ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ތުޅާދޫގެ ފުޓްބޯޅަ ހަނދާންތަކުން އަދުގެ މެހުމާން : މޫސާ އިބްރާހީމް

އެއީ ބ. ތުޅާދޫން ފެނުނު ކާމިޔާބު ކުޅުންތެރިއެވެ. ރަށުފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ވެސް ވިދާލި ފުޓްބޯޅަ ހުނަރުވެރިއެވެ. ޤައުމީ ފުޓްބޯޅަ މުބާރާތުގައި ތުޅާދޫން ހޯދި ކާމިޔާބީގެ ހިއްސާދާރެކެވެ. މިއަދު ވެސް ކުޅިވަރުގެ އަޚުލާގު ނެގެހެއްޓުމުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ކުޅިވަރުގެ އެހީތެރިއެކެވެ. އެއީ ބ. ތުޅާދޫ، ކުދިހީނާމާގެ މޫސާ އިބްރާހީމެވެ. ގިނަ ބައެއްގެ ނަމުންނަ ދޮންމޫސައެވެ.

ދޮންމޫސަގެ ފުޓްބޯޅަ ހަޔާތް ފެށްޓެވީ ރަށުގެ ހަނިމަގުތަކާއި ގޯޅިތަކާއި ބޮޑު މަގުގައެވެ. އެ ދުވަސްވަރުގެ އެކުވެރިންނާއެކު އެތައް ވަގުތެއް ހޭދަކުރެއްވީ ފުޓްބޯޅަ ކުޅުއްވުމުގައެވެ.

"އެންމެ ފުރަތަމަ ކުޅުނީ ސްކޫލު ދައުރުގައި. ސްކޫލުން ގެއަށް އައުމާއެކު އޮންނަނީ ކުޅުން. ކުޅެއުޅުނީ މަގުމަތީގައި. ބޮޑުމަގުގައި ވެސް ވަރަށް ގިނައިން ކުޅުނިން. އޭރު ވަރަށް މިނިވަންކަން އޮވޭ ބޭނުންތާކު ކުޅެން. އޭރު މާމައްތަ ހުސޭނާއި ކުޑަ މުހުނދާ އެންމެން އެކުގައި ކުޅެއުޅުނީ. އެ ދުވަސްވަރު މަގުމަތީގައި ކުޅުނު ކުޅުމުގެ ތެރެއިން މި ޝައުގުވެރިކަން އުފެދުނީ" ފުޓްބޯޅަކުޅުއްވުމަށް ޝައުގުވެރިވެލެއްވި ގޮތް ދޮންމޫސަ ބުނެދެއްވިއެވެ.

ދޮންމޫސަ އެންމެ ފުރަތަމަ ރަށުފެންވަރުގެ އެކުވެރިކަމުގެ މެޗެއް ކުޅުއްވީ ކެންދޫ ޓީމަކާ ދެކޮޅަށެވެ.

"އެ މެޗު ކުޅުނީ ސުކޫލު ނިންމިތަނާ. އެ ދުވަސްވަރު ރަށުން ޓީމެއް އެކުލަވާއިރު ހިމެނުނު. އެ މެޗުގައި ފުލްކޮށް ކުޅުނިން. އެ މެޗު ކުޅުނީ ކެންދޫގައި. ނަމަވެސް އެ މެޗުން ބަލިވީ. އޭގެ ފަހުން ހިތާދޫ ޓީމަކާ ވެސް ކުޅުނިން. އެ މެޗުގައި ވެސް ފުލްކޮށް ކުޅުނިން. އަދި ރަށުގައި ވެސް އެ ދެ ޓީމާ ކުޅުނިން. އެ ދެ މެޗުންވެސް އަހަރެމެން މޮޅުވި" ދޮންމޫސަ ބުނުއްވިއެވެ.

ދޮންމޫސަ ވަނީ 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫ ސިލްވަރ ޝައިން ކުލަބު ތަމްސީލު ކުރައްވާފައެވެ.

"އޭރު އަޅުގަނޑުމެން މުބާރާތަށް ތައްޔާރުވި އިރު ރަނގަޅު ޓީމެއް އޮތް. އެރު މަގުމަތީގައި އެކުގައި ކުޅު ގުރޫޕް ޓީމުގައި ހިމެނުނު. އަހަރެމެން ޓީމުގައި ވަކި ޚާއްޞަ ކޯޗެއް އެހެނެއް ނުހުރޭ. މުހުނދުބެ (މުޙައްމަދު ޢުޘްމާން) އިސްކޮށް ކަންކަމުގައި އުޅުނީ. ދެވަނަ ފަހަރަށް ވެސް އެ މުބާރާތުގައި ކުޅުނިން. ދެ ފަހަރު ވެސް 3ވަނަ ލިބުނީ" ދޮންމޫސަ އާކުރެއްވީ މީގެ 39 އަހަރު ކުރީގެ ހަނދާންތަކެވެ.

ދޮންމޫސަ ވަނީ 1989ވަނަ އަހަރު ކުޅުނު 39ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ޑިވިޒަންގައި ބައިވެރިވި ތުޅާދޫ ޒުވާނުންގެ ގުޅުމުގެ ޓީމުގައި ކުޅުއްވާފައެވެ. އޭގެ ފަހުގެ އަހަރުތަކުގައި ވެސް ތުޅާދޫ ޒުވާނުންގެ ގުޅުމުން 3ވަނަ ޑިވިޒަންގެ ޗެންޕިއަންކަން ހޯދުމުގައި ދޮންމޫސަގެ ހިއްސާ ކުޑައެއް ނޫނެވެ.

"ތުޅާދޫގެ ޓީމު 3ވަނަ ޑިވިޒަނުގައި ބައިވެރިވެ ކުޅުނު އިރު އެ މެޗުތަކުގައި ކުޅުނިން. ބައެއް މެޗުތަކުން މޮޅުވި. ބައެއް މެޗުތަކުން ބަލިވި ނަމަވެސް އެއީ ކުޅިވަރުގެ ދަނޑުން ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް. އޭރު ޓީމެއްގެ ގޮތުގައި ރަށު ރޫހުގައި ކުޅެވުނު" ގައުމީ މުބާރާތުގެ އެއް މެޗުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދު ދޮންމޫސަ ބުނުއްވިއެވެ.

ދޮންމޫސަ ބުނުއްވީ ފުޓްބޯޅައިގެ ކާމިޔާބީ ގުޅިފައިވަނީ ކުޅިވަރުގެ އަޚުލާގާއެވެ.

"މޮޅު ޓީމެއް ތައްޔާރު ކުރެވޭނީ ކުޅިވަރުގެ އަޚުލާގު ހުރެގެން. ގަޑިއަށް ފަރުވާތެރިވުމާއި ޝައުގުވެރިކަމާއި އަމިއްލަ ނަފުސުކޮންޓްރޯލް ކުރުން ފަދަ އެތައް ކަމެއް ފުޓްބޯޅަކުޅުމުގައި ވެސް އެބަ ހިމެނޭ. އެ އަޚުލާގު ނެތް ނަމަ ކިތަންމެ މޮޅު ހުނަރުތަކެއް ލިބުނަސް ފުޓްބޯޅައިން ކާމިޔާބެއް ނުހޯދޭނެ. އެއީ ވަރަށް މުހިންމު ބައެއް" ދޮންމޫސަ ބުނެދެއްވީ ފުޓްބޯޅަ ކުޅުމުން ކާމިޔާބު ހޯދެން އޮތް މަގެވެ. އެ މަގުން ދޮންމޫސަވަނީ ނަމޫނާ ދައްކަވާފައެވެ. 60 އަހަރުގެ ދޮންމޫސައަކީ މިއަދު ވެސް ފުޓްބޯޅަ ދަނޑުގެ އެކުވެރިއެކެވެ. ކުޅިވަރުގެ ރިވެތި އަޚުލާގުގެ ނަމޫނާއެކެވެ.

ދޮންމޫސަ ފާހަގަ ކުރެވުނީ ވަރަށް ލުއިކޮށް ކުޅުއްވި ވަރަށް އަމާޒަށް ބޯޅަ ފޮނުވާލެއްވި މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. ރީތި ކުޅުމެއް ދަނޑުމަތިން ދެއްކެވި ނަމޫނާއެއްގެ ގޮތުގައެވެ. ދޮންމޫސަ 3 ކުދިންނަކީ ވެސް ތުޅާދޫ ދަނޑުން ފާހަގަ ކުރެވޭ 3 ކުޅުންތެރީންނެވެ. މިހާރު ކުރިއަށްދާ ތުޅާ ފުޓްބޯޅަ މުބާރާތުގައި 3 ޓީމަކަށް އެ ތިން ކުޅުންތެރިން ދަނީ ކުޅެމުންނެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
66.666666666667%
އުފާވި
0%
ދެރަވި
0%
ރުޅިއައި
33.333333333333%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments