ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މީހުން ވިޔަފާރި މުނިފޫހި ކުޅިވަރު ވާހަކަ
ރިޕޯޓު

ގަދަ 10ގައި ހިމެނުނު ތުޅާދޫ ސްކޫލުގެ 7 ތަރީން

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެންމެ ފަހުން ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ހަފުލާގައި ތުޅާދޫ ސްކޫލަށް ލިބުނު ކާމިޔާބީއަކީ ކުޑަ ކާމިޔާބެއް ނޫނެވެ. ސާނަވީ މަރުހަލާ ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައި ގައުމީ ގަދަ 10ގައި ތުޅާދޫ ސްކޫލުގެ 3 ދަރިވަރަކު ހިމެނިގެން ދިއުމަކީ ތުޅާދޫ ސްކޫލަށް ލިބުނު ފަޚުރެކެވެ. މި އަހަރު، 90 އަހަރު ފުރޭ ތުޅާދޫގެ ފަޚުރުވެރި ސުކޫލަށް 2024ވަނަ އަހަރު މި ޝަރަފު ހޯދައިދިނީ ބ. ތުޅާދޫ، ވިނަރެސް، މާނާ ޢަބްދުލްމަޖީދާއި ބ.ތުޅާދޫ، ސީވީޑް، ރީމާޒް ބިން ރަމީޒް ޢުޘްމާނާއި ބ. ތުޅާދޫ، ސޯސަންވިލާ، އަލްޠާފް ޢަލީ ވަޙީދެވެ. އެ ފަޚުރާއެކު ތުޅާދޫ ސްކޫލަށް ލިބޭ އަނެއް ޝަރަފަކީ 2025ވަނަ އަހަރު ގައުމީ ގަދަ 10ގައި ތުޅާދޫ ސްކޫލަށް 4 ދަރިވަރަކު ހިމެނިފައިވުމެވެ. އެ 4 ދަރިވަރުންނަކީ ބ.ތުޅާދޫ ރަންވެލި، ރަޔާން އިބްރާހީމާއި ބ. ތުޅާދޫ ތެވެލި، މާޒް މުޙައްމަދާއި ބ.ތުޅާދޫ ފިނިވާދީ، ޢާއިޝަތު ފަލަކް ފާއިޤާއި ބ.ތުޅާދޫ، މިނާވް، މާނީ މަފާޒްއެވެ. މި ހަތް ދަރިވަރުންނަކީ ކޮން ދަރިވަރުންނެއް ހެއްޔެވެ؟ އެ ކާމިޔާބީއާ ހަމައަށް ދިއުމަށް އެ ދަރިވަރުން މަސައްކަތްކުރީ ކިހިނެއް ހެއްޔެވެ؟ އެ ދަރިވަރުންގެ އުންމީދުތަކަކީ ކޮބައި ހެއްޔެވެ؟

ރީމާޒް ބިން ރަމީޒް ޢުޘްމާން 

އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10ގެ 7ވަނައިގައި ހިމެނުނު ބ. ތުޅާދޫ، ސީވީޑް، ރީމާޒް ބިން ރަމީޒް ޢުޘްމާނަކީ ބ. ތުޅާދޫ ސީވީޑް، އަހްމަދު ރަމީޒާއި އައިމިނަތު ހުޒައިމާ (މަރީ)އަށް ލިބިލެއްވި ފުރަތަމަ ދަރިފުޅެވެ. ތުޅާދޫ ސްކޫލުގައި ކިޔަވަމުން އަންނަ ރީމާޒް އެންމެ ކިޔަވާހިތްވާ ވަކި މާއްދާއެއް ނެތެވެ. ކޮންމެ މާއްދާއަކީ ވެސް ވަރަށް ކިޔަވާހިތުން ކިޔަވާ މާއްދާއެކެވެ.

"އެންމެ ކިޔަވާހިތްވާ ވަކި މާއްދާއެއް ނެތް. ކޮންމެ މާއްދާއެއް ވެސް ކިޔެވީ ހަމަ ކިޔަވާހިތުން. ކޮންމެ މާއްދާއަކަށް ވެސް ވަގުތުދިނިން. ފުރިހަމަ ނަތީޖާއެއް ހޯދޭނީ އެ މާއްދާއަކަށް ވަރަށް ބޮޑަށް ޝައުގުވެރިވެގެން" ރީމާޒް ބުންޏެވެ.

your imageރީމާޒް ރިޕޯޓް ފޯމު ލިބިގަންނަނީ 

ރީމާޒް ގަބޫލުކުރާ ގޮތުގައި އޯލެވެލް އިމްތިހާނުން ފުރިހަމަ ނަތީޖާއެއް ހޯދުމަށް ޓަކައި ކޮންމެހެން ޓިއުޝަން ނަގާކަށް ނުޖެހެއެވެ. ޓިއުޝަނާ ނުލައި ވެސް މޮޅު ނަތީޖާއެއް ހޯދިދާނެއެވެ. ރީމާޒްކުރީ އެ ތަޖުރިބާއެވެ.

"އަޅުގަނޑު އެއްވެސް ވަރަކަށް ޓިއުޝަނެއް ނުނަގަން. ޓިއުޝަނާ ނުލައި ވެސް މޮޅުވެވިދާނެ. އަޅުގަނޑު ކުރިކަމަކީ ޕާސްޓް ޕޭޕަރ ހެދުން. ޕާސްޕޭޕަރުތަކަށް ފަރިތަވެ، ޖަވާބުތައް ދޭންވާ ގޮތް ދަސްކުރުމާއި އެކި މާއްދާތަކުގެ ޕޭޕަރުތަކުގައި ސުވާލުތައް ހިމަނާފައިވާ ގޮތަށް އަހުލުވެރިވުމަކީ ކުރެވުނު ވަރަށް މުހިންމުކަމެއް. މިގޮތުން އެންމެ މުހިންމު ވަސީލަތްތަކަށްވީ އިންޓަނެޓް. އަދި އެހެން ދަރިވަރުންނާ އެކު ގްރޫޕް ސްޓަޑީ ސެޝަންތައް ވެސް ކުރިޔަށް ގެންދިޔައިން. އަދި އަމިއްލަ ހިތްހަމަ ޖެހުމަށް ކޮންމެ ދުވަހަކު ވަކި ވަގުތެއް ކަނޑައެޅިން. މީގެ އިތުރުން އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހާއްސަކޮށް މަންމަގެ ފަރާތުން ލިބުނު އެއްބާރުލުމަކީ މި ނަތީޖާއާ ހަމަޔަށް ވާސިލުވެވުނު އެންމެ ބޮޑު އެއް ސަބަބު" ރިމާޒް ބުންޏެވެ.

މުސްތަގުބަލުގައި މެރިން ބަޔޮލޮޖީގެ ދާއިރާއިން ކުރިއަށް ދާން ޢަޒުމުކަނޑައަޅައިގެން ހުރި ރީމާޒަކީ އެންމެ ކުޑައިރުއްސުރެ ވެސް މޫދަށް ގޮސް ފީނާހެދުމަށް ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ.

"ރާއްޖޭގެ ބޮޑުބަޔަކީ ކަނޑު ކަމަށްވާއިރު ކަނޑުފަޅުގެ މުހިންމުކަން ގިނަ މީހުންނަކަށް ނުވިސްނޭ. މި ކަންކަމާ މެދު މީހުން އަހުލުވެރިކޮށް ރާއްޖޭގެ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށް ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް" ރީމާޒް ބުންޏެވެ. 


your imageރީމާޒް ލިޔުމަކާ ހަވާލުވަނީ 

ރީމާޒަކީ އިތުރު ހަރަކާތްތަކުން ވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ. އެގޮތުން ސައިންސް ޖީނިއަސް ކްއިޒުން ދެ އަހަރަކު 1ވަނަ ހޯދާފައިވާ އިރު އަދަބީ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ. ސްކޫލުގެ ދިވެހި ޖަމިއްޔާގެ ރައީސްކަން ރީމާޒްކޮށްފައި ވާއިރު އެއީ ކެޑޭޓްކޯގެ މުދައްރިބެކެވެ.

އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ރީމާޒް ދިނީ ތަފާތު މެސެޖެކެވެ.

"ބުނެލަންއޮތީ ކިތަންމެ ކިޔަވާހިތް ނުވިޔަސް އާއިލާއަށާއި ސުކޫލަށް ރީތި ނަމެއް ހޯދައިދިނުމަށް މަސައްކަތް ކުރަންވާނެއޭ. ކޮންމެ ކުއްޖެއްގެ މައިންބަފައިން އެ ކުއްޖަކާ މެދު ފޮނި އުންމީދުތަކެއް ކުރާނެ. ފޮނި ހުވަފެންތަކެއް ދެކޭނެ. އެ ހުވަފުންތަކުގައި ކުލަޖައްސާ ދެވޭނީ ހަމައެކަނި އެ ދަރިވަރަކަށް. އެންމެ މަތީ ވަނަތައް ނުލިބުނުކަމުގައި ވިޔަސް އެ ކުއްޖެއްގެ އަމިއްލަ ފެންވަރުން ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ މައިންބަފައިންނާއި ޓީޗަރުން ފަޚުރުވެރިވާ ކުއްޖަކަށް ވެވޭނެކަމީ ޔަގީންކަމެއް. އެ ކުއްޖަކަށް ރަގަޅު ތަޢުލީމެއް ފޯރުކޮށްދީ ހަރުދަނާ ކުއްޖަކަށް ހެދުމަށް މައިންބަފައިން ކުރި ބުރަ މަސައްކަތާއި ވީ ގުރުބާނީގެ އަގު އަދާ ކޮށްދެވޭނެ ގޮތަކީ އެއީ"

މާނާ ޢަބްދުލް މަޖީދު

އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10ގެ 6ވަނައިގައި ހިމެނުނު ބ. ތުޅާދޫ، ވިނަރެސް، މާނާ ޢަބްދުލްމަޖީދަކީ ތުޅާދޫ ވިނަރެސް ޢަބްދުލްމަޖީދު ޙުސައިންއާއި ޝަހާމާ ޢަބްދުއްސައްތާރަށް ލިބިލެއްވި ފުރަތަމަ ދަރިފުޅެވެ.

ތުޅާދޫ ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުން އަންނަ މާނާއަކީ މި އަހަރުގެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ކިޔެވުމުގައި ގަދައަޅައި މަސައްކަތްކުރާ މާނާ އެންމެ ކިޔަވާހިތްވަނީ ހިސާބު މާއްދާއެވެ.

your imageމާނާ، މަގާމުގެ ލިޔުމާ ހަވާލުވަނީ 

"ގުރޭޑް 10 ގެ ފުރަތަމަ ޓާރމްގައި ބީ ގުރޭޑެއް ލިބުނީމާ އަޅުގަނޑު ވަރަށް ދެރަވި. އެހެންވެ އެ މާއްދާއިން ވަރަށް ބޮޑަށް މަސައްކަތްކުރިން. އެ މަސައްކަތުގެ ތެރެއިން ނަތީޖާގެ ކުރިއެރުން ވަރަށް ބޮޑަށް ލިބިގެން ދިޔަ، މޮކް އިމްތިހާނުގައި އޭ އެއް، އޯލްވެލްގައި އޭ ސްޓާރއެއް ލިބުނު. އެހެންވެ މިހާރު އޭ ލެވެލްގައި ވެސް އެންމެ ކިޔަވާހިތުން ކިޔެވެނީ ހިސާބު" މާނާ ބުންޏެވެ.

އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް މާނާ މަސައްކަތްކުރީ އޭނާއަށް ދަސްކުރަން އެންމެ ފަސޭހަ ގޮތަށެވެ.

"އެންމެ ބޮޑަށް ކުރެވުނު އެއް ކަމަކީ ގިނަގިނައިން ޕާސްޕޭޕަރުތައް ފަރިތަކުރުން. މިކަން ކުރާ އިރު ވެސް ނޭނގޭ ނުވަތަ މުހިންމު ބައިތަކުގެ ކުރު ނޯޓު ހެދުމަށްފަހު ފަސޭހައިން ފެންނަ ތަނެއްގައި ހަރުކުރިން އަދި ދަސްކުރަންޖެހޭ ތަކެތި ގިނަގިނައިން މުރާޖައާކުރިން، އޭގެ އިތުރުން އެ މާއްދާއަކާ ގުޅުންހުރި ވީޑިއޯތަކާއި، ނޯޓްސްތައް ބެލިން. އަދި ދަމުނަމާދުކޮށް ގިނަގިނައިން ދުޢާކުރިން" މާނަ ކިޔައިދިނީ އޭނާ ކަންތައްތައް ކުރިގޮތެވެ.

ސިއްހީ ދާއިރާއިން ކުރިއަށްދާން ވިސްނާފައިވާ މާނާއަކީ ކުޑައިރުއްސުރެ ވެސް ބަލިހާލުގައިވާ މީހުންނަށް އެހީތެރިވާން ބޭނުންވާ ދަރިވަރެކެވެ.

"ޑޮކްޓަރަކަށްވުމުގެ ހުވަފެން އަބަދުވެސް ދެކެން. އަބަދުވެސް ބަލިހާލުގައިވާ މީހުންނާ މެދު ވިސްނޭ. އެމީހުންނަށް އެހީތެރުވާ ހިތްވޭ. ކިޔެވުމުގައި ސައިންސް ސްޓްރީމް އިހުތިޔާރު ކުރީ ވެސް ސިއްޙީ ދާއިރާއިން ކުރިއަށް ދާނަމޭ ހިތާ. މުސްތަޤުބަލުގައި ޑޮކްޓަރަކަށް އަދި ނުވެވުނަސް، އެ ދާއިރާއިން ކުރިޔަށް ދާން ބޭނުން" މާނާ އޭނާގެ އުންމީދު ބުނެދިނެވެ.

your imageމާނާ އިނާމަކާ ހަވާލުވަނީ 

މާނާއަކީ ނަމޫނާ ދަރިވަރެކެވެ. ކިޔެވުމެކޭ އެއްފަދައިން އިތުރު ހަރަކާތްތަކުގައި ވެސް ތަރިއެކެވެ. ތުޅާދޫ ސްކޫލުގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ މާނާވަނީ 2021ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނަ، ގުރްއާން މުބާރާތް، މުޅި މުބާރާތުން ނުބަލާ ކިޔެވުމުން 3 ވަނަ ހޯދާފައެވެ. 2022ވަނަ އަހަރު އިންޓަރ ހައުސް، ޤުރްއާން މުބާރާތް، މުޅި މުބާރާތުން ހިތުން ކިޔެވުމުން 2 ވަނަ ހޯދާފައިވާ އިރު 2023ވަނަ އަހަރު އިންޓަރހައުސް ޤުރްއާން މުބާރާތް، ހިތުން ކިޔެވުމުގެ ގޮފިން 1 ވަނައާއި ހިތުން ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން 2 ވަނައާއި އެސްޓީއޯ ތުޅާދޫ ކައުންސިލް، ހިތުން ކިޔެވުމުގެ ގޮފިން، އުމުރުފުރާއިން 3 ވަނަ ހޯދާފައިވެއެވެ. މީގެ އިތުރުން އިނގިރޭސި ޖަމިއްޔާ ބޭއްވި ނިއުސް ކާސްޓިންގް މުބާރާތުން  1ވަނަ ހޯދާފައިވާއިރު މަދަހަ މުބާރާތް، ގްރޫޕް ސްޓޭޖުން، 1 ވަނަ ވެސް ހޯދާފައިވެއެވެ.

މިހާރު އޯލެވެލް ހަދާ ދަރިވަރުންނަށް މާނާ ދޭންބޭނުންވީ މެސެޖަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކިޔެވުމުގެ މެސެޖެވެ.

"މައިންބަފައިން ބުނެގެން ކިޔަވާ ކުއްޖަކަށް ނުވެ، އަމިއްލައަށް ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކިޔެވާ ކުއްޖަކަށް ވާންޖެހޭ. އޭރުން ކިޔެވޭނީ. ޓީޗަރުން ބުނެދެއްވާ އެއްޗެއް ހަމައެކަނި ދަސްކޮށްލުމުގެ ބަދަލުގައި އަމިއްލައަށް މައުލޫމާތު ހޯދަން މަސައްކަތް ކުރަން ޖެހޭނެ،  އަމިއްލަ ނަފްސަށް އިތުބާރުކޮށް ގަދައަޅާ މަސައްކަތް ކުރަންވާނެ.  ނަމާދުތަކަށް ރައްކާތެރިވެ، ދަމުނަމާދު ވެސް ކުރެވޭތޯ ބަލަންވާނެ. ފުރިހަމަ ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި އަބަދުވެސް ﷲއަށް ދުޢާ ކުރަންވާނެ" މާނާ ބުންޏެވެ.

އަލްޠާފް ޢަލީ ވަޙީދު

އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10ގެ 9ވަނައިގައި ހިމެނުނު ބ. ތުޅާދޫ، ސޯސަންވިލާ، އަލްޠާފް ޢަލީ ވަޙީދަކީ ތުޅާދޫ ސޯސަންވިލާ ޢަލީ ވަޙީދާއި ތުޅާދޫ ދަރެސް އާމިނަތު މުޙައްމަދަށް ލިބިލެއްވި ފުރަތަމަ ދަރިފުޅެވެ.

އަހުމަދިއްޔާ އިންޓަނެޝަނަލް ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުން އަންނަ އަލްޠާފު ގަބޫލުކުރާ ގޮތުގައި ކިޔެވުމަށް ފަސޭހަ ވަގުތެއް އިޚުތިޔާރުކުރުމަކީ މުހިންމު ކަމެކެވެ.

" ރަނގަޅު ނަތީޖާއެއް ހޯދުމަށް ކިޔަވާއިރު ފަސޭހަ ވަގުތެއް އިޚުތިޔާރުކުރުން ވަރަށް މުހިންމު. އަދި އެ ވަގުތުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ވެސް މުހިންމު ކަމެއް. އަމިއްލައަށް ރާވާލައިގެން ކިޔެވުމާއި ސިލަބަހަށް އަހުލުވެރިވުމާއި އެކި ކޮންސެޕްޓްތައް ދަސްކުރުމަކީ ވެސް މުހިންމުކަންކަން" އަލްޠާފް ބުނެދިނީ އޭނާ ކަންކަން ކުރި ގޮތެވެ. 

your imageއަލްތާފް މިހާރު ކިޔަވަމުން އަންނަ އަހުމަދިއްޔާގައި ރިޕޯޓް ފޯމާ ހަވާލުވަނީ 

އެކައުންޓިންގް ދާއިރާ ނުވަތަ އައިޓީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަލްޠާފް އެ ދާއިރާއިން ކުރިއަށް ދާން ވިސްނީ އޭނާގެ ޝައުގުވެރިކަން އެ ދެ ދާއިރާއާ ގުޅިފައިވާތީއެވެ.

"ސްކޫލްގައި އުޅުނު އިރު ވެސް އެކައުންޓިންގް އަދި ކޮމްޕިއުޓރ ސައިންސް އިން ރަނގަޅު ނަތީޖާ އެއް އަބަދުވެސް ލިބޭ. އަދި އެއީ އަޅުގަނޑަށް ވަރަށް ކަމުދާ ދެ މާއްދާ އަދި މި އެ ދެ ދާއިރާއަކީ ވެސް އަޅުގަނޑު ދެކޭ ގޮތިގައި ވަރަށް  ޝައުގުވެރި ދެ ދާއިރާ" އަލްޠާފް ބުންޏެވެ.

އަލްޠާފަކީ އިތުރު ހަރަކާތްތަކުން ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ތުޅާދޫ ސްކޫލުގެ އަހަރީ އުފާ މަޒުމޫނު މުބާރާތުން 2ވަނަ އަލްޠާފް ހޯދާފައިވާ އިރު، މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގައި ވެސް ތުޅާދޫ ސްކޫލު ތަމްސީލުކޮށްފައިވެއެވެ. ގުރުއާން މުބާރާތްތަކާއި ކެޑެޓް ހަރަކާތްތަކުން ވެސް އަލްޠާފްގެ ފާހަގަކުރެވެއެވެ.

އޯލެވެލް ހަދާ ދަރިވަރުންނަށް އަލްޠާފް ބާރު އެޅީ ހަމައެކަނި ކިޔެވުމުގެ ބަދަލުގައި އެހެން ހަރަކާތްތަކުގައި ބައިވެރިވެ ކިޔެވުން ފުރިހަމަ ކުރުމަށެވެ.

your imageއަލްޠާފް ކެރަމް މުބާރާތެއްގެ ތެރެއިން 

"އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ވެސް ދަސްކުރުމުގެ ބައެއް. އަޅުގަނޑު ބުނެލަން ކޮންމެ ކުއްޖަކު ވެސް ގަދަ އަޅާ މަސައްކަތްކުރާށޭ! އަދި ހަމައެކަނި ކިޔެވުމަށް ހުސްނުވެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާށޭ! އަދި އެންމެ ގާތް އެކުވެރިންނާއެކު ވަގުތު ހޭދަކުރާށޭ" އަލްޠާފް ބުންޏެވެ.

ރަޔާން އިބްރާހީމް

2026ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރެއިން 5ވަނާގައި ހިމެނުނު ބ.ތުޅާދޫ ރަންވެލި، ރަޔާން އިބްރާހީމަކީ ތުޅާދޫ ރަންވެލި، އިބްރާހީމް އަބޫބަކުރާއި ރާޝިދާ އަޙްމަދަށް ލިބިލެއްވި 3 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ.

ކިޔެވުމަށް މޮޅު ރަޔާން އެންމެ ކިޔަވާހިތްވަނީ ހިސާބު މާއްދާއެވެ.

"ހިސާބު އަދި އެކައުންޓިންގް
ކަލްކިއުލޭޝަންސް ހުންނާތީވެ ވަރަށް ހަދާ ހިތުން ސުވާލު ހަދަނީ ވެސް. އަދި އެއީ ވަރަށް މުނިފޫހި ވެސް ފިލާ ކަމެއް. އެއީ އެންމެ ކިޔަވާހިތްވާ މާއްދާ" ރަޔާން ޝައުގުވެރިވާ މާއްދާއާއި ސަބަބު ބުނެދިނެވެ.

އޯލެވެލް ކާމިޔާބީއަކީ ކުޑަ ކާމިޔާބެއް ނޫނެވެ. އެންމެ މޮޅު ދަރިވަރުންގެ ތެރެއިން 5ވަނަ ހޯދުމަކީ ވެސް ކުޑަކަމެއް ނޫނެވެ. އެ ނަތީޖާ ރަޔާން ހޯދީ ކިހިނެއް ހެއްޔެވެ؟

your imageރަޔާން ރިޕޯޓް ފޯމު ލިބިގަންނަނީ

"އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް މަސައްކަތްކުރިން. އެންމެ ބޮޑަށް ކުރިކަމަކީ ޕާސްޕޭޕަރ ސުވާލު ޕްރެކްޓިސްކުރީ. އެކަމުން ވަރަށް ގިނަ ކަންކަން ދަސްވި. ސުވާލުތައް އަންނާނެ ފޯމެޓާއި އަރާ އޮޅުންތައް ހައްލުކުރަން ވެސް ދަސްވި." ރަޔާން ބުނެދިނެވެ.

ސީއެޗްއެސްއީ މާލޭގައި އޭލެވެލްއަށް ކިޔަވަމުން އަންނަ ރަޔާންއަކީ 2025ވަނަ އަހަރު ތުޅާދޫ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ގައުމީ އަދަބީ މުބާރާތްތަކުގައި ތުޅާދޫ ސްކޫލު ތަމްސީލުކޮށްފައިވާ ރަޔާންއަކީ ދިވެހި އަދަބީ ފޯވަހިންނާއި އެކިއެކި މުބާރާތްތަކުން ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. ޔުނީފޯމު ހަރަކާތްތަކުގެ ތެރެއިން ސްކައުޓް ހަރަކާތްތަކަށް ޝައުގުވެރިކަން ހުންނަ ރަޔާންއަކީ ސީނިއަރ ޕެޓްރޯލް ލީޑަރުކަން ވެސް ކުރި ދަރިވަރެކެވެ.

މުސްތަގުބަލުގައި ރަޔާން ކުރިއަށް ދާން ބޭނުންވަނީ އެކައުންޓިންގް ނޫނީ އައިޓީ ދާއިރާއިންނެވެ.


"އެއީ ސްކޫލްގައި އުޅުނު އިރު ވެސް އެކައުންޓިންގް އަދި ކޮމްޕިއުޓރ ސައިންސްއިން ރަނގަޅު ނަތީޖާއެއް ލިބުނު. އަދި އަޅުގަނޑަށް ވަރަށް ކަމުދާ ވަރަށް ޝައުގުވެރިވާ ދެ މާއްދާ އެއީ. އަދި އެ ދެ ދާއިރާއަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް  ޝައުގުވެރި ދެ ދާއިރާ" ރަޔާންގެ އުންމީދު އޭނާ ހާމަކުރިއެވެ.

your imageހަފުލާއެއްގައި ރަޔާން ބައިވެރިވަނީ 

ރަޔާން ގަބޫލުކުރާ ގޮތުގައި ކިޔެވުމަކީ ހަމައެކަނި ފޮތުން ހާސިލުވާ އެއްޗެއް ނޫންނެވެ. އެއާއެކު އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ލިބޭ ފިލާވަޅަކީ ވެސް ރަޔާން ގަބޫލުކުރާ ގޮތުގައި ކިޔެވުމެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ކޮންމެ ކުއްޖަކު ވެސް ގަދަ އަޅާ މަސައްކަތްކުރާށޭ! އަދި ހަމައެކަނި ކިޔެވުމަށް ހުސްނުވެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާށޭ! އެއީ ވެސް ކިޔެވުމުގެ ބައެއް. އަދި އެންމެ ގާތް އެކުވެރިންނާއެކު މެމަރީޒް ބިލްޑްކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް" ރަޔާން ގަބޫލުކުރާ ގޮތް އޭނާ ހިއްސާކުރިއެވެ.

މާޒް މުޙައްމަދު 

އޯލެވެލް އިމްތިހާނުން ގައުމީ ގަދަ 10ގައި ހިމެނުނު ބ. ތުޅާދޫ ތެވެލި، މާޒް މުޙައްމަދަކީ ތެވެލި މުޙައްމަދު އަހުމަދާއި ހިތިލާގޭ ނާފިޒާ ޢަބްދުއްރަޙީމަށް ލިބިލެއްވި ފުރަތަމަ ދަރިފުޅެވެ.

ތުޅާދޫ ސްކޫލްގައި އޭލެވެލްއަށް ކިޔަވަމުން އަންނަ މާޒްއަކީ ގަދަ 10ގެ 9ވަނައިގައި ހިމެނުނު ދަރިވަރެކެވެ. މާޒް އެންމެ ކިޔަވާހިތްވަނީ ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއެވެ.

"އެއީ ވަރަށް ޝައުގުވެރިކަން ހުންނަ މާއްދާއެއް. އެ މާއްދާ ކިޔެވުމަށް ވެސް ފަސޭހަ. އަދި އަމަލީ ހަޔާތާ ގުޅުވާލާން ވެސް ވަރަށް ފަސޭހަ. އެހެންވެ އެއީ އެންމެ ކިޔަވާހިތްވާ މާއްދާ" މާޒް ބުންޏެވެ.

your imageމާޒް އިނާމެއް ލިބިގަންނަނީ 

އެހެން ދަރިވަރުންނެކޭ އެއް ފަދައިން މާޒް ވެސް އޯލެވެލް އިމްތިހާނަށް ތައްޔާރުވީ ސްކޫލާއި ގޭތެރޭގައި ކުރެވުނު މަސައްކަތްތަކުންނެވެ.

"އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެވުނު. އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ މުދައްރިސް ކުލާހުގައި ކިޔަވާދެއްވާ އިރު ރަނގަޅަށް ކަނުލާ އަޑު އަހާން. ނޭނގޭ ތަކެތި މުދައްރިސްގެ އަރިހުން އޮޅުން ފިލުވައިހެދިން. އަދި އިންޓަނެޓްގެ އެހީ ހޯދައިގެންނާއި ގޭގައި ކިޔެވުމަށް ވަގުތު ހޭދަކުރުމަށް ސަމާލުކަން ދެވުނު. އަދި ރަނގަޅަށް ނިދި ހަމަ ކޮށް، ނަމާދުކޮށް ދުޢާކުރުމަކީ ވެސް މި ކާމިޔާބީގެ ބައެއް." މާޒް ބުނެދިނީ އޭނާ މަސައްކަތްކުރި ގޮތެވެ.

your imageފުޓްބޯޅަ މުބާރާތް ނިންމުމުގެ ހަފުލާގައި މާޒް ބައިވެރިވަނީ 

ވިޔަފާރީގެ ދާއިރާއިން މުސްތަގުބަލުގައި ކުރިއަށްދާން ބޭނުންވާ މާޒްއަކީ ކިޔެވުމުގެ އިތުރުން އެކި ހަރަކާތްތަކުން ވިދަމުން އަންނަ ތަރިއެކެވެ. އިންޓަ ހައުސް ފުޓްސަލް މުބާރާތުގައި ބައިވެރިވެ، އެންމެ މޮޅު 5ދަރިވަރުންގެ ތެރޭގައި ހިމެނުނު މާޒްއަކީ ސައިންސް ޖީނިއަސް ކުއިޒްގައި ބައިވެރިވެ 1 ވަނަ ހޯދާފައިވާ ދަރިވަރެއް ވެސް މެއެވެ. ކެޑޭޓްގެ ކޯޕްރަލްގެ މަގާމު އަދާކުރި މާޒްއަކީ ތުޅާދޫ ސްކޫލުގެ ސްޕޯޓްސް އެންޑް ގޭމްސް ރައީސްގެ މަގާމް އަދާކޮށްފައިވާ ދަރިވަރެކެވެ.

އޯލެވެލް ހަދާ ދަރިވަރުންނަށް މާޒް ދިނީ ވެސް މުހިންމު މެސެޖެކެވެ.

"މޮޅު ނަތީޖާއެއް ހޯދުމަށް ޓަކައި ކިޔެވުމަށް ބުރޫއަރާ ކަހަލަ ކަންތައްތަކާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް. އަދި ކިޔެވުމަށް ގަދައާޅާ މަސައްކަތްކޮށް، އެކަމަށް ވަގުތު ހޭދަކުރަންވާނެ. އޭގެ އިތުރުން  ކާމިޔާބަށް އެދި ދުޢާކުރާ ކުރަންވާނެ" މާޒް ބުންޏެވެ.

ޢާއިޝަތު ފަލަކް ފާއިޤު

އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10ގެ 9ވަނައިގައި ހިމެނުނު ބ. ތުޅާދޫ ފިނިވާދީ،  ޢާއިޝަތު ފަލަކް ފާއިޤުއަކީ ތުޅާދޫ ފިނިވާދީ ފާއިޤު ޢަބްދުއްރަހީމާއި ތުޅާދޫ، މާފަރިވާގެ، ޝާހިޔާ ޢަބްދުލްކަރީމަށް ލިބިލެއްވި ފުރަތަމަ ދަރިފުޅެވެ.

ކިޔެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ފަލަކް އެންމެ ކިޔަވާހިތްވަނީ އިކޮނޮމިކްސް މާއްދާއެވެ.

"މި މާއްދާ ކިޔަވަން ފެށީއްސުރެ ވެސް އެންމެ ކިޔަވާހިތްވާ މާއްދާއަކީ އިކޮނޮމިކްސް. އެއީ  އެ މާއްދާ ފަސޭހަވެފައި އިކޮނޮމީގައި ކަންކަން ހިނގާ ގޮތް އެނގުމަށް ޝައުގުވެރިވާތީ. އަދި އަޅުގަނޑުގެ ކުރިއަށް ދާން ބޭނުންވާ ދާއިރާއާ ވެސް މި މާއްދާ ގުޅޭތީ" ފަލަކް ބުނެދިނީ އޭނާ އިކޮނިމިކްސް މާއްދާ ކިޔަވާ ހިތްވާ ސަބަބެވެ.

your imageފަލަކް، އައްޑަނައަކާ ހަވާލުވަނީ 

ފަލަކް ގަބޫލުކުރާ ގޮތުގައި ރަނގަޅު ނަތީޖާއެއް ހޯދިމަށް އެންމެ ކަމެއް ނުފުދެއެވެ. އެއީ އެތައް ކަމެއް ފުރިހަމަ ކޮށްގެން ހޯދޭ ނަތީޖާއެކެވެ.

"އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް އެތައް ކަމެއް ކުރެވުނު. އެންމެ ފުރަތަމަ އެއް ކަމަކީ މުދައްރިސުން ކުލާހުގައި ކިޔަވާދެއްވާ އިރު ސަމާލުކަން ދިނުން. ނޭނގޭ ފިލާވަޅުތައް މުދައްރިސުން ގާތުން އޮޅުން ފިލުވައި ހެދުމަކީ ވަރަށް މުހިންމު ކަމެއް. އޭގެ އިތުރުން ގްރޫޕް ސްޓަޑީ ހެދުމަކީ ވެސް ކުރި ކަމެއް. އަދި އުނދަގޫ ބައެއް ފިލާވަޅުތަކަށް އިންޓަނެޓްގެ އެހީހޯދުމަކީ ވެސް ކުރި ކަމެއް. އެއީ ވެސް ވަރަށް ރަނގަޅު ކަމެއް. އޭގެ އިތުރުން ރަނގަޅު ނަތީޖާއެއް ލިބުން އެދި ދުޢާކުރުމަކީ ވެސް ބޭނުން ކަމެއް" ފަލަކް ކިޔައިދިނީ އޭނާގެ ތަޖުރިބާއެވެ.

your imageފަލަކް، މަގާމުގެ ލިޔުމާ ހަވާލުވަނީ 

ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުން ފާހަގަކޮށްލެވޭ ފަލަކްއަކީ އަދަބީ ކަންކަމުން ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. މިގޮތުން މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތާއި ވާހަކަ ލިޔުމުގެ ގައުމީ މުބާރާތާއި އަދި ޅެންހެދުމުގެ ގައުމީ މުބާރާތުގައި ފަލަކްވަނީ ބައިވެރިވެފައެވެ. އަދި ދިވެހި އަދަބީ ޖަމުއިއްޔާއިން އިންތިޒާމްކުރި އަދަބީ ފޯވަހީގެ ވާހަކަ ލިޔުމުގެ މުބާރާތުން، ފަލަކް 3ވަނަ ހޯދާފައިވާ އިރު ރިޕޯޓް ޕްރެޒެންޓޭޝަން މުބާރާތުން 1ވަނަ ވެސް ފަލަކް ވަނީ ހޯދާފައެވެ. މީގެ އިތުރުން ސްކޫލް ޤުރުއާން މުބާރާތުގައި ކީސްޓޭޖް 4ގެ ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިވެ 2 ވަނަ ވެސް ހާސިލްކޮށްފައިވެއެވެ. ފަލަކްއަކީ ތުޅާދޫ ސްކޫލުގެ އާޓްސް އެންޑް މީޑިއާ ކުލަބްގެ ރައީސްކަން ވެސް ކުރި ދަރިވަރެކެވެ.

ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަލަކް ގަބޫލުކުރާ ގޮތުގައި އޯލެވެލް ހަދާ ދަރިވަރުން އެންމެ ފަހު ވަގުތު މަސައްކަތް ކުރަން ފެށުމުގެ ބަދަލުގައި، ކުރިއާލައި ފިލާވަޅުތައް މުތާލިއާ ކުރާނެ ގޮތުގެ ޕްލޭނެއް ހެދުމަށް ކާމިޔާބީ ދަތުރުގެ ފެށުމެވެ.

މާނީ މަފާޒް 

އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10ގައި ހިމެނުނު ބ. ތުޅާދޫ، މިނާވް، މާނީ މަފާޒްއަކީ ތުޅާދޫ މިނާވް މަފާޒް މުޙައްމަދާއި އާސިޔަތު ޝާޒްނީގެ ފުރަތަމަ ދަރިފުޅެވެ.

ތުޅާދޫ ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުން އަންނަ މާނީއަކީ އޯލެވެލް އިމްތިހާނުގެ ގަދަ 10ގެ 10ވަނައިގައި ހިމެނުނު މޮޅު ދަރިވަރެކެވެ. އޭނާ އެންމެ ކިޔަވާހިތްވަނީ ކޮންޕިއުޓަރ ސައިންސް މާއްދާއެވެ.

" އެއީ އަބަދުވެސް ޝައުގުވެރިކަން ހުންނަ މާއްދާއެއް. އޭގައި ކިޔަވައިދޭ ޓޮޕިކްތައް ވެސް ވަރަށް ޝައުގުވެރި. އަދި ދަސްކުރަން ވެސް ވަރަށް ފަސޭހަ. އެއީ މުސްތަގުބަލް އޮތް ދާއިރާއެއް." ކޮންޕިއުޓަރ ސައިންސް ކިޔަވާހިތްވާ ސަބަބު މާނީ ބުނެދިނެވެ.

your imageމާނީ އައްޑަނައަކާ ހަވާލުވަނީ 

މާނީ ގަބޫލުކުރާ ގޮތުގައި ރަނގަޅު ނަތީޖާއެއް ހޯދޭނީ އަމިއްލައަށް އެކަން ކުރަން އުޅެގެންނެވެ.

" އެންމެ މުހިންމު ކަމަކީ އަމިއްލައަށް އެކަން ކުރަން އުޅުން. އެއީ އެހެން މިހަކަށް ކޮށްދެވޭނެ ކަމެއް ނޫނެ. އެންމެ މުހިންމީ އަމިއްލައަށް ފޮތް ކިޔާ ރަނގަޅަށް ފިލާވަޅުތައް ދަސްކޮށް އޮޅުންފިލުވުން. އެކަން ކުރާ ނަމަ މޮޅުވުމުގެ ފުރުޞަތު ލިބޭނެ. ހަމައެއާއެކު އެކި ވަސީލަތްތައް (ޓެކްނޮލޮޖީގެ) ބޭނުންކޮއްގެން ފިލާވަޅުތައް ދަސްކުރުމަކީ ވެސް މުހިންމު ކަމެއް. މިއީ ވެސް އަމިއްލައަށް ކުރަންޖެހޭ ކަމެއް" މާނީ ބުނެދިނެވެ.

މާނީއަކީ އެތައް އިތުރު ހަރަކާތެއްގައި ބައިވެރިވި ދަރިވަރެކެވެ. އަދި އެތައް ހަރަކާތްތަކަކުން ކާމިޔާބީ ހޯދާފައިވާ ދަރިވަރެއް ވެސް މެއެވެ. ސައިންސް ޖީނިއަސް ކުއިޒްއިން ދެ އަހަރަކު މާނީ 3ވަނަ ހޯދާފައިވާ އިރު ސްކޫލްގެ ދިވެހި އަދަބީ ފޯވަހީގެ މަޒުމޫނު ލިޔުމުގެ މުބާރާތުން ވެސް އޭނާ ވަނީ 3ވަނަ ހޯދާފައެވެ. ސްކޫލުގެ ޕްރިފެކްޓްކަންކުރުމުގެ އިތުރުން އެސިސްޓެންޓު ގާރލް ގައިޑް ލީޑަރުކަން ވެސް އޭނާ ކުރިއެވެ.  

your imageމާނީ ސެޓްފިކެޓަކާ ހަވާލުވަނީ 

މާނީގެ ތަޖުރިބާގައި މޮޅު ނަތީޖާއެއް ހޯދުމަށް ދުރާލައި ކަންކަން ކުރަން ޖެހެއެވެ.

"ވީހާ ވެސް ގިނައިން ޕާސްތް ޕޭޕަރުތައް ހަދައި ސުވާލުތައް ހިމަނާފައިވާ ހުންނަ ގޮތާ މެދު ވިސްނަންޖެހޭ. އަދި ވަގުތުގެ ބޭނުން ވެސް ވަރަށް ފުރިހަމައަށް ހިފަންޖެހޭ" މުސްތަގުބަލުގައި ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ކަނޑައަޅާފައި ނުވާ، މާނީ ބުންޏެވެ.

ތުޅާދޫ ސްކޫލަށް މި ތާރީޚީ ކާމިޔާބު ހޯދައިދިން ދަރިވަރުންނަށް ތަހުނިޔާއެވެ. އެ ކާމިޔާބީއާ ހަމައަށް ދިއުމަށް މަސައްކަތްކޮށްދެއްވި އެދުރުންނަށާއި ބެލެނިވެރިންނަށް ޝުކުރިއްޔާއެވެ. މިއިން ކޮންމެ ދަރިވަރަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ލޮބުވެތި ތުޅާދޫ ސްކޫލަށް އަބަދުވެސް އެދެނީ ކާމިޔާބީއާއި ކުރިއެރުމެވެ.

ހިއްސާކޮށްލެއްވުމަށް
ހިޔާލު ފާޅުކުރެއްވުމަށް
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އެންމެ ފަސް
މަސައްކަތުގައި އަތްމަތި އަވަސް މުހައްމަދު ޢުމަރު
3 days ago 0 Comments
ގަދަ 10ގައި ހިމެނުނު ތުޅާދޫ ސްކޫލުގެ 7 ތަރީން
5 days ago 0 Comments
ފަރުމަސް މުބާރާތުން ފަޚުރުވެރި 1ވަނަ ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް
1 month ago 1 Comments
ޕީޓީއޭ މަސައްކަތު ދުވަސް- ފަސް ގަޑިއިރުން 61 ހާސް ރުފިޔާ
1 month ago 0 Comments