
"އެންމެ ފުރަތަމަ ކުޅުމުގެ ތެރެއަށް ވަނީ ސްކޫލު ދައުރުގައި. އޭރު އެކުވެރިންނާއެކު ރަށުތެރޭގައި ކުޅެ އުޅުނިން. ފަހުން ހުޅަނގުކޮޅު ކުލަބުގެ އެދުމަށް ކުލަބަށް ކުޅެންފެށީ" ފުޓްބޯޅަ ހަޔާތް ފެށްޓުނު ގޮތް ޝަފީޤު ބުނެދެއްވިއެވެ.
"އަޅުގަނޑުމެންގެ ކޯޗަކީ އާދަންބެ. އެއީ ހުސައިން އާދަމް. ހުޅަނގު ކޮޅު ޓީމާ އޭރު ހަވާލުވެ ހުންނެވީ އެ ކޯޗު. މުބާރާތަށް ތައްޔާރުވުމުގައި އެ ކޯޗުގެ އިރުޝާދު ވަރަށް ރަނގަޅަށް ލިބުނު. އެ ފަރިތަކުރުންތަކުން ގިނަ ކަންކަން ދަސްވި. އޭރު ލިބުނު ކާމިޔާބީތަކުގައި ކޯޗުގެ ދައުރު ވަރަށް ބޮޑު" ޝަފީޤު ފާހަގަކުރެއްވީ ކޯޗެއްގެ މުހިންމުކަމެވެ.
ޝަފީޤަކީ އަތޮޅު ފެންވަރުގައި ތުޅާދޫއަށް އެންމެ ފުރަތަމަ ތަށްޓެއް ހޯދައިދިން ތުޅާދޫ ޓީމުގެ ފަޚުރުވެރި ކުޅުންތެރިއެކެވެ. ގޯލާ ރައްޓެހި އިތުބާރު ފޯވާޑެކެވެ. 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫން ވިދާލި ކުޅުންތެރިއެކެވެ.
"އަތޮޅު މުބާރާތުގައި ވާދަކުރުމަށް ޓަކައި ތުޅާދޫ ސްޕޯޓްސް ކުލަބަށް ދެ އަހަރު ވެސް ކުޅުނިން. އޭދަފުށީގައި ކުރިއަށް ދިޔަ އެ ދެ މުބާރާތުގެ ޗެންޕިއަންކަން ދެ ފަހަރު ވެސް ހޯދިން. އެއީ ވަރަށް މަސައްކަތް. ޓީމެއްގެ ގޮތުގައި ކުޅެ ހޯދުނު ކާމިޔާބެއް" އަތޮޅު މުބާރާތުގައި އިދިކޮޅު ޓީމުތަކުގެ ގޯލަށް އެންމެ ނުރައްކާތެރި ހަމަލާތައް ފޮނުވާލެއްވި ޝަފީޤު ބުނުއްވިއެވެ.
ޝަފީޤު ގަބޫލުކުރައްވާ ގޮތުގައި މޮޅު ޓީމެއް ނެރެވޭނީ ރަނގަޅު ކޯޗެއް ހުރެގެން ގިނަ ދުވަހު މަސައްކަތް ކޮށްގެންނެވެ.
"ކޯޗެއްގެ އިރުޝާދު ހޯދައިގެން ގިނަ ދުވަހުގެ ތަމްރީނު ލިބިގެން ނޫނީ ރަނގަޅު ޓީމެއް ނުނެރެވޭނީ. ޓީމެއް އެކުލަވާލުމަށް ރަނގަޅު ކޯޗެއްގެ އިރުޝާދު ކޮންމެހެން ވެސް ލިބެންޖެހޭ. ގަޑިއަށް ފަރުވާތެރިވާން ޖެހޭ. ފިޓްނަސް ރަނގަޅު ކުރަންޖެހޭ. އަޅުގަނޑުމެން ކުޅުނު ދުވަސްވަރު މިކަންކަން ފުރިހަމަ ކުރިން" ޝަފީގު ބުނެދެއްވީ އޭނާ ގަބޫލުކުރައްވާ ގޮތެވެ.
ޝަފީޤު ބުނުއްވީ މިހާރު ތުޅާދޫގައި ކުރިއަށް ގެންދާ މުބާރާތް ރަނގަޅު ކަމަށާއި ނަމަވެސް އެ މުބާރާތް އިތުރަށް ފޯރި ގަދަކުރުމަށް ޓަކައި ރަށުން ބޭރު ޓީމުތަކަށް ވެސް ދަޢުވަތުދޭން ޖެހޭކަމަށެވެ.
"މިހާރު މުބާރާތް ކުރިއަށް ގެންދާ ގޮތް ވެސް ރަނގަޅު. ނަމަވެސް ފޯރި ގަދަވާނީ ކައިރީގެ ރަށްރަށުގެ ޓީމުތަކަށް ވެސް ފުރުޞަތު ދީގެން. އޭރުން އިތުރު ކުރިއެރުން ތުޅާދޫ ކުޅުންތެރިންނަށް ވެސް ލިބޭނެ. އާ ރޫހެއް ކުޅިވަރުގައި ލިބިގެންދާނެ." ޝަފީޤު އޭނާގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.
ޝަފީޤަކީ ތުޅާދޫން އުފެއްދި ކާމިޔާބު ފޯވާޑެކެވެ. ފުޓްބޯޅައަށް ލޯބިކުރެއްވި މޮޅު ކުޅުންތެރިއެކެވެ. ތުޅާދޫ ފުޓްބޯޅައާ މެދު އުންމީދުތަކެއް ގެންގުޅުއްވި ކުރީގެ ކުޅުންތެރިއެކެވެ.