
ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވީ ގުރޭޑް9ން ދަށުގެ ގުރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުން މި ވަގުތު މެދުކަނޑާލާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިންކަމަށެވެ.
"އިއްޔެގެ އިންޓަވަލް ގަޑިއަށް ފަހު ކިޔެވުން މެދުކަނޑާލަން ނިންމީ. އިއްޔެ ސްކޫލަށް ހާޒިރުވީ 196 ދަރިވަރުން. ރޯގާގެ ސަބަބުން 138 ދަރިވަރަކު ހާޒިރެއް ނުވޭ. ޓީޗަރުންގެ ތެރެއިން ވެސް 28 ޓީޗަރަކަށް ހާޒިރެއް ނުވެވުނު. އެހެންވެ މިނިސްޓްރިއާ މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެން ނިންމީ މިވަގުތަށް ބައެއް ގުރޭޑްތަކުގެ ކިޔެވުން އެހެން ގޮތަކަށް ބަދަލުކުރަން" އިބްރާހީމް ވިދާޅުވިއެވެ.
މި ވަގުތު ތުޅާދޫ ސްކޫލުގައި ކުލާހަށް ހާޒިރުވެގެން ކިޔަވައިދެނީ ގުރޭޑް 10އާއި 11 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.
"ގްރޭޑް 7އާއި ގުރޭޑް9އާ ދެމެދުގެ ގުރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދެމުން މި ގެންދަނީ އޮންލައިންކޮށް. ގުރޭޑް 6ން ދަށުގެ ދަރިވަރުންނަށް ވާނީ ފިލާވަޅުތަކެއް ގޭގައި ހަދަން ހަވާލުކުރެވިފައި" ކިޔަވުން މިހާރު ހަމަޖައްސާފައިވާ ގޮތް އިބްރާހީމް ވިދާޅުވިއެވެ.
ރޯގާ ފެތުރި އާންމުވަމުންދާތީ ތުޅާދޫ ކައުންސިލުން އިއްޔެ ވަނީ ބަޔާނެއް ވެސް އާންމުކޮށްފައެވެ. އެ ބަޔާނުގައި އެ ރަށުގައި ރޯގާއާއި ޑެންގޫ ހަލުއިކަމާ އެކު ފެތުރެމުންދާތީ ކޮންމެހެން ދާންޖެހޭ ތަނެއް ފިޔަވައި އިތުރު ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށާއި، ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީމަރުކަޒުން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ. މި ރޯގާ ފެތުރުން އިތުރުވާތީ ކައުންސިލުންވަނީ ވަކި އެއްޗެއް އަންގަންދެން ތުޅާދޫ ފުޓްސަލް ދަނޑު ބޭނުންކުރުން ވެސް ހުއްޓާލައިފައެވެ.