
މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ މި ޖޫން މަހުގެ 12ވީ ބުރާސްފަތި ދުވަހުއެވެ.
މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބިންގަނޑުގެ އާންމު ލެވެލްއަށް ވުރެ އަޑި މަގުތަކާއި ގޯތިތަކަށް ވެލިއެޅުމަށާއި، ގެދޮރު ޢިމާރާތްކުރުމަށާއި، އިޖްތިމާޢީ ކަންތައްތަކަށް އަދި ވިޔަފާރި ބޭނުމަށް ވެލި ދޫކުރާނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މީގެ އިތުރުން، އެންމެންގެ މެދުގައި ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދީ އެއް އުޞޫލަކުން ޢަމަލުކުރަންވީ ގޮތް ކަނޑައެޅުމެވެ.
އުސޫލުގައިވާ ގޮތުން، ވެލި ދޫކުރެވޭނީ ތުޅާދޫ ރަށްވެހީންނަށާއި ތުޅާދޫއާއި ތުޅާދޫގެ އެހެނިހެން މުއައްސަސާތަކަށް އަދި ކްލަބް ޖަމިއްޔާތަކަށެވެ. ވެލި ދޫކުރެވޭނީ އާއްމު ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ވެލި ވިއްކާނެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގޯންޏަކަށް 8 ރުފިޔާއެވެ. އަދި އުސޫލާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ ގޮތްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފުރަތަމަ ފަހަރު 500 ރުފިޔާ، ދެވަނަ ފަހަރު 1000 ރުފިޔާ، ތިންވަނަ ފަހަރު 2000 ރުފިޔާ އަދި އެއަށްފަހު 5000 ރުފިޔާގެ ޖޫރިމަނާއަކާއެކު ދެއަހަރަށް ވެލި ދޫނުކުރުމަށް ހަމަޖެހިފައިވެއެވެ.
މި އުސޫލު އާއްމުކުރުމާއެކު، ތުޅާދޫގެ ވެލި ދޫކުރުމުގެ ކަންތައްތައް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.
އުސޫލު އިތުރަށް ބަލާލަން ބޭނުންނަމަ ތިރީގައިވާ ލިންކަށް ފިއްތަވާލައްވާ!