ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
މީހުން

ތުޅާދޫގެ ފުޓްބޯޅަ ހަނދާންތަކުން އަދުގެ މެހުމާން : މުޙައްމަދު ޢުޘްމާން

އޭނާ މުޅިންވެސް ކުޅުއްވީ 10ނަންބަރު ޖާޒީގައެވެ. އާންމުކޮށް ކުޅުއްވީ ވާތްފަރާތު ވިންގަށެވެ. އަނެއް ބައެއް ފަހަރު ފޯވާޑަކަށެވެ. ތުޅާދޫ ސިލްވަރ ޝައިންކުލަބުން ބ.އަތޮޅު މުބާރާތުގައި ތަމްސީލުކުރި ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކީ ވެސް އޭނާއެވެ. އެއީ ތުޅާދޫ މަލާޒް، މުޙައްމަދު ޢުޘްމާނެވެ.

ޢުމުރުން 63 އަހަރުގެ މުޙައްމަދު ޢުޘްމާން ތުޅާދޫގެ ފުޓްބޯޅަ ދަނޑަށް ނުކުންނެވީ ސްކޫލު ދައުރުގައެވެ.

"އެއީ 1976ހާ ހިސާބުގައިހެން ހީވަނީ. އެ ދުވަސްވަރު ރަށުގެ އެކި ތަންތަނުގައި ފުޓްބޯޅަ ކުޅެ އުޅުނިން. ފަހުން ފުޓްބޯޅަ ދަނޑު ތައްޔާރުކޮށް ސްކޫލަށާއި ދެ ކުލަބަށް ދުވަސްތައް ކަނޑައެޅުމުން އެ ތަނުގައި ކުޅެމުން ދިޔައިން" މުޙައްމަދު ބުނުއްވިއެވެ.  

މުޙައްމަދަކީ ރަށު ފެންވަރުގައި ކުޅެވުނު ވަރަށް ގިނަ އެކުވެރިކަމުގެ މެޗުތަކުގައި ތުޅާދޫ ތަމްސީލު ކުރެއްވި ކުޅުންތެރިއެކެވެ.

"އެ ދުވަސްވަރު ވަރަށް ގިނަ މެޗުތައް ކުޅެވުނު. އެންމެ ގިނައިން ކުޅުނު ހަނދާންވަނީ ތޮއްޑޫގެ ޓީމުތަކާ ދެކޮޅަށް. ތޮއްޑޫއާއި ތުޅާދޫއަކީ ވަރަށް ގުޅުން ބޮޑު ދެރަށް. އެހެންވެ އޭރު ވަރަށް ގިނައިން އެ ރަށަށް ތުޅާދޫ މީހުން ގޮސް ހަދާނެ. އެހެން ދާ ވަރަށް ގިނަ ފަހަރުތަކުގައި އެ މީހުންނާ ދެކޮޅަށް މެޗުތައް ކުޅުނީން" މުޙައްމަދު ބުނުއްވިއެވެ.

މުޙައްމަދު މާލޭގައި ވަޒީފާ އަދާކުރެއްވި ދުވަސއްވަރު ވިކްޓަރީގެ ދެ ނަންބަރު ޓީމުގެ ޕްރެކްޓީސްތަކުގައި ވެސް އޭނާ ބައިވެރިވެލެއްވިއެވެ.

"މާލޭގައި ދުވަސްކޮޅަކު މަސައްކަތް ކުރިން. އެ ދުވަސްވަރު ވިކްޓަރީގެ 2 ނަންބަރު ޓީމުގެ ފަރިތަކުރުންތަކަށް ދިޔައިން. ދެ ފަހަރަކު ބެންޗަށް ލައްވާލި. ނަމަވެސް ކަންދިމާކުރި ގޮތުން އެ ދުވަސްވަރު އަތޮޅު މުބާރާތް އޮންނަ އަޑު ފެތުރި ރަށަށް އަންނަހިތްވެގެން އިތުރަށް އެ މީހުންނާއެކު ކުރިއަކަށް ނުދެވުނު" އެ ދުވަސްވަރު ކަންތައް ވީ ގޮތް މުހައްމަދު ބުނެދެއްވިއެވެ.

މާލޭގައި ހުންނެވި މުޙައްމަދު ދެން ވިސްނެވީ ރަށުގެ ކުލަބު ޓީމަށް ކަމެއް ކޮށްދެއްވޭނެ ގޮތެކެވެ. އެގޮތުން ރަށަށް ދުރުވާ އިރު ރަށު ޓީމަށް ބޭނުންވާ މެޑިކަލް ކަންކަން ހަމަޖެއްސޭނެ ގޮތެއް އޭނާ ހޯއްދެވިއެވެ.

"އޭރު ކުޅޭ އިރު ވަރަށް ބޮޑަށް އަނިޔާވޭ. އެހެންވެ ވިސްނީ ފަރުވާއަށް ބޭނުންވާ ތަކެތި ހޯދުމަށް. އޭރު މާލޭގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ޓަކައި ޗައިނާ މީހުން މާލެ އައިސް މާލޭ ދެކުނު ކޮޅުގައި ޓެންޓް ޖަހައިގެން އުޅުނު. އެ މީހުންނަށް ބޭނުންވާ ތަރުކާރީއާއި މޭވާ ކަހަލަ ތަކެތި ނަގަނީ އަހަރެން މަސަތްކަން ކުރަމުން ދިޔަ ތަނުން. އެ މީހުންގެ އުސޫލު ހުންނަ ގޮތުން އަހަރެމެންގެ އަތުން ނަގާ ތަކެތި އެ ތަނުގައި ހުންނަ ޑޮކްޓަރު އެޕްރޫވްކުރޭ. އެ ތަނުން އަހަރެންނާ އެ ޑޮކްޓަރާ ގާތްކަމެއް އުފެދިފައިވޭ. އެހެންވެ އަހަރެން އެދުނިން އެފަދަ އެހީތެރިކަމެއް ދިނުމަށް" ކުޅިވަރުގެ ލޯބީގައި އެ އެދިލެއްވި ކަންތަކަށް އެ ޑޮކްޓަރު ދެއްވީ ދީލަތި އިޖާބައެކެވެ.

މުޙައްމަދު ރަށަށް ދުރުވީ ފުޅިމަދު ތިން ފޮށިގަނޑުގައި އެކި ކަހަލަ ބޭސްތަކާ އެކުގައެވެ. މުބާރާތް ނިމެންދެން އެ ބޭސްތަކުންގެ އެހީތެރިކަން ކުޅުންތެރީން ހޯދިއެވެ. އެކަމަށް އިތުރު ޚަރަދެއް ކުރާކަށް ނުޖެހުނެވެ.

މުޙައްމަދަކީ 1986ވަނަ އަހަރާއި 1988ވަނަ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އަތޮޅު މުބާރާތާއި ދެވަނަ އަތޮޅު މުބާރާތުގައި ތުޅާދޫ ސިލްވަރ ޝައިން ކުލަބު ތަމްސީލުކުރެއްވި ކުޅުންތެރިއެކެވެ.

"ދެ އަހަރު ވެސް ކުޅުނިން. އެ ދުވަސްވަރަށް ބަލާ އިރު އެ ލިބުނު ނަތީޖާ ރަނގަޅޭ ބުނެވޭނީ. ދެ މުބާރާތުން ވެސް ކުލަބަށް 3ވަނަ ލިބުނު" އެ މުބާރާތްތަކުގައި ދެ ލަނޑު ޖެއްސެވި މުޙައްމަދު ބުނުއްވިއެވެ.

ފުޓްބޯޅަ ދަނޑުން އެކިވަރުގެ އަނިޔާތައް މުޙައްމަދަށް ލިބިލެއްވި އިރު އަތޮޅު މުބާރާތުގެ ދެ މެޗެއް އޭނާ ފާހަގަ ކުރެއްވިއެވެ.

" އަތޮޅު މުބާރާތުގައި ފުރަތަމަ ކުޅުނު އަހަރު މުބާރާތް ނިމެން ދަނިކޮށް ފައިގެ ހުޅު ނެއްޓުނު. ދެން ޖެހުނީ ކިނޮޅަހަށް ގޮސް ބޭސްކުރަން. އަނެއް ހާދިސާއަކީ ޒޯން މުބާރާތުގައި ކުޅުންތެރިއަކު ރުޅިއައިސްގެން ވެއްޓިފައި އޮވެގެން އަހަރެންގެ ފައިގެ ފަލަމަސްގަނޑުގައި ދަތްއެޅި ހާދިސާ. ނަމަވެސް އެދުވަހު ފަހުން ކުޅުނިން" ޢުމުރުން 23 އަހަރުގައި ކެޕްޓަން ބޭންޑު އަޅުއްވައިގެން ކުޅުއްވި މުޙައްމަދު އާ ކުރެއްވީ މާޒީގެ ބައެއް ހަނދާންތަކެވެ.

މުޙައްމަދަކީ ފުޓްބޯޅައަށް ލޯބިކުރެއްވި އެ ރޫޙުގައި މަސައްކަތް ކުރެއްވި ތުޅާދޫގެ ޚިދުމަތްތެރިއެކެވެ. އެ ޚިދުމަތުގެ މާޒީ މިއަދާ ބައްދަލު ކުރި އިރު މުޙައްމަދު އެންމެ އުފާވެލެއްވި އެއް ދުވަސް ބައްދަލުކުރީ ދާދި ފަހުންނެވެ.

"ހަގީގަތުގައި ފުޓްބޯޅަ ހަޔާތުގައި އަހަރެން އެންމެ އުފާވީ ތުޅާދޫގެ އާ ދަނޑު ހުޅުވުނު ދުވަހު. އެ ދުވަހު އެ ދަނޑުގައި ކުޅެލެވުމުން ހިތަށް ޖަމާވި އިހުސާސްތަކުން ކަރުނަ ހިލުނު. ވާހަކަދައްކަން ވެސް ކުޑަކޮށް އުނދަގޫވި. އެ ދުވަހު ހިތަށް އެރީ އަހަރެމެން ކުޅުނު ޒަމާނުގައި ވެސް މިފަދަ ދަނޑެއް އޮތް ނަމައޭ" މުޙައްމަދު ފަދަ ތުޅާދޫގެ ދުވަސްވީ ތަރީންނަށް ލިބިލެއްވި ހިތްހަމަޖެހިމަކީ އެތައް އަހަރެއް ވަންދެން ލިބިނުލައްވައި އޮތް ދަނޑެއްގެ އުފާ އެތައް އަހަރެއް ފަހުން ނަމަވެސް ލިބިލެއްވުމެވެ.  

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ދާއޫދުބެގެ ދެމަފިރީންގެ ދީލަތި ދަތުރު
14 hours ago 0 Comments
ގާޒީ އުސްމާނު : އާއިލީގުޅުމުގެ ނަމޫނާ
1 week ago 0 Comments
ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެކުނުކަންމަތިން ހޯދައިފި
2 weeks ago 0 Comments
ތުޅާދޫ ޔަންގް އީގަލް – ހޭންޑްބޯޅައިގެ އެހީތެރިޔާ
2 weeks ago 0 Comments