
"ކުޅުމުގެ ތެރެއަށް ވަދެވުނީ ސްކޫލު ދައުރުގައި. ނަމަވެސް އޭރު އެހައި ބޮޑަކަށް އެކަމުގައެއް ނޫޅެން. އަސްލު ކުޅެންފެށުނީ ކުލަބުން ފުޓްބޯޅަ ކަންކަން ފެށި ހިސާބުން. ހުޅަނގުކޮޅު ކުލަބުގެ އެދުމަށް ކުލަބަށް ކުޅެންފެށީ. އެހިސާބުން ފުޓްބޯޅައަށް ލޯބިޖެހުނީ" ފުޓްބޯޅަ ހަޔާތް ފެށްޓުނު ގޮތް ދާއޫދު ބުނެދެއްވިއެވެ.
ދާއޫދަކީ އަތޮޅު ފެންވަރުގައި ތުޅާދޫއަށް އެންމެ ފުރަތަމަ ތަށްޓެއް ހޯދައިދިން ތުޅާދޫ ޓީމުގެ ފަޚުރުވެރި ދިފާޢީ ކުޅުންތެރިއެކެވެ. އިދިކޮޅު ޓީމުގެ ހަމަލާތައް މަތަކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް، ހުނަރުވެރި އަދި ހުޝިޔާރު ކުޅުންތެރިއެކެވެ. 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫ ސްޕޯޓްސް ކުލަބު ބައިވެރިވެފައި ވާއިރު އެ ޓީމު އޭދަފުށީގައި ކުޅުނު ހުރިހާ މެޗަކަށް އެރުއްވި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ.
"އަތޮޅު މުބާރާތުގައި ދެ އަހަރު ވެސް ކުލަބު ތަމްސީލުކުރިން. އެ ދެ މުބާރާތުގެ ޗެންޕިއަންކަން ދެ ފަހަރު ވެސް ހޯދިން. އަހަރެމެން ބަލިވީ ޒޯން މުބާރާތުގައި އޮޅުވެލިފުށްޓާ ދެކޮޅަށް ކުޅެގެން" ދާއޫދު ބުނުއްވިއެވެ.
ދާއޫދު ބުނުއްވީ ރަށު ފެންވަރުގައި ކުޅެވުނު އެކުވެރިކަމުގެ އެކި މެޗުތަކުގައި ވެސް ކުޅުއްވި ކަމަށެވެ.
"ރަށުގައި އޭރު ދޭތެރެ ދޭތެރެއިން މެޗުތައް ކުޅެވޭ. އޭރު މުބާރާތްތައް އެހައި ގިނައެއްކޮށް ނުބާއްވާ. އެގޮތުން ކުޅޭ މެޗުތަކަށް އަރަން. އެކި ފަހަރު މަތިން ކާމިޔާބުތައް ވެސް ލިބުނު" ދާއޫދު ބުނުއްވިއެވެ.
ދާއޫދުގެ ފުޓްބޯޅަ ހަޔާތް ނިންމަވާލެއްވީ ތުޅާދޫގައި އޭރު އޮތް ފުޓްބޯޅަ ދަނޑުގައި ސްކޫލު އިމާރާތް އަޅަން ފެށި ހިސާބުންނެވެ. " ތުޅާދޫގައި އޭރު އޮތް ދަނޑުގައި ވަރަށް ގިނައިން ކުޅުނިން. އެކަމަށް ހުންނަ ޝައުގުވެރިކަމުން ދޭތެރެ ދޭތެރެއިން ކުޅެން. ނަމަވެސް ފުޓްބޯޅަކުޅުން މުޅިން ހުއްޓާލީ އޭރު އޮތް ދަނޑުގައި ކުޅުން ހުއްޓާލި ހިސާބުން. ދެން އިތުރަށް ކުޅޭނެ ތަނެއް އޭރަކު ނެތް" ދާއޫދު ބުނެދެއްވީ ފުޓްބޯޅަ ހަޔާތް ހުއްޓުނު ގޮތެވެ.
ދާއޫދުގެ ދަރިފުޅު ނާއިލަކީ ރިސޯޓްތަކުގެ މެދުގައި ބާއްވާ ގިނަ މުބާރާތްކުގައި ކުޅޭ މޮޅު ކުޅުންތެރިއެކެވެ. މިހާރު ތުޅާދޫގައި ކުރިއަށްދާ ތުޅާ ފުޓްބޯޅަ މުބާރާތުގެ އެފް. ސީ ބިއްލޫރި ޓީމުގެ ކެޕްޓަނަކީ ވެސް ނާއިލްއެވެ.
ދާއޫދަކީ ތުޅާދޫން އުފެއްދި ކާމިޔާބު ދިފާޢީ ކުޅުންތެރިއެކެވެ. ފުޓްބޯޅައަށް ލޯބިކުރެއްވި ހުނަރުވެރިއެކެވެ. ތުޅާދޫ ފުޓްބޯޅަ ތާރީޚުގައި އަތޮޅު މުބާރާތުން ލިބުނު ފުރަތަމަ ތަށީގެ ހައްގުވެރިއެކެވެ.