަބީލް މޫސާ ދެއްކި ކުޅުމަކީ ތައުރީފު ހައްގު ކުޅުމެކެވެ.

ކުލަބު ތޮޅިހެލޭގެ 22 ނަންބަރު، އަހުމަދު މިންހާލް އަބްދުލްމުހައިމިންއަކީ ވެސް ފާހަގަވި މޮޅު ކުޅުންތެރިއެވެ. ތުޅާދޫ، ދޯދި، މިންހާލަކީ ކުލަބު ތޮޅިހިލޭ ފައިނަލަށް ކުރި ދަތުރުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. މެދުތެރެއިން ޓީމް ލައްވާ ކުޅުވުމުގައްޔާއި، ފޯވާޑް ލައިނަށް މިންހާލް ފޮނުވާލާ ޕާސްތަކަކީ ހަމަ ޖާދޫއެކެވެ. 19 އަހަރުގެ މިޑްފީލްޑަރުގެ އެ ކުޅުން ހަމަ ވަރަށް ތަފާތެވެ.

your imageމިންހާލު، އިދިކޮޅު ކުޅުންތެރިޔާއަށް ހުރަސްއަޅައި ބޯޅަ ފޮނުވާލަނީ 

ތުޅާދޫ، ދެކުނުގެއިން ނުކުތް 19 އަހަރުގެ ހައްޔާން ހަސަން ހުސައިންއަކީ ދެކުނުގެއިން ލިޔަމުން އަންނަ ކުޅިވަރު ތާރީޚުގެ އާ ސަފުހާއެކެވެ. ދެކުނުކަންމަތީގެ ފޯވަޑްއެއްގެ ގޮތުގައި ކުޅުނު 7 ނަމްބަރަކީ އެ ޓީމުން އިދިކޮޅު ޓީމުތަކުގެ ގޯލަށް ދޭ ހަމަލާތަކުގެ މައިތަނބެވެ. ހައްޔާނު ވަނީ އިތުރު ސުވާލެއް ވެސް ނުއުފެދޭވަރުގެ މޮޅުކުޅުމެއް ދަނޑުމަތީގައި ދައްކާފައެވެ. ކޮއްޓައިނެއްޓުމުގެ ހުނަރު އެންމެ މަތީފަންތީގައި ދައްކަމުން، ބޯޅައާ އެކު ދެމިގަންނަ ގޮތަކީ ހައްޔާންގެ ފަރާތުން ފެންނަ އަޖައިބެކެވެ. އަދި އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ 19އަހަރުގެ ހައްޔާނު އެ ޖަހާލައި ހިތްގައިމު ގޯލްތަކެވެ. އޭނާއަށް މިހާރު ވެސް މާލޭގެ ބޮޑެތި ކުލަބުތަކުގެ ހުށަހެޅުންތައް އެ ދަނީ ލިބެމުންނެވެ.

your imageގޯލެއް ޖެހުމަށް ފަހު ހައްޔާން އުފާ ފާޅުކުރަނީ

ތުޅާދޫ، އާލިޔާމަންޒިލް، ދާއިން މުހައްމަދު އަބްދުލްރަޙީމަކީ ވެސް ކުޅަދާނަ ފޯވާޑެކެވެ. 16އަހަރުގެ ދާއިން ވަނީ ކަފަމާ ޔުނައިޓެޑްގެ ހަމަލާތައް އުފެއްދުމުގައި ބައިވެރިވެފައެވެ. ‎ ދާއިން ފާހަގަކުރެވެނީ ދަނޑުމަތީގެ މަސައްކަތު ރޭޓް އެންމެ ބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. ނުވަދިހަ މިނެޓް އެއްވަރެއްގައި ހިފަހައްޓާލާ ދާއިންގެ ހިތްވަރަކީ ކަފަމާ ޓީމުގެ ރޫހެވެ. 

your imageދާއިން (މެދުގައި) ދެ ކުޅުންތެރިންގެ ކިބައިން ބޯޅަ ސަލާމަތްކުރަނީ

16 އަހަރުގެ މުހައްމަދު ނަބީލަކީ ވެސް މި ފަހަރުގެ މުބާރާތުން ފާހަގަ ކުރެވުނު ދިފާޢީ ކުޅުންތެރިއެކެވެ. ތުޅާދޫ ފުޓްބޯޅައިގެ އުންމީދީ ކުރިމަގެއް ދައްކަމުން އަންނަ ތުޅާދޫ، މަންޒަރު، ނަބީލަކީ ދެކުނު ކަންމަތީގެ ޑިފެންޑަރެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނޭ ދެކުނުކަންމަތީ ޓީމުގެ ޑިފެންސްގެ ހިތަކީ ވެސް އޭނާއެވެ. އެތައް ތަޖްރިބާކާރުން ހިމެނޭ އެ ޓީމުން ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނި އެންމެ ސޯޅަ އަހަރުގައި ނަބީލް އެ ދައްކާ ކުޅުމުން އޭނާއަކީ ފުޓްބޯޅައިގައި އުޖާލާ މުސްތަގްބަލެއް އޮތް ކުޅުންތެރިއެއްކަން އަންގައިދެއެވެ.

your imageނަބީލް ބޯޅަ ކޮންޓްރޯލް ކުރަނީ

އުމުރުން 16އަހަރުގެ އިބްރާހީމް ނައުފް ނަސީމަކީ ވެސް ފާހަގަ ކުރެވުނު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ކަފަމާ ޔުނައިޓެޑްގެ މިޑްފިލްޑަރެއްގެ މަގާމުގައި ކުޅުނު ނައުފްއަކީ ކަފަމާގެ މެދުތެރެއިން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. 8ނަމްބަރު ޖާޒީގައި ކުޅުނު ނައުފްއަކީ މާޒިޔާގެ އެކަޑަމީއިން ތަމްރީން ވަމުން އަންނަ އުންމީދީ ކުޅުންތެރިއެކެވެ.

މީގެ އިތުރުން ކަފަމާ ޔުނައިޓެޑަށް ކުޅުނު ޢުމުރުން އެންމެ 14 އަހަރުގެ އަހުމަދު ޝާން ޝިހާބަކީ ވެސް ފާހަގަ ކުރެވުނު މޮޅު ކުޅުންތެރިއެކެވެ. ޝާން ވަނީ ތުޅާ ފުޓްބޯޅަ މުބާރާތުގައި ޝާން ތަމްސީލުކުރި ކަފަމާ ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ކުޅެ، އެ ޓީމުގެ ފަހަތް ބަލަހައްޓާދީފައެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި މި ފަހަރުގެ މުބާރާތުން ފެނުނު ޝާންގެ މޮޅު ކުޅުމަށް ވަރަށް ގިނަ ބަޔަކު ތަޢުރީފުކުރިއެވެ.

your imageޝާން (ކަނާތްފަރާތުގައި) އިދިކޮޅު ކުޅުންތެރިޔާ އަތުން ބޯޅަ ލިބިގަންނަނީ 

މިފަދަ ޒުވާން އާ އެތައް ކުޅުންތެރިންގެ ތުޅާދޫގެ އާ ފުޓްބޯޅަ ދަނޑުން މިފަހަރު ފެނުނެވެ. އެ ކުޅުންތެރިން އެ ވަނީ އެތައް އުންމީދުތަކެއް އާކޮށްދީފައެވެ. ކޯޗުންނާއި ސަޕޯޓަރުންނަށް އާ ރޫހެއް ގެނެސްދީފައެވެ. ފުޓްބޯޅައަށް އޮތް ލޯބި އިއާދަކޮށްދީފައެވެ. މި ހުނަރުވެރި ކުޅުންތެރިންގެ ކުޅުމާއި ތުޅާދޫގެ ފުޓްބޯޅައަށް، ދިވެހިރާއްޖެ ދުށް އެންމެ މޮޅު ފޯވާޑު އަދި ގައުމީ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ތަޢުރީފުކޮށްފައެވެ.

"މިއީ އަހަރެން ތުޅާދޫގައި ކުޅުނު ފުރަތަމަ މުބާރާތް. މުބާރާތަށް އައި އިރު ހިޔެއް ނުކުރަން މިހާ ވާދަވެރިވާނެކަމަކަށް. ނަމަވެސް އެނގޭ މޮޅު ކުޅުންތެރިން ތިބޭކަން. ހަގީގަތަށް ބުނަންޏާ މި ރަށުގައި މި ތިބީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް. ބައެއް ޒުވާން ކުޅުންތެރީންގެ ހުނަރު ވަކިން ބޮޑަށް ފާހަގަވި. ގައުމީ ފެންވަރުގައި ކުޅެވޭނެ ގިނަ ޒުވާނުންތަކެއް ތުޅާދޫގައި އެބަ ތިބި. އެކަން އަހަރެންނަށް ޔަގީން ވެއްޖެ" ތުޅާ ފުޓްބޯޅަ މުބާރާތުގައި އަލްސްޓްރައިކާއަށް ކުޅުނު އަޝްފާގު ބުންޏެވެ.

your imageއަލީ އަޝްފާގު (ދަގަނޑޭ) ބޯޅަ ގޯލަށް ފޮނުވާލަނީ. ދަގަނޑޭ ވަނީ ތުޅާ ފުޓްބޯޅަ މުބާރާތުގައި އަލްސްޓްރައިކަރ ޓީމަށް ކުޅެފައި

ތުޅާދޫ ހުނަރުވެރި ކުޅުންތެރިންގެ ކުޅުން ތަޖުރިބާ ކުރި، ގޯލްޑަން ފުޓްސަލް ތަށި އޭދަފުށީ ޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީ އެ މުބާރާތުގެ ކިންގެ އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދި އިޝާން އިބްރާހީމް (ސައްޓު) ބުނީ ތުޅާދޫގެ ފުޓްބޯޅަ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

"ހީކުރި ވަރަށް ވުރެ މާ އުނދަގޫ މެޗުތަކެއް ކުޅެން ޖެހުނު. ތުޅާދޫ ކުޅުންތެރިންގެ ފެންވަރު ވަރަށް ރަނގަޅު. ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިން އަހަރެންނަށް ފެނުނު. އެ ކުޅުންތެރިންނަށް ފުރިހަމަ ތަމްރީނު ދެވިއްޖެ ނަމަ ވަރަށް މޮޅުވާނެކަން ޔަގީން. އެތައް ދުވަހަކު ފުޓްސަލް ކުޅުނު ނަމަވެސް ފުޓްބޯޅަ ކުރިމަގު ތުޅާދޫގައި ވަރަށް އުޖާލާ" ފުރަތަމަ ޑިވިޝަނަށާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ސައްޓު ބުންޏެވެ.

"ދަނޑުން މި ފަހަރު މި ފެނުނު ކުޅުމަށް ބަލާއިރު ވަރަށް މޮޅު ކުޅުމެއް ކުޅުންތެރީން ދައްކައިދީފި. ޓީމުތަކުގެ ފެންވަރު ވެސް ޖުމުލަކޮށް ވަރަށް ރަނގަޅު. އެހެންވީމާ ތުޅާދޫގައި ފުޓްބޯޅައިގެ ކުރިމަގެއް އެބަ އޮތް. މިހާރަށް ވުރެ ރަނގަޅަށް މިކަން ކުރާ ނަމަ ރަނގަޅު ކޯޗެއްގެ އިރުޝާދާއެކު ޓީމެއް އެކުލަވާލާން ޖެހޭ. އޭރުން ރަށު ޓީމެއް އަބަދު ވެސް އޮންނާނެ. އެ ޓީމަކީ ރަށުން ހޮވާލެވޭ ޓީމެއް. އޭރުން މި ފޯރީގައި ރަނގަޅު ކާމިޔާބަކާ ހަމައަށް ދެވިދާނެކަމަށް ގަބޫލުކުރެވޭ"  1985ވަނަ އަހަރާއި 1986ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫ ސިލްވަރ ޝައިން ކުލަބުގެ ކެޕްޓަން ބޭންޑު އަޅުއްވައިގެން ކުޅުއްވި މުޙައްމަދު ޢުޘްމާން ބުނުއްވިއެވެ.

ތުޅާދޫގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގައި އާ ކުޅުންތެރިން ތަމްރީނު ކުރުމުގެ އާރުކާޓީ މުޙައްމަދު ނާސިހު ބުނީ ފުޓްބޯޅައިން ތުޅާދޫއަށް އެންމެ އުހަށް ދެވިދާނެ ކަމަށެވެ. މި ފަހަރުގެ މުބާރާތުން އެކަން ޔަގީންވެއްޖެ ކަމަށެވެ.

"ހަގީގަތުގައި ވެސް އެތައް އަހަރެއް ފަހުން މި ފެށި މުބާރާތުން އެބަ ޔަގީންވޭ ފުޓްބޯޅަ ރޫހް ތުޅާދޫގައި އޮތްކަން. ހުނަރުވެރި މޮޅު ޒުވާން ކުޅުންތެރީން މި ފަސްގަނޑުގައި ތިބިކަން. މި ފަހަރުގެ މުބާރާތުން ބައެއް ހުނަރުވެރި ކުޅުންތެރިންނަށް ފުރުޞަތު ނުލިބުނަސް މުއާން މުއުތަސިމް، މާޒް މުހައްމަދު، މުއާން މުހައްމަދު ފަދަ ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަ ތިބި. ޓީމަށް އެރުމުގެ ފުރުޞަތު ލިބުނު ނަމަ މި ފަދަ އެތައް ކުޅުންތެރީންނެއް ފެނުނީސް" ނާޞިހު ފާހަގަކުރީ އުންމީދީ ކުޅުންތެރީން ވަރަށް ގިނަކަމެވެ. 

"އޭގެ އިތުރުން މި ފަހަރުގެ މުބާރާތް ނިމިގެން އެ ދަނީ ވަރަށް ސުލްހަވެރިކަމާއެކު. ދަނޑުމަތިން އެ ފެންނަނީ ކުޅިވަރުގެ ރީތި އަޚުލާގު. ކުޅުންތެރިންނާއި ކޯޗުން އެ ދައްކަނީ ވެސް ރިވެތި ނަމޫނާ. ޓީމުތަކުގެ ވާދަވެރިކަމާއި އެހެން ޓީމުތަކަށް ކުރާ އިހުތިރާމް ފަދަ އެތައް ކަމެއް މި މުބާރާތުން ފެނިއްޖެ. މި ފެންނަނީ ތުޅާދޫގައި ހަގީގީ ފުޓްބޯޅަ ފައްކާވަމުން އަންނަ މަންޒަރު. މި ކަންކަމުން ވެސް ފުޓްބޯޅައިގެ ކުރިމަގު އެބަ ފެނޭ" 3ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ތުޅާދޫ ޓީމު ހޯދި އިރު އެ ޓީމުގެ ފޯވާޑު ލައިނުގައި އެންމެ މުހިންމު ދައުރު އަދާކުރި އެއް ކުޅުންތެރިޔާ ނާސިހު ބުންޏެވެ.

1993ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ޑިވިޒަންގައި ބައިވެރިވެ، ތުޅާދޫ ޒުވާނުންގެ ގުޅުމުން ޗެންޕިއަންކަން ހޯދައި ރަން ތަށި ތުޅާދޫ ފަސްގަނޑަށް ގެނެސްދިން ޓީމުގެ ކޯޗު ހުސައިން އާދަމް ބުނުއްވީ ތުޅާދޫގެ ފުޓްބޯޅައިގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.

your imageމުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން ޝަރަފުވެރި މެހުމާން ކުޅުންތެރިންނާ ސަލާމް ކުރައްވަނީ

"އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން. ކުޅުމުގެ އިތުރުން ކުޅިވަރަށް އޮތް ލޯބި ވަރަށް ބޮޑަށް އެބަ ފާހަގަކުރެވޭ. ކުރީގެ ކުޅުންތެރިންގެ ރޫހާއި ކައުންސިލުން މިފަދަ މުބާރާތެއް ބޭއްވުމުން ޔަގީންވަނީ މި ކަމުގައި ތުޅާދޫއަށް ކުރިއަށް ދެވިދާނެކަން. މި ކަންކަމުން އަޅުގަނޑަށް ތުޅާދޫގެ ކުރިމަގު ވަރަށް އުޖާލާ. ކުޅުންތެރިންގެ ހުނަރަށް ބަލާ އިރު ހަމަ ގައުމީ ފެންވަރުގެ ހުނަރު މި ރަށުގައި އެބަ އޮތް. މިހާރަކު ވަކި ރަށެއް އަޅުގަނޑަކަށް ވަތްކެއް ނުކުރެވޭ. ދަނޑުމަތިން ފެނުނު ކުޅުންތެރިންގެ ތެރެއިން ވަރަށް ފާހަގަ ކުރެވޭ ޒުވާނުން ކުޅުންތެރިންތަކެއް ފެނުނު" ރާއްޖޭގައި ފުރަތަމަ ބޭއްވުނު އަތޮޅު މުބާރާތުން ބ. އަތޮޅުގެ ތަށި ހޯދި، ތުޅާދޫ ސްޕޯޓްސް ކުލަބުގެ ކޯޗު އަދި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މިހާރުގެ ޗެއާމަން ހުސައިން އާދަމް ބުނުއްވިއެވެ. 

ތެދެކެވެ. ތުޅާދޫ ކުޅިވަރު ދަނޑުން ފެނުނުނީ އުންމީދީ މަންޒަރެވެ. ފުޓްބޯޅައިގެ މާދަމާއަށް ފުރާން އޮތް ދަތުރު، ފައްސިކުރެވިދާނެހާ ކަންކަމެވެ. މޮޅު ހުނަރުވެރި ޒުވާން މޫނުތަކެވެ. ފުޓްބޯޅައަށް އޮތް ފޯރިއާއި ލޯތްބެވެ. ޓީމުތަކުން ތުޅާދޫގެ ފުޓްބޯޅައަށް ވީ މަތިވެރި ގުރުބާނެވެ. ކައުންސިލުން ފުޓްބޯޅައަށް ތަނަވަސްކޮށްދިން ފުރުޞަތާއި އިންތިޒާމުތަކުގެ ފަހިކަމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments