
އޭރުވެސް ދަރިވަރުންގެ ލޯބި އޮހެއެވެ. މިހާރު ވެސް އެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ދަރިވަރުންނާ އޮންނަ ގާތްކަމުން ބެލެނިވެރީންގެ ހިތްތަކުން ޚާއްޞަ ޖާގަ އޮންނަނީ އެ ޓީޗަރަށް ކަށަވަރުވެފައެވެ. މިއީ ޓީޗިން ތަމްރީނު ކޯސް ހައްދަވައިގެން ތުޅާދޫ ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދެއްވަން ފެއްޓެވި އަންހެން ޓީޗަރު، ތުޅާދޫ ސޯސަންމާގޭ ޢާއިޝަތު ޢަލީ ސިފަކޮށްލެވިދާނެ އެންމެ ފަސޭހަ ގޮތެވެ.
ޢާއިޝަތު އަލީއަކީ ބ. ތުޅާދޫ ސޯސަންމާގޭ އަލީ މޫސާއާއި އާމިނަތު ޔޫސުފަށް ލިބިލެއްވި 9 ކުދީންގެ ތެރެއިން 7 ވަނައަށް ލިބުނު ދަރިފުޅެވެ. މި ވަގުތު ދުނިޔޭގައި ތިއްބެވި 4 ކުދީންގެ ތެރެއިން 2 ވަނައަށް އެންމެ ދޮށީ ދަރިފުޅެވެ. ޅަފަތުގެ ތަޢުލީމު ބ. ތުޅާދޫ މަކުތަބުލް ހިދާޔާގައި ހާޞިލު ކުރެއްވުމަށް ފަހު ޢުމުރުން އެންމެ 12 އަހަރުގައި ރަށް ދޫކުރައްވާ ޢާއިޝަތު ޢަލީ ވަނީ ތަޢުލީމު ޙާޞިލުކުރެއްވުމަށް މާލޭއަށް ބަދަލުވެލައްވާފައެވެ.
" ކިޔެވުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާކަމެއް. އެހެންވެ މާލެއިން ތަޢުލީމު ހާޞިލުކުރާން ބޭނުންވީ. އޭރު ރަށަކު ވެސް ގްރޭޑްތަކެއް ނުހުރޭ. އޭރު ބައްޕަމެންގެ ރައްޓައްސެއްގެ އެހީތެރިކަމާއެކު މާލެދެވޭ ގޮތްވީ. އަޅުގަނޑު ކިޔަވާހިތުން އުޅޭތީ ބައްޕަމެން ވެސް ބޭނުންވީ އަޅުގަނޑު މާލެ ފޮނުވަން. އޭރު މާލޭގައި ކިޔަވަމުން ދިޔައީ އުޑުވިލާގެއާއި ވެލަނބުލި ގޭގައި ހިންގިޚާއްޞަ ކުލާސްތަކުގައި. އޭރު ކިޔެވީ ސަނަދަށް. އަޅުގަޑު އޭރު މާލޭގައި ކިޔަވަން ހުރި ގޭގެ ދެމަފިރިންނަކީ ވެސް އެސް.އީ.ސީގެ ދެ ޓީޗަރުން. އެ ޢާއިލާގައި ވެސް ވަރަށް ގިނަ ޓީޗަރުން އުޅުއްވާ އެހެންވެ ޝައުޤު އުފެދުނީ ހެން ހީވަނީ. ދެން ޓީޗަރަކަށް ވާހިތްވީ. އެހެންވެ މާލޭގައި ކިޔަވަން އުޅެފައި ޓީޗަރު ޓްރޭނިންގ ކޯސް ހަދާން ނިންމީ" ޓީޗަރަކަށް ވެލެއްވުމުގެ ޝައުގުވެރިކަން އުފެދުނު ގޮތް ޢާއިޝަތު ޢަލީ ހިއްސާ ކުރެއްވިއެވެ.
ޢާއިޝަތު ޢަލީ ނުވަތަ ޢާއިޝަތު ޢަލީ ޓީޗަރު ތަޢުލީމީ ޚިދުމަތުގެ ދާއިރާއަށް ވެންނެވީ ޓީޗިން ތަމްރީނު ކޯސް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. 1985 ވަނަ އަހަރު ޓީޗަރުން ތަމްރީނު ކުރާން އައިޓީން ހިންގި ޕްރައިމަރީ ޓީޗިން ކޯސް ނިންމެވި ހިސާބުންނެވެ. މި ކޯސް ފުރިހަމަ ކުރެއްވުން ވެގެން ދިޔައީ އަމިއްލަ ރަށުގެ ތަޢުލީމަށް ޚިދުމަތް ކުރައްވާން ޢާއިޝަތު ޢަލީ ޓީޗަރަށް ލިބިލެއްވި ވަރަށް ފަހި ފުރުޞަތަކަށެވެ. ނަމަވެސް އެ ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ޚިދުމަތަށް ނުކުންނަވާން ޖެހުނީ އެހެން ރަށަކަށެވެ.
"އޭރު ކަންތައްތައް ހުންނަ ގޮތުން ކިޔަވާ ނިންމާލުމަށް ފަހު ޚިދުމަތަށް ނުކުންނާނެ ތަން އަމިއްލައަކަށް ކަނޑައެއް ނޭޅޭ. އެ މީހަކު ދާން ޖެހެނީ ސަރުކާރުން ކަނޑައަޅާ ތަނަކަށް. އެގޮތުން އެންމެ ފުރަތަމަ ފޮނުވީ އޭދަފުއްޓަށް. އަބްސީއާއެކު އެ ރަށު ސުކޫލުގައި ކިޔަވައިދެމުން ދިޔައީ. އެ އަހަރު ނިމުމަކާ ހިސާބުން ފުރަތަމަ ދަރިފުޅު ވިހަން ރަށަށް އައީ. އެ ހިސާބުން ބޭނުންވީ އަމިއްލަ ރަށަށް ބަދަލުވާން. ނަސީބު ރަނގަޅުކަމުން އެ ފުރުޞަތު ލިބުނު. އެ ހިސާބުން ރަށަށް ޚިދުމަތް ކުރާން ފެއްޓުނީ" ޢުމުރުން 21 އަހަރުގައި ތުޅާދޫ ސްކޫލަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުޞަތުގެ ހަނދާން ޢާއިޝަތު ޢަލީ އާކޮށްލަދެއްވިއެވެ.
ޢާއިޝަތު އަލީ ޓީޗަރު އެންމެ ފުރަތަމަ ކިޔަވައިދެއްވި ބެޗުގެ ދަރިވަރުންގެ ހަނދާންތައް މިއަދު ވެސް އާކުރައްވައެވެ. އެ މަސައްކަތުގެ ތެރެއަށް ފީނާގަނެވުނު ގޮތުގެ މަންޒަރުތައް އިއްޔެއެކޭ އެފަދައިން ކުރައްސަވައެވެ.
އައިޝަތު ޢަލީ ތަމްރީނު ހެއްދެވުމަށް ފަހު ފުރަތަމަ ކިޔަވައިދެއްވި ބެޗްގެ ދަރިވަރުން
" މިހާރު ވެސް ހަނދާން އެބަހުރި އެންމެ ފުރަތަމަ ކިޔަވައިދިން ބެޗްގެ ދަރިވަރުންގެ ހަނދާން. އެ ތުއްތު ކުދީން މިއަދު އެ ތިބީ ބޮޑެތިވެފައި. ދިރިއުޅުން ފަށާފައި. އެ ކުދީންގެ ދަރީންނަށް ވެސް ކިޔަވައިދިނުމުގެ ފުރުޞަތު ލިބުން އެއީ އިތުރު އުފާވެރި ކަމެއް. ކުދީންތަކެއް 5 އަހަރު ވަންދެން ގެންގުޅުމުން އެ ޖެހޭ ލޯތްބަކީ ކިހާ ވަރެއްގެ ލޯތްބެއްކަން މިއަދު ވެސް އަޅުގަނޑަށް އިހުސާސް ކުރެވޭ. އެ ތަޖުރިބާއަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ތަޖުރިބާއެއް ނޫން. ޓީޗިން ކޯސް ހަދާފައި ހުރުމުން އޭރު ކިޔަވައިދޭން ފެށީ އެ ލިބުނު މަޢުލޫމާތާއި ހުނަރާއެކު. އޭރު 8 މާއްދާ ކިޔަވައި ދެމުން ދިޔައީ އެކަނިމާއެކަނި" 1988 ވަނަ އަހަރު، ތުޅާދޫ ސްކޫލުގައި ކުރެވުނު ފުރަތަމަ ތަޖުރިބާއިން ބައެއް ޢާއިޝަތު ޢަލީ ޓީޗަރު ބުނެދެއްވިއެވެ.
" އޭރު ޕީއީ ގަޑި ވެސް ނަގައިދެމުން ދިޔައިން. ބައެއް ފަހަރު މަގުމައްޗަށް ކުދީންތައް ނެރެގެން އެކަން ކުރަނީ. އެގޮތަށް ނެރޭ އިރު ބައެއް ފަހަރު ބެލެނިވެރީން ކުޅިބަލާން ތިބޭ. އެ މީހުންގެ ދަރީންނަށް ހިތްވަރުދީ ވެސް ހަދާ. އެ ކަންކަމުން އަޅުގަނޑަށް ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ"
ޢާއިޝަޢތު ޢަލީގެ 34 އަހަރުގެ ތަޢުލީމީ ތަޖުރިބާއަކީ އޭގައި ރަށު ވިންދު ޖަހައި ތަޖުރިބާއެކެވެ. ރަށުވަންތަކަމާއި ރަށަށް ކުރިއެރުން ހޯދައިދެއްވުމަށް ޓަކައި ވެލެއްވި ގުރުބާނީ އޭގައި ހިމެނޭ ތަޖުރިބާއެކެވެ.
"ތުޅާދޫ ސްކޫލުގެ އިއްޔެއާއި މިއަދުގެ ތަފާތުތަކެއް ފެންނަން އެބަހުރި. އަޅުގަނޑު ކިޔަވާދޭން ފެށި ދުވަސްވަރު ދަރިވަރުން ސްކޫލާ ގުޅޭ ފެންވަރާއި މިއަދު ދަރިވަރުން ގުޅޭ ފެންވަރު ތަފާތު. އޭރު ދަރިވަރުންނަށް އަކުރުތައް ދަސްކޮށްދިނުމަކީ އެންމެ ބޮޑު އެއް މަސައްކަތް. އެއީ އެ ކަމަށް ހުރިހާ ވަގުތެއްހެން ހޭދަވާ ކަހަލަ ކަމެއް. ނަމަވެސް މިއަދު ދަރިވަރުން ސްކޫލާ ގުޅޭއިރު ވެސް ގިނަ ދަރިވަރުންނަށް ހުންނަނީ އަކުރުތައް ދަސްވެފައި" އިއްޔެއާއި މިއަދުގެ ތަފާތު ޢާއިޝަތު ޢަލީ ޓީޗަރު ފާހަގަކުރެއްވީ ހަމައެކަނި ކިޔަވައިދިނުމުގެ ތެރެއަކުންނެއް ނޫނެވެ. ތަރުބިއްޔަތުގެ ތެރެއިން ވެސް ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެއްވިއެވެ.
" އިއްޔެގެ ދަރިވަރުންގެ އަޚުލާޤަކީ ވެސް ފާހަގަ ކުރާންޖެހޭ ކަމެއް. ޙަޤީގަތުގައި ވެސް ތުޅާދޫ ސްކޫލަކީ އަޚުލާޤަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ސްކޫލެއް. ދަރިވަރުންގެ އެ އަޚުލާޤުގެ ރީތިކަން ދެމެހެއްޓީ ހަމައެކަނި ޓީޗަރުންނެއް ނޫން. އެއީ ބެލެނިވެރީންގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ކުރެވުނު މަސައްކަތެއް. އޭރު ދަރިފުޅުގެ ކަންކަން ސީދާ ޓީޗަރަށް ރިޕޯޓުކޮށް، އެ ކުދީން އުޅޭ ނޫޅޭގޮތް ބެލެނިވެރީން ހިއްސާކުރޭ. މުދައްރިސުންނަށް ޚާއްޞަ ގަދަރެއް ކުރޭ. ބެލެނިވެރީން ވެސް މުދައްރިސުންނަށް ޚާއްޞަ ގޮތްތަކެއް ބަހައްޓަވާ. ނަމަވެސް އެ ކަންކަމަށް ފަހުންފަހުން ބަދަލުތަކެއް އަންނަން ފެށި. އެއާއެކު އިޙުތިރާމް ކުރުމުގެ ގޮތްތައް މަޑުމަޑުން ފަނޑުވާން ފެށި. މި ބައި ބޮޑަށް ފާހަގަ ކުރެވުނީ ބިދޭސީ ޓީޗަރުން އެންމެ ގިނަ ދުވަސްވަރު. ނަމަވެސް މިހާރު އަނެއްކާ ވެސް ރަނގަޅުވަމުން އަންނަ ކަމަށް ގަބޫލުކުރެވެނީ"
ޢާއިޝަތު ޢަލީ ތަޢުލީމީ ޚިދުމަތުގައި ހޭދަކުރެއްވި ކާމިޔާބު ދުވަސްތައް ހޭދަކުރެއްވީ އެކަމުގެ ހުނަރާއި ފަންނު ތާޒާކުރެއްވުމާއެކުއެވެ. އެގޮތުން 1999 ވަނަ އަހަރު މޯލްޑިވްސް ކޮލެޖު އޮފް ހަޔަރ އެޑިއުކޭޝަނުން ހިންގި އެޑްވާންސްޑް ޓީޗިންގ ދިވެހިކޯސް ފުރިހަމަ ކުރެއްވިއެވެ. އަދި 2012 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގި ދިވެހި ޑިޕްލޮމާ ޓީޗިންގ ކޯސް ވެސް ފުރިހަމަ ކުރެއްވިއެވެ. މި ޚިދުމަތުގައި ޢާއިޝަތު ޢަލީ މުޅި ހަޔާތް ގުރުބާން އެ ކުރެއްވީ ރަށުގެ ތަޢުލީމަށް ޓަކައެވެ. އަމިއްލަ ދިރިއުޅުމުގައި ދިމާވި ބޮޑު ޒިންމާއާ ރައްކާތެރިވެގެންނެވެ.
އައިޝަތު ޢަލީ : ސްކޫލުގެ ޙަރަކާތެއްގެ ތެރެއިން
" ހަގީގަތުގައި މި ކަމުގައި މި ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަސްތަކެއް. ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ދިޔަ ދުވަސްތަކެއް. އަޅުގަނޑުގެ އެއްކުއްޖަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް، އެ ޒިންމާއަކީ އަބަދުވެސް ބޮލުގައި އޮންނަ ޒިންމާއެއް. ކުޑައިރު ދަރިން ބެލުމުގައި ދޮންތަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ދޮންތަ މި ދުނިޔެއާ ވަކިވަންދެން ވެސް ދަރިންގެ ކަންކަން ވަރަށް ގާތުން ބެލި. ދޮންތައަށް ހެޔޮ ރަޙުމަތް ލައްވާށި! ޚާއްޞަ އެހީ އަށް ބޭނުންވާ ކުއްޖަކު ބަލަމުން ޓީޗަރެއްގެ ބުރަ މަސްޢޫލިއްޔަތު މިގޮތަށް އަދާ ކުރެވުނީތީ ވެސް ހިތް ހަމަޖެހޭ. އަދި މައިންބަފައިންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ވެސް ވަރަށް ބޮޑު ހިތްވަރެއް. ދެފަރާތު ޢާއިލާގެ ފަރާތުން ވެސް ވަރަށް ބޮޑުއެހީތެރިކަމެއް ލިބުނު. މި ފުރުޞަތުގައި ޢާއިލާގެ މެންބަރުންނަށް ޝުކުރު އަދާކުރަން. ޚާއްޞަކޮށް އޭރުގެ ނާޒިރު އަޙުމަދު މުޙައްމަދު (ކުޑައަހަންމަދު) ގެ އެހީތެރިކަން މިފުރުޞަތުގައި ފާހަގަކުރަން" ޢާއިޝަތު ޢަލީ ފާހަގަކުރެއްވީ ޚިދުމަތުގައި އުޅުއްވަން ޖެހިލެއްވި ގޮތެވެ. ހަގީގަތު ވެސް ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކަށް ފުރިހަމަ ލޯބި ދެއްވަމުން ޓީޗަރެއްގެ ފުރިހަމަ ޒިންމާ އަދާކުރެއްވުމަކީ ކުޑަކަމެއް ނޫނެވެ. ސްކޫލަށާއި ދަރިވަރުންނަށް ވަގުތު ދެއްވުމަކީ ކުޑަ ޤުރުބާނީއެއް ވެސް ނޫނެވެ. މިކަމުގައި އެހާ ގިނަ ދުވަހު ދެމިހުންނެވުމުގެ އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރު ދެއްވީ ލޯބިވާ ފިރިކަލުންކަން ޢާއިޝަތު ޢަލީ ފާހަގަ ކުރެއްވިއެވެ.
" ހަގީގަތުގައި ކިޔަވައިދިނުމުގައި މި ހޭދަކުރެވުނު ދިގު ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ފިރިކަލުންގެ ފަރާތުން. އެ އެއްބާރުލުން ނުދެއްވާނަމަ މިކަމެއް ނުވީސް. ޢުމުރުން 19 އަހަރުގައި ޓީޗިން ކޯސް ފަށާ ކޯސް ނިންމުމަށް ފަހު ޢުމުރުން 21 އަހަރުން ފެށިގެން މި އުޅެވުނީ ތަޢުލީމީ ޚިދުމަތުގައި. ޚާއްޞަކޮށް ރަށުގެ ތަޢުލީމީ ކަންކަމުގައި. މިއަދު ދެން ބޭނުންވަނީ މި ކަމާ ދުރަށް ޖެހިލަން. މިހެން ބުނާއިރުވެސް ހިތަށް ތަދުވޭ. ސްކޫލު މަތިން ހަނދާންވޭ. މާޒީގެ ދުވަސްތައް ތަކުރާރުވޭ. އެކަމަކު އާ ބަޔަކަށް ފުރުޞަތު ދިނުމަކީ ވެސް ބޭނުމެއް. ޒަމާނީ އާ ވިސްނުންތަކަށް ޖާގަ ވެސް ދޭންޖެހޭ. އެހެންވެ ވިސްނުމަކީ ރަސްމީ ތަޢުލީމުގެ ޚިދުމަތާ ވަކިވުން" ޢާއިޝަތު ޢަލީގެ ތަޢުލީމީ ދިގު ދަތުރު ނިންމަވާލައްވާކަން ހާމަކުރެއްވިއެވެ. އެއާއެކު ދެން ދެއްވީ އިތުރު ޚަބަރެކެވެ.
" ސްކޫލު ޙަޔާތާ ވަކިވި ނަމަވެސް ކިޔަވައި ދިނުމުގެ ދާއިރާއާ މުޅިން ވަކިވުމުގެ ޚިޔާލެއް ނެތް. ކުދިބަޔަކަށް ކިޔަވައި ދިނުން ކަހަލަ ކަމެއް އިރާދަކުރެއްވިއްޔާ ކުރާނަން. ދަސްވެފައި ހުރި އެއްޗެއް އުނގަންނައިދިނުމަކީ އަބަދުވެސް ކުރާހިތްވާ ކަމެއް. ނަމަވެސް އެހާ ބުރަކޮށް އުޅުމަކީ ދެން ބޭނުންވާ ގޮތެއް ނޫން. މިއަދު ގޭތެރެއަކީ ވެސް އިތުރު ދިރުމެއް. ބަގީޗާ ގަސް ހެއްދުމަކީ ވެސް އިތުރު ދިރުމެއް. މިއަދު އެންމެ ބޮޑު އުފަލަކީ މާމަ ކުދީން. އެކުދިންނާއެކު އުޅުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން. ބޭނުންވަނީ އިއްޔެގެ ތަޖުރިބާ މާމަކުދީންނާ ހިއްސާކުރުން. އިއްޔެގެ ބޯގޭނުމާއި ވިސްނުމާ ދުރަށް ޖެހިލައި ގޭތެރޭގެ ހިތްހަމަ ޖެހުން ހޯދުން" ބަގީޗާގަސް ހެއްދުމަށް ޝައުގުވެރިވެލައްވާ ޢާއިޝަތު ޓީޗަރު ބުނުއްވިއެވެ.
ޢާއިޝަތު ޢަލީގެ ޙަޔާތުން ފެންނަނީ ފޮނި އުންމީދެވެ. އުމުރުން 21 އަހަރުގައި ފެއްޓެވި މަސައްކަތް އެ ނިންމަވާލައްވަނީ އޭގެ ހިތްހަމަޖެހުން ހޯއްދަވަމުންނެވެ. މި ހިތްހަމަޖެހުން މިއަދު ގުޅިފައިވަނީ އާއިލީކަންކަމާއެވެ. އިއްޔެ ސްކޫލަށް ދެއްވި ވަގުތުތައް މިއަދު ގުރުބާން ކުރައްވަން ބޭނުންވެލައްވަނީ ޚާއްޞައެހީ އަށް ބޭނުންވާ ދަރިފުޅަށާއި، މާމަކުދީންނަށެވެ. އާއިލީ ކަންކަމަށެވެ. އަމިއްލަ ދިރިއުޅުމަށެވެ.
ޢާއިޝަތު ޢަލީގެ އަމިއްލަ ދިރިއުޅުއްވުން ވެސް ފިސާރި ކާމިޔާބެވެ. ޓީޗިން ކޯސް ހެއްދެވި ތުޅާދޫގެ ފުރަތަމަ ޓީޗަރާ ކައިވެނިކުރައްވައި 4 ކުދީން ލިބިލެއްވިއެވެ. އެއް ކުއްޖަކު ވަނީ މާސްޓަރސް ހައްދަވާފައެވެ. އަނެއް ކުއްޖަކު ވަނީ ޕޯސްޓްގެރެޖުއެޓް ޓީޗިންގ ހާޞިލުކުރައްވާފައެވެ. އަމިއްލަ ވިޔަފާރި ވެސް ވަނީ ފައްޓަވާފައެވެ. ޢާއިޝަތު ޢަލީ ޓީޗަރު ގަބޫލުކުރައްވާ ގޮތުގައި ލިބިލެއްވި އެންމެ ބޮޑު ކާމިޔާބަކީ ބެލެނިވެރިންގެ ފަރާތުން ލިބުނު ތަޢުރީފާއި ހިތްވަރުގެ ބަސްތަކެވެ.
އައިޝަތު ޢަލީ: އާއިލައާ އެކު
" އުގަންނައިދިނުމުގެ ޙަޔާތުން ލިބުނު އެންމެ ބޮޑު އުފަލަކީ ދަރިވަރުންނާއި ބެލެނިވެރީންގެ ލޯބި. އެއީ ނިމުމެއް ނެތް ލޯތްބެއް. އަބަދަށް ދެމިގެންދާނެ ލޯތްބެއް." ޢާއިޝަތު ޢަލީގެ ތަޢުލީމީ ލޯބީގައި ސިއްކަ އެ ޖައްސަވަނީ ހިތްމަޖެހުން ހޯއްދަވަމުންނެވެ. އެ ލޯތްބަށް ރުހިގެންނެވެ. އެ ލޯބީގައި އިތުރު ކުރިތަކެއް ފަޅާނެ މުޑުވައްތަކެއް އިންދަވައިދެއްވުމަށް ފަހުއެވެ.