
އަޙުމަދު ޝާން ޝީހާބަކީ ބ. ތުޅާދޫ މޫރިތި، ޝިހާބް އަލީއާއި ބ. މާޅޮސް މާވެލް، ރީނާ ޢަލީއަށް ލިބިލެއްވި ދެވަނަ ދަރިފުޅެވެ. ޝާންގެ ބައްޕައެކޭ އެއްފަދައިން މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ޝާން މަޝްހޫރުވެގެން ދިޔައިރު ޝާންގެ ކުޅިވަރުގެ ހަޔާތް ފެށުނީ ވަރަށް ތުއްތު އިރުއެވެ.
"އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ ޕްރީސްކޫލު ދުވަސްވަރު. އޭރުއްސުރެ ވެސް ފުޓްބޯޅަ ކުޅެން. ތުޅާދޫ ސްކޫލަށް ވަން ހިސާބުން އެ ރޫހު އިތުރުވީ. އިންޓަރ ހައުސް މުބާރާތް ފަދަ މުބާރާތްތައް ކުޅޭތަން ފެނިގެން އަސްލު ފުޓްބޯޅައަށް ޝައުގުވެރިކަން އުފެދުނީ" ޝާން ބުނެދިނީ ފުޓްބޯޅައަށް އޭނާގެ ހިތް ދޫވި ސަބަބެވެ.
ފުޓްބޯޅަ މުބާރާތަކުން މޮޅު ކުޅުންތެރިޔާގެ އިނާމު ޝާން ލިބިގަންނަނީ
ޝާންއަކީ ތުޅާދޫ ސްކޫލުން ހޮވައިލެވޭ ކުޅުންތެރިންގެ ތެރެއިން މި ވަގުތު އެންމެ ފާހަގަކުރެވޭ އެއް ކުޅުންތެރިޔާއެވެ. އޭނާވަނީ އިންޓަހައުން މުބާރާތްތަކުގައި ކުޅެ އެތައް ކާމިޔާބެއް ހޯދާފައެވެ. އިންޓަރ ހައުސް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ޝާން ހޯދާފައިވާ އިރު އެންމެ އެންމެ މޮޅު 5 ކުޅުންތެރީންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.
ޝާންއަކީ ސްކޫލު ދައުރުގެ ބައެއް އެހެން ކުޅުންތެރިންނާ ޚިލާފަށް ވަކި މަގާމަކަށް ކުޅޭހިތްވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ކުޅޭހިތްވަނީ ޓީމުގެ ފަހަތަށެވެ. ދިފާއީ ކުޅުންތެރިއެއްގެ ގޮތުގައެވެ.
" ކުރިން ކީޕަރަކަށް ކުޅުނިން. ނަމަވެސް އެންމެ ކުޅޭހިތްވަނީ ސައިޑް ބެކަށް. ފަހުންފަހުން މުޅީން ވެސް ކުޅެނީ ފަހަތަށް. މި ފަހަރުގެ މުބާރާތުގައި ވެސް މި ކުޅެނީ އެ މަގާމަށް" ދިފާޢީ ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގެ ފަހަތް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާން ފަސް ނުޖެހޭ ޝާން ބުންޏެވެ.
ޝާން ވަނީ ރަށު ފެންވަރުގައި ކުރިއަށްދާ ތުޅާ ފުޓްބޯޅަ މުބާރާތުގައި ޝާން ތަމްސީލުކުރި ކަފަމާ ޔުނައިޓެޑް ކުޅުނު މެޗުތަކުގައި ކުޅެ، އެ ޓީމުގެ ފަހަތް ބަލަހައްޓާދީފައެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި މި ފަހަރުގެ މުބާރާތުން ފެނުނު ޝާންގެ މޮޅު ކުޅުމަށް ވަރަށް ގިނަ ބަޔަކު ތަޢުރީފުކުރިއެވެ. އެ ޢުމުރުގައި ވަރުގަދަ މެޗުތަކެއް ކުޅެ އެތައް ބައެއްގެ ލޯބި އޭނާ ހޯދިއެވެ.
ކަފަމާ ޓީމުގެ ކުޅުންތެރިންނާއެކު ޝާން ފޮޓޯއަކަށް ހުއްޓިގެން
"އަހަރެންގެ ފުޓްބޯޅަ ހަޔާތް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޯށްދިނީ ކޯޗު ނާޞިހު. އެއީ އަހަރެންނަށް މިއަދު މި ހިސާބަށް އާދެވުނު އެންމެ ބޮޑު އެއް ސަބަބު. ފުރަތަމަ ބޮޑު މުބާރާތެއް މި ކުޅުނީ ބެންޓޯބެގެ އިރުޝާދުގެ ދަށުން. މިއީ ވެސް ވަރަށް ރަނގަޅު ތަޖުރިބާއެއް. އަހަރެންގެ އެންމެ ބޮޑު އެހީތެރިއަކީ އަބަދުވެސް އަހަރެންގެ މަންމައާއި ބައްޕަ" ކުޅިވަރުގައި ކުރިއަށް ދިއުމުގެ ހިތްވަރުދޭ ބައެއް މީހުންގެ ނަންތައް ޝާން ފާހަގަކުރިއެވެ.
ޝާންގެ ފުރަތަމަ ކޯޗު މުޙައްމަދު ނާޞިހު ބުނީ ޝާންއަކީ އަބަދުވެސް ފާހަގަކުރެމުން އައި ކުޅުންތެރިއެއް ކަމަށާއި މި މުބާރާތުގައި އޭނާ ވިދާލީ ކުޅުނު މެޗުތަކުގައި ވަރަށް މޮޅަށް ކުޅެފައިވާތީ ކަމަށެވެ.
"ޝާންއަކީ އަބަދު ވެސް މޮޅު ކުޅުންތެރިއެއް. ކުޑަ އިރުއްސުރެ ވެސް އޭނާގެ ހުނަރު ފާހަގަކުރެވޭ. އެކަޑީމީގައި އުޅޭ ކުދިންގެ ތެރެއިން ވެސް އޭނާ ފާހަގަކުރެވެނީ ވަރަށް ޝައުގުވެރިކަމާއެކު މޮޅުވާން މަސައްކަތްކުރާ ކުއްޖެއްގެ ގޮތުގައި. ޝާންއަކީ ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ލިބިފައިވާ މޮޅު ކުޅުންތެރިއެއް. އޭނާ އެންމެ ރަނގަޅަށް ކުޅެވޭ މަގާމަށް ތުޅާ ކަޕްގައި އޭނާ އެ ކުޅެނީ. އެހެންވެ އޭނާގެ މޮޅުކަން ގިނަ ބަޔަކަށް އަޅައިގަތީ" ސިލްވަރ ސްޓަރ އެކަޑެމީ ހިންގާ، މުޙައްމަދު ނާޞިހު ބުންޏެވެ.
އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ހުއްޓުވުމަށް ޝާން މަސައްކަތް ކުރަނީ
ޝާން ގަބޫލުކުރާ ގޮތުގައި އެތަކެއް އަހަރަކަށް ފަހު ރަށުގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި އެންމެ ހަގު އުމުރެއްގައި ކުޅުނު ކުޅުންތެރިޔާގެ ޝަރަފަކީ ކުޑަ ޝަރަފެއް ނޫނެވެ.
"އެއީ ވަރަށް ބޮޑު ކާމިޔާބެއް. މިކަހަލަ ފުރުޞަތު ލިބޭނީ ވަރަށް މަދުން. އަހަރެންނަށް ކޯޗު އިތުބާރު ކުރީތީ ވަރަށް އުފާވި. އަދި ޝުކުރުވެސް އަދާކުރަން. އަސްލު މި ފުރުޞަތު ފަހީވީ ބައްޕަގެ އެހީތެރިކަމާއެކު. ކުޅެންބޭނުންވާލެއް ބޮޑުކަމުން ބައްޕަ ގާތުގައި ބުނުމުން ބައްޕަ އިސްރާރުބެ ގާތުގައި އެކަމަށް އެދުނީ. އެ އެދުމުން ކަފަމާއިން މި ފުރުސަތު ލިބުނީ" ކަފަމާ ޔުނައިޓެޑުން ފުރުޞަތު ލިބުނު ގޮތް ޝާން ބުނެދިނެވެ.
ޝާން ކުޅުނު ކަފަމާ ޔުނައިޓެޑްގެ ކޯޗު އަބްދުލް މުހައިމިން މުޙައްމަދު (ބެންޓޯ)، ޝާންގެ ކުޅުމާ މެދު ބުނީ ޝާންއަކީ ހުނަރުން ފުރިގެންވާ އުންމީދީ ކުޅުންތެރިއެއް ކަމަށެވެ.
"ޝާންއަކީ ހުނަރުން ފުރިގެންގެންވާ ކުޅުންތެރިއެއް. އޭނާއަކީ ވަރަށް ޝައުގުވެރިކަން ހުރެގެން ކުޅޭ ކުޅުންތެރިއެއް. ކޮންފިޑެންސްއާ އެކު ކުރިއަށް ދާން ބޭނުންވާ ކުއްޖެއްގެ ގޮތުގައި އޭނާ ފާހަގަވީ. އަސްލު އެއީ ވަރަށް އުންމީދީ ކުޅުންތެރިއެއް، ވަރަށް މުސްތަގްބަލް އުޖާލާ، ކުރިއަށް ދިއުމުގެ ގާބިލްކަން ހުރި ކުއްޖެއް" އެންމެ ޒުވާން ޓީމަކާއެކު މުބާރާތަށް ނުކުތް ކޯޗު ބުންޏެވެ.
ކަފަމާ ޔުނައިޓެޑްގެ ކޯޗު ޝާނަށް އިރުޝާދު ދެނީ
ކޯޗު ބުނީ ކުޅިވަރުގައި ތަފާތު ކަންކަން ހިނގާނެ ކަމަށާއި ނަމަވެސް އަބަދުވެސް ކުޅުންތެރިންނަށް އުންމީދު ލިބެން ޖެހޭ ކަމަށެވެ. "ހަގީގަތުގައި ތުޅާދޫގެ ފުޓްބޯޅައިގެ ބަގީޗާ މި އަންނަނީ ހުނަރުން ފުރި ފޯދެމުން. ބޯކޮށް ހުނަރުވެރި ޒުވާނުން ތިބި ތަނެއް މި ރަށަކީ. އެހެންވީމާ މި ކުދިންނަށް ބޭނުންވަނީ އިތުރު ތަމްރީނާ، ކޯޗުންގެ އިރުސާދު. މި ކުދިން ކުޅުން މެދުކަނޑާ ނުލާނެ ފަދަ ހިތްވަރާއި ސަޕޯޓް. މި ގޮތަށް ކުރިއަށް ދެވިއްޖެނަމަ ތުޅާދޫގެ ފުޓްބޯޅަ ބަގީޗާއިން މި ފޮޅެމުންދާ މާތަކުގެ ވަސް ކުރިއަށް އޮތް ފަސް އަހަރު ތެރޭ މުޅި ރާއްޖެއަށް ފަތުރުވާލާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން" ތުޅާދޫ ފުޓްބޯޅައިގެ މާދަމާ ފެންނަ ގޮތް ކޯޗު ހިއްސާކުރިއެވެ.
ޝާންގެ އުންމީދަކީ ގައުމީ ފެންވަރުގައި ކުޅެ ރަށާއި ގައުމަށް ޝަރަފު ހޯދައިދިނުމެވެ. ފުޓްބޯޅައިން ކުރިއަށް ދެވެން އޮތް އެންމެ ދުރަކަށް ދަތުރުކުރުމެވެ.
"އުންމީދަކީ ކުޅުން ހުއްޓާނުލައި،ފުޓްބޯޅައިން ދެވޭނެ އެންމެ ކުރިއަކަށް ދިއުން. އެންމެ ދެކެންބޭނުންވަނީ ގައުމީ ޖޯޒީގައި ގައުމަށް ޝަރަފެއް ހޯދައިދެވޭނެ ދުވަހެއް" ޝާންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހުމަކީ މުޅި ތުޅާދޫގެ ވެސް އެދުމެވެ.