ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ބަކުރުބެ - ކުޑަ ތުޅާދޫގެ ބާނީ

އެއީ ދަރިއެއްގެ އަމިއްލަ މަސައްކަތެވެ. ތުޅާދޫ ރައްޔިތުން ރަށުގެ ހިމާޔަތުގައި ތުޅާދޫ އުތުރު ހުޅަނގާވީ ފަޅިން ލާފައި އޮތް ރަށްމަތީ ފާރުގައި ހުރި ގާތަކުގެ މަތީ ފެށުނު މަސައްކަތެކެވެ. ފުރަތަމަ ފެށީ އެ ތަނުގައި ހުރި ގާތަކާ އެކު އެހެނިގެން ގާތައް އެއް ތަނަކަށް ޖަމާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ފުޅާވެ ފެހިކަނޑައިގެން ފެހި އަޅައި ވެލިއަޅާއި އެ ތަން ހިއްކަން ފެށުނެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ތަނުގައި ރުއްގަސްއިންދައި ރަށެއްގެ ސިފަޖެހި، ތުޅާދޫ ފަޅުތެރޭގައި އާ ކުޑަ ރަށެއް އުފަން ކުރުވިއެވެ. އެއީ ތުޅާދޫ ފަޅުތެރޭގައި ތުޅާދޫއާ 100 ވަރަކަށް ފޫޓް ދުރުގައި ތުޅާދޫ ހުސްނުހީނާގޭ، އަބޫބަކުރު އަލީ (ކަޅިއްޔަ ބަކުރު) ބަކުރުބެގެ އުފެއްދި ކުޑަ ތުޅާދޫއެވެ.

ކުޑަ ތުޅާދޫއަކީ ގަލާވެލިން ހިއްކި ކުޑަ ރަށެވެ. އެކަނިމާއެކަނި ދަރިއަކުވީ ބޮޑު ގުރުބާނެކެވެ. އެތައް ހަނދާންތަކެއް އެ ތަނާ ގުޅިފައިވާ މާޒީއެކެވެ. އެ މާޒީގެ ފެށުން ގުޅިފައިވަނީ ތުޅާދޫ ވަށައިގެން މާ ކުރީ ޒަމާނުއްސުރެ ލާފައި އޮތް ރަށްމަތީ ފާރާއެވެ. ބަކުރުބެ އެ ތުޅާދޫ އުފެއްދީ އެ ފާރުމަތީގައެވެ. 

"ރަށްމަތީ ފާރަކީ ވަރަށް ކުރިން ތުޅާދޫ ވަށައި ރައްޔިތުން ލީ ފާރެއް. އެކަން ކުރީ ތިންބައި މަތިންނޭ ބުނާ އަޑު އަހަން. އެއީ އޭރު ތުޅާދޫ އޮންނަނީ ތިން ބަޔަކަށް ކަމަށް ބުނެވެނީ. އެއީ ބޮޑުބައި، މެދުބައި އަދި ބޭރުބައޭ ހަނދާންވަނީ. އެއީ ވަރަށް ކުރިން ލާފައި އޮންނަ ރަށްމަތީ ފާރެއް. އަޅުގަނޑުމެން ކުޑަ އިރު ވެސް އެ ފާރު އޮންނަ ހަނދާންވޭ." ތުޅާދޫ ބޮޑުކަތީބުކަން ކުރެއްވި 82 އަހަރުގެ ޢުޘްމާނު ޢަލީ ވިދާޅުވިއެވެ.

your imageތުޅާދޫ އަތިރި މަތީ ހުރެގެން ނަގާފައިވާ ކުޑަ ތުޅާދޫގެ ފޮޓޯއެއް

އުސްމާނު ކަތީބު ވިދާޅުވީ ކުޑަތުޅާދޫއަކީ ބަކުރުބެ އަމިއްލަ މަސައްކަތް ފެނުނު ތަނެއް ކަމަށާއި އެއީ ރަށްމަތީ ފާރާ ގުޅުވާ ތޮށިގަނޑެއްލައިގެން ހިއްކިތަނެއް ކަމަށެވެ.

"އެ ތަނުގައި ގަސް އިންދައި ހެއްދި. ފަހުން ކުޑަތުޅާދޫގެ ގޮތުގައި މަޝްހޫރުވީ. ބޮޑަށް ހީވަނީ އެއީ ތުޅާދޫގައި އަމިއްލައަށް ގޯތި ހިއްކަން ފެށުނު ދުވަސްވަރު ކުރެވުނު ކަމެއްހެން" ކަތީބު ވިދާޅުވިއެވެ.

ކުޑަތުޅާދޫ ހިއްކުމުގެ މަސައްކަތް ކުރި، ބަކުރުބެގެ ދަރިފުޅު ޢަބްދުއްރަޙުމާން އަބޫބަކުރު ބުނީ އެ ރަށުގެ މަސައްކަތް ފަށާފައިވަނީ ތުޅާދޫ ކަތީބަކަށް ޢުމަރު އަލީ ހުންނެވި ދުވަސްވަރު ކަމަށެވެ.

"ކުޑަ ތުޅާދޫ ހިއްކަން ފެށީ ސީދާ ކޮން އަހަރަކު ކަމެއް ބުނާކަށް ނޭނގޭ. ނަމަވެސް އެ މަސައްކަތް ފެށުނީ ޢުމަރު ކަތީބުގެ ވެރިކަމުގެ ދުވަސްވަރު އަޅުގަނޑަށް ދިން ގޯތި ހިއްކުމުގެ ތެރެއިން. އެ ދުވަސްވަރު ބައްޕަ ވެސް ކުޑަތުޅާދޫގެ ކަންކަން ކުރަމުންދިޔަ ހަނދާންވޭ. ބައްޕައަކީ އަބަދުވެސް ކޮންމެވެސް ކަމެއް ކޮށްލަކޮށްލަ ހުންނަ މީހެއް. އެހެންވީމާ އެ ކަމުގެ ތެރޭގައި އުޅެމުން އެ ރަށަށް ހިއްކަމުން ދިޔައީ. އެކަން ކުރަން ފެށިފަހުން އެންމެ ގަޔާވެގެން ކުރިކަމަކީ އެއީ" ޢަބްދުއްރަޙްމާން އަބޫބަކުރު ބުންޏެވެ.

ބައްޕަގެ ހަނދާންތައް އާކުރަމުން މުޙައްމަދު ސަޢީދު ބުނީ ކުޑަ ތުޅާދޫއަކީ ބައްޕަގެ ތަފާތު މަސައްކަތެއް ކަމަށާއި އެ ކަމުގައި އާއިލާ މީހަކު ވެސް އަދި އެހެން މީހަކު ވެސް އަމަލީ ގޮތުން މާ ބޮޑު ބައިވެރިވުމެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

" ޔަގީނުން ވެސް އެ މަސައްކަތް ކުރީ ބައްޕަ. އަހަރެމެން އާއިލާ މީހުން ވެސް އެކަމަކު ނޫޅޭ.  އެއީ ބައްޕަ އެކަނިމާއެކަނި އެހެން އުޅެމުން ކުރި މަސައްކަތެއް. ހަނދާން އެބަހުރި ހެނދުނު ދާ ގޮތަށް ބައެއް ފަހަރު ބައްޕަ ރަށަށް އަންނާނީ މެންދުރަށް. އެ ހުރިހާ ވަގުތަކު އުޅޭނީ މޫދުގައި ނޫނީ އެ ކުޑަ ތުޅާދޫގައި. ބައެއް ފަހަރު ހިކިދިޔާގައި ކަނދުފައްޗަށް ފެހި އަޅައިގެން ގެނެސް އެތަނަށް ފެހި އެޅި. ބައްތެލި ފަހަރު ގައި ވެސް އެކަން ކުރި" މީގެ 45 އަހަރު ކުރީގެ ހަނދާންތައް މުޙައްމަދު ސަޢީދު އާކުރިއެވެ. " މޫސުން ބަދަލުވެގެން ބައެއް ދުވަސްވަރު ރާޅު އައިސް ކުޑަ ތުޅާދޫގެ ބައެއް ވެއްޓި ގިރާލައި. އެފަދަ ކޮންމެ ފަހަރަކު ވެސް ގާތަށް ރަނގަޅުކޮށް އެ ރަށް އެ ގޮތުގައި ދެމެހެއްޓުމަށް ބައްޕަ ވަރަށް ބޮޑަށް މަސައްކަތްކުރި"

ކުޑަ ތުޅާދޫއަކީ ދިގުމިނުގައި 50 ވަރަކަށް ފޫޓް ހުންނަ، ފުޅާ މިނުގައި 20 ގާތްގަޑަކަށް ވިއްސަކަށް ފޫޓް ހުންނަ ހިތްގައިމު މަންޒިލެކެވެ. ޒުވާނުންގެ އުފާވެރި އެތައް ހަނދާންތަކެއް އެ ތަނާ ގުޅުނު ޞަފުހާއެކެވެ. ސްކޫލުގައި ކިޔަވަން އުޅުނު އެތައް ކުދިންނެއް މުނިއަވަސްކަން ފިލުވައިދިން އެކުވެރިއެކެވެ.

your imageކުޑަ ތުޅާދޫގައި ބަޔަކު މަޑުކޮށްލައިގެން ތިބި އިރު އެއްބަޔަކު މޫދުގައި ހަރަކާތްތެރިވަނީ (ފޮޓޯ އިބްރާހީމް ޢަފީފް)

އެ ރަށުގެ އެންމެ އިރުމަތި ބައިގައި ހުންނަނީ ހިރުނދު ގަސްތަކެކެވެ. އެ ގަސްތަކާ ޖެހިގެން ހަލަވެއްޔާއި ކުރެދީގެ ގަސްތަކެއް ހުރެއެވެ. އެ ގަސްތަކުގެ ތެރޭގައި ކޮންވެސް ވަރަކަށް ކަނޑޫ ކަހަލަ ގަސްތައް ވެސް ހުރެއެވެ. އެ ތަނުގެ މެދުގައި ކަހަލަ ގޮތަކަށް ހުންނަނީ މަތި ހިޔާކޮށްފައިވާ ދެ މީހަކަށް އިނދެވޭ ވަރުގެ އުނދޯންޏެކެވެ. އެ އުނދޯލީގެ ހުޅަނގަށް މަސްފެންގަނޑެއް އޮވެއެވެ. އޭގައި ވެލާ ކަހަނބު ހުރެއެވެ. އޭގެ ހުޅަނގުގައި ފަންފުޅައް ގަނޑެއް ޖަހާފައި ހުރެއެވެ.

ތުޅާދޫ ޅޮސްމާގޭ، އަޙުމަދު ރަޝީދު ބުނީ ޒުވާން ދުވަސްވަރު އެ ރަށަށް ވަރަށް ގިނައިން ގޮސް އުޅުނު ކަމަށާއި އެ ރަށާ ގުޅިފައިވާ ވަރަށް ގިނަ ހަނދާންތައް ހުރި ކަމެވެ.

"އެއީ ވަރަށް ގިނައިން ދިޔަ ތަނެއް. ސްކޫލުގައި އުޅުނު ދުވަސް ވަރު ވެސް އެ ތަނަށް ދިޔައިން. ޕަޗަސް ކުޅެމުން ގޮސް ފިލަން ވެސް ދަން. ދިޔަވަރު ހިކިފައި އޮންނަ ވަގުތު ފާރުމަތިން ލާފައި ވަރަށް ގިނައިން އެ ތަނަށް ދެވުނު. ބައެއް ފަހަރު ކާއެއްޗެހި ހިފައިގެން ކާލަން ވެސް ދިޔައިން. އެއީ އުފަލާއި މަޖަލާ ގުޅިފައިވާ ތަނެއް" އަހުމަދު ކިޔައިދިނެވެ.

ކުޑަ ތުޅާދޫއަށް ގިނަގިނައިން ގޮސް އުޅުނު ފިނިހިޔާގޭ ހާރޫން ޢީސާ ބުނީ އެ ރަށާ ގުޅިފައިވާ އެއް ހަނދާނަކީ ރަށުގައި އުޅުނު އަރުވާލި މީހަކު ފިލައިގެން އުޅުމުން އޭނާ ހޯދަން ރޭގަނޑެއްގައި އެ ރަށަށް ދިޔަ ހަނދާންކަމަށެވެ.

"ރަށުގައި އުޅުނު އަރުވާލި މީހަކު ފިލި. އޭނާ ހޯދަން ރައްޔިތުން ނުކުތް. އަހަރެން ވެސް ނުކުތިން. އޭނާ ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެ ރޭ، އެ ރަށަށް ދިޔަ ހަނދާންވޭ. އެތަން ވެސް ބަލައި ޗެކުކުރިން." ހާރުނު ކިޔައިދިނީ އެ ރަށުގައި އޭނާ ކުރި ތަޖުރިބާއެކެވެ. "ބައެއް ފަހަރު ދޫނި ހިފަން އުޅުމުގެ ތެރޭގައި ވެސް އެ ރަށަށް ދަން. އެ ރަށުގައި ރަތަފަ ކަހަލަ ދޫނި ޖައްސާ ހަދާ. ގާ ހުންނާތީ ވެސް ކަންނޭނގެ. އެ ރަށުގެ ގަސްގަނޑު ތެރެގައި ވެސް ދޫނި އުޅޭ" ހާރޫން ވެސް ހަނދާންކުރީ ކުޑަ އިރުގެ ދުވަސްތަކެވެ.

ކުޑަ ތުޅާދޫ އުފެއްދުމުގެ ޝަރަފުދެވޭ ބަކުރުބެއަކީ ހުނަރުވެރި މަސައްކަތްތެރިއެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވި ޚިދުމަތްތެރިއެކެވެ. ތަފާތު ފަންނީ މަސައްކަތްތަކުން ވެސް ފާހަގަވާ ހުނަރުވެރިއެކެވެ.

your imageބަކުރުބެގެ ހަގު ދަރިފުޅުގެ ކާވެނި ރަސްމިއްޔާތުގައި ބަކުރުބެ (ކަނާތްފަރާތުގައި) ބައިވެރިވަނީ

ތުޅާދޫ އާހަމަ، މޫސާ ޢަބްދުﷲ ބުނީ ބަކުރުބެގެ ޚިދުމަތް ވަރަށް ގާތުން ފެނުނު ކަމަށާއި އެ ޚިދުމަތްތަކުން ފާހަގަކުރެވުނީ ބަކުރުބެގެ ހުނަރުވެރިކަމާއި ހީވަގިކަން ކަމަށެވެ.

"އެއީ އޮޑިވެރިއެއްގެ ހައިސިއްޔަތުން މަސްދޯނި ވެސް ދުއްވި މީހެއް. އެ ގޭގައި މަސްދޯންޏެއް ވެސް ގެންގުޅުނު. ރިސޯތްތަކުގައި ވެސް މަސައްކަތް ކުރި. އިސްމާޢިލް ހިލްމީ ވިދާޅުވެގެން ރިސޯޓްތަކުގައި މަސައްކަތްކުރި. މީރުފެންފުށީގައި މަސައްކަތްކުރި. ހަލަވެލީގައި މަސައްކަތްކުރި. އެންވަށި ތައްޔާރުކުރުން ދާބަނުން ފަދަ ކަންކަން ވެސް ކޮށް އުޅުނު" މޫސަ ބުނެދިނެވެ.

your imageހައްޖުގެ އަޅުކަމަށް ދިއުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް

ބަކުރުބެއަކީ ރައްޓެހީންނާއި ބީރައްޓެހިންނާ އާއިލާ މީހުންނާ ވަރަށް ގާތްގުޅުމެއް ބޭއްވީ އެހީތެރިއެކެވެ. އޭގެ އެއް މިސާލަކީ ޗާންދަނީގޭ ފާތުމަދައިތަ ބަލައިބޮޑުކުރި ގޮއިދޫ ހަސަން ހޭހަންކޮށްދިނުމުގައި ބަކުރުބެ ދިން އެހީތެރިކަމެވެ.

"ގޮއިދޫ ހަސަނު ތުޅާދޫއަށް ގެނައި އިރު ފިސާރި ކުޑަވާނެ. އިހުޒަމާނުގައި މި ގެންގުޅުނު ކޯދޮންނަ ލޯތަށި ތެރެއަށް ލައިގެން ފެންވެރުވޭނީ ވަރަށް ކުޑަވީމާތާ. ނުވަމަސް ފުރައި ދެންމެ ވިހާ ކުއްޖާ ވެސް އެ ތަށިތެރެއަކަށް ނުލެވޭނެ. އެހާ ވެސް އެ ކުއްޖާ ކުޑަ. އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަނި ލޯގަނޑަކަށް ފަނި އަޅާފައި ކާޑު ހަކުރުން ފަނި ހަދާފައި ލާފައި އެ ކުއްޖާ ބާއްވާ ހަދާން ވެސް އެބަހުރި. އަހަރެމެން ޢުމުރުގެ ބައެއް ހަރު މީހުން ގޮއިދޫ ހަސަނާ ދިމާއަށް ބުނާން ވެސް ބުނާނެ ކަލޭތީ ބަކުރުބެ ފަނިލޯގަނޑަކަށް ލައިގެން ބޮޑު ކުރި މީހެއް ނޫންހެއްޔޭ" މޫސަ ފާހަގަކުރީ 2005ގައި ނިޔާވި ބަކުރުބުގެ އެހީތެރިކަމެވެ. 

ބަކުރުބެއަކީ ޚިދުމަތުގައި ތަފާތު ވިސްނުން ގެންގުޅު މަސައްކަތްތެރިއެކެވެ. ތުޅާދޫގައި އެންމެ ފުރަތަމަ ދެ ބުރި ގެއެއް ހެދީ ވެސް ބަކުރުބެކަމަށް މޫސަ ގަބޫލުކުރެއެވެ. 


"އެންމެ ފުރަތަމަ ތުޅާދޫގައި ދެބުރިއަށް ގެއެއް ހަދާލި މީހަކީ ވެސް އެއީ. އެއީ ރުއްވަކަރާއި ޅޮސްފިލާއިން ހެދި ބައެއް. އެ ތަނަށް އަރަން ސިޑިވެސް ބަހައްޓާފައި ހުރި. ހުސްނުހީނާގޭގެ އިރުމަތީ ކޮޅުގައި އެތަން ހެދީ. އެ ހަނދާން ވަރަށް ރަނގަޅަށް އެބަހުރި" މޫސަ ފާހަގަކުރީ ބަކުރުބެގެ ތަފާތު ވިސްނުމެވެ.


"އެންމެ ފުރަތަމަ ތުޅާދޫގައި ދެބުރިއަށް ގެއެއް ހަދާލި މީހަކީ ވެސް އެއީ. އެއީ ރުއްވަކަރާއި ޅޮސްފިލާއިން ހެދި ބައެއް. އެ ތަނަށް އަރަން ސިޑިވެސް ބަހައްޓާފައި ހުރި. ހުސްނުހީނާގޭގެ އިރުމަތީ ކޮޅުގައި އެތަން ހެދީ. އެ ހަނދާން ވަރަށް ރަނގަޅަށް އެބަހުރި" މޫސަ ފާހަގަކުރީ ބަކުރުބެގެ ތަފާތު ވިސްނުމެވެ.

ބަކުރުބެ ވަނީ ޚިދުމަތުގައި ތަފާތު ދައްކާފައެވެ. އެ ތަފާތުތަކުން ތުޅާދޫ ޒުވާނުންނާއި ފުރާވަރު ކުދިންނަށް ލިބުނީ ކުޑަކުޑަ، ކުޑަ ތުޅާދޫއެކެވެ. އެ ކުޑަތުޅާދޫއާ ގުޅިފައިވާ އުފާވެރި އެތައް ހަނދާންތަކެއްގެ ތުޅާދޫގެ މާޒީގައި ވަނީ ރައްކާކުރެވިފައެވެ. އެ ކުޑަ ތުޅާދޫގެ ބާނީއަކީ ބަކުރުބެއެވެ.

your imageބަކުރުބެ ނިޔާވީ 2005 ވަނަ އަހަރު



ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
ގަދަ 10ން ވިދާލި ތުޅާދޫ ހަތަރު ތަރި
1 day ago 0 Comments
ތުޅާދޫގައި މަދިރި އާލާވުން އިތުރުވާތީ ރަށުތެރެ ފޮގުކުރަން ފަށައިފި
2 days ago 0 Comments
ތުޅާދޫގައި ރޯގާއެއް ފެތުރޭތީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން މެދުކެނޑުމަކަށް
4 days ago 0 Comments
ތުޅާދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 days ago 0 Comments