
އަޙުމަދުގެ ފުޓްބޯޅަ ހަޔާތް ފެށްޓެވީ ސްކޫލު ދުވަސްވަރު ތުޅާދޫ ޕްރައިމަރީ ސްކޫލުގައެވެ.
"އުމުރުން 8 އަހަރުގައި ކުޅެން ފަށައިފިން. އެ ދުވަސްވަރު ވެސް ހައުސްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތް ބާއްވާ. އަހަރެން ކުޅުނީ ހަލަވެލި ހައުސްއަށް. އެ ހަރަކާތްތަކުގެ ތެރެއިން ފުޓްބޯޅައަށް ލޯބިޖެހުނީ" ފުޓްބޯޅަކުޅުއްވުމަށް ޝައުގުވެރިވެލެއްވި ގޮތް އަޙުމަދު ބުނެދެއްވިއެވެ.
އަޙުމަދަކީ އެންމެ ކުޑަ އިރު ވެސް ކީޕަރެކެވެ. ކުޅޭ ޓީމުގެ ގޯލު ބެލެހެއްޓުމުގެ މުހިންމު ޒިންމާއާ ހަވާލުވެ ހުންނެވި ކުޅުންތެރިއެކެވެ.
"އެ ދުވަސްވަރަށް ބަލާއިރު ބައެއް މީހުން ގޯލުގައި ހުންނަން ޖެހެނީ ނުފޫޒެއް ނޯންނާތީ. ބޯޅައިގެ ވެރިމީހާއާއި އޭނާގެ ރައްޓެހިން ކުޅޭނީ އާންމުކޮށް ކުރިއަށް. އަދި ކުޅުމުގައި ދަށްހެން ހީވާ ނަމަވެސް ގޯލުގައި ހުންނަން ޖެހިދާނެ. އެއީ އޭރު އެ ކަންކަން އޮތް ގޮތް. އެގޮތުން ގޯލަށް ކުޅެން ފެށުނީ. ފަހުން އެކަމަށް ޝައުގުވެރިވާން ފެށީ" ގޯލު ބަލަހައްޓަވަން ހުންނަވަން ޖެހުނު ސަބަބު އަޙުމަދު ހިއްސާކުރެއްވިއެވެ.
އަޙުމަދަކީ އޭދަފުށީ ބަހިއްޔާ ޓީމާއެކު އޭދަފުށީގައި ކުޅެވުނު އެކުވެރިކަމުގެ މެޗަށް ތުޅާދޫ ޕްރައިމަރީ ސްކޫލު ތަމްސީލުކުރަން ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
"އޭދަފުށީ ބަހިއްޔާ ޓީމާއެކު ކުޅުމަށް ތުޅާދޫ ސްކޫލުން ދިޔަ ޓީމުގައި ވެސް ހިމެނުނު. އޭރު 3 ކީޕަރުން ތިބި. ސްޖިތުއާއި އަބުދުބަކުރާއި އަހަރެން. އަހަރެމެން އެ ރަށުގައި ތިބީ ވަކި ގެއެއްގައި. އެއީ ވެސް ތަފާތު ދުވަސްތަކެއް. ކުޅިވަރުގެ ރޫހު އިތުރުވެގެން ދިޔަ ދުވަސްވަރެއް" އަޙުމަދު ހިއްސާކުރެއްވީ ސްކޫލު ދައުރުގެ ފުޓްބޯޅަ ހަނދާންތަކެވެ.
އަޙުމަދުގެ ދިރިއުޅުން މާލެއަށް ބަދަލުކުރެއްވުމަށް ފަހު ކޮންމެ ދުވަހަކު ގަވާއިދުން ނިއުރޭޑިއަންޓް މީހުން ޕްރެކްޓިސް ކުރާތަން ބެއްލެވުމަށް އަހުމަދު ދުރުވެއެވެ. އެގޮތުގައި އެތައް ދުވަހެއްވީ ފަހުން ނިއުރޭޑިއަންޓްގެ އޭރުގެ މެނޭޖަރު ކާމިނީޕޫލް ހަސަން މަނިކަށް އަހުމަދު ކޮންމެ ދުވަހަކު އެތަނުން ފެންނަކަން ފާހަގަކުރެއްވިގެން ދެއްވި ފުރުޞަތަކުން ހެންވޭރު ދަނޑުގައި ކުޅުމުގެ ފުރުޞަތު އަޙުމަދަށް ފަހިވިއެވެ.
"އެ ދުވަސްވަރު ހެންވޭރު ދަނޑުގައި ޔަންގް ސްޓާރސް ކުޅުންތެރިންނާއި ނިއުރޭޑިއަންޓް ކުޅުންތެރިންނާއި ރޭވަންސް ކުޅުންތެރިން ޕްރެކްޓިސްކުރަމުންދޭ. ހަގީގަތުގައި އެއީ އެއް ބައެއް. އެ ތަނުގައި ކުޅެމުން ޔަންގްސްޓަރސް އެކުލަވާލި އިރު ޓީމުން ފުރުޞަތު ލިބުނީ" މާލޭގެ ޓީމަކަށް ކުޅުމުގެ ފުރުޞަތު އަޙުމަދަށް ލިބިލެއްވި ގޮތް އޭނާ ހިއްސާކުރެއްވިއެވެ.
މުބާރާތް ކައިރިވީ އިރު ބޫޓެއް ނެތް. ނަސީބު ރަނގަޅުކަމުން ޓީމު ތެރޭގެ ކުއްޖަކަށް އާ ބޫޓެއް ލިބުމުން އޭނާ އެރި ބޫޓް އަހަރެންނަށް ދިނީ. އެއީ ފަޅައިގެން ގޮސްފައި ހުރި ބޫޓެއް. އޭތި ތަތްކޮށްލައިގެން އެއަށް އަރައިގެން ފަހުން ޕްރެކްޓިސްކުރީ ވެސް. ފުރަތަމަ އަންގިއަކަށް ބޭނުން ކުރީ ވެސް ސައިކަލުދުއްވަން މީހުން ބޭނުންކުރާ ޑޮޓްތަކެއް ޖަހާފައި ހުންނަ އަންގިއެއް" ކުޅިވަރު ކުޅުމަށް ބޭނުންވާ ބައެއް ތަކެތި އެންމެ ފުރަތަމަ ލިބިލެއްވި ގޮތް އަހުމަދު ބުނުއްވިއެވެ.
އަޙުމަދަކީ 1986ވަނަ އަހަރު އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ޑިވިޝަންގައި ބައިވެރިވި ޔަންގްސްޓަރސް ޓީމުގެ ދެވަނަ ކީޕަރެވެ. ޖެހިގެން އައި 1987ވަނަ އަހަރުގެ ފަހުކޮޅު ރެފްރީން އިންތިޒާމުކޮށްގެން ބޭއްވި "ރެފްރީސް ކަޕް" މުބާރާތުގައި އަހުމަދު ވެސް ކުޅުއްވިއެވެ.
"އެއީ އަހަރެން އެންމެ ފާހަގަކޮށްލާ މުބާރާތް. އެއީ އެ މުބާރާތުގައި ފުރަތަމަ ކީޕަރު ހަމީޒަށް އަނިޔާވެގެން އަހަރެން ފުލްކޮށް ކުޅެން އަރަން ފުރުޞަތު ލިބުނު. އެ މުބާރަތް އަހަރެމެން ޓީމު ނިންމާލީ ހަމީޒް ހުރި އިރު ވެސް އަހަރެން ހުރި އިރު ވެސް ބައިކޮޅަށް އެއްވެސް ގޯލެއް ނުވަދެ. އެ މުބާރާތުގެ ޗެންޕިއަންކަން ލިބުނު" އަހުމަދު ބުނުއްވިއެވެ.
އަޙުމަދުވަނީ ގައުމީ ފުޓްބޯޅަ މުބާރާތުގެ 2ވަނަ ޑިވިޝަނާއި 1ވަނަ ޑިވިޝަންގައި ވެސް ކުޅުއްވާފައެވެ. ދެވަނަ ޑިވިޝަނުގައި ޔަންގސްޓަރސް ގެ ގޯލް ބެލެއްޓެވި އިރު ފުރަތަމަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ގޯލް ބެލެހެއްޓެވިއެވެ. އަޙުމަދު ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް ލިބިލެއްވި އެންމެ ބޮޑު ޝަރަފަކީ 1993ވަނަ އަހަރު، ބ. ތުޅާދޫ ޒުވާނުންގެ ގުޅުމުން 3ވަނަ ޑިވިޝަންގައި ކުޅުނު އިރު އެ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އުފުއްލަވަން ލިބިލެއްވުމެވެ.
"އެއީ ފުޓްބޯޅަ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ. އެންމެ ބޮޑު ޝަރަފު. އަމިއްލަ ރަށު ޓީމަށް ކުޅެ، ކެޕްޓަނެއްގެ ގޮތުގައި ހުރެ އަމިއްލަ ރަށަށް ތަށްޓެއް ހޯދައިދިނުން" އަޙުމަދު ބުނުއްވިއެވެ. އެ އަހަރު 3ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ އަޙުމަދު ކެޕްޓަންކަން ކުރެއްވި ތުޅާދޫ ޒުވާނުންގެ ގުޅުމެވެ. އެންމެ މޮޅު ގޯލުކީޕަރުގެ މާގާމު ވެސް ހޯއްދެވީ އަހުމަދެވެ.
އަޙުމަދު ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫއަކީ ފުޓްބޯޅައިގެ ރަށެއް. ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް. މިކަން ކުޅުންތެރިން ވެސް އެބަ ޖެހޭ ގަބޫލުކުރަން. އަހަރެމެން ކުޅުނު ދުވަސްވަރު ރައްޔިތުން އެދިން އެހީތެރިކަން މިއަދު ވެސް ހަނދާން އެބަ ހުރި. އެހެންވީމާ ތުޅާދޫއަކީ މޮޅު ކުޅުންތެރިން އުފެއްދިދާނެ އަދި އުފެދިފައިވާ ރަށެއް. އޭދަފުށްޓަށް ދޫ ނުކުރާ ވަރުގެ ޓީމެއް ތުޅާދޫން ނެރެވޭނެ. ކުޑަ މަސައްކަތަކުން އެކަން ވާނެ" ތުޅާދޫ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކާ ގާތް ގުޅުމެއް ބާއްވަވާ ޚިދުމަތްތެރިޔާ ދެއްވީ އުންމީދެކެވެ.
އަޙުމަދަކީ ތުޅާދޫ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޚިދުމަތްތެރިއެކެވެ. ތުޅާދޫއަށް ފުޓްބޯޅައިން ރީތިނަން ހޯއްދަވައިދެއްވި ކުޅުންތެރިއެކެވެ. ތުޅާދޫގެ ފުޓްބޯޅައާ މެދު ފޮނި އުންމީދުތަކެއް ކުރައްވާ ތުޅާދޫ ދަރިއެކެވެ.