
ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަފަމާ ޔުނައިޓެޑް ބަލިވީ 9-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 7 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ތޮޅިހެލޭގެ 80 ނަންބަރު ހައިޝަމް މުޙައްމަދު ޙަމީދު ވަނީ މެޗުގެ ފުރަތަމަ ގޯލު އެ ޓީމަށް ޖަހައިދީފައެވެ. އެއަށް ފަހު މެޗުގެ 21 ވަނަ މިނެޓުގައި ތޮޅިހެލޭގެ 11 ނަންބަރު މައިސާން ވަނީ ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި 7 ނަންބަރު ރަފްހާން ތިންވަނަ ލަނޑު ޖެހި އިރު، 30 ވަނަ މިނެޓުގައި 79 ނަންބަރު މާޙިލް ވަނީ ތޮޅިހެލޭގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 40 ވަނަ މިނިޓުގައި ހައިޝަމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ތޮޅިހެލޭގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ވެސް ތޮޅިހެލޭގެ ހަމަލާތައް ވަރުގަދަވެފައި ވެއެވެ. މެޗުގެ 56 ވަނަ މިނެޓުގައި 22 ނަންބަރު މިންހާލް ވަނީ ތޮޅިހެލޭގެ ހަވަނަ ލަނޑު ޖަހާފައެވެ. އަދި 67ވަނަ މިނެޓުގައި ހައިޝަމް މުޙައްމަދު ޙަމީދު ވަނީ އޭނާގެ ތިންވަނަ ލަނޑު، ނުވަތަ ހެޓްރިކް ފުރިހަމަކޮށް، ތޮޅިހެލޭގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުން ފެނުނު ދެވަނަ ހެޓްރިކެވެ.
މެޗުގައި ކަފަމާ ޔުނައިޓެޑަށް ހަމައެކަނި ލަނޑު ޖަހައިދިނީ 69 ވަނަ މިނެޓުގައި އެ ޓީމުގެ 10 ނަންބަރު އުނައިސްއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ކްލަބް ތޮޅިހެލޭގެ 10 ނަންބަރު ޝާމް ވަނީ އަށްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ކްލަބް ތޮޅިހެލޭގެ 11 ނަންބަރު މައިސާން ވަނީ އެޓީމުގެ ނުވަވަނަ ލަނޑު ވެސް ކާމިޔާބުކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ކްލަބް ތޮޅިހެލޭގެ 80 ނަންބަރު ހައިޝަމް މުޙައްމަދު ޙަމީދެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ޓާގެޓް ފުޓްބޯޅަ ޓީމާއި އަލްސްޓްރައިކަރއެވެ.