ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި

2022 އާއި 2023ގެ އޯ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތު އެވަނީ ނިމިފައެވެ. އެ ރަސްމިއްޔާތުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި 867 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގައި ހިމެނި މެދު އުޑުގައި ބަބުޅަންފަށާފައެވެ. އެރޭ، އެ ފަޚުރުވެރި އުޑުގައި ތުޅާދޫ ސްކޫލުގެ 4 ތަރިއެއް ވެސް ވިދަމުން ދިޔައެވެ. އެއިން ކޮންމެ ތަރިއަކީ ތުޅާދޫގެ ފަޚުރެކެވެ. އެއީ ކޮން ތަރީންނެއް ހެއްޔެވެ؟ އެ ހިސާބަށް އެ ތަރި އެރީ ކިހިނެއް ހެއްޔެވެ؟ ކުރީ ކޮން ކަމެއް ހެއްޔެވެ؟ ކުރިމަގު އޮތީ ކިހިނެއް ހެއްޔެވެ؟ އެ ދަރިވަރުންނާއެކު ކުރިއަށް ދަމާ ހިނގާށެވެ.

އޯލެވެލް ގަދަ 10ގައި ހިމެނުނު އެއް ދަރިވަރަކީ ގަދަ10ގެ 2ވަނައިގައި ހިމެނުނު ބ.ތުޅާދޫ، ކަންމަތީ އިރުމަތީގެ، އަޔާމިން އަބޫބަކުރެވެ. އެއީ ކަންމަތީ އިރުމަތީގޭ އަބޫބަކުރު ޢަބްދުﷲ އާއި މެޓްރޯވިލާ، އާއިދާ އަލީއަށް ލިބިލައްވާފައިވާ 2 ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ގަދަ 10ގައި ހިމެނުނު އަނެއް ދަރިވަރަކީ ގަދަ10ގެ 4ވަނައިގައި  ހިމެނުނު ބ. ތުޅާދޫ، މަހިނޫރު، އަލޫފް އިބްރާހީމް ރަޝީދެވެ. އަލޫފްއަކީ މަހިނޫރު، އިބްރާހީމް ރަޝީދާއި އާމިނަތު ޒިދްނާއަށް ލިބިލައްވާފައިވާ 3ކުދިންގެ ތެރެއިން 2 ވަނަ ދަރިފުޅެވެ. ބ. ތުޅާދޫ، ހަވާނާ، ޔަޢީޝް މުޙައްމަދު ސާޖިދު ވެސް ވަނީ ގަދަ10ގެ 5ވަނައިގައި ހިމެނި އިނާމު ހާސިލުކޮށްފައެވެ. ޔައީޝްއަކީ ހަވާނާ، މުޙައްމަދު ސާޖިދާއި ރަންފަސް، ޞާފިޔާ ޔޫސުފަށް ލިބިލެއްވި 3 ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. މީގެ އިތުރުން ބ. ތުޅާދޫ، ކޮތަރިވިލާ، މުޙައްމަދު އީމާން އަޙްމަދު ރަޝީދު ވަނީ ގަދަ 10ގެ 7ވަނައިގައި ހިމެނި އެ ތާރީޚީ ސަފުހާއިން ޖާގަ ހޯދާފައެވެ. އީމާންއަކީ ބ. ތުޅާދޫ، ގުލްހަޒާރުގެ، އަޙުމަދު ރަޝީދާއި ކޮތަރިވިލާ ޙައްވާ އަބޫބަކުރަށް ލިބިލެއްވި 2 ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

އޯލެވެލް ގަދަ 10ގައި ހިމެނުނު 4 ދަރިވަރުންނަކީ ވެސް ފިރިހެން ދަރިވަރުންނެވެ. އެއިން ކޮންމެ ދަރިވަރަކީ ވެސް 2014ވަނަ އަހަރު، ތުޅާދޫ ސްކޫލާ ގުޅި، ގުރޭޑް 1ން ތަޢުލީމީ ބިންގާ އެޅި ދަރިވަރެކެވެ. 10 އަހަރުގެ ތަޢުލީމީ ހަޔާތުގެ މުހިންމު ބާބެއް އެ ދަރިވަރުން ނިންމާލި އިރު ގަދަ 10ށް އެރުމުގެ އުންމީދު އެ ދަރިވަރުންނަށް ލިބުނީ ކޮން ހިސާބަކުން ހެއްޔެވެ؟ އެ އުންމީދު އާވީ ކިހިނެއް ހެއްޔެވެ؟

އަޔާމިން ބުނީ ރަނގަޅު ނަތީޖާއެއް ހޯދިދާނެކަން އޭނާއަށް ގަބޫލުކުރެވެން ފެށުނީ ގްރޭޑް ނުވައެއްގެ ފުރަތަމަ ޓާމުގައި ލިބުނު ނަތީޖާއިން ކަމަށެވެ.

your imageގަދަ 10ށް ހޮވުނު ދަރިވަރުންނަށް އިނާމުދިނުމުގެ ޖަލްސާފައި އަޔާމިން (ވ) އާއި އީމާން (ކ) ގައި ޓްރޮފީ ލިބިގަންނަނީ

"އެ ޓާމުގައި ހިތްހަމަ ޖެހޭ ކަހަލަ ނަތީޖާއެއް ނެރެވުނު. ބައެއް މާއްދާތަކުން ވަރަށް މަތިން މާކުސް ލިބުނު. އެ ހިސާބުން އުންމީދެއް އާވާން ފެށި. ޓޮޕްޓެންއަށް އެރިދާނެކަމަށް ގަބޫލުކުރެވެން ފެށުނު" އަޔާމީންގެ އެ އުންމީދެކޭ އެއްފަދައިން ޔަޢީޝް އުންމީދު ވެސް ފެށުނީ ގުރޭޑް9ގައެވެ. ނަމަވެސް ދެވަނަ ޓާމުގައެވެ.

"ގްރޭޑް 9 ގެ ދެވަނަ ޓާމްގެ ނަތީޖާއަށް ފަހު އުންމީދު އާވީ. އެއީ އެ ފަހަރުގެ އިމްތިހާނުތަކުން ރަނގަޅު ނަތީޖާއެއް ލިބުމުން" ޔަޢީޝް ބުންޏެވެ. އީމާނަށް އެ އުންމީދު އާވީ އެއަށް ވުރެ ވެސް ފަހުން މޮކް އިމްތިހާނުގެ ނަތީޖާ ލިބުނު ހިސާބުންނެވެ.

"މޮކް ޓެސްޓުގެ ނަތީޖާ އަށް ފަހު އުންމީދު އާވީ. އެއީ އިތުރަށް ނަތީޖާ ރަނގަޅު ކުރުމަށް ހިތްވަރު އާލާވުމުން" އީމާނު ބުންޏެވެ. އަލޫފު ބުނީ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ އިރު ވެސް ގައުމީ ގަދަ ދިހައެއްގައި ހިމެނުމުގެ އުއްމީދު އާވަމުން ދިޔަކަމަށެވެ. 

your imageގަދަ10ށް ހޮވުނު ދަރިވަރުންނަށް އިނާމުދިނުމުގެ ޖަލްސާފައި އަލޫޕް (ކ) އާއި ޔަޢީޝް (ވ) ޓްރޮފީ ލިބިގަންނަނީ

"ޓެސްޓު ތަކުން އަޅުގަނޑުގެ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަންއޭރު ފެށި.  އަސްލު އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނަކީ ޓޮޕް ޓެންގެ މަތީ ވަނައެއް ހޯދުން. އެ އުއްމީދު އާވާން ފެށީ ޢާއިލާގެ ސަޕޯޓާ ވެސް އެކީ. ޚާއްޞަކޮށް މަންމައާއި، ބައްޕައާއި މުދައްރިސުންގެ ފަރާތުން ލިބެމުން ދިޔަ އެއްބާރުލުމުގެ ސަބަބުން. އެ މީހުން އަޅުގަނޑަށް އިހުސާސްކޮށްދިނީ އަޅުގަނޑަށް އެކަން ވާނެ ކަން" އަލޫފު ކިޔައިދިނީ އެ އުންމީދު އާވި ގޮތެވެ.

ރާއްޖޭން ހޮވާ އޯލެވެލް ގަދަ 10ގެ ލިސްޓުގައި ނަން އޮތުމަކީ ކުޑަކަމެއް ނޫނެވެ. އެ ލިސްޓަށް ނަން އެރުވުމަށް ޓަކައި ކޮންމެ ދަރިވަރަކު ވެސް އެތައް މަސައްކަތެއް ކުރަންޖެހެއެވެ. އެތައް ގުރުބާނެއް ވާން ޖެހެއެވެ. ނަމަވެސް އެކި ދަރިވަރުން އެ ހިސާބަށް ދާން ކުރަނީ އެކި ކަންކަމެވެ. އެކި ދަރިވަރުންނަށް ކަންކަން އުނދަގޫވަނީ ވެސް އެކި މިންވަރަށެވެ. ޔަޢީޝް ބުނީ އޭނާއަށް އެންމެ އުނދަގޫ ވީ ބައެއް ފިލާވަޅުތައް ސިކުނޑިއަށް ނަގައިގަންނަން ކަމަށެވެ. އަދި ބައެއް ފަހަރު ގިނަ ވަގުތު ދަސްކުރަން ހޭދަވުމަކީ ވެސް  އުނދަގޫވި ކަމެއްކަން ޔަޢީޝް ފާހަގަކުރިއެވެ.

your imageޔަޢީޝް: އާއިލާ މެންބަރުންނާއެކު

"އެންމެ ބޮޑަށް މަސައްކަތް ކުރީ ފިލާވަޅުތައް މުތާލިއާ ކުރާށާއި ނޭނގޭ  އެއްޗެހި ޓީޗަރުންގެ ގާތުން ބަރާބަރަށް އޮޅުންފިލުވަން. އަދި  އިމްތިހާނާ ގާތްވުމުން ސެލްފް ސްޓަޑީ ކުރުމަށް" ޔަޢީޝް އިސްކަންދިން ކަންކަން އޭނާ ފާހަގަކުރިއެވެ. އީމާނަށް އެންމެ އުނދަގޫވީ ކަމަކީ ވަގުތުތައް ރާވައި އިންތިޒާމުކުރުމެވެ.

"ވަގުތު މެނޭޖުކުރަން އުނދަގޫވި. ނަމަވެސް އެކަން ވެސް ހައްލުކުރެވުނު ފަހުން. އެންމެ ބޮޑަށް ކުރެވުނު އެއް ކަމަކީ ފިލާވަޅުތައް މުތާލިއާކޮށް ޕާސްޓް ޕޭޕަރު ގިނައިން ހެދުން" އީމާން ކިޔައިދިނެވެ. އަޔާމިން ބުނީ އޭނާއަށް އެންމެ ދަތިކަމަކަށް ދިމާވީ އިސްލާމު މާއްދާއިންނާއި ދިވެހި މާއްދާއިން މަޢުލޫމާތު ހޯދުން ކަމަށެވެ. އެންމެ ބޮޑަށް ކުރެވުނު އެއް ކަމަކީ އިންޓަނެޓުގެ އެހީތެރިކަން ހޯދައި ފިލާވަޅުތަކާ ގުޅޭ މަޢުލޫމާތު ލިބިގަތުން ކަމަށެވެ. އަލޫފަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި އޭނާ ފާހަގަކުރީ ސްކޫލު މަސައްކަތްތަކާއި އަމިއްލައަށް ފިލާވަޅު މުތާލިއާކުރުމާއި އަމިއްލަ ކަންކަން ކުރުމަށް ވަގުތު ބެލެންސް ކުރުންކަމަށެވެ. އަލޫފު ބުނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް އެންމެ ބޮޑަށް ކުރި ކަމަކީ ކުލާހާއި ގޭގައި ވެސް ކިޔެވުމަށް އިސްކަން ދިނުންކަމަށެވެ.

your imageއީމާން އާއިލާ މެންބަރުންނާއެކު

"އަބަދުވެސް ކުލާސް ވަގުތު މުދައްރިސް ކިޔަވާދެއްވާ އިރު ކަނުލާ އަޑުއަހަން ސަމާލުކަން ދެން. އަދި ގެއަށް ގޮސް އަމިއްލައަށް އިންޓަނެޓާއި އެހެނިހެން ގޮތްގޮތުން ލިބޭ މައުލޫމާތުގެ އެހީގައި އަމިއްލައަށް ކިޔަވާ، ނޭނގޭ އެއްޗެހި އަމިއްލައަށް އޮޅުންފިލުވަން އުޅެން. އަދި ވަކިން ޚާއްޞަކޮށް ހިސާބު ކަހަލަ ގިނަގިނައިން ސުވާލު ޕްރެކްޓިސްކުރަންޖެހޭ މާއްދާތަކުން ގިނަ ސުވާލު ހެދިން. އަދި އޭގެ ފަހުން ނުބައިކޮށް ހެދިފައިވާ ނަމަ އެ ހެދުނު މިސްޓޭކް ދެނެގަނެ ރަނގަޅުކުރަން ވެސް މަސައްކަތް ކުރިން" އަލޫފު ހިއްސާ ކުރީ އޭނާގެ ތަޖުރިބާއެވެ.

ހަތަރު ދަރިވަރުންގެ ތެރެއިން އެއްވެސް ދަރިވަރަކު އެންމެ ކިޔަވާހިތްވާ މާއްދާގެ ތެރެއަކު އިނގިރޭސި ބަހާއި ދިވެހިބަހެއް ނުހިމެނެއެވެ. ބައެއް ދަރިވަރުން އެންމެ ކިޔަވާހިތްވާ މާއްދާއަކީ އިކޯނޮމިކްސްއެވެ. އަލޫފްއާއި އަޔާމީންގެ އެންމެ މަގުބޫލު މާއްދާއަށް އިކޮނޯމިކްސް ވި ނަމަވެސް އެއީ އީމާނަށް އެންމެ އުނދަގޫވި އެއް މާއްދާއެވެ. ޔައީޝްގެ ޝައުގުވެރިކަން ހިސާބަށް ހުއްޓިފައިވާ އިރު އީމާންގެ ޝައުގު ހުސްވެފައިވަނީ ހިސާބާއި އިސްލާމަށެވެ. ކޮންޕިއުޓަރ ސައިންސް މާއްދާއަކީ ޔައީޝްއަށާއި އީމާނަށް ވެސް އެންމެ އުނދަގޫވި މާއްދާއެވެ. ހުރިހާ މާއްދާއެއްގެ ތެރެއިން ވެސް އަޔާމިނަށް އެންމެ އުނދަގުވީ ދިވެހި ބަހެވެ.  

ކިތަންމެ އުނދަގޫ ވީ ނަމަވެސް ހަތަރު ދަރިވަރުން ވެސް މި ވަނީ އެ ދަރިވަރުން، މީގެ 10 އަހަރު ކުރިން ފެށި ޢިލްމީ ދަތުރުގެ އޮޑި ކާމިޔާބު މަންޒިލަކަށް ބަނދަރުކޮށްފައެވެ. އެ ކަމަށް ޓަކައި ކޮންމެ ދަރިވަރެއްގެ ހިތުން ވެސް ބަންޑުންކުރަނީ ޝުކުރެވެ. މި ޝުކުރުގެ ލިސްޓުން ކޮންމެ ދަރިވަރަކު ވެސް އެންމެ ފުރަތަމަ ފާހަގަކުރަނީ ހެއްދެވި ފަރާތެވެ. އެއަށް ފަހު މަންމައާއި ބައްޕަގެ ނަމެވެ. އެއަށް ފަހު ދަރިވަރުންގެ އާއިލާއެވެ. އޭގެ ފަހުން އެ ޝުކުރުގެ މަލުގެ ހާރު އަޅުވަނީ ކިޔަވައިދެއްވި ޓީޗަރުންގެ ކަރުގައެވެ. އެ ޓީޗަރުންގެ ތެރެއިން އެންމެ ޓީޗަރެއްގެ ނަން ފާހަގަ ކުރަން ފުރުޞަތު ދިނުމުން ޔައީޝްއާއި އީމާން ބުނީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަލޫފު ބުނީ އެންމެ ޓީޗަރެއްގެ ނަން ފާހަގަ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ހުރިހާ ޓީޗަރުން ވެސް އޭނާއަށް ވަރަށް ރަނގަޅު ކަމަށެވެ.

"ނަމަވެސް އެންމެ ޓީޗަރެއްގެ ނަން ފާހަގަކުރަން ޖެހިއްޖެ ނަމަ އަޅުގަނޑުގެ މެތްސް ޓީޗަރު ޖޯއި މިސްގެ ނަން ފާހަގަކޮށްލާން ބޭނުން. ބައެއް ފަހަރު ކުޑަކޮށް އުނދަގޫ  މާއްދާއެއް މެތްސްއަކީ. ނަމަވެސް މިސް އަޅުގަނޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި. އަބަދު ވެސް އަޅުގަނޑަށް ބާރު އަޅުއްވަމުން ހިތްވަރު ދެއްވި" މިހާރު އޭލެވެލްއަށް ކިޔަވަމުން އަންނަ އަލޫފު ބުންޏެވެ. އަޔާމިން ބުނީ އޭނާއަށް ވެސް ވަކި ޓީޗަރެއް ފާހަގަކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އެންމެ ޓީޗަރެއްގެ ނަން ފާހަގަ ކުރާ ނަމަ މަޢުޞޫމް ސަރގެ ނަން ފާހަގަކޮށްލާ ހިތްވާކަމަށެވެ.

your imageއަޔާމިން އާއިލާ މެންބަރުންނާއެކު

"މަޢުޞޫމް ސަރއަކީ ދިވެހި މާއްދާއިން އަޅުގަނޑަށް އޭ އެއް ލިބުނު ސަބަބު. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ހިސާބަށް އަޅުގަނޑު ދިއުމުގައި މައުޞޫމް ސަރގެ އެހީތެރިކަން ވަރަށް ބޮޑުކަމަށް" އަޔާމިން ފާހަގަކުރީ އޭނާއަށް އެންމެ އުނދަގޫވި މާއްދާ ކިޔަވައިދެއްވި އެއް މުދައްރިސްގެ ނަމެވެ.

ހަތަރު ދަރިވަރުން ވެސް ވަނީ މަތީ ސާނަވީ ތަޢުލީމުގެ ދަތުރު ފަށާފައެވެ. މިހާރު ވެސް ވަނީ ކުރިއަށް ދާނެ ރޮނގެއް ކަނޑައަޅާފައެވެ. އަލޫފްއާއި އަޔާމިން ވެސް ބޭނުންވަނީ އިކޮނޮމިކްސް ދާއިރާއިން ކުރިއަށް ދާށެވެ.

"އިގުތިސާދީ ކަންކަން ހިނގަމުންދާ ގޮތާއި، ހަގީގީ ދުނިޔޭގެ ހާލަތްތަކާ އެ އިގުތިސާދީ ކަންކަން ގުޅިފައިވާ ގޮތުގެ މަޢުލޫމާތު އެ ދާއިރާއިން އެނގޭނެ. އަދި ވިޔަފާރިތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ވެސް ލިބޭނެ. ޖުމުލަގޮތެއްގައި އެއީ ވަރަށް ފުޅާ ދާއިރާއެއް. އަދި އެ ދާއިރާއިން ކުރިއަށް ގޮސްގެން މުސްތަގުބަލުގައި އަޅުގަނޑަށް ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ" އިގުތިސާދީ ދާއިރާއިން ކުރިއަށް ދާން އަލޫފު ވިސްނާ ސަބަބު އޭނާ ބުނެދިނެވެ. އަޔާމިން އެ ދާއިރާއިން ކުރިއަށް ދާން ބޭނުންވަނީ އެއީ ތާރީޚާއި އިކޮނޯމިކްސަށް ޝައުގުވެރިކަން ހުންނާތީއެވެ. ޔަޢީޝް ކުރިއަށް ދާން ބޭނުންވަނީ އެކައުންޓިންގ އާއި ފައިނޭންސްގެ ދާއިރާއިންނެވެ. އެއީ އެ ދާއިރާތަކަށް ޝައުގުވެރިކަން ހުންނާތީއާއި އެ ދާއިރާތަކުގައި އުޅޭ ދޭސީން މަދުކަމުންނެވެ. އީމާންގެ މުސްތަގުބަލް ވެސް ގުޅުވާލަން ބޭނުންވަނީ އެކައުންޓިންގ އާއި ބިޒްނަސް މެނޭޖުމަންޓާއެވެ. އެއީ އެ ދާއިރާއަށް ޝައުގުވެރިކަން ހުންނާތީއާއި އެ ދާއިރާއިން ކުރިއަށް ދެވޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ.

ތުޅާދޫ ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދިން ނަމަވެސް 4 ދަރިވަރުން ވެސް މިއަދު ކިޔަވަމުން އަންނަނީ ސީއެޗްއެސްސީގައެވެ. އެ ދަރިވަރުން ކުރިން ކިޔެވި ތުޅާދޫ ސުކޫލާ ވަކިވި ނަމަވެސް 10 އަހަރު ކިޔެވި ސްކޫލަށް ޚިދުމަތްކޮށްދޭން އެއިން ކޮންމެ ކުއްޖެއްގެ ހިތުގައި އޮތް ޢަޒުމު ކުޑައެއް ނޫނެވެ. ކޮންމެ ކުއްޖަކު ވެސް ހުރީ ސްކޫލުން އެދޭ ކަންކަމުގައި އަމަލީ އިޖާބައެއް ދޭން ތައްޔާރަށެވެ. ދަރިވަރުންގެ ކިޔެވުމުގައި އެހީތެރިކަމެއް ބޭނުންވާ ނަމަ އެ އެހީތެރިކަމެއް ދޭން ވެސް ތައްޔާރަށެވެ. އިތުރު ހަރަކާތަކުން އެހީތެރިކަމެއް ބޭނުން ވާނަމަ އެކަން ވެސް ވެވުނު ގޮތަކުން ކޮށްދިނުމަށް އަޒުމު ކަނޑައަޅައިގެންނެވެ. މިއީ މިއަދު އެ ހަތަރު ދަރިވަރުންގެ ވެސް ވިސްނުމެވެ. އެ ވިސްނުން އަނެއް ދުވަހުން ބަދަލު ނުވުމަކީ ސްކޫލުގެ އެދުމެވެ. ސްކޫލަށާއި ރަށަށް ތިޔަ ހޯދައިދިން ނަމާއި ފަޚުރު ތަކުރާރުކުރުމަކީ އެ ސްކޫލުގެ އުންމީދެވެ. އަމިއްލަ ރަށަށް ޚިދުމަތްކުރަން އެނބުރި އައުމަކީ އެ ސްކޫލުގެ ގޮވާލުމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
83.333333333333%
އުފާވި
16.666666666667%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments