ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ޚަބަރު - ރާއްޖެ

ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ.

ސްކޫލަށް އަލަށް އިތުރުވި މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ޖަލްސާގެ ޝަރަފްވެރި ކޮށްދެއްވީ ތުޅާދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި ވިލާކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ އެކަޑެމިކް އެންޑް ސްޓޫޑެންޓް، ޑރ.ޢަބްދުﷲ ޞާދިޤެވެ.

2024 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ހުދުފަޅު، ޔައީޝް މުޙައްމަދު ސާޖިދެވެ. ޔައީޝްގެ މި ކާމިޔާބީއާއެކު، އޭނާއަށް ވަނީ ސްކޫލުގެ ފަރާތުން ޚާއްސަ އިނާމެއް އަރުވާފައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޤައުމީ ގަދަ 10ގައި ހިމެނުނު ތުޅާދޫ ސްކޫލުގެ ފަޚުރުވެރި ދަރިވަރުންގެ ކާމިޔާބީ ފާހަކޮށް އެ ދަރިވަރުންނަށް ވެސް ވަނީ ހަނދާނީ ފިލާދީފައެވެ.  2024ވަނަ އަހަރު ތުޅާދޫ ސްކޫލުން އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައިވަނީ މަހިނޫރު، އަލޫފް އިބްރާހީމް ރަޝީދާއި ކަންމަތީ އިރުމަތީގެ އަޔާމިން އަބޫބަކުރާއި ކޮތަރިވިލާގެ މުޙައްމަދު އީމާން އަހްމަދު ރަޝީދާއި ހުދުފަޅު ޔައީޝް މުޙައްމަދު ސާޖިދުއެވެ.

your imageއިނާމު ލިބިގަތް ބައެއް ދަރިވަރުން ތުޅާދޫ ކައުންސިލް ރައީސްގެ އަރިހުގައި ފޮޓޯއަކަށް ހުއްޓިގެން

މި ޖަލްސާގައި، ޚާއްސަ އެހެނިހެން ދާއިރާތަކުން ފާހަގަކުރެވުނު ދަރިވަރުންނަށް ވެސް އިނާމު ދީފައިވެއެވެ. އެގޮތުން، ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކެޑޭޓުންގެ ގޮތުގައި ހޮވުނީ ހާއިމް އަޙްމަދު ހާޝިމް އަދި އަޙްނަފް މުޙައްމަދު މާހިރު އެވެ. ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓްގެ ގޮތުގައި އަލޫފް އިބްރާހީމް ރަޝީދު ހޮވުނުއިރު، ހުރިހާ ގޮތަކުން އެންމެ ރަނގަޅު ގައިޑްގެ މަޤާމަށް ޝަޔާން ޢަބްދުﷲ ޢާމިރު ހޮވުނެވެ.

ކިޔެވުމުގެ ދާއިރާއިން ޚާއްސަވަނަތައް ހާސިލުކުރި ދަރިވަރުންގެ ތެރޭގައި، ކިޔެވުމަށް އެންމެ މޮޅު ގައިޑްގެ ގޮތުގައި މާނާ ޢަބްދުލްމަޖީދު ހޮވުނު އިރު ކިޔެވުމަށް އެންމެ މޮޅު ސްކައުޓްގެ ގޮތުގައި ޔައީޝް މުޙައްމަދު ސާޖިދު އަދި ކިޔެވުމަށް އެންމެ މޮޅު ކެޑޭޓްގެ ގޮތުގައި ރީމާޒް ބިން ރަމީޒް އުސްމާން ހޮވުނެވެ. 

މި ޖަލްސާގެ ޝަރަފުވެރި މެހެމާންގެ ވާހަކަފުޅުގައި، ކިޔެވުމުގެ ދާއިރާއިން ކުރިއެރުން ހޯދުމުގެ އިތުރުން އަމަލީ މައިދާނުގައި މަސައްކަތްކޮށް، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ވުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ.

your imageއިނާމު ލިބިގަތް ބައެއް ދަރިވަރުން ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލްގެ އަރިހުގައި ފޮޓޯއަކަށް ހުއްޓިގެން

ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް ވެސް ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ދަރިވަރުންނަށް ގޮވާލެއްވީ، ކިޔެވުމަކީ ވަކި އުމުރަކަށް، ވަކި ތަނަކަށް ހުއްޓިގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ވެސް ކިޔެވުން ހުއްޓާނުލައި ކުރިއަށް ދިއުމަށެވެ. މުދައްރިސުންނާ މުޚާޠަބު ކުރައްވަމުން ޕްރިންސިޕަލް ވަނީ، ދަރިވަރުންނަށް އުނގަންނައިދޭ ޢިލްމުގެ ސަބަބުން، ހިލްމުވެރިވެފައިވާ ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކޮށްދިނުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ބެލެނިވެރީންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމަށް ޓަކައި އެ ކުދިންނަށް ޒިންމާ ޙާވާލުކޮށް ޒިންމާ އުފުލުމުގެ ފުރުޞަތު ފަހިކޮށްދެއްްވުމަށް ވެސް ގޮވާލެއްވިއެވެ. 

މި ޖަލްސާއަކީ ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް އެހެނިހެން ކަންކަމުގައިވެސް ކުރިއެރުން ހޯދުމަށް ހިތްވަރު ދިނުމަށް ބާއްވާ ޖަލްސާއެކެވެ.


ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments