
އަޙުމަދުގެ ފުޓްބޯޅަ ހަޔާތް ފެށްޓެވީ 1970ގެ އަހަރުތަކުގައެވެ.
"ވަރަށް ކުޑަ އިރުއްސުރެ ފެށިގެން ފުޓްބޯޅަ ކުޅެން ފަށައިފިން. އެއީ އޭރު އެންމެ އާންމުކޮށް ކުޅުނު ކުޅިވަރު. އެ ދުވަސްވަރު ބޯކެޔޮ އޮށެއް ފެނުނަސް، ދުނބުރިއެއް ފެނުނަސް ޖަހަމުން ދަނީ. އޭރުގެ ކަމަކީ ފުޓްބޯޅަކުޅުން. އެދުވަސްވަރު މަގުމަތީގައި ކުޅެމުން ކުޅެމުން ފުޓްބޯޅައަށް ލޯބިޖެހުނީ" ފުޓްބޯޅަކުޅުއްވުމަށް ޝައުގުވެރިވެލެއްވި ގޮތް އަޙުމަދު ބުނެދެއްވިއެވެ.
އަޙުމަދަކީ ކަނާތްފަރާތުން ފަހަތަށް ކުޅުއްވި މޮޅު ދިފާޢީ ކުޅުންތެރިއެކެވެ. އިދިކޮޅު ޓީމުގެ ހަމަލާތައް މަތަކުރެއްވުމުގައި ޖެހިލުންކުޑަ ކުޅުންތެރިއެކެވެ. ތުޅާދޫ ސްޕޯޓްސް ކުލަބުން އެ ދުވަސްވަރު ކުޅުނު ގިނަ މެޗުތަކުގައި ފުލްކޮށް ކުޅުއްވި ކުޅުންތެރިއެކެވެ.
އަޙުމަދު ވަނީ 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބު ތަމްސީލު ކުރައްވާފައެވެ.
"ރަނގަޅު ޓީމެއް އެ ދުވަސް ވަރު އޮތް. ކޯޗަކަށް ހުރީ ހުސައިން އާދަމް. އެ ކޯޗުގެ އިރުޝާދުގެ ދަށުން ދެ ފަހަރު ވެސް އަހަރެމެން ކުޅުނީ. އޭދަފުށީގައި ކުރިއަށް ދިޔަ މުބާރާތުގައި އަތޮޅުގެ އެއްވެސް ބައެއްގެ އަތުން އަހަރެމެން ބައްޔެއް ނުވޭ. އަތޮޅަށް ބަލާ އިރު އެ ދުވަސްވަރު އޮތް އެންމެ ވަރުގަދަ އެއް ޓީމަކީ އަހަރެމެންގެ ޓީމު. އަހަރެމެން ބަލިވީ ޒޯން މުބާރާތް ކުޅެގެން. އެއީ އެކި އަތޮޅުތަކުން ޓީމުތަކާ ކުޅެގެން" 61 އަހަރުގެ އަޙުމަދު ފަޚުރުވެރިކަމާއެކު ބުނުއްވިއެވެ.
އަޙުމަދު ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫގެ ފުޓްބޯޅަ މިސްރާބުކުރެވިފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެ ބަހަށް އަހުމަދު ދެއްކެވި ހުއްޖަތަކީ ތުޅާދޫ ޓީމުތަކުން ހޯދާ ނަތީޖާއެވެ.
"އަހަރެމެން ކުޅުނު ދުވަސްވަރު މި ރަށަށް އައިސް މި ރަށުގެ ފަސްގަނޑުގައި މި ރަށު ޓީމު ބައްޔެއް ނުކުރެވޭނެ. މިހާރު އެހެން ރަށްރަށަށް ގޮސް ވެސް ވަނީ ބަލިވަނީ. މި ރަށުގައި ވެސް ވަނީ ބަލިވަނީ. މިއީ ވަރަށް ބޮޑު ލަދެއް. މިހާރު އެ ހޯދާ ނަތީޖާތަކުން ވަރަށް ދެރަވޭ" އަޙުމަދު ބުނުއްވިއެވެ.
"ހަވީރު ފެންވަރާލަން ވެގެން ކުޅެގެންނެއް މި ކަމެއް ނުވާނެ. އަހަރެމެން ކުޅެނީ އެތައް ކަމެއް ކޮށްގެން. ކޮންމެ ދުވަހަކު ދަނޑު ވަށާ ދާ ދަމައިގެން. ގަޑިއަށް ސަމާލުކަން ދީގެން. އިތުރުކަންކަން ވެސް ކޮށްގެން. މިހާރު ގަޑިއަކަށް އެއްވެސް ކަމެއް ނުކުރެވޭ. އޭރު ގަޑި ޖެހިއްޖެ ނަމަ ދަނޑަކަށް ނޭރޭނެ. ނުކުޅެވޭނެ. މިއަދު އެފަދަ އުސޫލުތަކެއް ނެތް. ފުޓްބޯޅައިން ރަނގަޅު ނަތީޖާއެއް ހޯދާ ނަމަ ގިނަ އިސްލާހުތަކެއް ކުޅުމަށާއި ފަރިތަކުރުންތަކަށް ގެންނަންޖެހޭ" އަޙުމަދު ފާހަގަކުރެއްވީ ފުޓްބޯޅަ ކުރިއެރުވުމަށް ކުރަން ހުރި ބައެއް ކަންކަމެވެ.
އަޙުމަދު ގަބޫލުކުރައްވާ ގޮތުގައި ތުޅާދޫއަކީ ފުޓްބޯޅައިގެ ރަށެކެވެ. ފުޓްބޯޅައިގައި ކާމިޔާބީ ރަށެވެ. އެ ޝަރަފު ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެކެވެ.
"މި އަތޮޅުގައި ފުޓްބޯޅައިގެ އެއްވަނަ ރަށަކީ އޭދަފުށި. ދެވަނަ ރަށަކީ ތުޅާދޫ. އަބަދުވެސް އެކަން ދެމިގެން އައީ މިގޮތަށް. ނަމަވެސް މިހާރުގެ ކުޅުންތެރިންނަށް މި ޝަރަފު ދެމެހެއްޓޭ ބާވައޭ ހިތަށް އަރަނީ" އަހުމަދުގެ ޝުޢޫރު އޭނާ ފާޅުކުރެއްވިއެވެ.