ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ތުޅާދޫގެ ފުޓްބޯޅަ ހަނދާންތަކުން އަދުގެ މެހުމާން : މުޙައްމަދު ނަޞީރު

ބ. ތުޅާދޫ، މޭވާގޭ މުޙައްމަދު ނަޞީރަކީ ތުޅާދޫ ދަނޑުން ވިދާލި ކާމިޔާބު ކުޅުންތެރިއެވެ. ރަށުފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ވެސް ތުޅާދޫ ތަމްސީލުކޮށްދެއްވި ހުނަރުވެރިއެވެ. ޤައުމީ ފުޓްބޯޅަ މުބާރާތުގައި ތުޅާދޫން ހޯދި ފުރަތަމަ ތަށި، ތުޅާދޫއަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ހިއްސާދާރެކެވެ.

މުޙައްމަދު ނަޞީރުގެ ފުޓްބޯޅަ ހަޔާތް ފެށްޓެވީ ރަށު ސްކޫލުން ހޯދައިދިން ފުރުޞަތުތަކުންނެވެ. އެ ދުވަސްވަރުގެ ތުޅާދޫ ޕްރައިމަރީ ސުކޫލުން ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ވެސް ނަޞީރު ކުޅުއްވިއެވެ.

"ފުޓްބޯޅަ ފެށުނީ ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު. އޭރު ވެސް ހައުސްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާނެ. އެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު. އަހަރެން ކުޅުނީ ކުރެދި ހައުސްއަށް. އޭރު ވެސް ވަރަށް ފޯރި ގަދަކޮށް މުބާރާތްތައް ކުރިއަށް ގެންދިޔަ. އެ ހަރަކާތްތަކުގެ ތެރެއިން މި ޝައުގުވެރިކަން އުފެދުނީ" ފުޓްބޯޅަކުޅުއްވުމަށް ޝައުގުވެރިވެލެއްވި ގޮތް މުޙައްމަދު ނަޞީރު ބުނެދެއްވިއެވެ.

މުޙައްމަދު ނަސީރަކީ ކުޑަ އިރުއްސުރެ ވެސް އޭނާ ކުޅުއްވާ ޓީމުގެ ފަހަތް ބެލެހެއްޓެވި އިތުބާރު ބޮޑު ޑިފެންޑަރެކެވެ.

"އެންމެ ގިނައިން ކުޅެވިފައި ހުންނާނީ ފަހަތަށް. ފަހަތުން ހާފަކަށް ކުޅެނީ. ވަރަށް މަދު މެޗެއްގައި އެހެން މަގާމަކަށް ކުޅެވިފައި ހުރެދާނެ. ކުޑައިރު ކުޅުނު އިރު ކީޕަރަކަށް ވެސް ބައެއެ ފަހަރު ކުޅެފައި ހުންނާނެ. އެހެން ނޫނީ ކުޅެނީ ފަހަތަށް" 61 އަހަރުގެ ނަޞީރު ބުނުއްވިއެވެ.

މުޙައްމަދު ނަޞީރަކީ 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫން ބައިވެރިވި ދެ ޓީމުގެ ތެރެއިން ތުޅާދޫ ސިލްވަރ ޝައިން ކުލަބު ތަމްސީލު ކުރެއްވި ކުޅުންތެރިއެކެވެ.

"އެއީ ބޮޑު މުބާރާތަކަށް ފުރަތަމަ ކުޅުނު މުބާރާތް.  އޭރު ސިލްވަރޝައިން ކުލަބުން އެދުމުން އެ ޓީމުގައި ކުޅުނިން. ކޮންމެ މެޗަކަށް އެރިން. އެ މުބާރާތުގައި އިރުމަތި ކޮޅު ކުލަބުން ދެ ފަހަރަކު ބައިވެރިވި. ނަމަވެސް އަހަރެން ބައިވެރިވީ އެއް އަހަރު. އަނެއް އަހަރު އެ މުބާރާތް ކުރިއަށް ދިޔަ އިރު އަހަރެން ހުރީ މާލޭ ވަޒީފާގައި. އެހެންވެ ދެވަނަ ފަހަރަށް އެ މުބާރާތުގައި ކުޅެވޭ ގޮތެއް ނުވި" ތުޅާދޫ ސިލްވަރ ޝައިން ކުލަބުން 3ވަނަ ހޯދި މުބާރާތުގައި ކުޅުނު ނަޞީރު ބުނުއްވިއެވެ.

މުޙައްމަދު ނަޞީރަކީ 1989ވަނަ އަހަރު ކުޅުނު 39ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ޑިވިޒަންގައި ބައިވެރިވި ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ކުޅުންތެރިއެކެވެ. ތުޅާދޫ ޒުވާނުންގެ ގުޅުމުން އެކި އަހަރުތަކުގައި ގައުމީ މުބާރާތުގައި ކުޅެފައިވާ އިރު އެއިން ކޮންމެ އަހަރަކު ވެސް ރަށު ޓީމުގެ ވާތްފަރާތުން ފަހަތް ބެލެހެއްޓެވި ދިފާޢީ އެއް ކުޅުންތެރިއަކީ ނަޞީރެވެ.

"ތުޅާދޫގެ ޓީމު 3ވަނަ ޑިވިޒަނުގައި ބައިވެރިވެ ކުޅުނު އިރު އެ މެޗުތަކުގައި އަހަރެން ވެސް ކުޅުނިން. އޭރު އުޅެމުން ދިޔައީ ވެސް މާލޭގައި. އެހެންކަމުން ތުޅާދޫ ޓީމު ބައިވެރި ކޮންމެ އަހަރަކު ވެސް އަހަރެންނަށް ކުޅުމުގެ ފުރުޞަތު ލިބުނު. އެންމެ ހަނދާންވަނީ 3ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ލިބުނު މެޗު. އެއީ ވަރަށް އުފާވި ދުވަހެއް" ފުޓްބޯޅަ ހަޔާތުން ލިބުނު ކާމިޔާބީއާ މެދު ނަޞީރު ބުނުއްވިއެވެ.

ނަޞީރުވަނީ 3ވަނަ ޑިވިޝަންގެ މޫން ސްޓާރއަށް ވެސް ކުޅުއްވާފައެވެ. އޭގެ އިތުރުން މާލޭގެ ބޮޑެތި ޓީމުތަކުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެލައްވާފައެވެ.

"މާލޭގައި އުޅުނު ދުވަސްވަރު ގޭ ދޮށު ޓީމެއް އޮންނާނެ މޫން ސްޓަރ ކިޔާ ޓީމެއް. އެއީ ތިންވަނަ ޑިވިޝަންގެ ޓީމެއް. އެ ޓީމަށް ކުޅެދިނިން. އޭގެ އިތުރުން ލެގޫންސާއި ޔުނައިޓެޑް ވިކްޓަރީގެ ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވުން. ނަމަވެސް އެ ދެ ޓީމުގެ މުބާރާތެއްގައި ބައިވެރިއެއް ނުވަން. އެ ދުވަސްވަރު ވަރަށް ގިނަ އެކުވެރިކަމުގެ މެޗުތަކުގައި މާލޭގެ އެކި ޓީމުތަކާ ދެކޮޅަށް ކުޅުނިން" ނަސީރު ހިއްސާކުރެއްވީ މާލޭގައި ވަޒީފާ އަދާކުރެއްވި ޒުވާން ދުވަސްވަރު ފުޓްބޯޅަ ކުޅުއްވުމުގެ ހަނދާންތަކެވެ.

ނަޞީރުކީ ރޯޔަލް އައިލަންޑް ރިސޯޓްގައި 25 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތްކޮށްފައިވާ ޚިދުމަތްތެރިއެކެވެ. އެ ދިގު މާޒީގައި އެ ރިޒޯޓުން ބޭއްވި އެކި ފުޓްބޯޅަ މުބާރާތުގައި ވެސް ނަސީރު ކުޅުއްވިއެވެ.

"އަބަދުވެސް ވަރަށް ފުޓްބޯޅަ ކުޅޭހިތްވޭ. ރިސޯޓަށް ވަޒީފާ ބަދަލުވި ނަމަވެސް ފުޓްބޯޅަ ކުޅުން ދޫކޮށެއް ނުލަން. ރިސޯޓުގެ އެކި ޔުނިޓްތަކުގެ މެދުގައި އޮންނަ ފުޓްބޯޅަ މުބާރާތްތަކުގައި ކުޅެން. ނަމަވެސް ރިސޯޓްތައް ވާދަކުރާ ބޮޑެތި މުބާރާތްތަކަކު ނުކުޅެން. މިހާރު ވެސް ދަނޑަށް އަރައި ކުޅެން" ނަސީރު ބުނުއްވިއެވެ.

ނަޞީރު ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫގެ ފުޓްބޯޅައިގެ ކުރިމަގު އައްޔެވެ. އެ އަލިކަމުން ތުޅާދޫ ވިދުވާލެވިދާނެއެވެ.

" ވަރަށް ހުނަރުވެރި ކުޅުންތެރިން ތުޅާދޫގައި އެބަ ތިބި. އެ ކުޅުންތެރިންގެ ކުރިމަގު ވެސް ވަރަށް އުޖާލާކަމަށް ދެކެނީ. ދެން ބޭނުންވަނީ ގަވާއިދުން ޕްރެކްޓިސްކުރެވޭނެ ގޮތް. އޭރުން ރަނގަޅު ޓީމެއް އެކުލަވައިލެވޭނެ" ތުޅާދޫގެ ފުޓްބޯޅަ ބައްޓަން ކުރަންވީ ގޮތުގެ ޚިޔާލު ނަޞީރު ދެއްވިއެވެ.

ނަޞީރަކީ ފުޓްބޯޅައަށް ވަރަށް ލޯބި ކުރެއްވި، ވިސްނުންތެރިކަމާއެކު ކުޅުއްވި ކުޅުންތެރިއެކެވެ. ގައުމީ މުބާރާތްތުގައި ތުޅާދޫއަށް ރީތި ނަން ހޯއްދަވައިދެއްވި ދިފާޢީ ކުޅުންތެރިއެކެވެ. ރިވެތި އަޚުލާގާ އެކު ފުޓްބޯޅަ ކުޅެވިދާނެކަން ދެއްކެވި ނަމޫނާއެކެވެ.  

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments