
މި ދަތުރުފުޅަކީ ރިޔާސީ އިންތިޚާބުގައި ވިދާޅުވި ވައުދުތައް ފުއްދެވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ތުޅާދުއަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ކުރެއްވި ކަމަކީ، ތުޅާދޫގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުއްވުމެވެ. މިއީ ރަށުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، އަމާންކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.
ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުއްވުމަށް ފަހު، ރައީސް ވަނީ ތުޅާދޫ ކައުންސިލާ، ޑަބްލިޔުޑީސީ އަދި މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ރަށުގެ ހާލަތާއި ކުރިއަށް ހުރި ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމަށް ފަހު، ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ތުޅާދޫ ދާއިރާގެ މެންބަރު ވަނީ މި ސަރުކާރުގެ މި ދައުރުގައި ތުޅާދުއަށް ކުރުމަށް ރޭވިފައިވާ ބައެއް މުހިއްމު މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. މިގޮތުން، އެސްޓީއޯގެ ފިއުލް ޝެޑެއް ޤާއިމްކުރުމާއި، ދިވެހި ތާރީޚާއި ސަގާފަތާ ގުޅިފައިވާ ލިޔެލާޖެހުމާއި އަތްތެރިކަމުގެ ޤައުމީ މަރުކަޒެއް ތުޅާދޫގައި ޤާއިމްކުރެވޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން، ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މީގެ އިތުރުން، ރަށަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެކަމަށް ބެލެވޭ ތުޅާދޫ އެއަރޕޯޓް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކުރެވިފައެވެ. މި އެއަރޕޯޓުގައި ރަންވޭ، ޓާމިނަލް އަދި އެހެނިހެން ބޭނުންތަކަށް ބޭނުންވާ އިތުރު ފެސިލިޓީތައް ވެސް ޤާއިމްކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެގޮތުން، މިއަދު ސޮއިކުރެވުނު އެއަރޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ތުޅާދޫ ރައްޔިތުންނަށް ދެއްވާފައެވެ.
މީގެ އިތުރުން، ތުޅާދޫގައި މަގުހެދުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންދަވާނެކަމަށާއި، އިތުރު 100 ހައުސިންގ ޔުނިޓު އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. ހޮސްޕިޓަލް މަޝްރޫޢު ކުރިއަށްދާއިރު ވެސް ސްޕެޝަލް ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށާއި، ސްކޫލްގެ އޮފީސް އިމާރާތެއް އަޅާދެއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ޒުވާނުންނަށް ޚާއްސަކޮށް، ރަށުގައި ހޭންޑްބޯލް ކޯޓެއް އަޅުއްވައިދެއްވާނެކަމަށާއި، އަދި ބޮޑު ފުޓްސަލް ދަނޑެއް އަޅުއްވައިއިދެއްވާނެކަމުގެ ވައުދު ވެސް ރައީސް ވަނީ ވެވަޑައިގެންފައެވެ. އޭގެ އިތުރުން ތުޅާދޫގައި އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށާއި، ތުޅާދޫ ރައްޔިތުންނަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި އެނބޫދޫ ހަމަޖައްސަދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.