
މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ 570,260,350.80 ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ، މި މަސައްކަތް މީގެ ކުރިން، ޖުލައި 12، 2023ގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްފެށި މަޝްރޫއުގެ ކުރީގެ އެއްބަސްވުން ބާތިލުކުރުމަށް ފަހު ހަވާލުކުރި މަޝްރޫޢެކެވެ. ކުރީގެ އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކޮށްފައިވަނީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ) އަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އައު އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މި ބަދަލުގެ މައިގަނޑު ސަބަބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުޅާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވައި ދެއްވި ޔަގީންކަމެކެވެ. ރައީސް ވިދާޅުވީ ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށެވެ.
އައު އެއްބަސްވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތް 660 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ތުޅާދޫގައި ގާއިމުކުރާ މި އެއާޕޯޓަކީ 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ގާއިމުކުރާ އެއާޕޯޓެކެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓު ގާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެއެވެ. މި މަޝްރޫއު ނިމި، ތުޅާދޫ އެއާޕޯޓު ގާއިމުވެގެން ދިއުމާއެކު ބ. އަތޮޅުގެ ދަތުރުފަތުރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.