ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު
ތުޅާދޫ ސްކޫލް

އެ ދުވަސްވަރުގެ ހަނދާންތަކުގެ ތެރެއިން.....

އެއީ ޢިލްމީ ހިޔާވައްސެކެވެ. ތަރުބަވީ ގޮވައްޗެކެވެ. ދަރިވަރުންގެ ކިބައިގައި އެތަކެއް ހުނަރުތަކެއް، އެތަކެއް ސިފަތަކެއް އަށަގެންނެވި ބިނާއެކެވެ. ތުޅާދޫގެ އިސްރަށްވެހީންގެ ބަހުން ނަމަ "ބޮޑު ހަރުގެ"އެވެ. އަޅުގަނޑު މި ސިފަކޮށްދޭ ދުވަސްވަރަށް ބަލާއިރު، މި ދަންނަވާ ހިޔާވައްސަކީ ބ. ތުޅާދޫ ޕްރައިމަރީ ސްކޫލެވެ.

ތިޔަ އެންމެ ބޭފުޅުން އަޅުގަނޑާއެކު މީގެ ސާޅީހަކަށް އަހަރު ކުރިޔަށް އާދެ، އޮނަވިހި ސަތޭކަ އައްޑިހައިގެ އަހަރުތަކުގެ ތެރެއަށް ހިންގަވާށެވެ. ތުޅާދޫ ޕްރައިމަރީ ސްކޫލު ޢިލްމާއި ފުނޫނުގެ މަތިވެރިކަން ހޯދީ، އެ ޢިލްމީ ދަނޑުގައި އެތަކެއް ގަސްތަކެއް އިންދައި، މުޑުވައްކުރުމުގައި އެ ދުވަސްވަރު އެ ނަމެއް ދެވިފައި ނެތަސް، "ވަށާޖެހޭ ތަޢުލީމު" އަމާޒަކަށް ބަލައި، އެ މުޑުވައްތައް ފައްކާކުރީމައެވެ. ދެވޭ ތަރުބިއްޔަތުގެ އެއް އަސާސަކީ ތަޢުލީމު ކަމުގައި ވީހިނދު، ކުއްޖާގެ ތަރުބަވީ ޙަޔާތް ފުރާފުރިހަމަވުމުގެ އަނެއް އަސާސަކީ ސްކޫލު ވެށީގެ ތެރޭގައި ހިންގޭ އިތުރު ހަރަކާތްތަކެވެ. މިއީ އެ ދުވަސްވަރު ވެސް ތުޅާދޫ ޕްރައިމަރީ ސްކޫލުގެ ތަޢުލީމީ ދަތުރުގެ މިސްރާބެވެ.

އެ ދުވަސްވަރު ހިންގުނު ހަރަކާތްތަކަށް ބަލާއިރު، ތަފާތު ހުނަރުތައް ތަރައްޤީކުރެވޭ ފަދަ ކަންކަމާއި އެކިއެކި ކުޅިވަރު ހަރަކާތްތަކާއި މުނިފޫހިފިލުވުމާއި ތަފާތު އަދަބީ ކަންކަން ފާހަގަކޮށްލެވެއެވެ. މި ހަރަކާތްތަކަކީ ކުރެދި، ހަލަވެލި، ގުލްޗަބޭލީ އަދި ގުލްހަޒާރުގެ ނަމުން ނަންދެވިފައިވާ ހަތަރު ބައިގެ (ހައުސްގެ) މެދުގައި ވާދަވެރިކަމާއެކު ކުރިޔަށް ގެންދެވުނު ޙަރަކާތްތަކެކެވެ. އެހެންނަމަވެސް ބައެއް ހަރަކާތްތައް ފިރިހެން ދަރިވަރުންގެ ދެ ބައި ކަމުގައިވާ ކުރެއްޖާއި ހަލަވެލީގެ މެދުގައި  ކުރިޔަށް ގެންދެވުނު އިރު، ހަމަ އެފަދަ ގޮތަކަށް އަންހެން ދަރިވަރުންގެ ދެ ބައި، ގުލްޗަބޭލީއާއި ގުލްހަޒާރުގެ މެދުގައި ވެސް ކުރިޔަށް ގެންދެވުނެވެ.

އެކިއެކި ހަރަކާތްތަކަށް ނަޒަރުހިންގާލާއިރު، އެންމެ ފޯރިގަދަކޮށް ގެންދެވުނު އެއް ހަރަކާތް ކަމުގައިވާ ބޮޑުބެރަކީ ރ. މީދު، ބޭސޮރުބޭގެ މޭސްތިރިކަމުގެ ދަށުގައި ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. ދަރިވަރުން ބޮޑުބެރު ދަސްކުރުމުގައި ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ހޭދަކުރިއިރު، މިހާ ކުރު މުއްދަތެއްގައި ވަރަށް ފުރިހަމައަށް މި ކަން ދަސްވެގެންދިޔައީ މި ކަމަށް ޓަކައި ދަރިވަރުން ދިން ސަމާލުކަމެއްގެ ބޮޑުކަމުންނެވެ. ކަމަށް ކަމޭހިތުމުންނެވެ. މި ކަމަކީ ވަރަށް ޖޯޝާއި ފޯރީގައި ކުރެވުނު ކަމަކަށްވެ، އެންމެފަހުން ބޮޑުބެރުޖެހުން ވެގެންދިޔައީ ޚާއްޞަ ކޮންމެ މުނާސަބަތެއްގައި ރަށުތެރެ ގުގުމާލާ ހަރަކާތަކަށެވެ. އެތައް ބައެއްގެ ވިންދާކުޅެލާ، ލޭކައްކުވާލާ ހަރަކާތަކަށެވެ. ބޮޑުބެރު އޮންނަ ކޮންމެ ރެއަކީ މަދަރުސާގެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރީންގެ އިތުރުން މުޅިރަށް އެކީ ކަހަލަގޮތަކަށް ބޮޑުހަރުގެ ފުރާލާ ރެއެކެވެ. ބެރުގެ އަޑުން  މަދަރުސާގެ ގޯތިތެރެ ގުގުމަމުންދިޔައިރު، މުޅި ރަށް މި އުފަލުގައި ބައިވެރިވެއެވެ. ތިމަތިމާމެންގެ ދަރިން ބޮޑުޖަހާތަން ބެލުމަށް ޓަކައި، ރަށުގެ ކުދިބޮޑު އެންމެން ކަހަލަގޮތަކަށް ބޮޑުހަރުގޭދޮށަށް ޖަމާވެއެވެ. ރައްޔިތުން މި އެއްވާ އެއްވުމުން، މުޅި މާހައުލަށް ދިރުން ގެނެސްދެއެވެ. މި ކަމުން ދަރިވަރުންނަށް ލިބެމުންއައީ އިތުރު ހިތްވަރެކެވެ. ޖޯޝެކެވެ. މި ކަން ވަރަށް ރަނގަޅަށް މަންޒަރު ބަލަން ތިބޭ މީހުންނަށް ފެނިގެންދިޔައެވެ. ބެރާ އެއްހަމައަށް ފައިހަމަކުރަމުން ނެށި، ފޯރިގަދަ ނެށުމުގެ ހަރަކާތްތަކުންނެވެ. ލަވަތައް ކިޔުމުގައި އިއްވައިދިން ރީތި ރާގުތަކުންނެވެ. ދެ ވަރެއްނެތި ޖަހަމުންދިޔަ އަތްތަކުން ދިރުންގެނެސްދިން މިޔުޒިކުންނެވެ.  

your imageތުޅާދޫ ސްކޫލުގެ ދަރިވަރުން ބޮޑުބެރު ޖަހަން ދަސްކުރަނީ

ބޮޑުބެރުގެ ހަރަކާތް އެހާ ފޯރީގައި ކުރިޔަށް ގެންދެވުނުއިރު، އަދަބީކަންތައްތަކަށް ވެސް ދަރިވަރުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވެއެވެ. އަދަބީގޮތުން މޮޅު ދަރިވަރުންތަކެއް އުފެއްދުމަށް ޓަކައި ކުރެވުނު ކަންތައްތަކުގެ ތެރޭގައި ވާހަކަދެއްކުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތާއި ބައިތުބާޒީއާއި ލަވަކިޔުމާއި ތަމްސީލްކުޅުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މަދަރުސާގެ ހަތަރު ބައިގެ މެދުގައި ކުރިޔަށް ގެންދެވުނު މި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވީ ފިސާރި ވާދަވެރި ރޫޙެއްގައެވެ. ކޮންމެ ކަމަކުން ވެސް އެއްވަނަ ހޯދުމުގެ އަޒުމުގައެވެ. އެހެނީ، މުބާރާތްތަކަށް ފަރިތަކުރުމަށް ޓަކައި ސްކޫލުން އަންގާ ކޮންމެ ގަޑިއަކަށް ބަރާބަރަށް ސްކޫލަށް ހާޒިރުވެ، ކަމަށް ކަމޭހިތައި، އެ ބައެއްގެ (ހައުސްގެ) ހުރިހާ ދަރިވަރުން ގުޅިގެން، އެކުވެރި މާހައުލެއްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައެވެ. މީގެތެރެއިން ވެސް ބައިތުބާޒީއަކީ ވަރަށް ފޯރީގައި ކުރިޔަށް  ގެންދެވުނު ހަރަކާތެކެވެ. ހ، ށ.ގެ ކޮންމެ އަކުރަކުން ފެށޭ އެތައްއެތައް ބައިތަކާއި ދިގު ޅެންތައް ދަރިވަރުން ހިތުދަސްކުރީ ފޫހިކަމެއްނެތި، ބުރައަކަށް ނުހަދައެވެ. އެ ދަސްކުރާ ބައިތުތައް އަނެއް ބައިގެ ކުދިންނަށް ނާންގަން ވަރަށް ސިއްރިއްޔާތުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ ތިމާގެ ބައި މޮޅުކުރުމުގެ ފޮނި އުންމީދުގައެވެ. މިފަދަ ރޫޙެއް އެ ދުވަސްވަރުގެ ދަރިވަރުންގެ މެދުގައި އޮތްކަން ހަމައެކަނި މި ހަރަކާތުން ވެސް ފެނިގެން ދިޔައެވެ.   

މި ދުވަސްވަރު ކުޅެވުނު ތަމްސީލްތަކަށް ކުރުގޮތަކަށް ނަމަވެސް ބަލައިލުމަކީ ނުކޮށް ދޫކޮށްލެވެން ނެތް ކަމެކެވެ.  އެގޮތުން ކުޅެވުނު ތަމްސީލުތަކަށް ބަލާއިރު، "ބިންގާ"، "ބޮޑުތަކުރުފާނުގެ ޖިހާދު"، "އަހަރެންގެ ހުވަފެން" ފަދަ ތަމްސީލުތައް ފާހަގަކޮށްލެވެއެވެ. މީގެތެރޭގައި ހިމެނޭ "އަހަރެންގެ ހުވަފެން" މި ތަމްސީލަކީ އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ ތަމްސީލެކެވެ. ދަރިވަރުން ހުށަހަޅައިދިން މިފަދަ ތަމްސީލްތަކުން ދިވެހީންގެ ދިރިއުޅުމުގެ ރިވެތި ގޮތްފޮތާއި ދިވެހި ތާރީޚުގެ އިތުރުން ދުނިޔެވީ އެތައް ކަމަކަށް ދަރިވަރުން ލޯހުޅުވިގެން ދިޔައެވެ. އަދި ދަރިވަރުންގެ ކެރުންތެރިކަމާއި ހުށަހެޅުންތެރިކަމާއި ގުޅިގެން މަސައްކަތްކުރުން ފަދަ އެތައްއެތައް ސިފަތަކެއް ލިބިގެންދިޔައެވެ. ހަމައެއާއެކު، ތަމްސީލަށް ބޭނުންވާ ތަކެތި ހަމަކުރުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފެނިގެން ދިޔައީ ލާމަސީލު މިސާލެކެވެ. ތަމްސީލުކުޅުމުގައްޔާއި އެ ކަމަށްވީ ތައްޔާރީތަކުގައެވެ. އެހެންކަމުން، ސްކޫލެއްގެ ހަތަރު ފާރުގެ ތެރޭގައި ހިންގޭ މިއިން  ކޮންމެ ހަރަކާތަކުން، ދަރިވަރުން ދިރިއުޅުމަކަށް ފުރިހަމައަށް ތައްޔާރުވުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ދަސްވެގެންދާނެކަމީ ޝައްކެއް ވެސް ނެތްކަމެކެވެ.   

ސްކޫލްގެ އަހަރީ ދުވަސްތަކުގެ އިތުރުން، އެ ދުވަސްވަރު ކުލަގަދަކޮށް ފާހަގަކުރަމުންދިޔަ ޤައުމީ ދުވަސް، ޝަހީދުންގެ ދުވަސް ފަދަ ޚާއްޞަ ކޮންމެ މުނާސަބަތެއްގައި ދުވަހާ ގުޅޭގޮތުން ރަށުފެންވަރުގައި ބާއްވާ ޖަލްސާއަށްފަހު، ދުވަހުގެ ހަރަކާތްތައް ފެށިގެން ދެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ހަރަކާތްތަކުގެ ތެރޭގައި އުސްފުންމުން، ދިގުފުންމުން، ސަމުސަލަށް ލުބޯލުން، ތިންފައިރޭސް، ގޯނިރޭސް، ފެންދަޅު ބޮލަށްލުން ފަދަ އެތައް ކުޅިވަރު ހަރަކާތެއް ކުރިޔަށް ގެންދެވުނެވެ. މިއިން ކޮންމެ ހަރަކާތެއްގައި ދަރިވަރުންގެ ތަފާތު ހުނަރުތައް ފެނިގެންދިޔައެވެ. މިފަދަ ކުޅިވަރުތަކުގައި ބައެއް ދަރިވަރުން، އެ ކުދިންގެ ކުޅަދާނަކަން ވަރަށް މޮޅަށް ދައްކައިދީފައިވެއެވެ. މި ކަމަށް ޓަކައި ދަރިވަރުން ފުރިހަމައަށް ތައްޔާރުވެފައިވާކަމީ ދެބަސްވެވެން ނެތްކަމެކެވެ. މި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެ، ބޭނުންވާ ސާމާނު ހަމަކުރުމުގައި އެ ކުއްޖެއްގެ ގޭގައި އެ އެއްޗެއް ނެތްނަމަ، އަވަށްޓެރިޔާގެ ގެއަށް ގޮސް، އެ އެއްޗެއް ހޯދައިގެން އެ ކަމަށް ދުރާލާ ތައްޔާރުވެއެވެ. ދަރިވަރުގެ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. އަދި މި ކަމަށް ފަރިތަކުރުމަށް ޓަކައި ލިބޭ ހުސް ވަގުތުތަކުގައި އެއް ހިސާބުގަނޑެއްގައި އެ އުޅޭ އެއްފުރާގެ ކުދީންކޮޅު އެކުވެ، ގޭދޮށު މަގުމަތީގައި ފަރިތަކުރީ ނިކަން އެކުވެރިކަމާއެކު، އެއް ރޫޙެއްގައެވެ. މި ހަރަކާތްތައް ކުރިޔަށްދާ ވަގުތު މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ރަށު އެންމެން ކަހަލަގޮތަކަށް މި ކުޅިވަރުތައް ބާއްވާ މައިދާނަށް އެއްވެއެވެ. މިފަދަ ކޮންމެ ކުޅިވަރެއް ހިނގާ ވަގުތު ރަށުގެ ގިނަ ބަޔަކު ކުޅިވަރުތައް އޮންނަ ސަރަހައްދަށް ޖަމާވެފައިވާ ތަން ފެނުމުން، ރަށުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން ފާހަގަވެގެންދެއެވެ. ޚާއްޞަގޮތެއްގައި ފާހަގަވެގެންދިޔަ ކަމަކީ ދަރިވަރުންގެ ކޮންމެ ކަމަކަށް ބެލެނިވެރީންގެ ތަރުހީބުލިބުނީ އޭގެ އެންމެ މަތީ ދަރަޖައިގައިކަމެވެ.

ބަޔާންވެދިޔަ ކޮންމެ ހަރަކާތަކުން ވެސް ދަރިވަރުންނަށް ގިނަގުނަ ދަރުސްތަކެއް ލިއްބައިދިނެވެ. އެތައް ހުނަރުތަކެއް ތަރައްޤީކުރުމުގެ ފުރުޞަތު ފަހިވެގެންދިޔައެވެ. ދިރިއުޅުމަކަށް ބޭނުންވާ އެތައް ކަމެއްގެ ބިންގާ އެޅިގެންދިޔައެވެ. އެ ދުވަސްވަރު  ދަރިވަރުންގެ މެދުގައި ބޭއްވުނު ކޮންމެ ހަރަކާތެއް ކުރިޔަށް ދިޔައީ ވަރަށް ވެސް ވާދަވެރި ރޫޙެއްގައެވެ. އެހެންނަމަވެސް މި ވާދަވެރިކަމުގެ ތެރޭން ބައިބައިވުންތަކަކަށް ޖާގައެއް ނުދެއެވެ. އިސްކުރީ އެކުވެރިކަމާއި އެއްބައެއްވަންތަކަމެވެ. މިހާ ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ މިހާ ކާމިޔާބުކަމާއެކު، މިފަދަ އެތައް ހަރަކާތެއް ކުރިޔަށް ގެންދެވުމުގެ ޙަޤީޤީ ސިއްރަކީ ކޮބައިބާވައެވެ؟ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ހަމަގައިމު ވެސް މި ކާމިޔާބީގެ ފަހަތުގައި އެތައް އަތްތަކެއް ވާނެކަމެވެ. އެއީ މަދަރުސާގެ ހިންގުންތެރި ވެރީންނެވެ. މަގުދައްކައިދެއްވި މުދައްރިސުންނެވެ. އެ ދަރިވަރުންނަށް ޓަކައި އެތަކެއް ޤުރުބާނީއެއްވި މައިންބަފައިންނެވެ. މިފަދަ ކޮންމެ ހަރަކާތަކަށް މަތިހަށިނަގާ ކުރިމަތިލި ހިތްވަރުގަދަ ދަރިވަރުންނެވެ. ވަކިން ޚާއްޞަކޮށް، އެ ދުވަސްވަރު ސްކޫލާއި ރަށް އެކަތިގަނޑަކަށްވީވުމެވެ. ރަށުގެ ކޮންމެ ފަރުދެއްގެ ހިތުގައި ވެސް މަދަރުސާއަށް ޓަކައި ރަށުވަންތަ ލޯބި އޮތް މިންވަރެވެ. އަގަކާ ނުލައި ކޮށްދިން އަދަދުނުކުރޭފަދަ އެހީތަކަކީ މި ކަމުގެ އަލިގަދަ ހެއްކެކެވެ. ފަހިކަމާއެކު ކޮންމެ ކަމެއް ކުރިޔަށް ގެންދެވުމުގެ ޙަޤީޤީ ސިއްރަކީ މަދަރުސާއާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ލޯތްބެވެ. ކުރި އިތުބާރެވެ. އެ "ހިޔާވައްސެއްގެ ދަށުގައި ބޮޑުވި" ދަރިވަރެއްގެ ހައިސިއްޔަތުން މިއަދު ވެސް ކުރެވޭ އުންމީދަކީ ތުޅާދޫ ސްކޫލަށް އެފަދަ ބަހާރު މޫސުމެއްގެ އާރޯކަމާއި ތާޒާކަން އަބަދުވެސް ލިބިލިބިއޮތުމެވެ.  

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފައިނަލަށް ފިނާ ދަތުރުކޮށްފި
10 hours ago 0 Comments
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments