
ދިވެހި ރާއްޖޭގެ އަޑުގެ ފަރާތުން ރޭޑިއޯ ޕްރެޒެންޓަރުން އުފެއްދުމަށް ބާއްވާ ރިއަލިޓީ ޝޯ އެއްގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތް މިހާރު ބާއްވަމުން އަންނަތާ މިއީ 6ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވި 160 ބައިވެރިންގެ ތެރެއިން ގަދަ 16 އަށް ހޮވުނު ބައިވެރިންގެ ތެރޭގައި ތުޅާދޫގެ މި ދެ ކުދިން ހިމެނުމަކީ ތުޅާދޫއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.
މި މުބާރާތަކީ ރޭޑިއޯ ދާއިރާގައި ޒުވާނުން ކުރިއަށް ދިއުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބެލެވެއެވެ. އަދި މީގެ ކުރީގެ އަހަރުތަކުގައި ވެސް މި މުބާރާތުން ފާހަގަކުރެވުނު ގިނަ ޒުވާނުން މިހާރު އަންނަނީ ރޭޑިއޯ ދާއިރާގައި ކާމިޔާބު ޕްރެޒެންޓަރުންގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.
މުބާރާތުގެ ކުރިއަށް އޮތް ބުރުތަކުގައި ޢާއިޝަތު ފިނާ ފިރާޤް އާއި އާމިނަތު ސަހާ ސަޢީދު ދައްކާނެ ހުނަރާއި ޤާބިލުކަމަށް ގިނަ ބައެއްގެ ޝައުޤުވެރިކަން އޮތްކަން ފާހަގަކުރެވެއެވެ. މި މުބާރާތުގެ މި ދެ ބައިވެރިންނަށް ވެސް ކުރިއަށް ދިއުމުގައި ވޯޓްގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ދެ ބައިވެރީން ވެސް ގިނަ ބަޔަކު ވޯޓްދިނުމަށް އެދެއެވެ.
މި ދެ ކުދިންނަށް ތުޅާދޫ ޓައިމްސްގެ ޓީމުގެ ފަރާތުން ކާމިޔާބީއަށް އެދެމެވެ.