
މިއީ ދިވެހިރާއްޖޭގެ ކުލަބަކުން މިފަދަ ތަމްރީނަކަށް ހޭންޑްބޯލް ކުޅުންތެރިން ފޮނުވި ފުރަތަމަ ފަހަރެވެ. މި ތަމްރީނުގައި ބައިވެރިވަނީ އެ ކުލަބަށް ނިސްބަތްވާ އަންހެން 3 ކުޅުންތެރިންނާއި އަދި ފިރިހެން 3 ކުޅުންތެރިންނެވެ.
މި މަހުގެ 6 އިން 12 އަށް ތައިލޭންޑްގެ ސްޕޯރޓްސް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނުގައި ކިޔަވައިދޭނީ އެ ޤައުމުގެ ސްޕޯރޓްސް ޔުނިވަރސިޓީގެ އެންމެ މަތީ ފެންވަރުގެ ކޯޗުންނެވެ.
އެ ކުލަބުގެ މި ހުވަފެން ހަޤީގަތަކަށް ހެދުމުގައި "ހޭންޑްބޯލް މޯލްޑިވްސް" އަދި ކުޅުންތެރިންގެ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން އެ ކުލަބުން ފާހަގަކުރެއެވެ.
މިއަދު ތައިލެންޑަށް ފުރި ބައެއް ކުޅުންތެރީން އެއާޕޯޓްގައި
މިއަދު މެންދުރުގެ ފްލައިޓުން އެ ކުޅުންތެރިން ތައިލޭންޑަށް ފުރާފައިވާ އިރު، އަންގާރަ ދުވަހުގެ ރޭ ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސްއިން ވަނީ އެ ކުޅުންތެރިންނާ ބައްދަލުކޮށް، ބެލެނިވެރިންނާއެކު އޮރިއެންޓޭޝަން ބައްދަލުވުމެއް ބާއްވައި ތަމްރީން 2 ކިޓާއި، ޓްރެވަލް ކިޓެއް ބައިވެރިންނާ ހަވާލުކޮށްފައެވެ. މި ބައްދަލުވުމުގައި، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙުމަދު އިސްމާޢިލް އާއި، ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަޙުމަދު މުޖުތަބާ ބައިވެރިވެ ވަޑައިގެން ކުޅުންތެރިންނާ މުޚާތަބު ކުރައްވާ މި ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފުމަށާއި ކުޅިވަރުގެ އަޚްލާޤް ހިފެހެއްޓުމަށް އިރުޝާދު ދެއްވާފައި ވެއެވެ.
ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް އަކީ 1996 އިން ފެށިގެން ތުޅާދޫގައި ހަރަކާތްތެރިވަމުން އަންނަ އަދި 2006 ގައި ރެޖިސްޓްރީކުރެވި މިއަދާއި ހަމައަށް އެތައް ކާމިޔާބީތަކެއް ރަށު ފެންވަރުގައި ހޯދާ، ތުޅާދޫގެ ނަން ޤައުމީ ފެންވަރުގައި ވިދުވަމުން އަންނަ ކުލަބެކެވެ. މި ކުލަބުންވަނީ ޤައުމީ ކެރަމް ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަމާއި މި އަހަރުގެ ކެރަމް ޤައުމީ މުބާރާތުގެ ރަނަރަޕްކަމާއި ޤައުމީ ފެތުމުގެ މުބާރާތުން ބްރޮންޒް މެޑަލް ވެސް ހޯދާފައެވެ. މީގެ އިތުރުން ހޭންޑްބޯލް ޤައުމީ މުބާރާތުގެ 2 ވަނަ ޑިވިޒަންގެ އަންހެން އަދި ފިރިހެން ދެ ޑިވިޒަންގެ ޗެމްޕިއަން ތަށި އެ ކުލަބުން ވަނީ އުފުލައިލާފައެވެ.