
އިބްރާހީމް ރަޝީދު އެންމެ ފުރަތަމަ ފުޓްބޯޅަކުޅުމުގެ ތެރެއަށް ވެންނެވީ ތުޅާދޫ ޕްރައިމަރީ ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ދުވަސްވަރެވެ. އެ ދުވަސްވަރު ސްކޫލުގެ ހައުސްތަކުގެ މެދުގައި ކުޅުނު މުބާރާތްތަކުގައި އިބްރާހީމް ވެސް ބައިވެރިވެ ލެއްވިއެވެ.
"ސްކޫލު ދައުރު މި ކަން ފެށުނީ. އޭރު އޮންނާނެ ހައުސްތަކުގެ މެދު ގައި ފުޓްބޯޅަ މުބާރާތްތައް. އަހަރެން ކުޅުނީ ކުރެދި ހައުސްއަށް. އެ ދުވަސްވަރު ފުޓްބޯޅައަށް ޝައުގުވެރިވީ. އޭރު އެ މުބާރާތްތަކަކީ ވެސް ވަރަށް ވާދަވެރިކޮށް ކުރިއަށް ދިޔަ މުބާރާތްތަކެއް." އިބްރާހީމް ބުނެދެއްވީ ފުޓްބޯޅައިގެ ތެރެއަށް ވެންނެވުމަށް މެދުވެރިވީ ސަބަބެވެ.
އިބްރާހިމް ވަނީ ރަށުފެންވަރުގައި ކުޅުނު އެކުވެރިކަމުގެ މެޗުތަކާއި އަތޮޅުފެންވަރުގައި ކުރިއަށް ދިޔަ މުބާރާތްތަކާއި ގައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ވެސް ކުޅުއްވާފައެވެ.
އިބްރާހީމްއަކީ 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ކުޅުއްވި ކުޅުންތެރިއެކެވެ.
"އަތޮޅު މުބާރާތްތަކުގައި އަހަރެން ކުޅުނީ ތުޅާދޫ ސިލްވަރ ޝައިން ކުލަބަށް. އެ ދުވަސްވަރު ތުޅާދޫން ވަރުގަދަ ދެ ޓީމު ބައިވެރިވި. ދެ ކުލަބު ވެސް ވާދަކުރީ ވަކިން. އެ މުބާރާތުން ދެ އަހަރު ވެސް އަހަރެމެންނަށް ލިބުނީ 3ވަނަ. އެ މުބާރާތުގައި އަތޮޅުގެ އެކި ޓީމުތަކާ ދެކޮޅަށް ކުޅުނިން. އެއީ ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް." އިބްރާހީމް އާކުރެއްވީ 39 އަހަރު ކުރީގެ ހަނދާންތަކެވެ.
އިބްރާހީމް ގަބޫލުކުރައްވާ ގޮތުގައި ގައުމީ ފެންވަރުގައި ލިބިލެއްވި އެންމެ ބޮޑު ކާމިޔާބަކީ އުފަން ފަސްގަނޑަށް ހޯއްދަވައިދެއްވުނު ކާމިޔާބެވެ. އިބްރާހީމްވަނީ 1993ވަނަ އަހަރު، ބ. ތުޅާދޫ ޒުވާނުންގެ ގުޅުމުން، ގައުމީ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ޑިވިޝަންގައި ކުޅުނު އިރު އެ ޓީމުގައި ތުޅާދޫ ތަމްސީލުކުރައްވާފައެވެ.
"އެއީ ލިބުނު އެންމެ ބޮޑު ކާމިޔާބީ. 3ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ތުޅާދޫ ޓީމަށް ލިބުން. އެ މުބާރާތުގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ ލިބުނު އުފަލެއް" ތުޅާދޫ ޓީމުން ފުރުޞަތު ހޯއްދެވި އިބްރާހީމް ބުނުއްވިއެވެ.
އިބްރާހީމަކީ 1980ގެ އަހަރުތަކުގައި ގަލޮޅު ދަނޑުގައި ކުޅުއްވި ކުޅުންތެރިއެކެވެ. އޭނާ ވަނީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އެއްވަނަ ޑިވިޒަންގައި ކުޅުނު އިރު އެ ޓީމަށް ވެސް ކުޅުއްވާފައެވެ. އޭގެ އިތުރުން އެ ދުވަސްވަރު 3ވަނަ ޑިވިޝަންގައި ކުޅުނު ކުލަބް ރޭންޖާސްއަށް ވެސް އިބްރާހީމް ކުޅުއްވިއެވެ. އަދި ކުލަބު ލެގޫންސުގެ ފަރިތަކުރުންތަކާއި ކުލަބު ވެލެންސިއާގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެލެއްވިއެވެ.
"އަހަރެން މާލޭގައި އުޅުނިން 16 އަހަރު. އޭރު ވެސް ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑު އެހެންވެ އެކި ޓީމުތަކުގެ ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު. ނަމަވެސް ގަވާއިދުން ފަރިތަކުރުންތަކަކަށް ނުދެވޭ މަސައްކަތް ހުންނަ ގޮތުން. އެހެންވެ އެ ޓީމުތަކާއެކު މުބާރާތްތަކަށް އެރޭވަރެއް ނުވި" އިބްރާހީމް ބުނުއްވިއެވެ.
އިބްރާހީމް ބުނުއްވީ އެތައް އަހަރެއްގެ މެދު ކެނޑުމަކަށް ފަހު ތުޅާދޫގައި ރަސްމީ ފުޓްބޯޅަ އަދި ކިރިޔާ ފެށުނީ ކަމަށެވެ.
"އަދި ކިރިޔާ ފުޓްބޯޅައަށް މި ހޭލުންތެރިވަނީ. މިހާރު އެބަ އޮތް ބޮޑު ދަނޑެއް. މިއަދާ ހަމައަށް މި ކުޅެނީ ހޮހަޅައެއްގައި. ކުޅެމުން މި ދިޔައީ ފުޓްސެލް. މިހާރު މިވަނީ ހަގީގީ ފުޓްބޯޅަ ފެށިފައި. އެއީ އުފާލިބޭ ކަމެއް. މާޒީ ހަނދާންވާ ކަމެއް" އިބްރާހީމް ބުނުއްވިއެވެ.
އިބްރާހީމް ގަބޫލުކުރައްވާ ގޮތުގައި ފުޓްބޯޅައިން ތުޅާދޫއަށް ރަނގަޅު ކާމިޔާބެއް ހޯދިދާނެއެވެ.
"ފުދޭވަރެއްގެ ރަނގަޅު ކާމިޔާބެއް ހޯދިދާނެ. ނަމަވެސް އެކަން ކުރެވޭނީ މުޅި ރަށުން ޓީމެއް ހޮވައި، އެ ޓީމަށް ކޯޗަކު ހޯދައި ގަވާއިދުން ޕްރެކްޓިސް ކުރެވޭ ނަމަ. ޔަގީން އޭރުން ވަރަށް ރަނގަޅު ކާމިޔާބެއް ހޯދިދާނެ. ހުނަރުވެރި ކުޅުންތެރިން ތުޅާދޫގައި އެބަ ތިބި. ޓީމެއް މޮޅުވުމުގައި ރަނގަޅު ކޯޗެއް ހުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް" އިބްރާހީމް ހިއްސާކުރެއްވީ ތުޅާދޫއަށް ކާމިޔާބު ހޯދޭނެކަމަށް އޭނާއަށް ފެނިލައްވާ ގޮތެވެ.
އިބްރާހީމަކީ މިއަދު ވެސް ފުޓްބޯޅައަށް ލޯބިކުރައްވާ ޚިދުމަތްތެރިއެކެވެ. ރަށުގެ އެކި ޓީމުތަކަށް އެހީތެރިކަން ދެއްވައި ތުޅާދޫ ފުޓްބޯޅައިގެ ކާމިޔާބީގެ ބައިވެރިއެކެވެ. ތުޅާދޫން ފާހަގަކުރެވުނު ދިފާއީ ކުޅުންތެރިއެކެވެ.