
މީލާދީން 1943ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި މުޙައްމަދު ޢުމަރު (ދޮންގުޅި މުޙައްމަދު) އަކީ ތުޅާދޫ އަސުރުމާގޭ ޢުމަރު މޫސާ (ދޮންގުޅި ޢުމަރު) އާއި ޙައްވާ މުޙައްމަދަށް ލިބިވަޑައިގެންނެވި 6 ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.
ރަށުގެ އެހެން ކުދީންނެކޭ އެއްފަދައިން މުހައްމަދު ޢުމަރު ވެސް ތަޢުލީމީ ޙަޔާތް ހޭދަކުރެއްވީ ތުޅާދޫ ސްކޫލުގައެވެ.
"އަޅުގަނޑުމެން ސްކޫލަށް ވަން އިރު މުޙައްމަދު ވެސް ސްކޫލުގައި އުޅޭ ހަނދާންވޭ. އޭރު މުހައްމަދުމެން އަޅުގަނޑުމެންނަށް ވުރެ ބޮޑުވާނެ. އެކަމަކު ކުޑަ ދުވަސްކޮޅެއްވީތަނާ މުހައްމަދު ސްކޫލަކުން ފެންނަ ހަނދާނެއް ނުވޭ. ހީވަނީ ސްކޫލުން ކެނޑުނީހެން" ބ. ތުޅާދޫ އަތަގަސްދޮށުގޭ ފާޠިމަތު އިބްރާހީމް ވިދާޅުވިއެވެ.
މުޙައްމަދު ޢުމަރުގެ ކާފަ ދަރިފުޅަކަށް ލިޔެލާޖަހަން ދަސްކޮށްދެއްވަނީ
ލިޔެލާޖެހުމުގެ މަސައްކަތުގައި ތުޅާދޫގެ މަޝްހޫރު ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގެން، އެ މަސައްކަތުގެ މާޙައުލުގައި އުޅުއްވަމުން ގެންދެވި މުހައްމަދު ޢުމަރުވަނީ ވަރަށް ކުޑައިރު އޭނާގެ ބައްޕަ، ދޮންގުޅި ޢުމަރު ކުރައްވަމުން ގެންދެވި ލިޔެލާޖެހުމުގެ މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބައްޕަވަނީ، ބައްޕަގެ އުމުރުން ވަރަށް ކުޑަ އިރު، ކާފަ ކުރައްވަމުން ގެންދެވި ލިޔެލާޖެހުމުގެ މަސއްކަތް ކުރައްވަން ފައްޓަވާފަ. އަޅުގަނޑުމެން ކިރިޔާ ހަނދާންވާން ފެށި އިރު ވެސް ވަރަށް މޮޅަށް ލިޔެލާޖެހުމުގެ މަސައްކަތް ބައްޕަ ކުރައްވަ" ދޮންގުޅި އުމަރުގޭ މުހައްމަދުގެ ދޮށީ ދަރިފުޅު އިބްރާހީމް ޒުބައިރު ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވެގެން ލިޔެލާޖެހުމުގެ މަސައްކަތް ކުރުމަށް އެކި ފަހަރު މަތިން މާލެ ގެންދެވި ތުޅާދޫ މީހުންގެ ތެރޭގައި މުހައްމަދު ޢުމަރު ވެސް ހިމެނި ވަޑައިގަތެވެ.
"އަޅުގަނޑުގެ ބައްޕަ ކިޔައިދެއްވި ގޮތުގައި ނާސިރުގެ ދައުރުގައި އެކި ފަހަރުމަތިން ލިޔެލާ ޖެހުމުގެ މަސައްކަތްކުރުމަށް މާލެދާންޖެހުނު. އެގޮތުން ވެލާނާގޭ ގޯތިތެރޭގައާއި ރަންޖެހިކޮށީގައި ވެސް ލިޔެލާޖެހުމުގެ މަސައްކަތްކުރިކަމަށްވޭ" ލިޔެލާޖެހުމުގެ މަސައްކަތް ކުރުމަށް މުހައްމަދު އުމަރު މާލެ ވަޑައިގެން އެ މަސައްކަތްކުރެއްވިގޮތް، މުހައްމަދުގެ ދަރިފުޅު އިބްރާހީމް ޒުބައިރު އޮޅުންފިލުވައި ދެއްވިއެވެ.
އިބްރާހީމް ނާސިރުގެ ވެރިކަމުގައި ލިޔެލާޖެހުމުގެ މަސައްކަތް ކުރައްވަން މާލެ ވަޑަގެންނެވި ކަމަށް، މުހައްމަދު އުމަރު، ދުނިޔެ ދޫކުރެއްވުމުގެ ކުރިން "ތުޅާދޫޓައިމްސް"އަށް ދެއްވި ބަސްދީގަތުމެއްގައި، އޭނާ ވެސް ވަނީ ވިދާޅުވެފައެވެ.
މުޙައްމަދު ޢުމަރަށް ކާފަ ވިދާޅުވާ ބައެއް ބޭފުޅުންނާ އެކު
""ނާސިރު ދައުރުގައި ސަރުކާރުން އަންގައިގެން އަޅުގަނޑު ވެސް ދެތިން ފަހަރަކު، ލިޔެލާޖަހަން މާލެ ދިޔައިން. އެއްފަހަރު ވެލާނާގޭ ދެކުނުފަރާތުގައި ހުންނަ އަނބުގަސްތައް ދަށުގައި ވެސް މަސައްކަތްކުރިން. އޭރު އަޅުގަނޑުމެން ލިޔެލާޖެހުމުގެ މަސައްކަތުގައި ތިބޭ އިރު، ނާސިރު އެ ތަނަށް ވަޑައިގެން އެ މަސައްކަތް ބައްލަވަން ހުންނަވާނެ. އެއްވެސް އެއްޗެއް ވިދާޅެއް ނުވާނެ. އެކަމަކު މަސައްކަތް ކުރާތަން ވަރަށް ރަނގަޅަށް ބައްލަވަން ހުންނާވާފައި ވަޑައިގަންނަވާނީ. އަދި އެގޮތަށް މާލެ އަށް ކުރި ދަތުރުތަކުގައި ބައެއް ފަހަރު ރަންޖެހި ކޮށީގައި ވެސް އެ މަސައްކަތް ކުރަންޖެހޭ" މުހައްމަދު އުމަރު، ނިޔާވުމުގެ ކުރިން އޭނާ ވިދާޅުވެފައި ވެއެވެ.
މުހައްމަދު އުމަރަކީ ލިޔެލާޖެހުމުގެ އިތުރުން ކިއްސަރުވަޑާމުގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ ޒުވާން ޢުމުރުގެ އެންމެ ކުރީކޮޅުގައި ވަނީ، ތުޅާދޫ މާވަޑި ދޮންއަލީއާ އެކު، ކިއްސަރުވަޑާން ވެސް ކުރައްވަން ފައްޓަވާފައެވެ.
"އަޅުގަނޑު ކިރިޔާ ހަނދާންވާ އިރު ވެސް ބައްޕައާ އެކު ކިއްސަރުވާޑަންކުރަން މުހައްމަދުބެ އުޅޭ. މުހައްމަދުބެ ކިއްސަރުވަޑާން ނުކުރާ ހަނދާނެއް އަޅުގަނޑު ނުވޭ. އެ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވެނީ ބައްޕައާ އެކުގައި ނައިފަރު ދޮންކަލޭފާނު ބޯޓު ބަންނަން މުހައްމަދުބެ ވެސް ނައިފަރަށް ދިޔަ ހަނދާން. އެ ދަތުރު ބައްޕަ ނައިފަރަށް ދިޔައީ އަޅުގަނޑު ވެސް ގޮވައިގެން. އޭރު އަޅުގަނޑުގެ އުމުރުން ވަރަށް ކުޑަވާނެ. އެކަމަކު ރަނގަޅަށް ހަނދާންހުރޭ. އެ ފަހަރު ދޮންކަލޭފާނު ބޯޓް ބަންނަން ދިޔަ މާވަޑިޔަކީ ދަރަވަންދޫ މާވަޑި އަހަންމަދުބެ. މާވަޑި އަހަންމަދުބެއާ އެކު އެ ބޯޓް ބަންނަން ދޮން ކަލޭފަނު ތުޅާދޫން ގެންދިޔައީ ބައްޕައާއި މުހަމައްމަދުބެ. އޭރު މުހައްމަދުބެ ކައިވެނިކޮށްގެން އުޅެނީ އަޅުގަނޑުގެ ބައްޕަ އެއްބަފާ ބޮޑުދައިތަޔާ. އެއީ ދޮން މަރިޔައްތަ" ނައިފަރު ދޮން ކަލޭފާނު ބޯޓް ބަންނަން ދިޔަ މީހުންނާ ގޫޅޭގޮތުން، ތުޅާދޫ މާވަޑި ދޮންއަލީގެ ދޮށީ ދަރިފުޅު މޫސާ ޢަލީ (ތުޅާދޫ، ބަގީޗާއާގޭ މޫސާމަނިކު) ވިދާޅުވިއެވެ.
މުޙައްމަދު ޢުމަރުގެ ބައެއް ބޭފުޅުންނާއި ކާފަވިދާޅުވާ ބައެއް ބޭފުޅުންނާ އެކު
މުހައްމަދު ޢުމަރަކީ އޭރުގެ ބ. އަތޮޅުވެރިޔާ ޔޫސުފު ކަލޭފާނުގެ އަތޮޅުވެރިކަމުގައި އުނޑޫދޫ، ފުނަދޫ، މާއްޑޫ، މި ތިން ރަށުގެ މީހުން އޭދަފުށްޓަށް ބަދަލުކުރަންވެގެން އެ މީހުންނަށް އޭދަފުށީގައި އަޅައިދިން ގެތައް އެޅުމުގެ މަސައްކަތުގައި ވެސް އުޅުއްވި ފަރާތެކެވެ.
"އުޑޫދޫ، ފުނަދޫ ، މާއްޑޫން އޭދަފުށްޓަށް މީހުން ބަދަލު ކުރަން ވެގެން ގެތައް އެޅި އިރު ބައްޕައާ އެކުގައި އަޅުގަނޑު ވެސް ދިޔައިން. އޭރު މަސައްކަތްކުރަން ރަށްރަށަށްދާ އިރު ބައްޕަ ދާނީ އަޅުގަނޑު ގޮވައިގެން. އޭރު އުމުރުން ދިހަ ބާރަ ވަރަކަށް އަހަރުވެދާނެހެން ހީވަނީ. އެ ގެތައް އޭރު އަޅަނީ އެންމެ ފުރަތަމަ ގާފޮޅެއް ރާނާފައި އެ ގާފޮޅުމަތީ ރުއް ވަކަރެއް ބާއްވާފައި އޭގެ މަތީ މެއްލަޖަހައިގެން. އެ މަސައްކަތްކުރަން އެކި ރަށްރަށުން ގްރޫޕްތައް ހަދައިގެން ގޮސް އެ ގެތައް އެޅީ. އޭރު ތުޅާދޫން ބައްޕަ ހަދައިގެން ދިޔަ ގްރޫޕުގެ މީހުންގެ ތެރޭގައި އެންމެ އިސްކޮށް ބައްޕަގެ އަތްދަށުން މަސައްކަތްކުރަން ހުރި ވަޑިޔަކީ މުހައްމަދުބެ. އެއީ ވެސް މުހައްމަދުބެ ބައިވެރިވެގެން ކުރި ވަރަށް މުހިންމު މަސައްކަތެއް" ތުޅާދޫ، ބަގީޗާއާގޭ މޫސާ އަލީ ވިދާޅުވިއެވެ.
ކިއްސަރުވަޑާން ކުރެއްވުމުގައި ވެސް މުޙައްމަދު އުމަރަކީ، ވަރަށް ފާހަގަކުރެވޭ ހުނަރުވެރިއެއް ކަމަށް މުހައްމަދާ އެކު އެ މަސައްކަތް ކުރެއްވި ބޭފުޅުން ފާހަގަކުރައްވައެވެ.
"ކިއްސަރު ވަޑާމުގެ ތެރޭގައި ދޮންގުޅި އުމަރުގޭ މުހައްމަދާ އެކުގައި އަޅުގަނޑު ވެސް މަސައްކަތްކުރިން. އެންމެ ފުރަތަމަ މުހައްމަދާ އެކުގައި މަސައްކަތްކުރި ހަނދާން ވަނީ ދޮންބެއައްޔަ ރަޙުމާނުގޭގައި ބަން ދޯންޏެއްގެ ދޮށުގައި. އެ ދޯނީގެ މާވަޑިޔަކީ ތުޅާދޫ މާވަޑި ދޮންއައްޔަ. އޭރު ވެސް މުހައްމަދަކީ ކިއްސަރު ވަޑާންކުރުމުގައި އަތްމަތި ވަރަށް އަވަސް އަދި ވަރަށް ސާފުތާހިރުކޮށް ވަޑާން ކުރާ މީހެއް. މުހައްމަދަކީ ވަޑާންކުރުމުގެ އިތުރުން ވަރަށް ގިނަ މަސައްކަތް ދަންނަ މީހެއް. ހަނުތެޅުން ފަދަ ކަންކަން ވެސް ވަރަށް މޮޅަށް ކުރާނެ" ތުޅާދޫ، މާއިރާ އިދުރީސް ޢަބުދުއްރަޙުމާނު ވިދާޅުވިއެވެ.
މުޙައްމަދު ޢުމަރަށް ކާފަ ވިދާޅުވާ ބައެއް ބޭފުޅުންނާ އެކު
"މުހައްމަދަކީ ލިޔެލާޖެހުމާ އެއްވަރަށް ކިއްސަރުވަޑާން ވެސް ވަރަށް ރަނގަޅަށް ކުރި މީހެއް. އަހަރެން ވަޑާންކުރަން ފެށި އިރު ވެސް މާވަޑި ދޮން އައްޔާ އެކު މުހައްމަދު ވަޑާންކުރޭ. އަހަރެން ވެސް މުހައްމަދުމެންނާ އެކު މާވަޑި ދޮންޔަގެ މާވަޑިކަމުގައި ވަޑާންކުރިން. އަދި އަހަރެންގެ މާވަޑިކަމުގައި ވެސް މުހައްމަދު ވަޑާންކުރި. ރަށުގައާއި އަތޮޅުތެރޭގެ ރަށްރަށަށް ވެސް މުހައްމަދު ވަރަށް ގިނައިން ވަޑާމަށް ގޮސް އުޅުނު. މުހައްމަދަކީ ވަޑާންކުރުމުގައި އަތްމަތި އަވަސް މީހެއް. ރުއް ލަކުޑިން ދޯނިފަހަރު ބަން ދުވަސްވަރު، މުހައްމަދަކީ ރުއްވަކަރު ކޮށަން ވެސް ވަރަށް މޮޅު މީހެއް. ލިޔެލާޖެހުމާއި ވަޑާންކުރުމާއި ހަނުތެޅުމުގައި ވެސް އެއީ ވަރަށް ފާހަގަކޮށްލެވޭ މީހެއް" ބ. ތުޅާދޫ، ފެންފިޔާޒުގޭ އަބުދުއްސައްތާރު މުޙައްމަދު (މާވަޑި ސައްތާރު) ވިދާޅުވިއެވެ.
މުހައްމަދު އުމަރު، ދެނެވަޑައިގަންނަވާ އެހެން ބައެއް ބޭފުޅުން ވެސް ވިދާޅުވާގޮތުގައި މުހައްމަދަކީ ކިއްސަރު ވަޑާންކުރެއްވުމުގައި ވަރަށް ހުނަރުވެރި އެހައިމެ ސާފުތާހިރުކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
"މުހައްމަދުބެއާ އެކު އަހަރެން އެންމެ ފުރަތަމަ ވަޑަންކުރަން ދިޔައީ، އީސާބެގޭ މަސްރޫރާދޯނި ބަންނަން. އޭރު އެއީ ރިޔަލުދޯންޏެއް. ފަހުން އެ ދޯނީގައި އިންޖީނު އެޅީ. މުހައްމަދުބެއާ އެކުގައި ވަރަށް ގިނަ ދޯނިފަހަރު ބަންނަން އުޅުނިން. މުހައްމަދުބެއަކީ، މޮޅަށް ރުއްވަކަރު ކޮށުމުގެ އިތުރުން ކަޅިހި އެޅުމާއި އޮޑަލުން ހިމުންކުރުމަށް ވެސް ވަރަށް މޮޅު މީހެއް. އަނެއްކާ އަތްމަތި އެހާ އަވަސްވެފައި މަސައްކަތް ވަރަށް ސާފުތާހިރުވާނެ. މަޑުލުގެ ތަލި ފުށްތުނޑު ހަދާލެއް ވެސް ވަރަށް އަވަސްވާނެ. ފޮނުވަތް ދެމުމާއި ޅިސްކޮށުމަށް ވެސް ވަރަށް ކުޅަދާނަވާނެ. އެ ދުވަސްވަރު މުހައްމަދުބެއަކީ ވަރަށް އަތުބާރު ވެސް ގަދަ މީހެއް" ތުޅާދޫ މާވަޑި ދޮންއަލީގެ ދޮށީ ދަރިފުޅު، މޫސާ އަލީ ވިދާޅުވިއެވެ.
މުޙައްމަދު ޢުމަރަށް ކާފަ ވިދާޅުވާ ބައެއް ބޭފުޅުންނާ އެކު
މޫސާ އަލީ އިތުރަށް ވިދާޅުވިގޮތުގައި މުހައްމަދުބެ ވަނީ މުހައްމަދުބެގެ އަމިއްލަ ގޯތީގައި އޭނާގެ އަމިއްލަ މާވަޑިކަމުގައި ކުދި އުޅަނދުފަހަރު ބަންނަވާފައެވެ. މުހައްމަދުގެ ދަރިފުޅު އިބްރާހީމް ޒުބައިރު ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
"ތުޅާދޫ ފަޅުތެރެއިން ގެވަޅު ދޫކޮށްގެން ގެވަޅު ހިއްކި ދުވަސްވަރު ވެލިގާ ނަގަން ޚާއްޞަކޮށްގެން ކުޑަ ބައްތެއްޔެއް، ބައްޕަ ވަނީ ބަންނަވާފަ. އޭގެ އިތުރުން ވެސް ބައްޕަގެ މާވަޑިކަމުގައި، ކުދި އުޅަނދުފަހަރު ބަންނާވާފައި އެބަހުރި. އޭގެ އިތުރުން ވެސް ވަރަށް ތަފާތު ވަރަށް ބޮޑެތި މަސައްކަތްތައް ކުރައްވާފައި އެބަހުރި. ބައްޕަ، ދެއްވި މައުލޫމާތަށްބަލާ އިރު، އުނޑުދޫ، ފުނަދޫ، މާއްޑޫ މީހުން އޭދަފުށްޓަށް ބަދަލުކުރި އިރު އެ މީހުންނަށް އެޅި ގެތައް އެޅުމުގައި ބައްޕަވަނީ ވަޑާމުގެ މަސައްކަތް ކުރައްވާފައި. އަދި ސަރުކާރުން ބޭނުންވެގެން އެކި ފަހަރުމަތިން މާލެއަށް ލިޔެލާޖެހުމުގެ މަސައްކަތް ކުރަން ވެސް ދިޔަ. އަދި އެ ދުވަސްވަރު، ސިފައިންގޭ މީހުންނަށް ބޭނުންވާ މުގުރު ހަދައިދިނުމުގެ މަސައްކަތް ވެސް ބައްޕަވަނީ ކުރައްވާފައި. އެކަން ކުރެއްވީ މަސްތަކާގޭ ކައިރީގައި އުޅޭ އިސްމާއީލްދީދީ ކިޔާ މީހާކާ އެކުގައި ކަމަށް ވެސް ބައްޕަ ބުނުއްވި. އަދި ރަށައި ރަށުން ބޭރުގެ ވަރަށް ގިނަ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ވެސް ބައްޕަ ވަނީ ކުރައްވާފައި" ލިޔެލާޖުމުގެ މަސައްތުގެ ހުނަރުވެރިޔާ އިބްރާހީމް ޒުބައިރު ވިދާޅުވިއެވެ.
މުޙައްމަދު ޢުމަރު، ރައީސް ނަޝިދުގެ އަރިހުގައި
އިބްރާހީމް ޒުބައިރު އިތުރަށް ވިދާޅުވިގޮތުގައި އޭނާގެ ބައްޕައަކީ ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ހުނަރުވެރިއެކެވެ.
"ބައްޕަގެ މަސައްކަތްކުރެއްވި ދާއިރާތަކަށް ބަލާ އިރު، ކިއްސަރުވަޑާން، ތެދުއުއި ވަޑާން، އަރިއަންލިޔުމާއި ދެފަށްލާޖެހުން، ލާފެންކުރުން، ދިގުހަރުލިޔުން، ރޭނުމާއި ސިމެންތި ޖެހުން، ނަގިލިތެޅުން، ހަނު ތެޅުން، ކަބީލަ ފަދަ ތަކެތި ވިރުވައި އެޅުން ފަދަ ގިނަ މަސައްކަތްތައް ބައްޕަ ވަނީ ކުރައްވާފަ" ދޮންގުޅި އުމަރުގޭ މުހައްމަދުގެ ފަންނުވެރިކަމާ ގުޅޭގޮތުން މުހައްމަދުގެ ދަރިފުޅު އިބްރާހީމް ޒުބައިރު ވިދާޅުވިއެވެ.
މަސައްކަތްތެރިކަމުގައި ފާހަގަކުރެވުނު ހުނަރުވެރިޔާ، މުހައްމަދު އުމަރަށް ވަނީ، 4 ކައިވެންޏަކަށް 10 ބޭފުޅުން ލިބިވަޑައިގެންފައެވެ. އަންހެން 8 ބޭފުޅުންނާއި ފިރިހެން ދެ ބޭފުޅުންގެ ތެރެއިން، މި ވަގުތު ދުނިޔޭގައި ތިއްބެވީ ފިރިހެން ބޭފުޅަކާއި އަންހެން ހަތްބޭފުޅުންނެވެ. މީގެ ތެރެއިން މުޙައްމަދުގެ ދޮށީ ދަރިފުޅު އިބްރާހީމް ޒުބައިރަކީ މުހައްމަދު ފަދައިން ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި މަސައްކަތްތެރި އެކެވެ. ވަކިން ޚާއްޞަކޮށް ލިޔެލާޖެހުމާކުރެހުމުގެ އިތުރުން ހިރިގަލު ވަޑާމުގެ މަސައްކަތުގައި ގިނަގުނަ ކާމިޔާބީތައް ހޯއްދަވާފައިވާ ފަންނުވެރިއެކެވެ.
މުޙައްމަދު ޢުމަރަށް ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނާ އެކު
އިބްރާހީމް ޒުބައިރު ފާހަގަކުރައްވާ ގޮތުގައި އޭނާގެ ބައްޕަ، ވަނީ ކިތަންމެ ބުރަކޮށް މަސައްކަތު އުޅުއްވި ނަމަވެސް ގަޑިން ގަޑިއަށް ނަމާދުކުރައްވައި އަޅުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައެވެ. އަދި މުޙައްމަދު އުމާރާ އެކު ގިނަ ވަގުތު މަސައްކަތު ހޭދަކުރެއްވި ބައެއް ބޭފުޅުންވެސް އެކަން ފާހަގަކުރައްވައެވެ.
"އަޅުގަނޑުވާނެ، މުހައްމަދުބެއާ އެކު ވަރަށް ގިނަ ދުވަހު ވަޑާމުގެ މަސައްކަތުގައި އުޅުނުމީހަކަށް. ވަޑާމުގައި ކިތަންމެ ބުރަކޮށް އުޅުނަސް ވަގުތުޖެހުމާ އެކު މަސައްކަތް ހުއްޓާލާފައި ނަމާދަށް ދާނެ. މުހައްމަދުބެއަކީ ގަޑިންގަޑިއަށް ނަމާދުކޮށް އުޅުނު ވަރަށް ހެޔޮލަފާ މީހެއް" ދޮންގުޅި އުމަރުގޭ މުހައްމަދާ އެކު ކިއްސަރު ވަޑާމުގެ މަސައްކަތުގައި ގިނަ ދުވަހު އުޅުއްވި، ބ. ތުޅާދޫ ބަގީޗާއާގޭ މޫސާ ޢަލީ (މޫސާމަނިކު) ވިދާޅުވިއެވެ.

މުހައްމަދު އުމަރު ފާހަގަކުރެވިފައިވަނީ، މަސައްކަތްތެރިކަމުގައި ތުޅާދޫގެ ނަން މަޝްހޫރު ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އެއީ އެންމެ ޅަދުވަހުއްސުރެ އެފަދަ މާހައުލެއްގައި އުޅުއްވައި، ބޮޑުފުޅުވި ބޭފުޅެކެވެ. ވަރަށް ކުޑައިރުއްސުރެ ފެށިގެން އަމަލީގޮތުން މަސައްކަތްކުރައްވަމުން ގެންދެވި ހުނަރުވެރިއެކެވެ. ރޭނުމާއި ސިމެންތި ޖެހުމުގައެވެ. ކަނބުރު މަސައްކަތާއި ހަނު ތެޅުމުގައެވެ. ކަބީލަ ފަދަ ތަކެތި ވިރުވައި އެޅުމާއި ތެދު އުއި ވަޑާމުގައެވެ. ދިގުހަރުލިޔުމާއި ލާފެންކުރުމުގައެވެ. ވަކިން ޚާއްޞަކޮށް، ކިއްސަރުވަޑާމާއި އަރިއަންލިޔުމާއި ދެފަށްލާޖެހުމުގައެވެ. އެއިން ކޮންމެ މަސައްކަތެއް ވެސް ކުރެއްވީ ވަރަށް ހުނަރުވެރިކަމާއި ސާފުތާހިރުކަމާ އެކުގައެވެ. އެއީ މަސައްކަތްތެރިކަމުގައި ތުޅާދޫން ފާހަގާކުރެވޭ ދޮންގުޅި އާއިލާގެ ނަމޫނާ ބޭފުޅެކެވެ.