
1938ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ބޮޑު އުސްމާނުބެއަކީ ބ. ތުޅާދޫ ކަނބުރުގޭ އަބޫބަކުރު ސުލއިމާނާއި ޙައްވާ އަޙުމަދަށް ލިބިވަޑައިގެންނެވި ކުދީންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ.
ބޮޑު އުސްމާނުގެ ތަޢުލީމީ ޙަޔާތް ވޭތުކުރެއްވީ މީގެ 90 ވަރަކަށް އަހަރު ކުރިން ތުޅާދޫގައި ފެށުނު ރާއްޖޭގެ ތިންވަނަ ސްކޫލުގައެވެ. މަސައްކަތްތެރި ޢާއިލާއަކަށް އުފަންވެ ވަޑައިގެންނެވި ބޮޑު އުސްމާނުގެ ބައްޕައަކީ ތުޅާދޫގައި އެންމެ ނަން މަޝްހޫރު ކަނބުރުވެރިޔާއަށް ވުމުން ބޮޑު އުސްމާނުބެގެ މަދަރުސީ ޙަޔާތުގައި ވެސް ބައްޕައާ އެކު މަސައްކަތުގައި ޝާމިލްވެ އުޅުއްވިއެވެ. މަދަރަސީ ހަޔާތް ނިންމަވައި ދިރިއުޅުމުގެ މައިދާނަށް ނުކުމެވަޑައިގެންނެވި އިރު ބޮޑު އުސްމާނުބެ ފާހަގަކުރެވިފައި ވަނީ އެ އުމުރުގެ ގިނަ މީހުންނަށް ވުރެ ތަންދޮރުދަންނަ ހޭލުންތެރި މީހެއްގެ ގޮތުގައެވެ. ބޮޑު އުސްމާނުބެ އުމުރުން 17 އަހަރަށް އެޅުނު އިރު ހުންނެވީ ރައްޔިތުންގެ ކާޑޫގޭގެ މަސައްކަތުގައެވެ.
ބޮޑު އުސްމާނުބެގެ ޒަވާޖީ ޙަޔާތް ފެއްޓެވީ ބާކާޑުގޭގައި އުޅުއްވަމުންނެވެ. ކައިވެނި ބައްލަވައިގަތީ އުއްދަޑިގޭ އާމިނަތު ޔޫސުފާއެވެ. އަނބިކަނބަލުން އާމިނަތު ޔޫސުފުގެ ބައްޕައަކީ އުއްދަނޑިގޭ ޔޫސުފު އިބްރާހީމް (ކުޑަ ޔޫސުފު)އެވެ. މަންމައަކީ އުއްދަނޑިގޭ ޔޫސުފު އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު މޫސާ ނުވަތަ ކަޅު މޫސަ އައިސައެވެ.
ބޮޑުއުސްމާނުބެއާއި އަނބިކަނބަލުން އާމިނައްތަ
"އަހަރެން އުސްމާނާ ކައިވެނީ ކުރީ އުމުރުން 17 އަހަރުގައި. އޭރު އުސްމާނުގެ އުމުރަކީ 18 އަހަރު. އަހަރެމެން ކައިވެނި ކުރީ ޝައުބާންމަހުގެ ހަތްވަނަ ރޭ. އޭރު އުސްމާނު އުޅެނީ ރައްޔިތުންގެ ކާޑުގޭގެ މަސައްކަތުގައި. ކާޑުގޭގެ ވެރިންނަށް އޭރު އުޅެނީ ދޮންއާކުރު ކުޑަބެއާއި ދޮންބެއައްޔަ ރަހުމާނާ އެކަހަލަ ބަޔަކު" ބޮޑު އުސްމާނުބެގެ އަނބިކަނބަލުން އާމިނަތު ޔޫސުފު ވިދާޅުވިއެވެ.
ބޮޑު އުސްމާނުބެގެ އާއިލާއަކީ ވަރަށް މަސައްކަތްތެރި ޢާއިލާއެއްކަމުން އުސްމާނުބެއަށް ވަނީ އެކަމުގެ އަސަރު ކިތަންމެހައި ވެސް ރަނގަޅަށް ފޯރާފައެވެ.
"އުސްމާނަކީ ރާވެރިއެއް. ވަރަށް ގިނަ ރުއް ރާކޮށްގެން އޭރު އުޅުނު. ކަނބުރު މަސައްކަތް ވެސް ކުރި. ނަގިލި އެއްޗެއްހި ވެސް އަމިއްލައަށް ތަޅައި އުޅުނު. އަދި ލިޔެލާޖެހުމުގެ މަސއްކަތް ވެސް ކޮންމެވެސް ވަރަކަށް ގޭގައި ކުރި. ކިއްސަރުވަޑާން ވެސް އެ ދުވަސްވަރު ކުރި. މީސްމީހުން ބުނީމާ ވަރަށް ގިނައިން ހުންނާނެ ގޭގެ މަތިވަޑާންގަނޑު ހަދައިދީ ހިޔާކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްފައި. ފަރުމަސްވެރިކަމުދާނެ. ރަތްއައްޔައާ އެކު ގޮން ހަރަން ތޮށި ދޮށަށް ވެސް ވަރަށް ގިނައިން ދާނެ. މަހަށް ވެސް ދާނެ. ގޭގައި ދޯނިފަހަރު ދުއްވަން ފެށިފަހުން މީހުން މަދުވެގެން މަހަށް ނުފުރޭ ދުވަހެއްގައި ވިއްޔާ މަހަށްދާނެ" އުސްމާނަކީ ދިރިއުޅުމަށް ވަރަށް ބުރަކޮށް ވަރަށް ގިނަ މަސައްކަތްކޮށް އުޅުނު މީހެއް" ބޮޑު އުސްމާނުބެ ކުރެއްވި ތަފާތު މަސައްކަތްތަކާ ގުޅޭގޮތުން އަނބިކަނބަލުން އާމިނަތު ޔޫސުފު ވިދާޅުވިއެވެ.
ބޮޑު އުސްމާނުބެ ކުރެއްވި ތަފާތު މަސައްކަތްތަކުގެ ތެރޭގައި އޮޑިދޯނިފަހަރު ދުއްވުން ވެސް ފާހަގަކުރެވެއެވެ.
"ބައްޕަ އެންމެ ފުރަތަމަ ދުއްވީ ޔޫސުފު މޫސާގެ އިނާމު ދޯނި. އޭގެ ފަހުން ދުއްވީ ފުޅަދޫ މަޑުއްވަރީ އަހައްމަދުގެ ދޯންޏެއް. ދެން އޭގެ ފަހުން އަމިއްލަ ދޯންޏެއް ބަނީ. އެއީ ސިތާރާދޯނި. އެ ދޯނި ބަނީ މާވަޑި ދޮން އައްޔަގެ މާވަޑިކަމުގައި. ވަޑިންގެ ގޮތުގައި މަސައްކަތްކުރީ ބައްޕައާއި ކޮއްކޮ، އިބްރާހީމާއި އަޅުގަނޑު" ބޮޑު އުސްމާނުބެގެ ދޮށީ ދަރިފުޅު އަބުދުއްސައްތާރު އުޘްމާނު ވިދާޅުވިއެވެ.
ބޮޑު އުސްމާނުބެގެ އެންމެ ޒުވާން އުމުރުގައި ތުޅާދޫގައި ފާހަގަކުރެވެނީ ކޮންމެ ބޮޑު އީދެއްގައި ސޭބު އުނދޯލި އެލުވާ މީހާގެ ގޮތުގައެވެ.
މަރްޙޫމް ބޮޑުއުސްމާނުބެ ޒުވާން ދުވަސްވަރު - އޭއައި ބޭނުންކޮށްގެން ކުލަކޮށްފައި
"އެންމެ ކުޑައިރު ވެސް ކޮންމެ ބޮޑު އީދަކު ސޭބު އުނދޯލި އެލުވާ ހަނދާންވޭ. އޭރު އެކަން ކުރާނީ އަޅުގަނޑުމެންގެ ބައްޕަ. ބައްޕަގެ ކުރީގައި އެކަން ކުރީ ކާފަކަމަށް ބައްޕަ ބުނުއްވީ. ދެން އަޅުގަނޑުމެން ބޮޑެތިވީ ފަހުން ބައްޕަގެ ބެލުމުގެ ދަށުން އަޅުގަނޑާ ސައްތާރާ ދެ މީހުން އެކަންކުރަނީ " ބޮޑުއުސްމާނުބެގެ ދެވަނަ ދަރިފުޅު އިބްރާހީމް އުޘްމާނު ވިދާޅުވިއެވެ.
ސޭބު އުނދޯއްޔާ ބެހޭ ގޮތުން ތުޅާދޫގެ އެންމެ ދުވަސްވީ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު މި ކަމަކީ ވަރަށް ކުރީއްސުރެ ފެށިގެން ކޮންމެ ބޮޑު އީދަކާ ގުޅުވައިގެން ތުޅާދޫގައި ކުރަމުން އަންނަ ކަމެއްކަން އެނގެއެވެ.
"އަޅުގަނޑުމެން އެންމެ ކުޑައިރު ވެސް ކޮންމެ ބޮޑު އީދެއްގައި ތުޅާދޫގައި ސޭބު އުނދޯލި އެލުވާނެ. ސޭބު އުނދޯލި ނޭލުވާ ހަނދާނެއް ނުވޭ. މިހާރު އަޅުގަނޑުމެންގެ އުމުރުން ވެސް 83 އަހަރުވީ. އެހެންވިމާ އެއީ ވަރަށް ކުރީއްސުރެ ފެށިގެން ވެސް ކޮންމެ ބޮޑު އީދެއްގައި ތުޅާދޫގައި ކުރަމުން އަންނަ ކަމެއްކަން އެނގޭ. އެކަން ކޮށްއުޅެނީ ތުޅާދޫ ސައިބެ ގޯތި މީހުން. ދެން އަޅުގަނޑުމެން ބޮޑެތިވެގެން އައި އިރު އެކަން ކުރަނީ ސައިބެގެ ދަރިފުޅު އުސްމާނު" ތުޅާދޫގެ ކުރީގެ ބޮޑުކަތީބު، ގާޒީ ޢުޘްމާނު ޢަލީ ވިދާޅުވިއެވެ.
ސޭބު އުނދޯލި ހެއްލުމުގެ ތެރެއިން. އޭއައިގެ އެހީތެރިކަން ހޯދާފައިވާ ފޮޓޯއެއް
"އަހަރެންގެ އުމުރުން ވެސް މިހާރު 87 އަހަރުމިވީ. އަހަރެން އުސްމާނާ އިނުމުގެ މާ ކުރިން ވެސް ހަމަ ކިރިކިރިޔާ ހަނދާންވާ އިރު ވެސް ތުޅާދޫގައި ސޭބު އުނދޯލި އެލުވާ ހަނދާންވޭ. އަހަރެން އުސްމާނާ ކައިވެނި ކުރި އިރު، ސޭބު އުނދޯލި އެލުވުމުގައި އިސްކޮށް އުޅޭނީ އުސްމާނު. އޭރު އުސްމާނު އެ ކަން ކޮށްއުޅެނީ އޭނާގެ ބައްޕަގެ ބެލުމުގެ ދަށުން" މިހާރު 87 އަހަރުވެފައިވާ، ބޮޑު އުސްމާނުބެގެ އަނބިކނަބަލުން އާމިނަތު ވިދާޅުވިއެވެ.
ސޭބު އުނދޯލި ހެއްލުމަކީ ތުޅާދޫގެ ބޮޑުއީދާ ގުޅިފައިވާ ޚާއްޞަ ކުޅިވަރަކަށް ވުމުގެ އިތުރުން އެ ހަރަކާތުން ފާހަގަވަނީ އެއީ ހައްޖުމަހުގެ ތަކުބީރުކިއުމަށް ބާރުއަޅައިދޭ ހަރަކާތެއްގެ ވެސް ގޮތުގައެވެ. އެ ދުވަސްވަރު އެ ހަރަކާތުގައި ބައިވެރިވެ އުޅުނު ތުޅާދޫގެ މީހުންގެ ފަރާތުން އެކަން ޔަގީންކުރެވެއެވެ.
"ހައްޖު ދުވަހުގެ އަސުރުނަމާދަށް ފަހު ފަށާނީ. އެންމެ ފުރަތަމަ ފައްޓާ އިރު ވެސް ބައްޕަ ބުނުއްވާނެ އެ އަރާ ހަތަރު މީހުންގެ ގާތުގައި އެ މީހަކަށް ކިޔޭ ވަރަކަށް ބާރަށް ތަކުބީރު ކިޔުމަށް. ދެން އުނދޯއްޔަށް އަރާ ކޮންމެ މީހަކު ވެސް އެ ގޮތަށް އަމަލުކުރަމުން ގެންދިއުމަށް އަންގާފައި އޮންނާނީ. އުނދޯއްޔަށް އަލަށް އަރާ ކުދީންނަށް ވެސް ކިޔައިދޭނެ" ސޭބު އުނދޯލި އެލުވުމުގައި ބޮޑު އުސްމާނުބެއާ އެކު އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ އުޅުއްވި ބޮޑު އުސްމާނުބެގެ ދެވަނަ ފިރިހެން ދަރިފުޅު އިބްރާހީމް ޢުޘްމާނު ވިދާޅުވިއެވެ.
ދަރިފުޅު ރަޝީދު، އުސްމާނުބެއާ އެކު
"އަހަރެމެން އެންމެ ކުޑައިރު ވެސް ކޮންމެ ބޮޑު އީދެއްގައި ސޭބު އުނދޯލި އެލުވާނެ. ޒުވާން އުމުރުފުރައަށް އަޅައިގެން އައި އިރު ސޭބު އުންދޯއްޔަށް ވަރަށް ގިނައިން އަރަން. ސޭބުއުނދޯލިން އެ ކިޔާ ރީތި އަޑަކީ އީދުގެ އުފާވެރިކަން އިތުރަށް ފުރިހަމަކޮށްދޭ ރީތި އަޑެއް. ސޭބު އުނދޯލި އެނބުރޭ އަޑު އޭރު މުޅި ރަށަށް އިވޭނެ. އަނެއްކާ ސޭބު އުނދޯއްޔަށް އަރާ ކޮންމެ މީހަކު ވެސް ހަރުއަޑުން ތަކުބީރުކިޔާނެ. އުނދޯލި އެނބުރޭ އިރު އެ އިވޭ އަޑާ އެއްވަރަށް ހަރު އަޑުން ތަކުބީރު ކިޔަމުންދާނީ. އަހަރެމެން ވެސް އޭރު އުނދޯއްޔަށް އަރާ ކޮންމެ ފަހަރަކު ތަކުބީރު ކިޔަން" ތުޅާދޫ ކުދީނާގޭ މޫސާ ޢަބްދުﷲ ވިދާޅުވިއެވެ.
ބޮޑު އުސްމާނުބެ ކުރަމުން އައި ސޭބު އުދޯލި އެލުވުމުގެ އެ ސަގާފީ ކުޅިވަރު ދެމެހެއްޓުމަށް ޓަކައި ބޮޑު އުސްމާނުބެގެ ކުދީން ވެސް ވަނީ މަސައްކަތްކޮށްފައެވެ.
"އަޅުގަނޑު ހޭލައިގަތީއްސުރެ ފެށިގެން ބައްޕައާ އެކު އެ މަސައްކަތުގައި އަބަދު ވެސް އުޅެން. އަދި ބައްޕަގެ ގައިބާރު ދެރަވާންފެށި ފަހުން ބައްޕަގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރަމުން އައީ އަޅުގަނޑާއި ސައްތާރާ ދެ މީހުން. މައުމޫނު ވެރިކަމުގައި އެންމެ ފުރަތަމަ ތުޅާދޫ ހިއްކި ފަހުން އުތުރު ފަރާތުގައި މިސްކިތުގެ އިރުމަތީގައި އެ އޮންނަ ޕާކު އޮތް ހިސާބުގައި އެއްފަހަރު ބޮޑު އީދެއްގައި އަޅުގަނޑު ސޭބު އުނދޯލި އެލުވިން" ބޮޑު އުސްމާނުބެގެ ދެވަނަ ދަރިފުޅު އިބްރާހީމް ޢުޘްމާނު ވިދާޅުވިއެވެ.
ބޮޑުއުސްމާނުބެގެ އާއިލާގެ ބައެއް މެންބަރުން މަންމައާ އެކު
"އެންމެ ކުޑަ އިރު ވެސް ބައްޕަގެ ސޭބު އުނދޯލި ހަދާންވޭ. ބޮޑުވަމުން އަންނަ ވަރަކަށް އެ މަސައްކަތުގައި ބައިވެރި ކުރޭ. އަދި ފަހުން އެކަނި އެކަން ކުރެވޭ ވަރަށް ވެސް ދަސްވި. ބައްޕަގެ ގައިބާރުދެރަވިފަހުން އެ މަސައްކަތް އަޅުގަނޑުމެން ކުރަނީ. އެ ކަންކުރަނީ ސައްތަރުބެއާ އިބްރާހީމްބެގެ ބެލުމުގެ ދަށުން. އެ މީހުންނާ އެކު އަޅުގަނޑުމެން ވެސް އެ ކަމުގައި އުޅުނިން. ދެން ޔޫސުފު މުފީދު ކުޑަޔަސް އޭނާއަކީ މި މަސައްކަތުގެ ވަރަށް މުހިންމު މީހެއް. އޭރު ސޭބު އުނދޯލި ދޮށުގައި މީހުންގަނޑު އޮންނާނީ ސަފުހަދާލާފައި. އެހައި ވެސް ސޭބު އުނދޯލި ހެއްލަން ފޯރި ހުންނާނެ. ބައެއް ކުދިން ގަޑިދެގަޑިވާ އިރު ވެސް ސަފުގައި ތިބޭނެ" ބޮޑު އުސްމާނުބެގެ ބޭފުޅުންގެ ތެރެއިން ސޭބު އުނދޯލި އެލުވުމުގެ މަސައްކަތުގައި ބައިވެރިވެ އުޅުއްވި ޢަބުދުލްޙަމީދު ޢުޘްމާނު ވިދާޅުވިއެވެ.
ގަރުނަކަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާކަމަށް ބެލެވޭ، ސޭބު އުނދޯލި އެންމެ ފަހުން އެލުވާފައިވަނީ މީގެ ދެތިން އަހަރު ކުރިންނެވެ.
"އެންމެ ފަހުން ސޭބު އުނދޯލި އެލުވީ 2022 ވަނަ އަހަރުގެ ބޮޑު އީދުގެ ތެރޭގައި. އެކަން ކުރީ އަޅުގަނޑާއި ހާރޫނު އިބްރާހީމާއި އަބުދުﷲ ސަލީމާ ތިން މީހުން އިސްވެ ތިބެ" ބޮޑު އުސްމާނުބެގެ ސޭބު އުނދޯލި އެންމެ ފަހުން އެލުވުމުގައި އިސްވެ ހުންނެވި ބޮޑު އުޘްމާނުބެގެ ދަރިފުޅު ޔޫސުފު މުފީދު ވިދާޅުވިއެވެ.
ސޭބު އުނދޯއްޔާ ގުޅިފައިވި ދިގު ތާރީޚެއް އޮތް ތުޅާދޫގެ ޚާއްސަ ސަގާފީ އެ ކުޅިވަރު މިއަދު މިވަނީ ހުއްޓިފައެވެ. އެންމެ އިހުއްސުރެ ފެށިގެން ކޮންމެ ބޮޑު އީދެއްގައި އެލުވަމުން އަންނަ ސޭބު އުނދޯލީގެ އެ ކުޅިވަރަކީ އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދެންޖެހޭ ޚާއްސަ ކުޅިވަރެކެވެ.
"މިއީ ތުޅާދުއަށް ޚާއްސަ ކުޅިވަރެއް. މިއީ ތުޅާދުއަށް ޚާއްސަ އުނދޯއްޔެއް. އެހެންވީމާ ނެތުމުންދާ ސަގާފީ މިފަދަ ކުޅިވަރުތައް ދިރުވަންޖެހޭނެ. މިފަދަ ދުވަސްވަރެއްގައި ރަށުގެ ކައުންސިލުގެ އެހީތެރިކަމާ އެކުގައި ނަމަވެސް ކޮންމެ ބޮޑު އީދެއްގައި ސޭބު އުނދޯލި އެލުވުމަކީ ތުޅާދޫގެ ބޮޑުއީދު އިތުރަށް ފުރިހަމަ ވާނޭކަމެއްކަމަށް ދެކެން. އަޅުގަނޑުމެން އާއިލާއިން މިތިބީ އެ ކަމުގައި ފުރިހަމަ އެހީތެރިކަންދީގެން އެކަން ކުރާގޮތަށް. މިހާރު އީދު ކުޅިވަރަކީ ހުރިހާ ރަށެއްގައި ވެސް ކައުންސިލުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ކަމެއްތާ" ސަގާފީ މި ކުޅިވަރު ދިރުވުމާ ގުޅޭގޮތުން ބޮޑުއުސްމާނުބެގެ ފިރިހެން ކުދީންގެ ތެރެއިން ޢަބްދުލްޙަމީދު ޢުޘްމާނު ވިދާޅުވިއެވެ.
އުސްމާނުބެއާއި އަނބިކަނބަލުން ދަރިފުޅު ހަމީދުގެ އާއިލާއާ އެކު
"މިއީ މިހާރު ތުޅާދޫން ނެތެމުން ދާ ކަމެއް. އެކަމަކު ސޭބު އުންދޯއްޔަކީ ތުޅާދޫގެ ބޮޑުއީދުގެ ވަރަށް މުހިންމު ކުޅިވަރެއް. މިކަން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ދެކެން. މިފަދަ ސަގާފީ ކަންކަން ދިރުވުމަށް ރަށު ކައުންސިލުން އިސްނަގައިފި ނަމަ އަޅުގަނޑުމެންގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ" ތުޅާދޫގައި އެންމެ ފަހުން ސޭބު އުނދޯލި އެލުވި އިރު މުހިންމު ދައުރެއް އަދާކުރެއްވި ބޮޑު އުސްމާނުބެގެ ދަރިފުޅު ޔޫސުފު މުފީދު ވިދާޅުވިއެވެ.
ސޭބު އުނދޯލި އެލުވުމުގެ އިޖުތިމާއީ މި ބޮޑު ހަރާކާތް ޒަމާންތަކެއް ވަންދެން ކުރިއަށް ގެންގެންގޮސްދެއްވި ބޮޑު އުސްމާނުބެ ފާހަގަކުރެވިފައި ވަނީ ވަރަށް ގިނަ ކުދިން ގެއަށް ގެނެސްގެން ޤުރްއާން ކިޔަވައިދިނުމަށް ވެސް މަސައްކަތްކުރެއްވި ފަރާތެއްގެ ގޮތުގައެވެ.
"އަޅުގަނޑުގެ ވެސް އުމުރުގެ ވަރަށް ކުރީކޮޅު ބޮޑު އުސްމާނުބެ ގެއަށް ޤުރްއާން ކިޔަވާން ދިޔައިން" ތުޅާދޫ ސްކޫލުގެ ހިސާބު ޓީޗަރ، ޒޫނާ ހުސައިން ވިދާޅުވިއެވެ.
ރަށުން ބޭރުން ކުދީން ގެނެސްގެން އުފަން ކުދީންނެކޭ އެއްގޮތަށް ގޭގައި ގެންގުޅެ ކިޔަވައިދިނުމުގެ މަސައްކަތްކުރުމަކީ ވެސް ބޮޑު އުސްމާނުބެގެ ދެ ކަނބަލުން ކުރެއްވި މުހިންމު މަސައްކަތެކެވެ.
"އަޅުގަނޑު ތުޅާދޫގައި ކިޔަވަން ހުރީ ކަނބުރުގޭގައި. ތޫޅާދޫ ސްކޫލުގައި 3 އަހަރު ކިޔެވިން. އޭރު އަޅުގަނޑުމެންގެ ކުލާހުން އެންމެ ރަށްޓެހިވާނީ އަލިކޮއެގޭ ފައުޒީ. އުސްމާނުބެއާ އާމިނައްތަގެ ދެމަފިރިންނަކީ އަޅުގަނޑަށް ވަރަށް ރަނގަޅު ދެމަފިރިން. އެއީ ހަމަ މައިންބަފައިން ކަހަލަ ދެ މީހުން. މިހާރު ވެސް އެ އާއިލާއާ ބަރާބަރަށް ގުޅުން އޮވޭ" އއ.ތޮއްޑޫ، ފިނިހިޔާގޭ މުހައްމަދު ޙަސަން ވިދާޅުވިއެވެ.
ބޮޑު އުސްމާނުބެގެ ބެލުމުގެ ދަށުން ކަނބުރުގޭގައި ކިޔަވަން ތިބި ކުދީންގެ ތެރެއިން އެންމެ ފުރަތަމަ ކިޔަވަން ރަށުން ބޭރުން ގެނެވުނު ދަރިވަރަކީ މާޅޮސްމަޑުލު ދެކުނުބުރީ މީދުއަށް އުފަން އިބްރާހީމް ޙުސައިންފުޅެވެ.
"ރ. މީދޫ ކަޅު ޙުސައިންފުޅުބެގެ އާއިލާއަކީ އުސްމާނުގެ ބައްޕަގެ ވަރަށް ގާތް ބައެއް. އުސްމާނުގެ ބައްޕަ ދުނިޔޭގައި ކަޅު ހުސައިންފުޅުބެގެ އެދުމުގެ މަތިން އޭނާގެ ދަރިފުޅު އިބްރާހީމް ޙުސައިންފުޅު ތުޅާދުއަށް ކިޔަވަން ގެނައި. އުސްމާނުގެ މައިންބަފައިން ގެނައި ނަމަވެސް ބެލެހެއްޓީ އުސްމާނު. ވަރަށް ކުޑައިރު ގެނައީ. އެހެނަސް ބޮޑުވެ މީހަކާ އިންނަވަރުވީ ހިސާބުން ކައިވެނި ކުރެއްވީ ތުޅާދޫ ކުއްޖަކާ. މީހަކާ އިންނަން ވަންދެން ވެސް އުޅުނީ މި ގޭގައި. މި ގޭގައި އުޅުނު ހުރީހާ ދުވަހަކު ވެސް އިބްރާހީމްފުޅު ނިދަން ވަކި ފަތްޖެހި އެނދެއް ހުންނާނެ. އިބްރާހީމްފުޅު ބޯއަޅާ ބާލީސް ބަހައްޓާފައި ހުންނާނީ ވެސް މުޅީން ވަކިން. އިބްރާހީމްފުޅު މީހަކާ އިނުމަށް ފަހު އެ ދެމަފިރިން އުޅުނީ އަންނާރުމާގޭގައި" ތުޅާދޫ ސްކޫލަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ، ބ.ތުޅާދޫ މަންޒިލް އިބްރާހީމް ޙުސައިންފުޅާ ގުޅޭގޮތުން ބޮޑު އުސްމާނުބެގެ އަނބިކަނބަލުން އާމިނަތު ޔޫސުފު ވިދާޅުވިއެވެ.
އުސްމާނުބެގެ އުފަންދުވަސް ފާހަގަކުރުމުގެ ތެރެއިން
"އަޅުގަނޑުގެ ބައްޕަގެ އުމުރުގެ ވަރަށް ކުރީކޮޅުގައި އަޅުގަނޑުގެ ކާފަ (މީދޫ ކަޅު ހުސައިންފުޅުބެ) ވަނީ، ބައްޕަ، ތުޅާދުއަށް ކިޔަވަން ގެންނަވާފައި. އަޅުގަނޑުގެ ކާފަގެ އާއިލާއާއި ތުޅާދޫ ސައިބެ އާއިލާއާ އޮތް ގާތްގުޅުމުގެ ތެރެއިން ބައްޕަ ކިޔަވަން ހުންނެވީ ތުޅާދޫ ކަނބުރުގޭގައި ބޮޑު އުސްމާނުބެގެ ބެލުމުގެ ދަށުގައި. ބައްޕަގެ އަމިއްލަ ދިރިއުޅުއްވުން ފައްޓަވަންދެން ވެސް ހުންނެވީ ބޮޑު އުސްމާނުބެގެ ބެލުމުގެ ދަށުގައި. މި މުއްދަތުގައި ބައްޕައާ މެދު ބޮޑުއުސްމާނުބެއާ މުޅި އެ އާއިލައިން ވަނީ ފުރިހަމަ ލޯތްބާއި އަޅާލުން ބައްޕައަށް ދެއްވާފައި. ބައްޕަގެ ނިމިދިއުމާ ހަމައަށް ވެސް ވަނީ އެ އިހުތިރާމާއި ގަދަރު އެ ގޮތުގައި ދަމަހައްޓާފައި. ބައްޕަގެ ބަސްމަގުންނާއި ޢަމަލުން އެ ކަންކަން ކިތަންމެ ރަނގަޅަކަށް ވެސް އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭ" އިބްރާހީމް ހުސައިންފުޅުގެ ދޮށީ ދަރިފުޅު ޑރ. އަމީން އިބްރާހީމް ވިދާޅުވިއެވެ.
މަރުޙޫމް އިބްރާހީމް ޙުސައިންފުޅާ އެކު އޭނާގެ ދޮށީ ދަރިފުޅު ޑރ. އަމީން (މެދުގައި) އަދި ކަނާތްފަރާތުގައި އިބްރާހީމް ޙުސައިންފުޅުގެ ކޮއްކޮ މުޙައްމަދު ފުޅު- އޭއައިގެ އެހީގައި ކުލަކޮށްފައި
"އަޅުގަނޑުގެ ބައްޕަ ނިޔާވުމާގުޅިގެން އުމުރުން 12ވަރަކަށް އަހަރުގައި އަޅުގަނޑު ވެސް ތުޅާދުއަށް ގެނެސް ކަނބުރުގޭގައި ބޭބެއާ އެކުގައި ބެލެހެއްޓެވީ ބޮޑު އުސްމާނުބެ. ބޮޑު އުސްމާނުބެގެ ދެމަފިރިން ވެސް އަޅުގަނޑުމެންނާ މެދު ކަންތައްކުރެއްވީ ވަރަށް ޚާއްޞަ ގާތްކަމެއް ބަހައްޓަވައިގެން. އެ ގާތްކަން އަބަދު ވެސް އަޅުގަނޑުމެންނާ މެދުގައި ބާއްވާ" ބޮޑުއުސްމާނުބެގެ ބެއްލެވުމުގެ ދަށުން ކަނބުރުގޭގައި އިބްރާހީމް ހުސައިންފުޅާ އެކުގައި ހުންނެވި އޭނާގެ ކޮއްކޮ މުޙައްމަދު ހުސައިންފުޅު (މުޙައްމަދުފުޅު) ވިދާޅުވިއެވެ.
ބޮޑު އުސްމާނުބެގެ ދެކަނބަލުން ވަނީ އަމިއްލަ ކުދީންގެ ތަރުބިއްޔަތަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. ބޮޑު އުސްމާނުބެއާއި އޭނާގެ އަނބިކަނބަލުން އާމިނަތު ޔޫސުފަށް 9 ބޭފުޅުން ލިބިވަޑައިގެންނެވި އިރު، އެއިން ކޮންމެ ކުއްޖަކީ ވެސް ހެޔޮލަފާ ކުއްޖެކެވެ. ރަށުގެ އިޖުތިމާއީ މަސައްކަތްތަކުން ވެސް އެ ކުދީން ފާހަގަކުރެވެއެވެ. އަދި ބޮޑު އުސްމާނުބެ ފަދައިން ތަފާތު މަސައްކަތްތަކުގައި އެ ކުދީންނަކީ ފާހަގަކުރެވޭ ފަދަ ހުނަރުވެރި ކުދީންނެވެ.
"އަހަރެމެން ނުވަ ކުދީން ބޮޑުކުރި އިރު އުސްމާނަކީ ވަރަށް ބުރަކޮށް ދިރިއުޅުމަށް މަސައްކަތް ކުރި މީހެއް. އަހަރެމެންގެ ދިރިއުޅުމުގެ ކުރީކޮޅު ވަރަށް ދަތި ދުވަސްވަރާ ދިމާވި. އެކަމަކު ވެސް ކުދީންނަށް ބޭނުންވާ ހުރިހައި ކަމެއް ކޮންދިނީ އުސްމާނުގެ ވަރަށް ބުރަ މަސައްކަތުން" ބޮޑު އުސްމާނުބެގެ ކުދީން ބޮޑެތިކުރުމުގައި ބޮޑު އުސްމާނުބެ ކުރެއްވި ބުރަމަސައްކަތަށް ތަޢުރީފުކުރައްވަމުން އަނބި ކަނބަލުން އާމިނަތު ޔޫސުފު ވިދާޅުވިއެވެ.
އުސްމާނުބެއާއި އާމިއްތައާއެކު އެންމެ ހަގު ދަރިފުޅު ރަޝީދާއާއި ދަރިފުޅު
ބޮޑުއުސްމާނުބެގެ ނުވަ ކުދީންގެ ތެރެއިން ކޮންމެ ކުއްޖަކީ ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދާ ކުއްޖެކެވެ. އެ ކުދީންގެ ތެރޭގައި ހިމެނޭ ދެ އަންހެންކުދީން ފާހަގަކުރެވެނީ، އަޚުލާޤު ރަނގަޅު ހެޔޮލަފާ ގެވެހި ކުދީންގެ ގޮތުގައެވެ. ބޮޑުއުސްމާނުބެގެ ކޮންމެ ފިރިހެން ކުއްޖަކީ ވެސް އެއް މަސައްކަތަށް ވުރެ ގިނަ މަސައްކަތްތަކުން ފާހަގަކުރެވޭ ހުނަރުވެރީންނެވެ. އޭގެތެރޭގައި ކިއްސަރުވަޑާމާއި ތެދުއުއި ވަޑާމުގެ ފާޑުވެރިން ގިނައެވެ. ރާވެރިން ހިމެނެއެވެ. އެއިން ކޮންމެ ފިރިހެން ކުއްޖަކީ ވެސް މަސްވެރިކަމަށް އަހުލުވެރި ކުއްޖެކެވެ. މަސްވެރިކަމުގެ ތެރެއިން މޮޅެތި ކެޔޮޅުންގެ ގޮތުގައި ބައެއް ކުދީން ފާހަގަވާ އިރު، އޭގެތެރެއިން ބައެއް ކުދީންނަކީ ރަށު ފެންވަރުން ފާހަގަކުރެވޭ މާލިމީންނެވެ. އަދި ކޮންމެ ކުއްޖަކީ ވެސް އާންމު ދިރިއުޅުމުގެ ތެރެއިން ގޭތެރޭގައި ކޮށްއުޅޭ ގިނަ ކަންކަމަކަށް ފަރިތަ ކުދީންނެވެ. ބޮޑު އުސްމާނުބެގެ ފިރިހެން ކުދީންގެ ތެރެއިން މުޙައްމަދު ވަނީ ތުޅާދޫގެ ފުރަތަމަ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައެވެ. މިފަދަ ކުދީންތަކެއްގެ ގޮތުގައި ބޮޑު އުސްމާނުބެގެ 9 ކުދީން ފާހަގަވެގެން ދިއުމުގައި އަނބިކަނބަލުން އާމިނަތު ޔޫސުފުގެ ދައުރު ބޮޑުކަމަށް އެ ޢާއިލާގެ ހުރިހައި މެންބަރުން ވެސް ގަބޫލުކުރައްވައެވެ.
ބޮޑުއުސްމާނުބެގެ ކުދިންނާއި އާމިނައްތައާއެކު
"އަޅުގަނޑުމެން ހުރިހާ ކުދީން، މީހުންނަށް ހެދުމުގައި ބައްޕަ ކުރެއްވި ބުރަ މަސައްކަތް ވަރަށް ފާހަގަކުރަން. ހަމައެއާ އެކު ހުރިހާ ކުދީން ގޮވައިގެން ވަރަށް ކެތްތެރިކަމާ އެކު މަންމަ އެ އުޅުއްވި ރީތި ދިރިއުޅުމަކީ އަޅުގަނޑުމެން ހަނދާނުގައި އަބަދުވެސް ހުންނާނެ ކަމެއް. އަޅުގަނޑުމެންނަށް ހެޔޮ ނުބައި ވަކިކޮށްދިނުމުގައި މަންމަ އަމަލީގޮތުން ވަނީ ކިތަންމެ ފިލާވަޅެއް ދަސްކޮށްދީފައި. މަންމަ ފާހަގަކުރެވެނީ ވަރަށް ކެތްތެރި އެހައިމެ ހެޔޮލަފާ ނަމޫނާ މަންމައެއްގެ ގޮތުގައި. މަންމަގެ ކެތްތެރިކަން ހާމަކޮށްދޭ، ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ފެނިފައި އެބަ ހުރި. ތަދު ދުވަސްވަރު މަންމަގެ އާއިލާގެ މީހުންނާއި ތިމާގެ މީހުންގެ އިތުރުން، އަވަށްޓެރިން އެކިއެކި ބޭނުންތައް ޖެހިގެން އައިމާ އެ މީހުންގެ ބޭނުންތައް ފުއްދައިދެމުން ދިޔަގޮތުގެ ކިތަންމެ ކިތަންމެ ހާދިސާއެއް މިހާރު ވެސް ހަނދާނުގައި އެބަހުރި" ބޮޑު އުސްމާނުބެގެ ކުދީން ތަރުބިއްޔަތުކުރުމުގައި އަނބިކަނބަލުން އާމިނަތު އުސްމާނު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވަމުން ބޮޑު އުސްމާނުބެގެ ތިންވަނަ ދަރިފުޅު މުޙައްމަދު ޢުޘްމާނު ވިދާޅުވިއެވެ.
އުސްމާނުބެގެ ދެމަފިރީން ބައެއް ކާފަކުދިންނާ އެކު
ބޮޑުއުސްމާނުބެގެ ދެކަނބަލުންގެ ދިރިއުޅުމުގެ ހަޔާތަށް ބަލާ އިރު އެ އުފާވެރި ދިރިއުޅުމުގެ އެންމެ ފަހު ދުވަސްތައް، ބޮޑުއުސްމާނުބެ ހޭދަކުރެއްވީ ބަލިތަންމަތީގައެވެ. ބަލިހާލުގައި ކިތަންމެ ގިނަ ދުވަސްތަކަކު އުޅުއްވި ނަމަވެސް ބޮޑު އުސްމާނުބެގެ ފަރާތުން އާއިލާގެ މެންބަރުންނަށް ފާހަގަކުރެވުނީ ކެތްތެރިކަމެވެ. ހިތްވަރުގަދަކަމެވެ.
"އަޅުގަނޑުމެން ކުދީންގެ ގާތުގައި ބައްޕަ މާ ވާހަކަ ގިނައެއް ނުވާނެ. ވަރަށް ބަސްމަދުވާނެ. ކޮންމެހެން ބުނަންވާ ވާހަކައެއް ނޫނީ ނުބުނުއްވާނެ. އަދި ބައްޕަހާ ހިތްވަރުގަދަ މީހެއް ދުވަހަކު ވެސް އަޅުގަނޑެއް ނުދެކެން. ބަލީގައި ވަރަށް ގިނަ ދުވަހު އުޅުއްވާފައި ވަކިވެދިޔައީ. އެހައި ގިނަ ދުވަހު ތަންމަތީގައި އޮތް އިރު ވެސް ދުވަހަކު ވެސް އައްދެއްޔޯއޭ ބުނާއަޑެއް ނީވޭ" ބޮޑު އުސްމާނުބެގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމާއި ހަރުދަނާކަން ފާހަގަކުރައްވަމުން އުސްމާނުބެގެ ތިންވަނަ ދަރިފުޅު މުޙައްމަދު ޢުޘްމާނު ވިދާޅުވިއެވެ.

ބޮޑުއުސްމާނުބެ ވަނީ އުމުރުގެ ކުރީކޮޅުގައި ރަށުގެ އިޖުތިމާއީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ. ބާކާޑުގޭގައި އަދާކުރައްވަން ފެއްޓެވި ވަޒީފާއާ އެކުގައި ރައްޔިތުންގެ މަސައްކަތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް ދިރިއުޅުން ކާމިޔާބު ކުރެއްވުމަށް ޓަކައި ތަފާތު މަސައްކަތްތައް ކުރައްވާފައެވެ. ބޮޑުއުސްމާނުބެއަކީ ގިނަ މަސައްކަތް، ދެނެވަޑައިގަންނަވާ ހުނަރުވެރިއެކެވެ. މަސްވެރިއެކެވެ. ރާވެރިއެކެވެ. ކަނބުރުވެރިއެކެވެ. އަތްތެރިމަސައްކަތުގެ ތަފާތު އެކި ކަންކަމަށް އަހުލުވެރިވެފައިވާ އެ ކަންކަމުގެ ފާޑުވެރިއެކެވެ. މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް ބޮޑުއުސްމާނުބެ ތުޅާދޫގައި ފާހަގަވެފައި ވަނީ، ބޮޑު އީދުގައި ކުޅެއުޅޭ ސަގާފީ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ސޭބު އުނދޯލި އެލުވުމުގެ މޭސްތިރިޔާގެ ގޮތުގައެވެ. ތެދެކެވެ. ކޮންމެ ބޮޑު އީދަކާ އެކު މުޅި ތުޅާދޫ އެ ހަނދާނެއްގެ މަތިން ހަނދާންކޮށްދޭ އެންމެ ޚާއްސަ ހަނދާނަކީ، ބޮޑު އީދާއި ބޮޑު އުސްމާނުބެގެ ސޭބު އުނދޯލީގެ ހަނދާނެވެ.