![](https://thulhaadhootimes.com/ads/banner_0101.jpg)
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދާއިރު، ކޮންމެ ރެއަކު ވެސް ރައީސް އާއި ކުރީގެ ރައީސް އިބޫއާ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރައްވަ އެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ހަމަލާތައް ރައްދު ކުރައްވަނީ މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ މައްސަލާގަ އެވެ.
މިރޭ މާލޭގައި އޮތް ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވައުދުވެފައިވާ ގޮތަށް ގޯތި ލިބުނު އެންމެންނަށް އެމީހެއްގެ ގޯތި ހަވާލު ކުރަމުންދާނެ ކަމަށާއި ކުރީ ސަރުކާރުން ހެދިހެން ރައީސް އޮފީސް ތެރޭ ވަކި ލިސްޓެއް ހަދައި ގޯތިތައް ދޫކުރަމުން ނުދާނެ ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި އެބޭފުޅުން އެކަން ކުރި ގޮތް. އެ ބޭފުޅުން ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ، އެކަން ނޫންތޯ އޭސީސީއިން އެބަލަނީ. އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން ވެގެން އެބަ އުޅެއޭ، ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަން ނުކުރެވިގެން އުޅެނީއޭ ކިޔައިގެން ދައްކަނީ ހުސް ބުހުތާނު ދޮގު،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް "ނުހައްގުން ބަހާނުލެވި އޮތީ" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުން ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ފަސް އަހަރެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރަން ލިބުމަކީ ހިތްޕުޅަށް އަރާވަޑައިގަންނަވާ ގޮތަކަށް އިތުރުފުޅު ހަދަން ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. އެއަށްވުރެ އިހްލާސްތެރި އަދި ތެދުވެރިވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވާއިރު ތެދު ބަހުން ވާހަކަ ދައްކަން ޖެހޭނީ ކޮންމެ ބޭފުޅަކު ވެސް. އޮޅުވާލެވިދާނެ. ދޮގު ހެދިދާނެ. އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން އަބަދުވެސް ވާކަން ހަނދާން ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ގޯއްޗެއްގައި އަތެއް ނުލާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ގޯތިތައް އަވަހަށް ދޫކުރުމަށް ކަމަށެވެ. ހުޅުމާލެ ފޭސް 3 އަކާއި ގުޅީފަޅާއި ގިރާވަރުފަޅު ވެސް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ސަރުކާރުން ހިއްކަން ނިންމި ވަރަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ. އަދި ހުޅުމާލެ އިން ދީފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށާއި އަސާސީ ހިދުމަތް ދޭން އަޅާފައިވާ ސާވިސް ލައިންއަށް އަރާ ގޯތިތައް ދޫކުރުމަށް އެތަންތަން ރީލޮކޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.